ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން، ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވިސްނުންފުޅުގައި އޭރުވެސް ހުރި ކަމުގެ އަޑު ފެތުރިފައިވެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މެން ފަދަ އިސް ބޭފުޅުން އިހްތިޔާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ޝާހިދު ވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަކު، އެންމެންނަށް ފަހުން އިއްތިފާގުވެވުނީ ނަޝީދަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެއްވޭތީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކުރީ ސަފަށް ނެރެ އިންތިހާބުގައި ވާދަކުރުމަށެވެ. ޝާހިދު އިހަށް މަޑުކޮށްލާށެވެ.

ވޭތުވެދިޔަ ހަތަރު މަސް ތެރޭ އިންޑިއާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހު ނަޝީދު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. އަމިއްލަފުޅު ދަތުރެއް ކަމުން އެއާ ބެހޭ އެއްވެސް މައުލޫމާތެއް މަޖިލީހަކުން ވެސް އަދި އެމްޑީޕީއަކުން ވެސް ނުދެއެވެ.

ނަމަވެސް، އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުން އަބްދުﷲ ޝާހިދު ވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ޝާހިދުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި އިންޑިއާގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާނެއެވެ. އަދި މިއަދުގެ ނިޔަލަށް ޝާހިދު އިންޑިއާގައި ހުންނަވާނެއެވެ،

ނަޝީދާއި ޝާހިދާ ދެބޭފުޅުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރާއެކު ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުން އެހެން ގައުމެއްގައި އެފަދަ ބައްދަލުވުންތަކެއް ބާއްވާފައިވަނީ އެމްޑީޕީ ވަރަށް ބޮޑު ބަދަލެއްގެ ތެރޭގައި ވަނިކޮށެވެ. އަންނަ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީތަކަކުން ކުޅިބައި އަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެންމެ ބޮޑު ކޮންގްރެސްގައި ވެސް ނަޝީދު ލަދުގަންނަވާލާފައި ވަނިކޮށެވެ. އެމްޑީޕީ ތެރެއިން ނަޝީދު އެކަހެރިވެ، ހަވާސާ ވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމަކު، ޝާހިދާއި ނަޝީދަށް އެއްބަސް ނުވެވޭ އެއް ކަމެއް ހަމަ ޔަގީނުން ވެސް އެބައޮތެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. ނަޝީދު ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށެވެ. ޝާހިދު ބޭނުންފުޅު ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ.

ހަމައެކަނި މި ސަބަބާ ހުރެ ވެސް އެމްޑީޕީގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތައް އޮތީ އެންމެންނަށް ފެންނާށެވެ. އެއީ، ފާއިތުވި ތިން އަހަރު ވެސް ނުހަނު ފާޅުގައި ހިނގަ ހިނގާ ހުރި ކަމެކެވެ.

މިފަދަ ހާލަތެއްގައި އޮއްވާ ދެބޭފުޅުން އިންޑިއާގައި ކުރައްވާ ބައްދަލުވުންތަކާމެދު ސުވާލު އުފައްދަންޖެހޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ޝާހިދަކީ ވެރިކަމަށް "ހުރިހާ ރުކުނެއް ހަމަ" ބޭފުޅެއް ކަމަށް ނަޝީދު ސިފަ ކުރައްވާތީވެސް މެއެވެ.

އަދި، މިވަގުތު އަމިއްލަފުޅު ދަތުރެއްގައި ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަން ޖެހޭ ސަބަބެއް ވެސް ނެތަތީއެވެ. އާއިލާ ވެސް ތިބީ އިނގިރޭސި ވިލާތުގައެވެ. ދެން ހުންނެވި ޝާހިދު ވެސް އިންޑިއާ އަށް މިވަގުތު ވަޑައިގަންނަވަން ޖެހޭ މާ ހާއްސަ ސަބަބެއް ނެތެވެ. އދ. ގައި އިންޑިއާގައި ބައިވެރިވުން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން ނޫން ކަމެއް ރަސްމީ އެޖެންޑާއަކު ނެތެވެ. މިއީ ކުރިން އިއުލާނު ކުރެވިގެން ކުރެވުނު ދަތުރެއް ވެސް ނޫނެވެ.

