މި ސަރުކާރުގެ ހަމަ ލަދެއްވެސް ނެތީއެވެ. ފާޓުފުޅާ ކޯލިޝަނެއް ހައްދަވައިގެން ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ވައުދުވެގެން އައި ސަރުކާރުގެ އަނިޔާވެރިކަން މިވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް އެގައުމުގައި ތިބި މުސްލިމުންގެ ހައްގުގައި ދިވެހި ސަރުކާރުން އެންމެ ބަހެއް ވެސް ބުނެފައެއް ނުވެއެވެ. އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ވެސް ބަލައިގަނެފައެއް ނުވެއެވެ.

އިންޑިއާގެ ނުވަ ސްޓޭޓެއްގައި ހުއްޓުމެއް ނެތި މުސްލިމުންނަށް އަނިޔާކުރުމުގެ އަމަލުތައް ހިންދޫ ހަރުކަށި ޖަމާއަތްތަކުން އަންނަނީ ހިންގަމުންނެވެ. ސިލްސިލާ ގޮތެއްގައި މި އަނިޔާވެރި އަމަލުތައް ހިންގުމުގައި އިންޑިއާ ސަރުކާރުގެ މަދަދުވެރިކަން މި ޖަމާއަތްތަކަށް އަންނަނީ ލިބެމުންނެވެ.

އަދި ފާއިތުވި މަސްތަކުގައި މުސްލިމު އަންހެނުންނަށް ބުރުގާ އެޅުމަށް ހުރަސްއަޅަން އެގައުމުގެ ބީޖޭޕީ ސަރުކާރުން ސިޔާސަތުތައް ތައާރަފުކޮށްފައިވެއެވެ. އަދި ހަލާލު މަސް މަނާކުރުމަށްވެސް އެ ޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކުންވަނީ މަސައްކަތްކޮށްފައެވެ. ހަމައެހެންމެ މުސްލިމު ވިޔަފާރިވެރިންނަށް ވިޔަފާރިކުރަން ހުރަސްއަޅައި އަނިޔާކޮށްފައިވެއެވެ.

އެހެންނަމަވެސް މިކަމާއި ގުޅިގެން ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ތާނގާއި އަދުގެ ސަރުކާރުން މުހިއްމު ވީވެސް އިންޑިއާގެ ހަރުކަށި ހިންދޫންގެ ކަރާމާތާއި އިއްޒަތެވެ. ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން ވަކިވަކި ފަރުދުންގެ ގޭގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ސަލާމަތީ ބާރުތަކުން ވަނީ ނުކުމެފައެވެ.

ފަތިހު ފަތިސް ނަމާދަށް ބަންގި ގޮވި ވަގުތު ކްރިމިނަލް ކޯޓު ހުޅުވައިގެން ގާޒީ މިސްބާހު ނެރުއްވި ކޯޓު އަމުރެއްގައި ވަނީ "އިންޑިއާ އައުޓް" ބެނާތައް ހަރުކޮށްފައި ހުރި ގެތަކަށް ވަދެ ބަލާ ފާސްކުރުމުގެ ހުއްދަ ފުލުހުންނަށް ދީފައެވެ.

އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލުމަކީ އިންޑިއާގެ ހަރުކަށި ހިންދޫންގެ ކަރާމާތާއި އިއްޒަތަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންޑިއާ އައުޓްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ހަރަކާތުގައި ބައިވެރިވާ މީހުން ޖަލަށް ލާން ނިންމަވާފައެވެ.

ރާއްޖެ އާއި އިންޑިއާގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު(ކ) އަދި ޖައިޝަންކަރު

އިންޑިއާގެ ހަރުކަށި ހިންދޫ ސަރުކާރުން އެގައުމުގެ މުސްލިމުންނާއި މެދުގައި ކަންތައްކުރާ އަނިޔާވެރި ގޮތްގަކާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް ސަރުކާރުން އަންނަނީ އިންޑިއާގެ ސަރުކާރުގެ ދިފާއުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. މުސްލިމު އުންމަތުގެ އަހުންނާއި އުހްތުންނަށް ލިބެމުންދާ އަނިޔާއަށް ވުރެ ސަރުކާރަށް މުހިއްމުވީ އިންޑިއާގެ ކަރާމާތާއި އިއްޒަތް ނެގެހެއްޓުމެވެ.

އެހެންނަމަވެސް އެގައުމުގެ ކަރާމާތައް އެންމެ ބޮޑު އުނިކަމެއް އަންނަނީ އެގައުމުގެ މުސްލިމު ރައްޔިތުންނާއި ދޭތެރޭގައި އެގައުމުގެ ހަރުކަށި ހިންދޫން ކަންތައް ކުރާ ގޮތުގެ ސަބަބުންނެވެ.

