މިދިޔަ ހުކުރު ދުވަހުގެ ރޭ ހ.ތިލަފުށި ގޭގައި ހިނގާ ދިޔަ ހާދިޘާއަކީ ފަހުގެ ތާރީޙެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާއާއި ގުޅިގެން އެތައް ބައެއް ވަގުތީ ހިޔާތަކުގައި ދިރިއުޅެން ޖެހިފައިވާ އިރު، މި ހާދިސާގައި އެކަކު ވަނީ މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފައެވެ. މި ހިތާމަވެރި، އަދި ނުރައްކާތެރި ހާދިސާ އެންމެ ކައިރިން ދުށް އެކަކަކީ، ޝަމީމު ހަސަން (ސަންމު)އެވެ. އޭނާ ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް "ވަގުތު"އާއި ހިއްސާކޮށްފައެވެ.

"މާރުކޭޓުން ތަރުކާރީކޮޅެއް ގަނެގެން ފުވައްމުލަކަށް ފޮނުވައިލަންވެގެން އައިލެންޑް އޭވިއޭޝަނަށް އަޅުގަނޑު ދިޔައީ ރައްޓެއްސަކާއިއެކު. ނަމަވެސް އެވަގުތު ފްލައިޓް ނެތުމުން ކޮންމެވެސް އެއްޗެއް ކާލަން ވެގެން އަޅުގަނޑު ދިޔައީ މަޖީދީ މަގުގަ ހުންނަ ހޮޓަލަކަށް. މަޖީދީމަގުގަ ސައިކަލް ޕާކު ނުކުރެވޭތީ ކުރިމަތީގައި އޮތް ޕާކިން ޒޯނުގަ ސައިކަލް ޕާކްކޮށްފައި، ސައިކަލުން ފޭބި ތަނާ ކަހަލަ ގޮތަކަށް ވަރަށް ބާރު އަޑެއް އަޅުގަނޑަށް އިވުނު. އަޅުގަނޑު ހީކުރީ ހަވާ އަރުވަނީ ކަމަށް. ނަމަވެސް އެމަގަށް ނިކުތްތަނާކަހަލަ ގޮތަކަށް އަލިފާނުގެ ހުޅުގަނޑު އަޅުގަނޑަށް ފެނިއްޖެ. އާދަޔާ ޚިލާފު ހުޅުގަނޑެއް އެއީ. ދެން އަޅުގަނޑު ދުއްވައިގަތީ. އެއީ އެ ސަރަހައްދަކީ، އަޅުގަނޑުގެ ތިއްތިބެ އުޅޭ ގެ ހުންނަ ސަރަހައްދު." އޭނާ ކިޔައިދިނެވެ.

އެވަގުތު، ހ.ތިލަފުށިގޭގެ ތިރީގައި ހަދާފައިވާ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވިއިރު، އެ ސަރަހައްދަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި ސަންމު ހިމެނެއެވެ. އެއީ އެ ގޭގެ ކުރިމަތީގައި ހުރި، ހ.ރަދުވާނިގެއަކީ، އޭނާގެ ތިއްތިބެ، އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ރަޝީދު ދިރިއުޅުއްވަމުން އަންނަ ގެ ކަމަށް ވާތީއެވެ.

"އަޅުގަނޑު ދުވެފައި ގޮސް މަސައްކަތް ކުރީ ތިއްތިބެމެން އުޅޭ ގެއަށް ވަންނަން. އަލިފާން ރޯވެފައިހުރި ގުދަނުގެ ކުރިމަތީގައި އެ ގެ ހުންނާނީ. އޭރުވެސް މީހުންތައް އިމާރާތްތަކުން ފައިބަމުން ދިޔައީ. އަޅުގަނޑުމެން ވަރަށް ބާރަށް ގޮވިން، އަވަހަށް ފައިބާށޭ، މުޅި ތަނުގައި އަލިފާން ހިފަނީއޭ، ވީ އެންމެ އަވަހަކަށް އެންމެން ފައިބާށޭ. އެމީހަކަށް ފޭބުނު ގޮތަކަށް ފައިބާށޭ. އޭރު ހުރީ ހަމައެކަނި ގުދަނުގައި ހިފާފައި. އެހެން އެއްވެސް އިމާރާތެއްގަ އޭރު އަލިފާނެއް ނުހިފައި. ގާތްގަނޑަކަށް 50 ފޫޓަށް އަލިފާން ގަނޑު އޭރުވެސް ހުންނާނެ." އެ ނުރައްކާތެރި ވަގުތުކޮޅު ސިފަކޮށްދެމުން އޭނާ ބުންޏެވެ.