ސިޔާސީ ނަޒަރަކުން ބަލާއިރު، ހުރިހާ ގޮތަކުން ވެސް ނަޝީދަށްވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާރުގަދައެވެ. މިހާތަނަށް އެމަނިކުފާނާ ދިމާކުރެއްވި ކޮންމެ ފަހަރަކު ވެސް ރީތިކޮށް ނަޝީދު ބަލިކޮށްލައެވެ. އެކަނި، ވާދަކޮށް ބަލިކުރެވޭ ވަރަށް ވުރެ ރައީސް ސޯލިހަށް މިވަގުތު އެމްޑީޕީގައި މާ ތާއީދު ބޮޑެވެ.

އެހެންވެ، ނަޝީދު އޮތީ އަސްލު ހަނގުރާމައަށް އެހެން ބޭފުޅަކު "ދޮން" ކުރައްވާފައެވެ. ރައީސް ސޯލިހް ނަންގަވާފައި މި ސަރުކާރުގާ އެންމެ ނުފޫޒު ގަދަވާނެ އެކަކީ ފޮރިން މިނިސްޓަރ ޝާހިދެވެ. އެމްޑީޕީގެ ތެރޭގައި ވެސް މިވަގުތު ކަން އޮތީ އެހެނޭ ދެންނެވިދާނެއެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ބަލިކުރަން ނަޝީދަށް އޮތް އެންމެ ބޮޑު އުންމީދަކީ ޝާހިދެވެ. އެއީ ފެންނާން އޮތް ހަގީގަތެވެ. ސިޔާސީ ހަގީގަތަށް ބަލައިގެން ހިސާބު ޖައްސަވާނަމަ އެކަން ހުދު ނަޝީދަށް މާ ކުރިން ސާފުވީސް ތާއެވެ.

ރިޔާސީ ޕްރައިމަރީއަށް ތިންވަނަ މީހެއް؛ ތަރުޖަމާއަކީ ކޮބާ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ކޮންގްރެސްގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

 

މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އޮތް އާސްކް ސްޕީކާގައި ނަޝީދު ވަނީ އާންމުން އުންމީދުނުކުރާ ފަދަ ވާހަކައެއް ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި 2018 ގެ އިންތިހާބަށް ނުކުންނަވަންވެސް ޝާހިދު ޝައުގުވެރިވެވަޑައިގަތެވެ. އެ ވާހަކަ އެމަނިކުފާނު އަރިހުގައި ވިދާޅުވިއެވެ. އެކަމަކު، އޭރު ދެއްވެވި ލަފާފުޅަކީ އިހަށް މަޑުކޮށްލެވުމެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން. ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް." އާސްކް ސްޕީކާ ޕްރޮގްރާމްގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނުކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،"

އެ ދުވަހު ވެސް ނަޝީދު ވިދާޅުވީ ތިން ވަނަ ބޭފުޅެއްގެ މުހިއްމު ވާހަކައެވެ. އަދި، އެކަން ކުރިޔަށް އޮތް ހަފްތާތަކުގާ ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިއީ އެ ހަފްތާތަކަށް ވުން ގާތެވެ. ނުރަސްމީކޮށް އިންޑިއާއަށް ވަޑައިގެން ހުންނެވި ނަޝީދާއި، ރަސްމީކޮށް ވަޑައިގެން ހުންނެވި ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

އެހެންކަމުން، ހަތް ބަލިން ބަލިވެވަޑައިގެން ހުންނެވި، ނަޝީދު މިފަހަރުގެ އިންތިހާބަށް ރައްޔިތުންނަށް ޝާހިދު ދެއްކެވުން ވަރަށް ގާތެވެ. އަދި، ވެރިކަމުގެ ޝައުގުވެރިކަން ހުންނެވި ޝާހިދު އެކަން ގަބޫލުކުރެއްވުން ވެސް ވަރަށް ގާތެވެ.

