ގައުމީ ފެންވަރުގައި ކުޅިވަރުތައް ކުޅޭ އެތުލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަދައިފިއެވެ.

ވެހި ކުޅިވަރު ކުޅުންތެރިންނަށް ފަރުވާދޭނެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިފްތިތާހުކޮށް ދެއްވައިފައެވެ. މި ފެސިލިޓީ އިފްތިތާހުކޮށް ދެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު ރޭ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަދި މިއަދަކީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަށް ސަރުކާރުން ވީ ވައުދު ފުދިގެންދާ ދުވަސް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ކުޅިވަރު ކުޅޭ ދަނޑުތަކުގައި މެޑިކަލް ރޫމް ހެދި އެ ތަންތަނުގައި ބޭނުންވާ އާލާތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށާއި އަދި އެ ފެސިލިޓީތަކުގައި ބޭނުންވާ ފަސްޓް އެއިޑުން ތަމްރީން ކުރެވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އެކަން ހަމަޖެހިފައިވާ ކަމަށެވެ.

"މީގެއިތުރުން ތިޔަ އެތުލީޓުން ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ވެސް މާދަމާ އިން ފެށިގެން ހަމަޖެހިގެން ދާނެ. އަދި މިކަން ކުރުމަށްޓަކައި ހާއްސަ ވެބްސައިޓެއް ވެސް މާދަމާ އިން ފެށިގެން އިފްތިތާހުވެގެން ދާނެ." ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވި ގޮތުގައި މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުޅޭ އެތުލީޓުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. މިރޭ އިފްތިތާހު ކުރެވުނު ހިދުމަތަކީ ވެސް އަޅާނުލެވި އޮތް ވަރަށް މުހިންމު ހިދުމަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

"މި ހިދުމަތުގެ ސަބަބުން ބޮޑު އިންގިލާބީ ބަދަލެއް ހަމަ ޔަގީނުން ވެސް ކުޅިވަރުގެ މި ދާއިރާ އަށް ފެނިގެންދާނެ. ދަނޑުގައި އެތުލީޓުންނަށް ކުރިމަތިވާ އަނިޔާތަކަށް އެދެވޭ ފަރުވާ ދިނުމަކީ ގައުމީ ފެންވަރުގައި އެ ކުދިންނަށް ލިބޭ ހިދުމަތެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" ރާފިއު ވިދާޅުވިއެވެ.

މިއީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ގާއިމު ކުރި ފެސިލިޓީއެކެވެ.

ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއްގައި ގާއިމުކޮށްފައި ހުންނަންޖެހެއެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާއެކު ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ "ހަފްތާ 14" ގައި ހިމެނޭކަމެކެވެ. އަދި ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ސިއްހީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.