ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަ މަސް ދުވަސް ވަންދެން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާ ހުންނަވާފައި ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ބޮޑެތި އެތައް ވާހަކަތަކެއް ދައްކަވައިފައެވެ. ނަމަވެސް ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރަސްމީ ސިފައެއްގައި އިއުލާނުކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށާއި ވެރިކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށެވެ.

ނަމަވެސް ވެރިކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު އެންމެ ފުރަތަމަ އެކަމަށް ނުރުހުން ފާޅު ކުރައްވާފައިވަނީ އަމިއްލަފުޅު ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމަށާއި ކޯލިޝަނާކާއެކު ވާދަކުރައްވައިގެން ދެވަނަ ދައުރެއް ހޯއްދެވޭނެކަން ޔަގީންވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކޮންޓިނިއު ވާން އެބަޖެހޭ، އެނގޭ އެއް ކަމަކީ އެއްވެސް ޕާޓީއެއް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން، ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން". ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް އިއުލާނު ކުރައްވާފައެއް ނުވެއެވެ. އަދި އެ ސުވާލު އެކި ނޫސްވެރިން ކުރެއްވުމުން ވެސް ތަކުރާރުކޮށް އެމަނިކުފާނު ދެއްވާފައިވާ ޖަވާބަކީ ރިޔާސީ އިންތިހާބަކީ މާ ފަހުގެ ކަމެއް ކަމުގައެވެ. އަދި މިހާރު އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއް ގޮތުގައި ދެކެނީ ވެފައިވާ ވައުދުތައް ފުއްދުން ކަމުގައެވެ. ނަމަވެސް އެމަނިކުފާނު ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އެކިއެކި ސިފަސިފައިގައި އެންމެން ވެސް ދަނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
[
"އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު، އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމުގެ ވާހަކަ 2023ގެ ރިޔާސީ އިންތިހާބު". ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވުމާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށެވެ.

"މިއީ ބޭރުގެ ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާއި މެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިޝާރާތް ކުރައްވަނީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ތަކެތި އަގުބޮޑުވުމުގެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ދަރަނި 99 ބިލިއަނަށް އަރާފައިވާ މައްސަލައެވެ. އެކަމާއި ގުޅިގެން އިގްތިސާދީ މާހިރުންނާއި ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި ބޭރުގެ ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓްޓިއުޓްތަކުން ވެސް ވަނީ ރާއްޖޭގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނެގި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދަރަނި 99 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. މި ސަރުކާރާ ހަވާލުވި ފަހުން ނެގީ 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ގެ ދަރަންޏެވެ.

މިފަދަ ހާލަތެއްގައި ރައީސް ވެރިކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާއި ގުޅިގެން ނަޝީދުގެ އިތުރުން ވެސް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުންނާއި އާންމުން ވެސް ގެންދަނީ މިއީ ވެރިކަމަށް ހިފަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ހަމައެހެންމެ ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ ރިޔާސީ ޓިކެޓު "ވެދުން" ކުރާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ވެސް އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެންބަރުން ގެންދަވަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ޕްރައިމަރީއަކީ އެންމެ ޑިމޮކްރަޓިކް ރަނގަޅު ގޮތެވެ. އެކަމަކު ކެންޑިޑޭޓަކު ކަނޑައަޅާނީ ކޮންގްރެސްއިން ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ އެކަމާއި ދެކޮޅުހައްދަވާފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތު އޮވެމެ، ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ ވާދަކުރައްވާ ކެނޑިޑޭޓަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

"ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތާއި ޖާގަ އޮވެ، ޕްރައިމަރީއަކާ ނުލާ (އެހެން ގޮތަކުން) ޓިކެޓެއް ހޯދައިގެން އަންނަ ކެންޑިޑޭޓަކަށް ގައިމުވެސް އަޅުގަނޑެއް ވޯޓެއް ނުދޭނަން. ތާއީދެއްވެސް ނުކުރާނަން." ވައްޑޭ ވިދާޅުވިއެވެ.

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެކަމާއި ދެކޮޅު ހަދަމުން ގެންދިޔަ ނަމަވެސް ރައީސްގެ ވާހަކަފުޅު ހުންނެވީ ކޮންގްރެސުން ރިޔާސީ ކެނޑިޑޭޓަކު ނިންމުމަށްކަން ވަރަށް ސާފެވެ. އެއާއެކު އަނެއްކާވެސް ދެބޭފުޅުންގެ ކޯޅުންގަނޑު ބޮޑުވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެންބަރުން ރައީސަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފާޑު ވިދާޅުވަމުންދާއިރު ސަރުކާރު ފެކްޝަންގެ އެއްވެސް މެންބަރަކު މިހާތަނަށް ރައީސަށް ތާއީދުކޮށްފައެއް ވެސް ނުވެއެވެ. މަރުހަބާ ވިދާޅުވެފައިވެސް ވަނީ ކުރީގެ އެމްޑީޕީގެ ބައެއް ބޭފުޅުންނެވެ.