ނިމިދިޔަ އިންތިހާބު އައިރު ވެސް ޝާހިދަކީ އެމްޑީޕީގެ ތެރޭގައި މަގުބޫލު ބޭފުޅެކެވެ. އެކަމަކު، މިހާރު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ އެތަކެއް ސަބަބުތަކަކާއިހުރެ އެމްޑީޕީއާއި، ރާއްޖެއާއި، އަދި މުޅި ދުނިޔޭގައި ވެސް އެބޭފުޅާ ނަން މަޝްހޫރެވެ. އެހާމެ މަގުބޫލެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ހުރިހާ "ރުކުނެއް" ފުރިހަމަ ބޭފުޅެކެވެ. ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ދުވަސްވީ އެމްޑީޕީގެ މެންބަރެކެވެ. ނަޝީދާއެކު ނުކުމެވަޑައިގެން ރައީސްގެ މައްޗަށް ކުރިހޯދަން އެންމެ ފަސޭހަ ވާނީ ވެސް ޝާހިދަށެވެ.

ފޮރިން މިނިސްޓަރު ޝާހިދާއި ރައީސް ސޯލިހް. ފޮޓޯ:ރައީސް އޮފީސް

ކޮންމެ ގޮތެއް ވިޔަސް ފެންނާން އޮތް ހަގީގަތަކީ ހަތް ބަލިން ބަލިވެވަޑައިގެން ހުންނެވި ނަޝީދަށް ވެރިކަން ކުރެއްވެން ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށްފި ކަމެވެ. އިސް ލީޑަރ ނޫން ގޮތެއް ނެތް ހާލަތެވެ. ސިޔާސީ ގޮތުން އިތުރަށް ރައީސް ސޯލިހް ބަލިނުކުރެވޭނެކަން ނަޝީދަށް ކަށަވަރުވެގެންދިޔައީ އެޕާޓީގެ ބޮޑު ކޮންގްރެސްއިންނެވެ.

އެހެންވެ، ނަޝީދަށް މިހާރު އޮތީ 2018 ގައިވެސް ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ބަންދުވުމުން ކަންތައް ކުރެއްވި މަގުން ކަންތައް ކުރެއްވުމެވެ. ތިން ވަނަ މީހެއްގެ ގޮތުގައި ޝާހިދު ނެރެގެން ކެމްޕޭން ފެށުމެވެ. އެކަމަކު، 2018ގައި އޮތް މަޝްރަހު މިހާރު ބަދަލުވެއްޖެއެވެ. އެހެންކަމުން ޝާހިދުގެ ޝައުގުވެރިކަން އަދިވެސް ހުރިތޯ ވާނީ ބޮޑު ސުވާލަކަށެވެ. އޭރު، ނުކުންނަވަން އުޅުއްވިއިރު ވާދަކުރައްވަން ހުންނެވީ ޝާހިދު އެކަންޏެވެ. ވެރިކަމަށް އޭރު ޝައުގުވެރިކަން ފާޅުކުރެއްވީ ވެސް އެހެންވެ ކަމަށް ބެލެވެއެވެ.

މިއަދުގެ ހާލަތު ތަފާތެވެ. އޭރާ ބަލާއިރު، ޝާހިދަށް ފުރުސަތު ހަންޏެވެ. އެކަމަކު، ރައީސް ސޯލިހް ބަލިކުރަން ނަޝީދަށް އޮތް އެންމެ "ރުކުން ހަމަ" ބޭފުޅަކަށް ވާނީ އޭނާއެވެ. އެ މަގަށް ނަޝީދު މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި، ސިޔާސީ މަންޒަރަށް ބަލާއިރު މިއީ ޝާހިދަށް ވެރިކަމަށް ވަޑައިގެންނެވެން އޮތް ފަހު ފުރުސަތެއް ކަމަށް ވުން ވެސް ގާތެވެ.

ސުވާލަކީ ޝާހިދު، ނަޝީދާއެކު ނުކުންނަވާފާނެތޯއެވެ؟

އެ ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝެބްލޯ

    އެހާ އަވަހަށް ބިރުގަތީދޯ ބަގުތު. އިންޑިޔާގެ ސްޓްރެޖިސްޓުންގެ އެހީގަ ދެންއޮތް 20 އަހަރުވެސް ދަމައިގަންނާނަން.

    4
    25
    • Anonymous

      އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރު ގެ ދެ ޕަޕެޓުން

  2. ނޫރު

    ހއ. ހދ. އަނެއްކާ ދޫކުރަން ޑީލެއް ނަހަދާތި.

  3. ޖާހިއްލޯ

    ޓުރެއިޓާރސް

  4. ބާބޫ

    ޝާހިދަކީ ސިޔާސީ ވިސްނުމަށް ބަލާ އިރު ރާއްޖެ އެފަދަ ދެވަނައެއް ނުދެކޭ ފަދަ ބޭފުޅެއް. ކޮންމެ ވެރިކަމެއްގައިވެސް ބަރާބަރަށް ބާރާއި ނުފޫޒުގައި ހުންނެވުމާއި، ބަނޑުން ލޯއަޑުކިޔަންދެން ރައްޔިތުންގެ ފައިސާ ފަރިއްކުޅުއްވައި މިއަދު އެވަނީ މާލީ ގޮތުންނާއި ސިޔާސީގޮތުން ބޮންތިއަށް ވާޞިލްވެ ވަޑައިގަންނަވާފައެވެ. ޝާހިދަކީ ސިޔާސީ ފަސްމީރު ކުރިރުކެކެވެ. އ/ހ

    10
    5
  5. އަނގޮޅި

    ޝާހިދަކީ ސިޔާސީ ގޮތުން ތިންފައްވެފަ ހުރި މީހެއްކަން ދަންނަހުށި. ހުރިހާ ވެރިކަމެއްގަ ގުއްކިޔާފަ ލާރިކޭ މީހެއްކަން ދަންނަހުށި.

    14
  6. ޔަރުމޫކް

    ކެރަފާ ސޮރުގެ ބާރުނެތި އިނދަޖެހިއްޖެއެވެ. މިހާރު ރަށުގޮފި ތަކުގެ ރައީސުން، މެންބަރުން އޭނާއަށް ކާޅަށް، ކުކުޅަށް ދަންދެން އެހެރަ ބަވާނަގަނީއެވެ.

    10
  7. މުސްކުޅި ދޮންބެ

    ކެރަފާ ސޮރާއި، ޝާހިދު އާއި ދެމީހުންނީ އުތުރުކަރަ( އިންޑިޔާގެ) ގެ ދެ ޕަޕެޓުންކަން ދިވެހި ރައްޔިތުން ދަންނަހުށި. އަދި އެދެ މީހުން ވެރިކަމާއި ބޫތުގަނެ ، ލަނގޮނޑީގައި ނާށިލާފައިވާ މިންވަރުން ދިވެހި ބިން އިންޑިޔާއަށް އަޅުވެތުކޮއްފުމަށް ފަސްނުޖެހޭނެކަން ދިވެހި ރައްޔިތުން ދަންނަހުށި.

    10
  8. މަޖުބޫރީހާލަތް.

    ނަޝީ ދު ދެން ދޭ މަހައް އިބޫ ބަލިކުރެވޭވަރު މީހަކުނެތް ދެފަޅިން ވިލާ އަރާ ބައް ދާފަ ބޯގަންވިލާ ފައްޔާޒު ވިލާ ގާސިމު ހަރަ ދު ކޮއްގެން އަންނި އަޔަނު ދީ ވޭތޯ ބަލާނަން ސާފު ވެއްޖެބާ އަބުޅޯ ހިބަރުބާނާ