ސަންމު، "ވަގުތު" އަށް މަޢުލޫމާތު ދެނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

"އެ ވަގުތު އަލިފާންގަނޑު ފުޅާވެއްޖެ، ކައިރީގަ ހުރި ގެތަކާއި ހަމައަށް. އަދި އޭގެ ފަހުން މަގުމައްޗަށް ވެސް އަލިފާން ގަނޑު ފެތުރެން ފަށައިފި. ދެން އަޅުގަނޑު އެތަނަށް ގޮސްފައި ގޮވައިފިން ތިއްތިބޭއޭ ކިޔާފައި. އޭރު އެއްވެސް ފުލުހެއްވެސް އަދި ސިފައިންގެ މީހެއްވެސް އެތަނަކަށް ނާދެ. ގާތްގަނޑަކަށް 7:25 ވަރު ވެދާނެ އޭރު. ދެން އަޅުގަނޑު ބެލިން ތިއްތިބެމެން އުޅޭތޯ. އޭރު އެހެން ގެތަކުން މީހުންތައް ފައިބައިފި. ދެން އަޅުގަނޑު ކައިރީގަ ހުރި ކުއްޖާ ކައިރި ބުނެފިން އެމްއެންޑީއެފްއަށް އަވަހަށް ގުޅާށޭ. ދެން އަޅުގަނޑުމެން އެވަގުތު ވެސް މަސައްކަތް ކުރީ އަލިފާން އިތުރު ތަނަކު ހިފިޔަނުދީ ވޭތޯ. ނަމަވެސް ކުއްލިއަކަށް އެތާ ބޭރުގައި ހުރި ސައިކަލްތަކުގަވެސް އަލިފާން ހިފައިފި. ދެން އެމްއެންޑީއެފްއަށް ގުޅިތާ 10 ވަރަކަށް މިނެޓް ތެރޭގައި ފަޔަރލޮރީ އައިސްފި. އޭގަ ތިބީ ތިން މީހުން. އެމީހުންވެސް ހުއްޓުން އަރައިފަ ތިބި ގޮތަކަށް ތިބީ. ދެން އަޅުގަނޑު ބުނެފިން އަވަސްކޮށްލަ ބަލާށޭ، މި ގޭގަ މީހުން އެބަ އުޅެޔޭ. އަވަސް ކުރާށޭ. އޭރު އެގޭ ކައިރި ހުރި ފިހާރައިގައި ވެސް އަލިފާން ހިފައިފި." އޭނާ ކިޔައިދިނެވެ.

"އަލިފާން ނިއްވަން އައި ފެންލޮރީން ފެން ޖެހުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް. އެއިން ފެން ހުސްވެއްޖެ. އޭރު ވެސް އަލިފާންގަނޑަކަށް އެއްވެސް ގޮތެއް ނުވޭ. އޭރު އިތުރު ލޮރީއެއްވެސް ދިޔައީ ދަތުރު ކުރަމުން. އެ ވެހިކަލަށް އާދެވުނީ ހާދިޘާ ހިނގިތާ 30 ވަރަކަށް މިނެޓް ވީ ފަހުން. އޭރުވެސް އަޅުގަނޑު ބުނަމުން ދިޔައީ މިގޭ ތެރޭގަ މީހުން އެބަ އުޅޭ. އެމީހުންނެއް އަދި ނުފައިބައޭ. ފަހުން އައި ލޮރީވެސް އެ ބޭފުޅުން ވައްދަން އުޅުނީ ފަހަތަށް. އެކަމުގެ ސަބަބުން ވަރަށް ގިނަ ވަގުތުތަކެއްވެސް ގެއްލުން. ނަމަވެސް މީހުންތަކެއް މި ތިބީ ގެއެއްގަ ތާށިވެފައި. ދެން އޭގެ ގަޑިއެއްގެއިރު ފަހުން އަޅުގަނޑު ދިޔައީ މީހަކު ފޯނުކޮށްގެން، މަޖީދީމަގު ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް. ދިޔަތަނާ އެމީހާ ބުނީ ބަޔަކު އެބަ ތިއްބޭ އޭޑީކޭއަށް ގެންގޮސްފައި، ދޭބަލާށޭ އެއީ ކޮންބައެއްތޯ ބަލަން. ދެން އަޅުގަނޑު ދުވެފަ ދިޔައީ އޭޑީކޭއަށް، އޭޑީކޭ ދޮރުން ވަތްއިރު، އަޙުމަދު ރަޝީދުގެ ކޮއްކޮއެއް ހުރީ ރޯން. ދެން އަޅުގަނޑު ބުނިން ކޮބައިހޭ ތިއްތަ. ބުނީމަ ބުނީ ތިއްތައެއް ނެތޭ އޭޑީކޭގައެއް. އެމީހުން އެބަ ތިއްބޭ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލައިގައި. އެއީ ހ.ރަދުވާނިޔާ. ދެން އަޅުގަނޑު ދިޔައިރު ރަދުވާނިޔާ ފިހާރަ ވެސް އަނދާ ހުލިވެފައި." އެއީ ހަޔާތުގައިވެސް ދިމާވި އެންމެ ހިތްނުތަވަސް ވަގުތުކޮޅުކަމަށް ބުނަމުން އޭނާ އެ މަންޒަރުތައް ސިފަކޮށްދެވޭތޯ މަސައްކަތް ކުރިއެވެ.

