الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ﷲއަށް އީމާންވުން

ބަހުގެ ގޮތުން އީމާންވުމަކީ ޤަބޫލުކުރުމެވެ.

ޝަރުޢީގޮތުން އީމާންވުމަކީ ހިތުން އިޢުތިޤާދުކުރުމާއި އެކު، ދުލުން ކިޔައި އަދި ގުނަވަންތަކުން ޢަމަލުކުރުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލަ ވަޙީކުރައްވާފައިވެއެވެ. ( قَالَتِ الْأَعْرَابُ آمَنَّا، قُل لَّمْ تُؤْمِنُوا وَلَـٰكِن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُمْ) سورة الحجرات: 14.

މާނައީ: "އަޢުރާބީން ބުންޏެވެ. ތިމަންމެން އީމާން ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އިމާނެއް ނުވަމުއެވެ. އެހެނެއްކަމަކު ތިމަންމެން އިސްލާމްވެއްޖައީމޭ ބުނާށެވެ. ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެއެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އީމާންކަމާއި ބެހޭގޮތުން ސުވާލުވެވުމުން ޙަދީޘްކުރައްވާފައިވެއެވެ.

(أَن تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) متفق عليه.

މާނައީ: "އެއީ ﷲއާއި މަލާއިކަތުންނާއި ފޮތްތަކަށާއި ރަސޫލުންނާއި އަދި ޤިޔާމަތްދުވަހަށް އީމާންވުމެވެ. އަދި ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ."

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. "އީމާންކަމަކީ ނަމައަކުން ނުވަތަ އެކަމަށް ދަޢުވާކޮށްގެން ޙާޞިލުވާ އެއްޗެއްނޫނެވެ. ނަމަވެސް އެއީ ހިތުގައި ޤަރާރުވެ، އަދި އެކަން ޢަމަލުން ތެދުކުރުމުން ޙާޞިލުވާ އެއްޗެކެވެ."

އިސްލާމްކަމާއި އީމާންކަން ޖަމާވެއްޖެނަމަ، އިސްލާމްކަން މާނަކުރެވޭނީ ބޭރުފުށުގެ ޢަމަލުތައްކަމުގައެވެ. އަދި އީމާންކަން އެތެރޭގެ ހިތުގެ ޢަމަލުތައްކަމުގައެވެ.

އަދި ވަކިން އިސްލާމްކަމާއި އަދި އީމާންކަން އޮވެއްޖެނަމަ، އިސްލާމްކަން އެޙާލަތުގައި މާނައަކީ މުޅި އިސްލާމްދީނުގެ ވާހަކައެވެ.

އަދި އީމާންކަން އެކަހެރިކޮށް އިސްލާމްކަމުގެ ޒިކުރުނުވެ އަޅާނުކިޔެ އައިސްފިނަމަ، މުރާދަކީ މުޅި އިސްލާމްދީނެވެ. އެއްކޮށް އަތުވެއްޖެނަމަ މާނަ ތަފާތުވެއެވެ. އަދި ވަކިން އައިސްފިނަމަ މާނަ އެއްގޮތްވެއެވެ. والله أعلم.

އީމާންކަމުގެ އަޞްލުތައް.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު އަދާކުރަން ޖެހޭ ޙައްޤުތަކެއްވެއެވެ. އެހެނީ މުސްލިމަކަށްވީތީ ފަސްރުކުންތައް އަދާކުރަން ޖެހޭފަދައިން އަޅުގަނޑުމެން އީމާންވާންޖެހޭ ކަންތައްތަކެއްވެސްވެއެވެ. މިލިޔުމުގައި މިއަލިއަޅުވާލަނީ އެއަޞްލުތަކަކީ ކޮބައިކަމާމެދުގައެވެ.

އީމާންކަމުގެ އުޞޫލުތައް. (އަޞްލުތައް)

އީމާންވުން ވާޖިބުވެގެންވާ އީމާންކަމުގެ އަޞްލުތަކަކީ ހައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ސުންނަތުގައި ޙަދީޘުގައިވެސް ބަޔާންވެފައިވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ ) سورة البقرة: 177

މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ."

މިއާޔަތުގައި އީމާންކަމުގެ އަޞްލުތަކުގެ ތެރޭން ފަސްކަމެއް ޖަމާވެގެންވެއެވެ. އެއީ:

ހ. ﷲއަށް އީމާންވުން.

ށ. އާޚިރަތް ދުވަހަށް އީމާންވުން.

ނ. މަލާއިކަތުންނަށް އީމާންވުން.

ރ. ފޮތްތަކަށް އީމާންވުން.

ބ. ނަބީބޭކަލުންނަށް އީމާންވުން.

ދެން ބާކީވަނީ ޤަދަރަށް (ހެޔޮ އަދި ނުބައި މިންވަރަށް، ޤަޟާ ޤަދަރަށް) އީމާންވުމެވެ. އެކަން ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަސްފުޅުގައި އަންގަވާފައިވެއެވެ.

(إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ) سورة القمر: 49.

މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ."

(މިހާރު ޤުރުއާނުން މިކަމަށް ދަލީލުލިބުނީއެވެ.) ސުންނަތުގައި ޙަދީޘްގައި މިކަމަށް ދަލީލުކުރާ ޙަދީޘްތައް ވަރަށް ގިނައެވެ. އެތަނުން ދަލީލެއް ޒިކުރުކޮށްލުމުން އަޅުގަނޑުމެންނަށް ފުދެއެވެ. އެއީ އީމާންކަމާއި އިސްލާމްކަމާއި އަދި އިޙުސާންކަން ބަޔާންވެފައިވާ ޙަދީޘްގެ އެންމެ މުހިންމު އަސާސީ ޙަދީޘެވެ. އެއީ ޖިބްރީލު ޙަދީޘެވެ. (އެނަމުން މަޝްހޫރުވެފައިވާ ޙަދީޘެވެ.) އެޙަދީޘްގައި ޖިބްރީލު ޢަލައިހިއްސަލާމް ވިދާޅުވިއެވެ. އީމާންކަމާއިބެހޭގޮތުން ޚަބަރުދެއްވާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (اأَن تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) متفق عليه.

މާނައީ: "އެއީ ﷲއާއި މަލާއިކަތުންނާއި ފޮތްތަކަށާއި ރަސޫލުންނާއި އަދި ޤިޔާމަތްދުވަހަށް އީމާންވުމެވެ. އަދި ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ."

އީމާންކަމުގެ ހަ ރުކުނަކީ މިއީއެވެ. މިހުރިހާ ރުކުންތަކުގެ ތަފުސީލު ކޮންމެ ބަޔެއް ވަކިން އަންނަން އޮތް ލިޔުންތަކުގައި ހުށައަޅާލެވޭނެއެވެ.

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

(ނުނިމޭ)