ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، "އާބަންކޯ"ގެ ނަމަށް ބަދަލުކޮށްފައިވަނީ ގާނޫނާއި ޤަވައިދުގެ މަތިން ނޫން ކަމަށް ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އާޒިމާ ޝަކޫރް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "އާސްކް އާޒިމާ" ޕްރޮގްރާމްގައި ހުޅުމާލޭ ފޭސް 2 ގެ ފްލެޓްތަކުގެ ރަޖިސްޓްރީތަކާއި ގުޅިގެން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ، އާބަންކޯގެ ނަން ބަދަލުވެގެން ދިޔައިރު ޤާނޫނީ ގޮތުން ކުންފުނީގެ ނަން ބަދަލުކުރުމުގެ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށެވެ.

"އެޗްޑީޑީސީގެ ނަން އާބަންކޯއަށް ބަދަލުކުރިޔަސް ޤާނޫނީ އެއްވެސް ކަމެއް ނުހިނގާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. ނަން ބަދަލުކުރިޔަސް ޤާނޫނީ ގޮތުން ނަން ބަދަލުކުރުމުގެ އެއްވެސް ކަމެއް ހިނގާފައި ނެތް،". އާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން އެޗްޑީސީއަށް އާބަންކޯ ކިޔޭނެ ގޮތެއް ނުވިސްނުނު ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. ކުންފުންޏެއްގެ ނަން ބަދަލުކުރުމުގައި ޤާނޫނީ އެތައް ކަމެއް ފުރިހަމަކުރަން ޖެހޭއިރު އެޗްޑީސީން ޤާނޫނީ އެއްވެސް ކަމެއް ކުރުމަކާއި ނުލައި ކުންފުނި ރީ ބްރޭންޑްކޮށް އާބަންކޯއަށް ބަދަލުކުރިޔަސް އެކުންފުންޏަށް އެ ނަން ނުކިޔޭނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިދިޔަ އަހަރު އޭޕްރީލް މަހު ކުންފުނީގެ ނަން އާބަންކޯއަށް ވަނީ ބަދަލުކޮށްފައެވެ.

ކުންފުނި ރީބްރޭންޑް ކުރުމާއި އެކީ، ކުންފުނީގެ ލޯގޯ ވެސް ވަނީ ބަދަލު ކޮށްފައެވެ. އަދި "އާބަންކޯ"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފް ކޮށްފައިވާއިރު، މި އެޕްލިކޭޝަނުން ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ހޯދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާޒިމާ ވިދާޅުވީ ހުޅުމާލޭ ފްލެޓްތަކުގެ ރަޖިސްޓްރީ ތައްޔާރުކުރުމަކީ އެޗްޑީސީން ކުރަންޖެހޭ ކަމެއް ކަމަށާއި ހުޅުމާލޭ ފޭސް 2 އިން ފްލެޓް ލިބުނު މީހުންގެ ރަޖިސްޓްރީ އެ ކުންފުނިން އަދިވެސް ތައްޔާރު ނުކުރާ ކަމަށެވެ. އެ ފްލެޓްތަކުގެ މިލްކުވެރިކަން އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

''ހުޅުމާލޭ ފޭސް2 ގެ ރަޖިސްޓްރީ މައްސަލައަކީ އަޅުގަނޑުގެ އެޓެންޝަނަށް އައިސްފައި އޮތް ކަމެއް، ރަޖިސްޓްރީ ހެދުމުގެ މަސައްކަތެއް ނުހިނގާ، އޭގެ މާނައަކީ ތަންތަން ލިބިފައި ތިބި މީހުންނަށް މިލްކުވެރިކަމުގެ ޑޮކިއުންޓޭޝަނެއް ނެތޭ،". އާޒިމާ ވިދާޅުވިއެވެ.

ފްލެޓްތަކުގެ ކުލި ދައްކާ ކަމަށްވަންޏާ ރަޖިސްޓްރީ ލިބެންޖެހޭނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތަކީ މިހާރުން މިހާރަށްވެސް ފަށަންޖެހޭ މަސައްކަތެއްކަން ގަބޫލުކުރާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު