ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތުގެ ފަރާތުން "ދުވަހެއްގެ ދެބައިކުޅަ އެއްބައި ހޭދަކޮށްލައްވަން ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް" ސަރުކާރުން މަރުޚަބާ ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތުގެ ފަރާތުން "ދުވަހެއްގެ ދެބައިކުޅަ އެއްބައި ހޭދަކޮށްލައްވަން ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް" ސަރުކާރުން މަރުޚަބާ ވިދާޅުވީ ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިވަގުތު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންގެންދަވާތީ، އިއްޔެ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި އީޔޫ އަދި އިނގިރޭސިވިލާތުގެ ވަފްދުގެ ބޭފުޅުންނާ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރާއި، ފޮރިން މިނިސްޓްރީގެ ވަފްދެއް ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާއި ބެހޭގޮތުން ފޮރިން ސެކްރެޓަރީ ސަރީރު ވަނީ މަޢުލޫމާތު ހިއްޞާކުރައްވާ ވަފްދާއެކު ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމެއް ބާއްވަވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ރާއްޖެއަށް ޒިޔާރަތްކުރެއްވި މި ވަފްދުގެ ބޭފުޅުން ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވަން އެދިވަޑައިގަތެވެ. އަދި މި ބައްދަލުވުން އިއްޔެ މެންދުރުފަހު 3 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވުނު ނަމަވެސް ވަފްދުގެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލު ނުކުރައްވާ ވަނީ ފުރާވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އިއްޔެ މެންދުރުފަހު 3 ޖަހާއިރަށް މި ބައްދަލުކުރެއްވުން ތާވަލުކުރީ އިއްޔެ މެންދުރު ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމެއް އޮތުމުގެ ސަބަބުންނެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ބައެއް އެކުވެރި ދައުލަތްތަކާއި ޙިއްޞާ ކުރެއްވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން އެ ޤައުމުތަކަށް މިހާރު ދަނީ ޒިޔާރަތްކުރައްވަމުންނެވެ.

މިގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ އިއްޔެ ރޭގެ ވަގުތެއްގައި ޗައިނާ ސަރުކާރާއި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެޤައުމަށް ފުރާވަޑައިގެންފައެވެ. އަދި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ވެސް ވަނީ އިއްޔެ ރޭގެ ވަގުތެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ވަނީ އިއްޔެގެ ވަގުތެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ މި ދަތުރުފުޅުތަކުގެ ފުރަތަމަ އެއް މަންޒިލަކަށް އިންޑިޔާ ހަމަޖެއްސެވި ނަމަވެސް އިންޑިޔާއިން ވަނީ އެޤައުމުގެ އިސްވެރިންނަށް ރާއްޖޭގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ވަގުތު ދެއްވެން ނެތުމުގެ ސަބަބުން އެޤައުމަށް ދަތުރުފުޅު ނުކުރައްވާގޮތަށް ނިންމަވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްޤީގައި ބައިވެރިވާ ޤައުމުތަކާއި ފަރާތްތަކަށް ރާއްޖޭގެ މިހާރުގެ މަޞްރަހު ދިރާސާކޮށް ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނަކަން އެފަރާތްތައް އަމިއްލަޔަށް ޔަޤީންކުރެއްވުމަށް ދޫކޮށްލައްވާފައި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖެ މިހާރުވެސް އޮތީ ސުލްޙަވެރި ޤައުމެއްގެ ގޮތުގައިކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް އެއްވެސް އުނިކަމެއް ނާންނަކަމަށާއި، ދަތުރުފަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ސަރުކާރުން ފާހަގަކުރައްވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.