އިންޑިއާއިން އެގައުމުގެ މުސްލިމުންނަށް ދޭ އަނިޔާތަކާއި ދެކޮޅަށް ބަސްބުނުމުގައި ސަރުކާރުން ޖެހިލުންވާއިރު މި ސަރުކާރު އޮތީ އިންޑިއާގެ އަތްދަށުވެފައި ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. އަދި ގައުމު ހިންގަނީ އިންޑިއާގެ އެމްބަސީން ކަމަށާއި ސަރުކާރު އޮތީ އިންޑިއާއަށް ވިކިފައިކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެއްޗެއް ބުނަން ވެސް ސަރުކާރަށް ނުކެރޭ!

ކޮންމެ ރަމަޟާން މަހެއް ފެށުމާއެކު ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް އިސްރާއީލުން ހިންގައެވެ. އެކަން ހިންގަނީ މުސްލިމުންނަށް އަހަރު ތެރޭގައި އަންނަ އެންމެ މުހިއްމު އަދި މުޤައްދަސް މައްސަރަކީ ރަމަޟާން މަސް ކަމުގައިވާތީ ކަމަށް ފަލަސްޠީނު ރައްޔިތުން ދެކެއެވެ.

އެހެންނަމަވެސް އެގައުމުގެ ރައްޔިތުންގެ ދިފާއުގައި ވެސް ބަހެއް ބުނުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެއީ ވާ ކަމެއް ކަންވެސް ސަރުކާރު ނުދަނެއެވެ. ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއި ހާއްސަ ގުޅުމެއް އޮންނަ ބަޔަކަށް ވީއިރު އަދުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތް ނުކުރައްވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ.

ކޮންމެ ރަމަޟާން މަހެއްގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރުމުގެ އިތުރަށް، ފާއިތުވި 22 ރަމަޟާން މަހުގައި ޖުމްލަ 2،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އިސްރާއީލުގެ އަނިޔާވެރި ދައުލަތުންވަނީ ޝަހީދުކޮށްލާފައެވެ. މި ހިސާބުތަކުން ސާބިތުވާ ގޮތުގައި އިސްރާއީލުން ރަމަޟާން މަހުގައި ހިންގާ ޖަރީމާތަކަކީ ސީދާ އެ މައްސަރަށް އަމާޒުކޮށްގެން އިންތިޒާމީ ސިފައެއްގައި ހިންގާ ޖަރީމާތަކެކެވެ.

އިސްރާއީލް ފުލުހުން މިސްކިތް ތެރޭގައި ފަލަސްތީން ރައްޔިތުން ބިޑި އަޅުވާފައި

މި ފާއިތުވި މުއްދަތުގައި އިސްރާއިލުން ހިންގި އެންމެ އަނިޔާވެރި ޖަރީމާ ހިންގާފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ އަހަރު "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް"ގެ ނަމުގައި އިސްރާއީލުން ހިންގި އަނިޔާވެރި ހަނގުރާމާގައި ޣައްޒާއަށް ދިން ހަމަލާތަކަކީ މި ފާއިތުވި ތާރީޚުގައި އިސްރާއީލުން ރަމަޟާން މަހެއްގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ.

އެ ހަމަލާތަކުގައި މަދުވެގެން 2،131 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލިކަމަށް ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާ ބެހޭ މަރުކަޒުން ބުނެއެވެ. އޭގެ ތެރޭގައި 527 ކުޑަކުދިން ހިމެނެއެވެ އަދި އ.ދއިން ބުނެފައިވާ ގޮތުގައި އެ ހަމަލާތަކުގައި 18،000 އަށްވުރެ ގިނަ ގެދޮރު ސުންނާފަތިކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ޣައްޒާގެ 1.8 މިލިއަން މީހުންގެ އާބާދީން 108،000 މީހުން ގެދޮރު ނެތިވެ މަގުމަތިވިއެވެ.

