މާރިޗް 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިންތިހާބުުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުގުރިވާ މި ލިންކް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1800ރ އެ ދުވަހަށް ލިބިގެންދާއިރު. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1600ރ އެ ދުވަހަށް ލިބިގެން ދާނެއެވެ. ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1500ރ އެ ދުވަހަށް ލިބިގެންދާއިރު، ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ އެ ދުވަހަށް ލިބިގެން ދާނެއެވެ.

އޭގެ އިތުރުން އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ -/500ރ ރުފިޔާގެ އެލަވަންސެއް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެއެވެ.

އަދި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ -/350ރގެ ރޭޓްތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކީ ޖަމާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

އީސީން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން މާރިޗް 05 ވަނަ ދުވަހުގެ 15:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.