މީސްތަކުން މިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައި ޖެހިފައެވެ. ޝައިޠާނާގެ ވަސްވާހަށް ތަބާވެފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޤު ވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. އެބައިމީހުންދަނީ އުފާ ފާޅުކުރަމުންނެވެ. އުފަންދުވަހުގެ ޕާރޓީތައް ބާއްވަމުންނެވެ. ކައިވެންޏާއި އެހެނިހެން ކަންތަކަށް އަހަރުފުރުމުގެ މުނާސަބަތުތައް ފާހަގަކުރަމުންނެވެ. އެއީ އެބައިމީހުންގެ ޢުމުރުން މަދުވާ ދުވަސްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއްނުކުރެވެއެވެ. އެބައިމީހުންނަށް ވަގުތުގެ އަގު ވަޒަނެއްނުކުރެވެއެވެ. އާދެ ! ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ.

ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

އާދެ! މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ. ޤަބުރުތަކުގެ އަހުލުވެރިންގެ ހަޅޭކުގެ އަޑު އިވޭނަމަ، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގުނީހެވެ. ދުނިޔޭގައި ބޭކާރުގޮތުގައި ނަގާލި ވަގުތުތަކާމެދު އެބައިމީހުންދަނީ ހިތާމަ ކުރަމުންނެވެ. އަދިއެއްފަހަރު އެވަގުތު ލިބޭނޭނަމަ ކިހާ ރަނގަޅުހޭ ބުނަމުންނެވެ.)رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ (" އޭ އަޅަމެން ހައްދަވައިގެންގުޅުއްވަވާ އިލާހެވެ. އަޅަމެން ކުރަމުންގެންދިޔަ (ނުބައި)ޢަމަލުތަކާއި ޚިލާފަށް ޞާލިހު ޢަމަލުކުރުމަށްޓަކައި، އަޅަމެން (ނަރަކައިން)ނެރުއްވަވާފާނދޭވެ.(އަދިއެއްފަހަރު ދުނިޔެއަށް ފޮނުއްވަވާފާނދޭވެ.)"

ނިޢުމަތްތަކުގެ އަގު ވަޒަންކުރެއްވެވި ބޭކަލުން، އެބޭކަލުންގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެންދިޔަނުދެއްވެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވެވިއެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.( لقد أدركت أقواماً كانوا على أوقاتهم أشد حرصاً منكم على أموالكم) " ތިޔަބައިމީހުން މުދަލަށް ރައްކާތެރިވާވަރަށްވުރެ ބޮޑަށް އެބައިމީހުންގެ ވަގުތުތަކަށް ރައްކާތެރިވެލައްވާ ބޭކަލުންތަކަކާ ތިމަންކަލޭގެފާނަށް ބައްދަލުވިއެވެ."އެބޭކަލުންގެ ވަގުތުތައް އެބޭކަލުން ހޭދަކުރެއްވެވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ނުވަތަ ޢިލްމު އުގަންނަވައި ދެއްވެވުމުގައެވެ. ނުވަތަ އަޅުކަންކުރެއްވެވުމުގައެވެ. ޚަޠީބުލްބަޣްދާދީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު މަގުމަތިން ހިންގަވާ ވަޑައިގަންނަވާއިރުވެސް ވަޑައިގަންނަވަނީ ފޮތެއް މުޠާލަޢާ ކުރައްވަވަމުންނެވެ. އަދި އިބްނުރަޖަބް އަލްހަންބަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގޭފާނު ލިޔުއްވަވާފައިވާ ފޮތްތައް އެކަލޭގެފާނުގެ މުޅި ޢުމުރަށް ބަހާލެވުނު އިރު ކޮންމެ ދުވަހަކަށް ނުވަފޮތް ވެއެވެ. އަދި ޖަޢުފަރު ބިން ޢަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. ( ما دخلت على جعفر بن علي إلا وجدته على إحدى ثلاث: إما قائماً يصلي، أو جالساً يقرأ القرآن، أو جالساً يذكر الله) " ޖަޢުފަރުބިން ޢަލީ ރަޙިމަހުﷲ، ނަމާދު ކުރައްވަވަން ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާން ނުވަތަ ޒިކުރުކުރައްވަަވަން ނުހުންނަވާ ވަގުތެއްގައި ތިމަންކަލޭގެފާނަށް، އެކަލޭގެފާނުގެ އަރިހަށް ނުދެވެއެވެ."

ހެދުނުވެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ. އަދި ހަވީރުވެއްޖެއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށްވެސް އުއްމީދުނުކުރައްވަވާށެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވަވާށެވެ. އޭ ލޮބުވެތި އުޚްތުންނޭވޭ! ޙައްޖުދުވަހު ނުވަތަ އަހަރުފެށޭ ދުވަހު ބުރުޤާ އެޅުއްވުމަށް ނުތިއްބަވާށެވެ. އެދުވަސް ޖެހުމުގެ ކުރިން މަރު އައިސް ބައްދަލުކޮށްފިއްޔާ ދެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އަލްއިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. (إياك والتسويف فإنك في يومك ولست بغدك) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިބާ ތިހިރީ މިއަދުގައެވެ. މާދަމާއެއްގަނޫނެވެ." އަދި ސަލަފުންގެ އެހެންބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. (احذروا سوف فإنها من جنود إبليس) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ލަޝްކަރުގެ މީހެކެވެ."

ހިތުގެ ވިންދު އަބަދުވެސް އިންސާނާ ކައިރި ބުނަމުން ދެއެވެ. ހަމަކަށަވަރުން، ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޒޫ

    ފުރިހަމަ ލިޔުމެއް

    10