ޤާޟީން ނުވަތަ އަދުލު އިންސާފުގާއިމްކޮށް ނިޔާއިއްވުމަށް ކަނޑައަޅައިފައި ހުންނަ ފަރާތަކީ އަދުލުވެރި ފަރާތަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަކީ އެކަމެއްގެ ސަބަބުން އެމީހަކަށް މިދުނިޔެ މަތީގައްޔާއި އުޙްރަވީ ހަޔާތުގައިވެސް ކާމިޔާބާއި ފަލާޙް ލިބޭނެ ކަމެކެވެ.

ގާޟީން އަރިހަށް ހުށަހެޅޭ މައްސަލައެއް ދެނެނަގެ އަދުލްވެރިމަކާއި އެކު އެ މައްސަލަ ނިންމުމަށް ކުރެވެންއޮތްހާ ކަމެއް ޤާޟީން ކުރަންޖެހޭނެވެ. އަދި ޤާޟީން ކަމެއް ނިންމަން ޖެހޭނީ އެކަމެއްގެ ހެއްކާއި ޤަރީނާގެ މަށްޗަށެވެ. އަދި ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމަށް ހުކުމް ކުރާއިރު ބަލަން ޖެހޭނެއެވެ. އެއީ ކުށެއް ކުރުމުން އެކުށަކަށް ނުހައްޤު އަދަބެއް ދެވިދާނެތީއެވެ. އަދި ތިމާ ނިންމާ ނިންމުމެއްގެ ސަބަބުން އަނެކުންގެ ހައްގެއް ނިގުޅައިގަނެވިދާނެތީއެވެ.

ސަލާމާއި ރަސޫލާ(ސ.އ.ވ) ހަދީޘް ކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ.

"ހާކިމު މީހާ ހުކުމެއްކުރާނަމަ ފަހެ އިޖުތިހާދުކުރާށެވެ. ދެންއެއީ ރަނގަޅު ގޮތަކަމުގައިވަނީނަމަ އޭނާއަށް ދެ އަޖުރު ލިބިގެންވެއެވެ. ފަހެ ހުކުމެއް ކުރާނަމަ ފަހެ އިޖުތިހާދުކުރާށެވެ. ދެން އެއި ނުބައިގޮތްކަމުގައި ވަނީނަމަ އޭނާއަށް އެއް އަޖުރު ލިބިގެންވެއެވެ."( ސަހީހު ބުހާރީ)

އިސްލާމްދިނުގެ މަތިވެރި އަގުތަކުގެ ތެރެއިން އެންމެ މަތިވެރި އަގުކުރުންކަމުގައިވަނީ ޢަދުލްވެރިކަމެވެ. އެހެންކަމުން އަދުލު އިންސާފުގާއިމްކުރަން ހުންނަ ގާޟީއަކީ އަދުލުވެރިއަކަށްވުން ލާޒިމެވެ. އެހެން ނޫންނަމަ އެމީހެއް މަޙްޝަރު ކުރެވޭނީ ދެރަ ނިކަމެތި ހާލުގައެވެ. އަދި އެމީހެއް އެދުވަހުން ނަރައިގެ ހޫނު އަލިފާނަށް އެއްލައިލެވޭނެތެވެ.

ރަސޫލާ (ސ.އ.ވ) ހަދީޘްކުރައްވާފައިވާ ހަދީޘެއްގެ މާނައިގައިވެއެވެ.

"ޤާޟީން ބެހިގެންވަނީ 3 ބަޔަކަށެވެ. ދެ ޤާޟީން ވަނީ ނަރަކައިގައިއެވެ. އެއް ޤާޟީވަނީ ސުވަރުގޭގައެވެ. ހައްޤުގޮތް އެގިހުރެ ހައްޤާއި އިދިކޮޅަށް ނިޔާ އިއްވާމީހާ ވަނީ ނަރަކައިގައެވެ. އަދި ނުދަނެހުރެ މީހުންގެ ހައްޤުތައް ހަލާކުކޮށްލާ ޤާޟީވަނީ ނަރަކައިގައެވެ. އަދި ހައްޤަށް ނިޔާއިއްވާ ޤާޟީވަނީ ސުވަރުގޭގައެވެ. "(سنن الترمذي 1322) .

އަދިވެސް އެހެން ރަސޫލާ(ސ.އ.ވ)ގެ ހަދީޘެއްގެ މާނައިގައިވެއެވެ.

" “ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކައިރިއަށް ނިޔާއިއްވުމަށްޓަކައި އާދެތެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން ފަދަ އިންސާނެކެވެ. ތިޔަބައިމީހުން ކުރެ ބައެއް މީހުން ޙުއްޖަތް ޤާއިމްކުރުމުގައި އަނެއްބައި މީހުންނަށްވުރެ ވާހަކަދެއްކުމުގައި ދޫ ތުރާއެވެ. ތިމަންކަލޭގެފާނު ޙުކުމްކުރައްވަނީ ތިމަންކަލޭގެފާނަށް ހެކީގެ ގޮތުގައި އިވިވަޑައިގަންނަވާ އެއްޗަކަށް ބައްލަވާފައެވެ. އެއްވެސް މީހެއްގެ ޙައްޤެއް އެހެންމީހަކަށް ދިނުމަށް ތިމަންކަލޭގެފާނަށް ޙުކުމް ކުރެވިއްޖެނަމަ ފަހެ އެ އެތީގައި ނުހިފާށެވެ. އެއީ ނަރަކައިގެން އަލިފާނުގެ ތެރެއިން ކަނޑާލެވޭ އަލިފާންގަނޑެކެވެ ”

ޤާޟީންގެ ތެރެއިން އަދުލު އިންސާފުގެ މަގު އެއްފަރާތްކޮށް ބާތިލް މަގު އިހްތިޔާރު ކުރި މީހުންނަށް ޤިޔާމަތް ދުވަހުން ވޭން ދެނިވި އަޒާބު ހުރިކަން ޤުރުޢާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާއިރު އަދުގެ މުޖުތަމައުން ފެންނަކީ އަދުލު އިންސާފުގެ ނިޒާމު ނީލަން ކިޔާ އުސޫލުން ވިއްކޭ މަންޒަރެކެވެ. ފައިސާއަށް ޤާޟީން ގަނެ އެމީހުން ލައްވާ ބޭނުން ހުކުމެއް ނެރެމުންދާ ތަނެވެ. ނުހައްޤުން އެތަކެއް މީހުނެއްގެ ހައްޤުތަށް ޤާޟީން މެދުވެރިވެގެން ނިގުޅައިގަނެވިފައިވާ މަންޒަރެވެ. ކުރުކޮށް ބުނާނަމަ އަދުލް އިންސާފު ގާއިމްކުރުމުގެ ނިޒާމް އަދު މިވަނީ ފެއިލް ވެފައެވެ.

އެހެންކަމުން ޤާޟީން ހައްޤުމަގަށް ރުޖޫއަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަދި އަދުލުވެރިވުމަށް އެބައިމީހުންނށް ހަނދުމަ ކޮށްދޭން އެބަޖެހެއެވެ.