ޒަކާތް ވާޖިބު ވެއްޖެ ކޮންމެ މީހެއްގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި އިންސާނުންނަށް އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތައް ދެއްވާފައިވާއިރު އެ ނިއުމަތްތަކުގެ ވެރިފަރާތަކީ އެކަލާނގެއެވެ. އެގޮތުން މުދާވެރިކަމާއި ތަނަވަސްކަމަކީވެސް އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ނިއުމަތަކަށްވީ ހިނދު އެ ނިއުމަތުން އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، اللهގެ މަގުގައި ހޭދަކުރަން ޚުތުބާގައި ވަނީ ގޮވާލާފައެވެ.

"މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ. ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ނަސޭހަތްތެރިވަމެވެ."ޚުތުބާގައި ވިދާޅުވިއެވެ.

ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެކެވެ. މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެކެވެ. ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަމަށާއި މުދާވެރި ތަނަވަސް މީހުން މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަމަށް ވަނީި ވިދާޅުވެފައެވެ.

ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުން ގިނަ ދުނިޔެވީ މަންފާތައް ލިބިގެންދާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެގޮތުން ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ފަދަ ފައިދާ ޒަކާތުގެ ސަބަބުން ކުރެއެވެ.

ޚުތުބާގައި ވިދާޅުވީ ގިނަ ބަޔަކު މުދަލުގެ ޒަކާތް ނުދައްކާ ކަމަށާއި ބައެއް މީހުން ޒަކާތޭ ބުނުމުން ހަމައެކަނި ދައްކަނީ ފިތުރު ޒަކާތެވެ.

"ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެކެވެ. ނުވަތަ ކުށްހީއެކެވެ. އެހެނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެއެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔެވެ." ޚުތުބާގައި ވިދާޅުވިއެވެ.

މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭ ކަމަށާއި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޒަކާތް ދެއްކުމަކީ ވާޖިބެއްކަން ދެނެހުރިން. ސުވާލަކީ މުސްލިމުން އަތުން، ފާޑު ފާޑުގެ ނަން ކިޔަކިޔާފައި ޓެކްސް ނެގުން ހުއްދަތޯ؟