ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުން ކުރަން އެމްޑީޕީން މިރޭ ގޮވާލައިފިއެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ޚާލިދު ފުރަތަމަ ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހުގެރޭ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ވަނީ ވެންޓިލޭޓަރަށް ލައިފައެވެ. އެ ކުއްޖާ މާލެ ގެނެވޭ ވަރުވީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ދެރަވީ ބޮލުގައި ޓިއުމަރެއް އިނދެގެންނެވެ. ވިލިނގިލިން އެ ކުއްޖާ ގެނައި އިރުގައި ވެސް ސިކުނޑި މަރުވެފައިވާ ކަމަށްވެއެވެ.

ބުރާސްފަތި ދުވަހު އެ ކުއްޖާ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން އެންގި ނަމަވެސް، ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހި ލަސްވެގެން އެ ކުއްޖާ މާލެ ގެނައުމުގައި ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. އަދި އެކަމާ ގުޅިގެން ބުރާސްފަތި ދުވަހު ވިލިނގިލި ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކުރިއެވެ. އެ މުޒާހަރާކޮށްފައި ވަނިކޮށް އެ ދުވަހު އިރުއޮއްސެނިކޮށް މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ ކުޑަ ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާ އިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމް ކުރާ ކުރުން ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައި ކަމަށެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް އެމްޑީޕީން ގޮވާލިއެވެ.

"އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް މި ޕާޓީން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނި ގޮތުގައި މިއީ ދިވެހި ދަރިއެއްގެ ފުރާނައަށް ވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސް ކުރި ދެވަނަ ފަހަރެވެ. ސަރުކާރުން ގޮތް ދޫނުކުރުމުގެ އަގަކީ މައުސޫމް ދިވެހި ޅަ ދަރިންގެ ފުރާނައަށް ވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިފަދަ ހާލަތެއްގައި އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު މި ސަރުކާރުން އައި ފަހުން ބޭނުން ނުކުރުމަކީ އެތައް ބައެއްގެ ފުރާނަ ދުނިޔެއާ ވަކިވެގެން ހިނގައިދާނެ ކަމެކެވެ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މީގެކުރިން ނަމަ، އެ އުޅަނދުތައް ބޭނުން ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ވެރިންގެ އޯޑަރުގެ ދަށުން އިންޑިއާ ސިފައިންނެވެ. އެކަމުގައި މީގެކުރިން ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ނޯވެއެވެ. އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓަކީ ވެސް ބަލި މީހުން އުފުލުގައި ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ އުޅަނދުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނާ

    އެމްޑިޕީއިން ގޮޮވާލި ގޮވާލުމުގައި އޮތީ ފަސާދަޔާ ގައުމު އަޅުވެތި ކުރުމުގެ ފިކުރު މިހާރުގެ ސަރުކާރުން އެއަށް އަޅާލާކަށް ނުޖެހޭ! އެމްޑިޕީއަކީ ފިތުނަ އުފައދާ، ގައުމު އަޅުވެތިކޮށް މާލިއް ދަވާލާ ފިކުރެއް! އެމްޑީޕީ ސަރުލާރުގައި ކުއްލި ގޮތަކަށް މަރުވެ ދިޔައީ ކިތައް ދިވެހި ރައްޔިތުންތޯ؟ އެއްވެސް މަރެއްގެ ތަހުގީގުވެސް ކޮށްލާފާނެތް ގައުމުދެވީ! މިކަހަލަ ގޮވުލުންތަކުން މުއިއްޒުގެ ސަރުކާރު ސިހޭކަށް ނުޖެހޭ! އަދި އެމްޑިޕީގެ ކެހިވެރި ފިކުރުނ1ް ރައްޔިތުން ސަލާމަތް ވާންޖެހޭ!އެމްޑީޕީއަކީ ރައްޔިތުން ކަމުނޮގޮސްގެ ދޫކޮށްލި ޕާޓީއެއް!

  2. ހޭލާ

    ތި ހިދުމަތް ދެވުނީސް ދޯ އޭރުވެސް 🙁

  3. ކޮޔާ

    އެމްޑީޕީ ވެރިކަމުގަ ރާއްޖޭގެ ހުރިހާ ހިސާބަކުން ހޮސްޕިޓަލު ތަކުން ކަންކަން ގޯހުން ގޯހަށްގޮސް މީހުންގެ ފުރާނަ ދިޔައިރު ތިހެން ބަޔާންގަނޑެއް ނެރެލާން ނުކެރުނު ބަޔަކު ސިޔާސީ ގޮތުން ބަޔާން ނެރެން ފެށީދޯ

  4. މުހުސިނު

    އިންޑިޔާގެ އެއްވެސް މިލްޓްރީ އުޅަދެއް މިގައުމުގައި ބޭނުން ކުރެވިގެން ނުވާނެ! ޑޮނިޔާތީ އެހާރައްކާތެރި އުޅަދެއްވެސް ނޫން!!