ހަތަރު ލީޑަރުން އެމްޑީޕީގެ އޮފީހުގެ ބޭރުގައި

މީގެ އިތުރުން ކޯލިޝަންގެ ލީޑަރުންނާއި އެކުގައި އެއްކޮށް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ރައީސާއެކުގައި ހުންނަވާނެކަމަށް ކޯލިޝަންގެ އެއްވެސް ލީޑަރަކު ވިދާޅެއް ނުވިއެވެ. ލިބިވަޑައިގަތީ ފިނި ތަރުހީބެކެވެ!

މިގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި އެކުގައި ކޯލިޝަން ހަދައިގެން ވާދަކުރަން ނުނިންމާ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކޯލިޝަނާއި މެދުގައި ވިދާޅުވީ އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް އިއުލާނުކުރައްވާފައިވާއިރު ނަޝީދުވެސް މީގެ ކުރިން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. ދެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އިދިކޮޅުން ވެސް ކުރީގެ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނެކަން އެމަނިކުފާނު މިހާތަނަށް އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒައިކް

    ފިނިކަން ނޫނީ ހޫނު ކަން އެނގޭނީ އިންތިޚާބު ގާތްވެލީމަ.. މިހާރު ދުރު ދުރުން އުޅޭނީ ޑިނާންޑްތައް ކުރަން ރަށްތައް ކާލާ ބަދަލު ހޯދަން

    15
  2. އަލީ

    ނުހޮވޭނެ 2 ވަނަ ދައުރެކައް ސޯލިހެއް،

    15
  3. އިބޫ އައުޓް

    އެމްޑީޕީއަކީ 90،000 މީހުންގެ ޕާޓީއެކޯލަ. އެކަމަކު ރިޔާސީ ޓިކެޓް ދޭނެ ކެންޑީޓޭޓް ނިންމަނީ 150 މީހުންގެ ކުޑަ ކޮންގުރެސްއެކޭ ކިޔުނު ޖަލްސާއަކުން. މައުމޫނު ނަންވާނީ. އެކި ނަންނަމުގައި ހިންގަނީ ހަމަ އެއްކަމެއް. އެއަށް ކިޔަނީ ތަބަކަށްލާފައި ވެރިކަން ދިނުން. ދެން ހަމަ އެބުނާ 150 މީހުން ގަނެލީމަ ނިމުނީތާ ދޯ ބޮޑެތި ޕުރޮޖެކްޓްތަކާ ދެންވެސް އެމީހުންނާ އެމީހުންގެ އާއިލާތަކަށް އެކި ކަންކަން ކޮށްދީގެން. ވަރަށް ސިމްޕަލް އެކަމަކު ހުދުމުހުތާރުވެރިކަމެއްގެ ސިފައެއް އެއީ. ދެރައީ މައުމޫނު އެކަނި ނަންވާތީ. ސޯލިހުގެ ކިބައިންވެސް ފެންނަނީ ހަމަ ސީދާ އެސިފަ. ޑިމޮކްރަސީއޭ ކޮންގުރެސޭ ފަޅޮލޭ ކިޔަސް ހާވަނީ އެއް ހަޑިއެއް. ނަމުން ޑިމޮކްރަސީ ކަމުން ހުދުމުހުތާރު!!! މަގޭ ވޯޓު ހަރާން!

    19
    1
  4. ސެއްޅި

    ރައްޔެތުން މިހާރަކު ރސޯލިހެއް ބޭނުމެއްނޫން ގައުމުގެ ރައްޔެތުން މާޔޫސްވެ ބަނޑައްޖެހިއްޖެ

    18
  5. ގަބުޅިބޭ

    މައުމޫނާއި، އިމްރާނު ދެން އެއްފަރާތުގަ ބެހެއްޓިޔަސް، ބުރުމާގެ ބާރު ކުޑައެއްނުވާނެ، ބުރުމާ ކުރިމަތިވެސް ލައްވަނެ އަދި ޖާބިރު (ޖޯކަރު) ވެސް ހުންނާނެ، ނާޒިމްސޯ އާއި ސަން ޝިޔާމު ކުރިމަތި ލައްވާނެވެސްމެ. އަސްލު ތަޅަންޖެހޭނީ ޕީޕީ އެމް އާއި، ދެންފަހެ ދެވަނަ ބުރުން ސޯލިހުގެ ފަހަތަޢް ދެންތިބީންވެސް އަރާނެ އަނެއްކާވެސް! 2024ގަ މަޖިލިސް ލިބޭކޮޅަކުން ދައުރުގެ މެދުތެރެއިން ބޮޑުވަޒީރުކަމުގެ ކަންތައްގަޑު ހެލޭނެ!

    8
    2
  6. މަޖުބޫރީހާލަތް

    ދެވަނަދައު ރަކައް ކު ރިމަތިލިޔަސް އަހަ ރެން ވޯޓެއްނުދޭނަން ހިޔާފުލެޓުކުލިން އެތަން ހަދަން ހަ ރަދުކު ރި ދެލައްކަ އުނިނުކު ރާހާހިނދަކު

    15
    1
  7. ލިލީ

    ފުލެޓު ގަނޑެއްވެސް ނޭޅުނު ހަމަ އެކަނި ރައީސް

    18
    1
    • ރަޒްމީ

      އެއްވެސް ބަޔަކަށް އެމީހުންގެ ދައުރަކު ފުލެޓެއް އަޅާ ދެވިފައެއް ނެތް

  8. Anonymous

    ހެޔޮ ނުވަނެ، ފައިބާފަ ރ ޔާމީން އާ ހަވާލުކުރޭ

    7
    1
  9. ރަޒްމީ

    ރައީސް މައުމޫން ކަމަކުނުދޭ 30 އަހަރު ވެރިކަން ކުރީމަ !!!!!
    ރައީސް ޔާމީން ވައްކަން ކުރާތީ މީހުން ނުހައްޤުން ޖަލަށްލާތީ ކަޑަ!!!!!
    ރައީސް ވަޙީދު ބަޢާވާތްކުރީމަ ކަމަކުނުދޭ !!!!!!
    ރައީސް ނަޝީދު ލާދިނީ ވުން ވަރިކަމަށް ޤާބިލްނޫން!!!!
    އަލްފާޞިލް ޤާސިމް ރައްޔިތުން އެތަށްފަހަރަކު ނޫނެކޭބުނެފި!!!
    އަލްފާޞިލް އުމަރު ރައްޔިތުން އެތަށްފަހަރަކު ނޫނެކޭބުނެފި!!!
    އަލްފާޞިލް ސަން ޝިޔާމް އަދި ޓެސްޓް ނުކުރެވޭ؟؟؟؟؟

    ރައީސް ސޯލިހު ތަފާތު ދައްކައިފި ދުނިޔޭގެ އެތަށް ޤައުމެއް ކޮވިޑު ތެރޭގައި ޤޮތް ހުސްވިއިރު ނަމޫނާ ދައްކައިފި އަދި ސަރުކާރު އެއްވެސް މުއަށްޒަފަކު ވަޒީފާއިން ވަކިނުކޮށް ޕްރައިވޭޓް ސެކްޓާއިން ވަޒީފާ ގެއްލުނު އެތަށް ބަޔަކަށް އިންކަމް ސަޕޯޓ އެލަވަންސްދީ ސަލާމަތް ކޮށްދީފި ތައުރީފް ހައްޤު އެތަކަމެއް ކޮށްދީފި ދެވަނަ ދައުރެއް ހައްޤުވާ ކިތައްމެ ކަމެއް ފެންނަން އެބަހުރި ޤުޅިގެން މަސަކަތް ކުރުމުގެ ޤާބިލްކަން އެބަހުރި ނުނިމިހުރި އެތަށް ޕުރެޖެކްޓެއް ނިންމާ ދިވެހިންނަށް ބޯހިޔާވަހިކަން ދިފި އަދިވެސް ދަނީ ކުރަމުން މިހެއް ގޮސް ކިތަންމެ ކަމެއް ވީމާ މަގޭ ވޯޓް ދެންވެސް ސޯލިހަށް

  10. ހަސަންކޮއި

    ތިރީގައިވާ ސަބަބުތަކަށްޓަކާ މަމެން ހަމަ ޔަޤީނުންވެސް ސޯލިހަށް ވޯޓެއް ނުދޭނަން
    ކޮވިޑު ވެންޓިލޭޓަރ ހޯދުމުގަ ވައްކަން
    ވެންޓިލޭޓަރ ފައިސާދައްކާފަ ވެންޓިލޭޓަރުތައް ނުލިބޭ
    ކޮވިޑް ފެސިލިޓީތައް ހެދުމުގައި ވައްކަން
    ގައުމު ދުވަހަކުވެސް ދަރުވާނުލާ މިންވަރަށް ދައުވާލައިފި
    އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ގެންގޮސްފި
    އެހީގެ ނަމުގައި އިންޑިޔާއިން ބޮޑެތި ލޯންތަކެއް ނަގާފި
    ފުލެޓްއަޅަން ވައުދުވެގެން ވެރިކަމަށް އައި ސޯލިހަށް އެއްވެސް ފުލެޓެއް ނޭޅުނު
    ޖޫޑީޝަރީ މިނިވަން ނުކުރެވުނު
    ބަދަލުގެ ނަމުގަ ބައިތުލްމާލުން ވަކިބަޔަކަށް ފައިސާ ބަހައިފި
    ވައްކަމާ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެއްޖެ
    ރައީސް މައުމޫނާއި ރައީސް ޔާމިނުގެ ސަރުކާރުތަކަށްވުރެ، ވައްކަމާ ކޮރަޕްޝަން އިތުރުވެ ޖޫޑީޝަރީގެ ޙާލަތުވެސް ގޯހުންގޯހަށް