"ދެން އެމްއެންޑީއެފްގެ މީހުންނަށް އަޅުގަނޑު އެ މަޢުލޫމާތު ދިނިން. އެމީހުން އެބަތިއްބޭ ފުރަތަމަ ފަންގިފިލާގައި. އޭރު އެ ފްލޯގައި އަލިފާނެއް ނުހިފާ. ނަމަވެސް ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގެ މަތިން ވަރަށް ބާރަށް އަނދަމުން ދިޔައީ. ދެން އެމްއެންޑީއެފްގެ ބޭފުޅުން ވަދެ، ވައިގޮޅިން އެމީހުން ބޭރުކުރީ. މާތް ﷲގެ ރަޙުމަތުން މާބޮޑު ގެއްލުމެއް ނުލިބި އެމީހުން ސަލާމަތްވެއްޖެ." އޭނާ އެ ވާހަކަތަކުގެ ތަފްޞީލަށް ދާން ވަރަށް މަސައްކަތް ކުރިއެވެ.

ކޮންމެއަހަކަސް، މި ހިތާމަވެރި ހާދިޘާގައި އަނދައި އަޅިޔަށް ވެގެން ދިޔައީ އެތައް އާއިލާއެއްގެ އެތައް އުންމީދެކެވެ. އުމުރު ދުވަހު ކުރިހައި މަސައްކަތަކާއި އުމުރު ހުސްވާންދެން އެއްކުރަމުން އައި ހަނދާންތަކެވެ. ރޭ އަނދައި ހުލިވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގެތަކާއި އެތަންތަނުގައި ހުރި ތަކެއްޗަށް މިއަދު ބަލައިލުމުން އަނެއްކާވެސް އާވަނީ، ހަޔާތުގެ އާ ސަފުހާތަކެއް، އާ ފެށުމަކުން ފެށުމަށް އާއިލާތަކަށް މަޖުބޫރު ކުރިވި އެ ބިރުވެރި އަލިފާނުގެ ހާދިސާއެވެ.

މި ހާދިސާއާއި ގުޅިގެން 500އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، އެފަރާތްތަކަށް ލިބުނު ހިތާމަ ދެގުނަވެފައި ވަނީ ހާދިސާގައި ދިވެހި އާއިލާގެ މެމްބަރަކު ގެއްލި ދިއުމުންނެވެ. އުމުރުން 46 އަހަރުގެ އައިމިނަތު ޝައުނާއަކީ އަލިފާނުން ސަލާމަތްވުމުގެ ނަސީބު ނުލިބުނު ހަމަ އެކަނި ފަރާތެވެ. ސަލާމަތްވެވެން އޮތް ހުރިހައި މަގެއް ބަންދުވެ، އެހީތެރިކަމުގެ އަތެއް ފޯރުމުގެ ކުރިން އޭނާ ނިޔާވީ އަނދައަނދައި ހުރި ގެއެއްގެ ތެރޭގައި ހުއްޓައެވެ. ޝައުނާގެ ހަށިގަނޑު ސިފައިންނަށް ފެނުނީ ހާދިސާ ހިނގިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި، ސިފަ ވަކިނުވާވަރަށް ފިހިފައި ވަނިކޮށެވެ.

ދިވެހިންނާއި ދިވެހި މުޅި ޤައުމު ރޮއްވާލި މި ހިތްދަތި ހާދިސާ ދުވަހަކުވެސް ދިވެހިންގެ ހަނދާންތަކުން ފިލައިގެން ނުދާނެއެވެ. ދިރިބިތީންނަށް އޮތީ، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިޘާތައް ނުހިގާނެ ފަދަ ގޮތަކަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ުޖުހާ

    ލޮލީ ޖާބުރަށް ކަމަށްވަނީ އެންމެ ކުރިން ފެނުނީ. ހޭލާ ހުއްޓާ ހުވަފެނުން.

