ހަޤީގަތެއް ކަމުގައި ވިޔަސް ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައިން އާޚިރުގައި ކުރާނެ އަސަރަކަށް ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާގައި މުއުމިނުންގެ ކިބައިން ފެނިގެންދާ ސިފަތަކަށް ވަނީ އަލިއަޅުވާލާފައެވެ.

މުއުމިނުންގެ ފުރަތަމަ ސިފައެއްކަމުގައި ގެންނަވާފައިވަނީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނަނީ ފުރިހަމަ މުއުމިނުން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ނަމާދު ކުރާއިރު ނަމާދަކީ ތިބާގެ އެންމެ ފަހު ނަމާދުގެ ގޮތުގައި ދެކިގެން އެކަލާނގެ ތިބާއަށް ފެންނަ ފަދައިން ކުރާށެވެ! ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާ ދެކެދެނެވޮޑިގެން ވެއެވެ." ރަސޫލާ ހަދިޘްކުރައްވާފައިވެއެވެ.

ޚުތުބާގައި ބުނާގޮތުން މުއުމިނުންގެ ދެވަނަ ސިފައަކީ މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރާ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުހެލިވުމެވެ. އިންސާނުންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްއޫލުވެއުޅުމަކީ ދެރަކަމެއް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައަކަށްވާތީ އެވާހަކަތަަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމުމަށް ވަނީ ގޮވާލާފައެވެ.

މުދަލުގެ ޒަކާތަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ އިސްލާމްކަމުގެ ރުކުނެއް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ދީނުގެ ރުކުނެއްގެ ވާހަކައެވެ. އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ލަދުވެތި ގުނަވަންތައް ރައްކާތެރިކޮށް ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމަށާއި ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޒިނޭކުރުންމަތީ ދެމިހުންނަ މީހާއާ މެދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ.‏

"އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު، އެ ޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."

އެފަދަ ޢަމަލުތައް ކޮށްއުޅޭ މީހާ މާތް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވުމަށާއި އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ. އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ." ޚުތުބާގައި ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ނަމާދަށް ރައްކާތެރިވެ ފަސް ނަމާދު އޭގެ ވަގުތުގައި ކުރުމަކީވެސް މުއުމިނުގެ ސިފައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ވިދާޅުވަނީ މުއުމިނުގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭފަރު ފުޅު

    އައްދިއްޔޯއި.....