ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެވަރުގެ ދަތުރުފުޅެއް ރާއްޖޭގެ ވެރިއަކު މީގެކުރިން ކުރައްވާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ރައީސް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތީ މިއަދެވެ.

ގާސިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ނުހަނު މަރުހަބާ އާއި ތަހްނިޔާ އަރިސް ކުރައްވާ ކަމަށެވެ.

މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ހަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާ ކުރައްވާ ކަމުގައި ގާސިމް ވިދާޅުވިއެވެ.

ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް، މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިހްތިރާމުކުރާކަމަށް ގާސިމް ވިދާޅުވިއެވެ. ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިގެން ދިޔައިރު، އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ މިދަތުރުފުޅުގެ ސަބަބުން މި ގައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"މި ދަތުރުފުޅުގައި ޗައިނާ އިން ރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުޙަބާ އަކީ މިހާތަނަށް ރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި ވެސް އަޅުގަނޑު ފާހަގަކުރަމެވެ." ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ. މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހި ގައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި، ގައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ ފަރާތުން މަނިކުފާނަށް ނުހަނު އުފަލާއެކު ޝުކުރާ ތަހްނިޔާ އާއި މުބާރަކްބާދު ދެންނެވުމަށްޓަކައި މި ޓުވީޓް އަރިސް ކުރީމެވެ."

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    މަރްހަބާދެންނެވިއަސް ރައީސް ފުރާވަޑައިގެންނެވިރޭ މަޑަމްއައިޝާ ވީއައިޕީއަށް ވެންނެވުނުގޮތެއް ރައްޔިތުންނައް ސާފުވާންއެބަޖެހޭ އެއީކޮންމެރައްޔިތަކަށްވެސް ވަދެވޭތަނެއްގެގޮތުގައޮންނަ ތަނެއްނަމަ އެކަންވެސް އެގެންޖެހޭ

    17
    9
    • ފާއިޒު

      ފޯމަރ މިންސްޓަރ: ސަރުކާރަށް އެއްބާރުލުންދޭ ޕާޓީއެއްގެ ޑެޕިއުޓީއެއް

      8
      0
  2. ފާތުން

    ދެން ތީގެން ވެސް ލާރިގަޑެއް ކާލެވޭތޯ ބަލާ

    14
    8
  3. ޒައިކް23

    ބޮނޑި ވަރެއް ބޭނުންވީ ތިޔަ ފެމުނު.. ދެން ފެންނާނި 2 ފަޅާ 3 ރަށާއި ބަދަލުގެ ގޮތުގަ 100 މިލިޔަނު މަޅާލާތަން...މީނާ ގާތް ނުކުރަން ރައީސްއަށް ގޮވާލަން.. އަޅުގަމޑުގެ ތާއީދު އަނބުރާ ގެންދާނަަން

    12
    3
  4. ދަތްނެތްކުއްޖާ

    އައިޝާ އަށް މަޖުލިހުގެ މެމްބަރުކަން ހޯދަން ތިއީ ބޮޑު ވަރު!

    16
    1
  5. ބަރުގޮނު

    ތިޔަ އުޅެނީ "ބޮޑު ފޮށްޓަކަށް" ކިޔާލަން.

    12
    1