    46
    8
  2. ސަނައި

    ތި މަޢުލޫމާުތު ދިން ބޭފުޅާ އިތުރު ފުޅު ހައްދަވާ ކަމަށް ބެލެވޭ.

    30
    5
  3. ގަދަރޭ

    ބުނެލަން އޮތީ އެ މްއޭސީއެލްގެހީވާގި ފަޔާރއެންޑް ރެސްކިއު ޓީ މް ތިޔަފަދަކޮން މެހާދިސާއެއްގައި މެ
    ފޯރުކޮށްދޭ އަގުހުރި ޚިދް މަތުގެ އަގުވަޒަންކޮށް ކުޑަ މިނުން ޝުކުރުގެ ބަހެއްވެސް ބުނެލަން ނުކެރުނުކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއޭ. އެކަ މަކު އެ މްއޭސީއެލް ގެބައިވެރިވުން ނެތި ހަ މައެކަނި ސިފައިންއެކަނި މަސައްކަތްކުރިނަ މަ އެރެއިން އެރެއަށް ތިޔައަލިފާން ނިވާވެސްނުލެވޭނެ. ނަންއޮންނަނީ ހަ މައެކަނި އެ މްއެންޑީއެފް. މީތިކަޑައޭ. އެ މްއޭސީއެލް ގެ ފަޔާރ އެންޑް ރެސްކިއުޓީ މް އަށް ވަރަށް އިޚްލާސްތެރި ކަ މާއެކު ޝުކުރިއްޔާ. އަދި ފުލުހުންނާއި ސިފައިން ނައްވެސް ޝުކުރިއްޔާ..

    75
    2
  4. ވާނުވާ

    ""އަޅުގަނޑު ދުވެފައި ގޮސް މަސައްކަތް ކުރީ ތިއްތިބެމެން އުޅޭ ގެއަށް ވަންނަން. އަލިފާން ރޯވެފައިހުރި ގުދަނުގެ ކުރިމަތީގައި އެ ގެ ހުންނާނީ."
    އޭރު އެގޭގައި ރޯނުވަންޏާ ޝަންމު ޚިއްވެބޭ ތިއްތިބެ އަށް ޚަބަރު ދޭން އެގެ އަްށް ނުވަނީ؟ އަނގަ އޮތިއްޔާ ވާހަކަ ދެއްކިދާނެ.
    ފަޔަރ ފައިޓަރުން ވެސް ހުއްޓުން އަރާފަ ހުރެފަ މީނާ އިންސްޓްރަކްޝަން ދިނީމާ ޔޯ ފެއްޓީ.. ކީކޭ ބުނާނީ!!

    79
    3
  5. ދުވާރު

    އެހެންވީމަ އެމްއެންޑީއެފްއަށްވެސް ހިނގައިގެންއުޅޭ ކަމުގެ ކުޑަބޮޑުމިން ނޭގޭތީ އެކަށީގެންވާ ވަރަށް ތައްޔާރުނުވެ އާދެވުނު ކަމަށް ވާހަކައިން ދޭހަވަނީ.

    37
    3
  6. އެލެކުސް

    ތިފޮޓޯގަ ވާހަކަ ކިޔާދޭންތީނީވެސް ހަމަޖާބިރެއް ލ އަތޮޅުމީހުންކިޔާނީ އައްގަޑި ބައި

    45
    1
  7. ރަންނަ

    މަގުގެ އަނެއްފަރާތުގަ ހުރި ސައިކަލުތަކުގައި ކުއްލިކަށް ރޯވީ ކީއްވެ؟ ސޯޝަލް މީޑިއާގަ ދައުރުވަމުންދާ ފޫޓޭޖުން ނުފެނޭ މީހަކު ކޮޅުކޮޅު މައްޗައް ދުވާތަނެއް. ފުރަތަމަވެސް ފެންނަނީ ސައިކަލުތަކުގަ އަލިފާން ހިފިތަން. ގުދަނުގަ ހިފާފަހުރިނަމަ ޓްރެފިކަށް އަސަރުކޮށް މަގުމަތީގަ ތިބި މީހުންގެ ކިބައިން ނުތަނަވަސްކަން ފެނުނީސް. ފޫޓޭޖްގަ އަޑު ރެކޯޑްވެފަ އެބަހުރި. ތިބުނާ އަޑެއް އިވުނީ ސައިކަލުގަ ރޯވެ އެ ގޮވި ހިސާބުން. މީ އެކްސިޑެންޓެއްކަމަށް ގަބޫލު ކުރަން ދަތިވާން ފަށައިފި

