ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި ނަންގަވާ "ސްވިފްޓް" އެކްޝަންތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންނަމުންދާތަން ފެނުމަކީ ހިތަށް ފިނިކަން ލިބޭ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ރައީސް ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި ނަންގަވާ "ސްވިފްޓް" އެކްޝަންތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންނަމުންދާތަން ފެނުމަކީ ހިތަށް ފިނިކަން ލިބޭ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ކުއްޖާގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ސިޓީ އަށް ގެނައުމުގެ ކަންކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ދެއްވުމަށާއި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަކަށް ބަލި މީހުން ކުއްލި ފަރުވާ އަށް ގެނެސް ދިނުމުގައި އަމަލު ކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް ރައީސް މުއިއްޒު ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.

އަދި ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް ވައިގެ މަގުން ބަލި މީހަކު ގެނެސްދޭން ޖެހޭ އެއްވެސް ހާލަތެއްގައި އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވި ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ޖާހު ނިޔާވި ހަބަރު ރައީސް މުއިއްޒު އެއްސެވީ ފުން ހިތާމަ އާއި ކަންބޮޑުވެވަޑައިގަތުމާ އެކުގައެވެ. މި ހިތާމަވެރި ވަގުތުގައި، ޖާހުގެ މައިންބަފައިންނަށާއި އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވިއެވެ.

ކުޑަކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ އިރު، ފްލައިޓް ޝެޑިއުލް ދަތުރުތަކަށް ވުރެ ބޮޑަށް އިމަޖެންސީ ވޭދަނަތަކަށް (ކޭސް) އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލުތައް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހުގެރޭ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ވަނީ ވެންޓިލޭޓަރަށް ލައިފައެވެ. އެ ކުއްޖާ މާލެ ގެނެވޭ ވަރުވީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ދެރަވީ ބޮލުގައި ޓިއުމަރެއް އިނދެގެންނެވެ. ވިލިނގިލިން އެ ކުއްޖާ ގެނައި އިރުގައި ވެސް ސިކުނޑި މަރުވެފައިވާ ކަން އެނގިފައިވެއެވެ. އެ ކުއްޖާ މާލެ ނުގެންދެވި ލަސްވާތީ ވިލިނގިލީ ރައްޔިތުން ވަނީ އަތޮޅު ހޮސްޕިޓަލް ކައިރީގައި މުޒާހަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު