ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ އަޅުކަމުގެ ތެރެއިން ފަލަސްތީނަށް ނަސްރުދެއްވުން އެދި ދުއާ ކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ހައްޤުގައި އަޑުއުފުލައި ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަތް ގުޅާލުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެންމެ މުހިއްމު އަޅުކަންތައް އެއްވާ މާތް ދުވަސްތަކަށްވުމާއެކު، ފަލަސްތީނަށްޓަކައި ހެޔު ދުއާކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ކުރާ މަސައްކަތް ކުރަމުންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށްވާތީ އެއަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މިއަދުގެ ޚުތުބާގައި ގޮވާލައްވާފައި ވެއެވެ.

އިސްރާއީލުން އިސްލާމީ އުއްމަތް ނައްތާލުމަށްޓަކައި ހިންގަމުންދާ ޖަރީމާގައި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާތީ އެ އަނިޔާވެރި އަމަލު ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.

"މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ. މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލަމެވެ.". ޚުތުބާގައި ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި މެދު ދިވެހީންގެ ހިތްތަކުގައި އުޚުއްވަތްތެރިކަން ބިންވަޅުނެގިފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުން ފަލަސްތީނަކީ މާތްވެގެންވާ ބިމެކެވެ. އެބިމުގައި އިސްލާމީ އުންމަތުގެ ޢިއްޒަތާއި ކަރާމަތާ ގުޅިފައިވާ ފަސްގަނޑެއްކަމުންނފަލަސްތީނަށާއި އެގައުމުގެ ރައްޔިތުންނަށް ދިވެހީންގެ ހިތުގައި ލޯތްބާއި ހަމްދަރުދީ އަދި އުޚުއްވަތްތެރިކަން ބިންވަޅު ނެގިފައިވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައި ލޯތްބާއި، ހަމްދަރުދީއާއި، އުޚުއްވަތްތެރިކަން ވަނީ ބިންވަޅުނެގިފައެވެ. ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެކެވެ." ޚުތުބާގައި ވިދާޅުވިއެވެ.

އިސްލާމްދީނުގައި އަނިޔާވެރިވުން ޙަރާމްކުރައްވާފައިވާ ކަމަށާއި އަދި ހަނގުރާމައިގެ އަސީރުންނަށްވެސް ހެޔޮކޮށް ހިތައި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށާއި ހަނގުރާމައިގެ ޙާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނާވާރުތަށް މެރުން، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުން ފަލަސްތީނުގައި ހުންނަ އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެއެވެ. އެހެންކަމުން މި މިސްކިތް ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެއް ކަމަށާއި އެ މިސްކިތް ނުވަތަ އެ ބިން މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު