އަރަފާތް ދުވަހަކީ ބަރަކާތްތެރި ދުވަހެއް ކަމަށާއި އެދުވަހުގެ ސަވާބާއި ދަރުމަ ހޯދުމަށް ގިނަގިނައިން ޒިކުރުކޮށް، ހެޔޮ އަމަލުތައް ގިނަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުމަށާއި، އެ ދުވަހު އެތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުޢާކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ކަމަށާއި އެއީ ބަރަކާތްތެރި ދުވަހެެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ! އެ ދުވަހު އެ ތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުޢާކުރާށެވެ!" ޚުތުބާގައި ވިދާޅުވިއެވެ.

އަރަފާތު ދުވަހާއި ބެހޭ ގޮތުން ރަސޫލާ ހަދީސް ކުރެއްވީ "ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާއިރު، އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހިމެނޭ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކުލަ ނުވަތަ ނަސްލު ތަފާތުވިޔަސް އަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. އެމީހުންގެ އީމާންކަން އެންމެން އެއްތަންކުރަނީ އެތައް ހާސް އަހަރެއް ކުރީން އިބްރާހިމްގެފާނު ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ޢަރަފާތު ދުވަހު ޢަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ.

ހައްޖު ދުވަހު އަރަފާތު ބިމުން ފެނިގެންދާ މަންޒަރަކީ ކޮންމެ މުސްލިމެއްގެ ހިތަށްވެސް ފިނިކަމެއް ގެނެސްދޭ އުފާވެރި މަންޒަރެއް ކަމަށާއި އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ އަހަރު ތެރޭގައިވާ އެންމެ މާތް ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ.

އަރަފާތު ދުވަހު ހައްޖުވެރީން ނޫން މީހުން ރޯދަހިފުމަކީ މުސްތަހައްބު ކަމެއް ކަމަށާއި ހައްޖުވެރިޔާގެ ކަމަކަށް އޮންނާނީ ދުއާކުރުމާއި ޒިކުރުކުރުން އަދި ޤުރުއާން ކިޔެވުން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ. މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާއެވެ. އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެއެވެ.'' ޚުތުބާގައި ވިދާޅުވިއެވެ.

ހަމައެއާއެކު ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް الله ފަޚުވެރިވެވޮޑިގަންނަވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    މިއޮތީ އެދުވަހުގެ އެންމެމޮޅު ޒިކުރު!
    (إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)