މި އަހަރުވެސް އިސްރާއީލުން ގެންދަނީ ފަލަސްޠީނު ރައްޔިތުންނަށް އަނިޔާކުރަމުންނެވެ. އެގޮތުން ފާއިތުވި ހުކުރުދުވަހު ފަތިސް ވަގުތުގައި ޞިހުޔޫނީ ބާރުތައްވަނީ މަސްޖިދުލް އަޤުޞާއަށް ވަދެ އެ ހަރަމްފުޅުގައި އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކޮށްފައެވެ. މި ބުރު 300 އެއްހައި މީހުން ހައްޔަރުކޮށްފައިވެއެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އިސްރާއީލުން އެއް ވަގުތެއްގައި އެއް ތަނަކުން ފަލަސްޠީނުގެ އެންމެ ގިނަ މީހުން ހައްޔަރުކުރި ފަހަރެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ފަލަސްތީނަށް ހަމަލާތައް ދެނީ އެގައުމުން އިސްރާއީލަށް ފޮނުވާލި ހަމަލާއެއްގެ ރައްދުގައި ކަމަށެވެ.

އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާ ދިނީ ހަމާސް ޖަމާއަތުންނެވެ. އެހެންކަމުން އެގައުމުން ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ ހަތިޔާރު އުފައްދާ ކާރުހާނާއަކަށް ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުންޏެވެ.

އެ ހަމަލާތައް ހުއްޓުވުމަށް ޓަކައި ހަމާސްއިން އިސްރާއީލްގެ ޖެޓުތަކަށް އަމާޒުކޮށް މިސައިލްތައް ފޮނުވި ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ހަމާސްއިން ބުނީ އިސްރާއީލުން ދިން ހަމަލާގެ މަގުސަދަކީ "އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތާއި، ގުދުސާއި އަލް އަގްސާ މިސްކިތް ދިފާއު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން" ކަމަށެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގުޅޭ ގޮތުންވެސް ދިވެހި ސަރުކާރުން ބަހެއް ބުނަން ދެކޮޅު ހަދާއިރު، ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި އިލްމުވެރިން ވެސް އެކަމުގައި ސަރުކާރަށް ނަސޭހަތްތެރިވާ މަންޒަރެއް ނުފެނެއެވެ.

ރަސޫލާ ދުއާ ދެންނެވި ފަދަ ވެރިއެއް ކަމަށް ވިދާޅުވެ ކެމްޕޭން ކުރެއްވި އިލްމުވެރިން ވެސް މިއަދު ސަރުކާރުން މުސްލިމު އުންމަތުގެ ދިފާއުގައި މަސައްކަތް ނުކުރާތީ އެކަމާއި ކަންބޮޑުވާ ތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙައްގުބަސް

    މިއަނިޔާވެރި ގައުމަށް ޣައްދާރުވެފައިވާ ސަރުކާރުންވަނީ ގެރިމޯދީއާ ބައިއަތުހިފާފަ!! މިމީހުންވަނީ އިންޑިޔާގެ މުސްލިމުންނަށް އަނިޔާކުރަން ގެރިމޯދީ ސަރުކާރަށް ހިތްވަރިދީފަ!! ހިތްވަރުދެނީ އެގައުމާއެކު އަޑިނޭނގޭ އެއްބަސްވުންތައް ހަދައިގެން މިގައުމުގެ މިނިވަންކަން ނަގާލަމުން އަދި އިންޑިޔާގެ މުސްލިމުންނަށް ގެރިމޯދީގެ ސަރުކަރުންކުރާ އަނިޔާ ކުށްވެރިނިކޮށް ތުންފިއްތައިގެން ތިބެގެން!! މިއަނިޔާވެރި ސަރުކާރާދެކޮޅަށް ރައްޔިތުން މަގުތައްމައްޗަށް ނިކުމެ އިހްތިޖާޖުކުރަންޖެހޭ!! ވަގުސަރުކަރެއް މިއޮތީ!! ވައްކަންވެސް އެހާވަރަށް އެބަކުރޭ!! ވެންޓިލޭޓަރުގެ ވަގުން!!

  2. ދަރި

    މީކީ ހައިރާންވާވަރުގެ ކަމެއްވެސް ނޫން. މުސްލިމުންނާމެދު ހަމްދަރުދީވާނީ ހިތުގައި އީމާންތެރިކަމެއް އޮވެގެންނު. ﷲގެ އަޅުން މަތިން ހަނދާންވާނީ ﷲގެ ވަޖަހުފުޅު ހަނދާންވެގެންނު.

  3. ލުޓޭރުންގެ ސަރުކާރު

    މޑޕ މިކޯލިޝަންގެ ވެ ރިކަމެއް ކު ރިޔަށްއޮތްތަނުގަ މިގައުމުގައޮވެއްޖެނަމަ މިއަދު އިޒު ރޭލާ އިންޑިޔާގެ މުސްމުންނާމެދު ހިންގަމުންދާ ލާއިންސާނީ އަނިޔާ މިދިވެހި ރާއްޖެއިން ނުފެނިނުދާނެކަމުގެ ކަށަވަ ރުކަން މިއަދު އިބު ރާހިމު ރައީސްއެދިނީ...މިއީ ދިވެހި ގައުމުދެކެ ކުލުނެހު ރި ދިވެއްސެހު ރިނަމަ ފުންކޮށް ވިސްނަންވީކަމެއް...މިވެ ރިކަން ނިންމެންއޮތް ގޮތަކަށް ނިންމުމުގެ ހިއްވަ ރާ އަޒުމުކަޑައަޅާ މަސައްކަތަށް ނުކުންޖެހޭ..ސަލާމަތީ ހިދުމަތުގަތިބި މީހުންތިބީ މަގާމާ މުސާ ރައިގަ ތާށިވެފަ އަނބިދަ ރިން ރޭޕްވެ އަޅުވެތިވިޔަސް.

  4. ޝާމިން

    މި އާރޓިކަލް އަކީ 100 ގެ އާރޓިކަލް އެއް. އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ކުރެވުނު ކޮންމެ ކަމެއް ކުރުމަކީ ޤައުމީ ވާޖިބެއް !! އިންޑިއާ އައުޓް

    31
    3
  5. ލަާރި ބަނޑު

    ލާރި ބަނޑު އަޅައިގެން ތިބި އިލްމުވެރިންތަކއް.

    20
    1
  6. ނަސް

    ސަޅި ބުރޯ

    18
    2
  7. Anonymous

    ތަންދޮރު ދަންނަ އަހްލާގެއްގެ ވެރިން ލަދުގަންނާނީ. މި ވެރިކަމުގަ މަތިފަޑީގަ ތިބީ "ގެރި" ތަކެއް ފަދަބައެއް. الأ أكتوبر الأنعام بل هم اضل.އެބައިމީހުންނީ ނައަމް ސޫފިތަކެއް ފަދަ ބައެއް.

    19
  8. ހަސަން ކުރުސި

    އެމްޑީޕީގެ އެއްވެސްމީހަކު ދެންވޯޓްހޯދަންނާންނާތި. ވަރަށް ސާފުބަހުން މިބުނަނީ ވޯޓެއްނުދޭނަން

    27
    3
  9. އަލްޖިބްރާ

    ޔާމީނުގެ ސަރުކާރު އޮތްއިރު މެންބަރުން ފާރުމަތިން އުކީ ލަދެއް އޮވެގެންތަ ؟ ސްޕްރީމް ކޯޓުގެ ދޮރުވައްޓާލާ ފުރާޅުން ޓިނިނަގައިގެން މީހުންތަށް ބިޑިއަޅައިގެން ހައްޔަރު ކުރީ ލަދެއް ހުރެގެންތަ ؟ އަމިއްލަ ގައިގެ އެއްގަޑު ބިޑިއަޅުވައިގެން ގެންގޮސް ހައްޔަރު ކޮށްފަ ބެހެއްޓީ ލަދެއް އޮވެގެންތަ ؟ ކޮންމެވެސް އެއްޗެކޭ ކިޔާފަ ފަލަސުރުޚީ އަށް އެރުވިއަސް މާރީއްޗެއް ނުވާނެ !

    3
    9
    • ބަލްޖިބްރާ

      ދީނާ ގުޅޭ އެއްޗެއް ނެއްދޯ ބުނެލެވޭކަށް؟

      4
      1
  10. އާދަނު

    ނޫސްވެރިކަމަކީ ވަކިކޮޅަކަށް ގޮސް ހުސްވެ ތިބެ އެއްލޯ މަރައިގެން އެއް ކަންފަތް ބީރުކޮށްގެން ތިބެ ކުރާ ކަމެއްނޫން. ޔާމީނު ވެރިކަމުގެ ޗައިނާއަށް ހިފެހެއްޓުމެއް ނެތި ތާއީދުކޮށް ޗައިނާ ކުރާ ކަމަކަށް ޗުއްޕުވެސް ބުނަން ނުކެރުނީ ޗައިނާ ސަރުކާރުން މުސްލިމުންނަށް ކިހާ ހެޔޮއެދޭތީ ތޯ!!! ް

    3
    7
  11. ިއައިލެނޑް ބޯއި

    2014 ގަ ތިއޮތް ބޮޑު ޖަރީމާ ހިންގި އިރު ޔާމީނެއް ނޫންތަ ވެރިކަމުގަ ހުރީ، ނޫސް ލިޔާ އިރު ނޭގެ ދޯ ވާ ނުވާ އެއް

    2
    1