    28
    12
  8. ޢިކުރާމު

    ފަނާކުރުވި ދުނިޔެއާ އަލްވަދާއު ކިޔާފަ ކީއްވެތޯ ފަނާކުރުވި ދުނިޔޭގަ މިއުޅެނީ ރާއްޖެތެރެޔާ މާލެޔާ މިހާ ފަރަގު ބޮޑުވެގެން މާލޭ މީހުން މަރުނުވަނީބާ ނޫނީ ފަނާނުވަނީބާ

    4
    17
  9. ތިމަންނަ

    އެކިމީހުން "ސުރުޚީ" ލިބޭތޯބަލާނީ އެކިގޮތް ގޮތަށް

    19
    1
  10. ޢިނގޭތަ

    ޓީވީން އަހަުމެން ނަށް ފެނުނީމަންޒަރު ތިބުނާ ގޮތަކަށް ނުން. އެތާ ހުރީމަ ތަފާތުވީ ދޯ

    12
    1
  11. ތަކުރު

    މިމައުލޫމާތު މުޅިން ރަނގަޅެއްނޫން.
    1 އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނުތާ 10 މިނިޓް ވީއިރު 4 ފަޔަރ ލޮރި އެތަނުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު.
    2 މިހާދިސާގަ ފަޔަރ ލޮރިތައް އެމަގަށް ވަންނަން އެންމެބޮޑު ހުރަހަކަށްވީ އެތަނަށް އެއްވެ ކުޅިބަލަން ފޯނު ދިއްކޮށްގެން ތިބިމީހުން.
    ނޫސްތަކުގެ ފަލަސުރުހީން ޖާގަހޯދަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަން މިމީހުން ފަހެއްނުޖެހޭނެ.

    36
    1
  12. ޅަބޭ

    " ދެން އެމްއެންޑީއެފް އަށް ގުޅިތާ 10 ވަރަށް މިނެޓް ތެރޭގައި ފަޔަރލޮރީ އައިސްފި. އޭގަ ތިބީ ތިން މީހުން. އެމީހުންވެސް ހުއްޓުން އަރާފަ ތިބި ގޮތަކަށް ތިބީ" ހައްހައްހައް.... ތީތިމީހުންގެ ހާލަތު

    9
    13
  13. ރޮޑޭ

    އެމްއެންޑީއެފް މީހުން ހުއްޓުންއަރާފަތިބިއޭ ތި ޝައްމު ބުނެފާނެ. ތީގެންޖެހޭނެ ގާތްގަނޑަކަށް %78 ކަނޑާލަން އަނެއްކޮޅުން ތަރުކާރީ ފޮށިގަނޑުވެސް ފުލުހުން ޗެކްކޮށްލިނަމަ ސަޅިވީސް ލޮލް ޝައްމު

    14
    1
    • މަންޖެ

      މަ އެއްބަސް ތި ކަމާ

      9
      2
  14. ނުރަބޯ

    ދިވެހިރާއްޖޭގައި މިތިބަ އަލިފާން ނިއްވާ މީހުންނަކީ މުޅި ދުނިޔޭގައިވެސް ތިބި އެކަމަށް އެއްމެ މޮޅު މީހުން. އެކަން އެނގިގެން ދިޔައީ މިފްކޯ ޢިމާރާތުގައި ރޯވިދުވަހު. އެ ޢިމާރާތުގެ މަތިން ކަރަންޓް ޝޯޓެއް ވެގެން އެއްފަރާތު ކުކުޅުވަހިކޮޅުގައި ހިފި އަލިފާން މުޅި ޢިމާރާތަށް ފެތުރުނީ ހަމަ މިބައިގަނޑުގެ ގަޅި ކަމުން.

    3
    4
  15. ގަމާރު ދިވެހިން

    ދެން ކަލޭމެން ނިއްވޭ މީހުން ދާންވީނުން ނިއްވަން... އަނގަ ތަޅަން ނުތިބެ.. ހުސް ބޭކާރު ވާހަކަ ދައްކަން ދިވެހިންނަށް އިނގޭނީ.. އެއްވެސް ވަރަކަށް ކުރާ މަސައްކަތެއް ބަލައެއް ނުގަންނާނެ...
    ބަލަ އެމީހުން ހާދަ ބޮޑު ރިސްކެކޭ އެނަގަނީ... ވާހަކަ ދައްކަންވީމަ ދެން ދައްކަނީ ދޯ