މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ގިނަވެގެން ވޯޓް ފޮއްޓަކަށް 700 މީހުންނަށް ވޯޓްލެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މިއަދު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

"އާންމު ގޮތެއްގައި ފޮއްޓަކަށް ވޯޓް ލެވޭނީ 1000 ނޫނީ 1200 މީހުންނަށް، އެކަމަކު މިފަހަރު މަޖިލިސް އިންތިހާބުގައި މަދުވެގެން 500 މީހުންނަށް އަދި ގިނަވެގެން 700 މީހުންނަށް ފޮއްޓަކަށް ވޯޓްލެވޭ ގޮތަށް ކޮމިޝަނުން ނިންމަނީ، ފޮއްޓަކަށް ވޯޓްލާ މީހުންގެ އަދަދު މަދުކުރުމުން، ކިޔޫގައި މީހުން ޖެހެން ޖެހޭލެއް މަދުވާނެ، ރޯދަ މަހު އިންތިޚާބު އޮންނާތީ ކޮމިޝަނުން މިހާރުން ފެށިގެން ވެސް މި މަސައްކަތް ކުރަނި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް" ހަބީބު ވިދާޅުވިއެވެ.

ހަބީބު މިފަދައިން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

އީސީން ނެރުނު ބަޔާނެއްގައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާތީއާއި ރަމްޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާއި، ތައުލީމާ ބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސްކޫލްތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ކޮމިޝަނުން އެކަށީގެންވާ ތަންތަން ނުލިބޭނެ ކަމަށް ލަފާ ކޮށްފައެވެ.

އެހެންކަމުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ އީސީން ވަނީ މިއަހަރުގެ މާޗް މަހުގެ 17 ވާ އާދިއްތަ ދުވަހު މި އިންތިހާބު ބޭއްވުމަށް ނިންމާފައެވެ. އީސީން ނިންމާފައިވާ މި ދުވަސް ދިމާވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ބަންދާއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބެވި ނަމަވެސް، އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17 ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ހަބީބު އިގްތިސާދުމާބޮޑައް ރަނގަޅުވީތޯ ތިގޮތައްނިންމީމަ އިތުރައްކިހާ ރުފިޔާއެއް ޚަރަދުވޭތީ އިތުރުކިތައް ވަގުތީމުއައްޒަފުންބޭނުންވޭތޯ މިހާރުވެސް ވޯތެއްކައިރިވެގެންދާއިރު މަސައްކަތްކޮށްދޭނެ މީހުން ނުލިބިގެންއުޅޭއިރު ޚަރަދުބޮޑުވާކޮންމެކަމަކަށް ތިޔަވިސްނަވަނީ ރައްޔިތުންނައް ކޮންފައިދާއެއް ކޮށްދެއްވަންތޯ