ބަހުސަކަށް ޖާގައެއްނެތެވެ. އެއްޗެއްދެކެ ނުވަތަ މީހެއްދެކެ، ކަމެއްދެކެ ނޫންނަމަ ތަނެއްދެކެ ލޯބިވާ މީހަކުނަމަ، އެ އެއްޗެއް ނުވަތަ އެ ކަމެއް، އެ މީހެއް ނޫންނަމަ އެ ތަނެއް ހިމާޔަތްކުރާނެއެވެ. ފަރުވާތެރިވާނެއެވެ. ފިކުރުކުރާނެއެވެ. ހެޔޮ އެދޭނެއެވެ. ކާމިޔާބީއަށް ވެސް އެދޭނެއެވެ. މި ކަންތައްތައް، މި މަގުން ނުގެންދެވޭ މީހަކީ، "ފިނޑި" އެއް، ކަމާއިމެދަކު، އަޅުގަނޑު ޝައްކެއްނުކުރަމެވެ.

ޤައުމުދެކެ ލޯބިވުމަކީ ކޮބައިތޯއެވެ. ހަމަކަށަވަރެވެ. ޤައުމުދެކެ ލޯބިވާ މީހަކުނަމަ، ޤައުމަށް ކުރިމަތިވަމުން އަންނަ، ނުރައްކައުތެރި ކަންތައްތަކާއިމެދު އަޑު އުފުލާނެއެވެ. ޤައުމުގެ ދިފާޢުގައި ފާރަވެރިވެ ހުންނާނެއެވެ. ޤައުމުގެ މައި ތަނބުތަކުގައި ރެނދުލަމުންގޮސް، "ފުރާޅު" ބޯމައްޗަށް ވެއްޓޭތަން ބަލާކަށް ނުހުންނާނެއެވެ. ޤައުމަށް ހެވެއް، މޮޅެއް ލިބިއްޖެނަމަ، އެކަމާއިމެދު ފަޚުރުވެރިވާނެއެވެ.

ޤައުމު ކުރިއަރާނީ، ކުރިއެރުވޭނީ، ކޮންފަދައަކުން ކަންކަންކޮށްގެންތޯ ފިކުރު ހިންގާނެއެވެ. އަދި ކީއްތޯއެވެ. ތިމާގެ ޤައުމު، އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ނުރުހޭނޭމެއެވެ. މިއަދުގެ ޙާލަތަކީ ކޮބައިތޯއެވެ. އާދޭހެވެ. މިއަދުގެ ޙާލަތު ވަރަށް ވެސް ސާފެވެ. މެންދުރުގެ އިރުފަދައިން، ހުރިހައި ކަމެއް ފެންނަމުން، އެހެރަ ދަނީއެވެ. ވަހުމެއްނެތެވެ.

ޤައުމެއްގެ އެންމެ އިސް ބޭފުޅަކަށްވާނީ، އެ ޤައުމެއްގެ ރައީސެވެ. ނުވަތަ އަމީރެވެ. ނުވަތަ ރަސްގެފާނެވެ. ނުވަތަ ރާނީއެވެ. އެއަށް ފަހު، ދެން ތިއްބެވި ބޭފުޅުންނެވެ. މި ހުރިހައި ބޭފުޅުންނަކީ ވެސް، އެ ބޭފުޅުންގެ ކޮނޑުފުޅުގައި އެތަކެއް މަސްއޫލިއްޔަތުތަކެއް އެޅިފައިވާ ބޭފުޅުންނެވެ.

އަޅުގަނޑު އެއްބަހެވެ. ޤައުމުގެ ކޮންމެ ދަރިއެއްގެ ކޮނޑުގައި ޒިންމާތަކެއް އެޅިފައިވާނެއެވެ. ޤައުމުގެ ދަރިއަކަށްވީތީ، ޤައުމުދެކެ ލޯބިވާން ވެސް ޖެހޭނެއެވެ. އެހެންނަމަވެސް، އިސްވެ މި ދެންނެވި ބޭފުޅުންނަކީ، ޤައުމުގެ އިސް ބޭފުޅުންކަމުގައިވާތީ، ޤައުމު ހިންގުމުގެ "ސޯބު" އޮންނަނީ، އެ ބޭފުޅުންގެ އަތްޕުޅުމަތީގައެވެ. އެ "ސޯބު" ނުއަތަށް އަނބުރައިލެއްވުމުގެ ބާރު ވެސް އޮންނަނީ، އެ ބޭފުޅުންގެ އަތްޕުޅުމަތީގައެވެ. އެހެން ކަމުން، އެ ބޭފުޅުންގެ ޒިންމާ އެތައް ގުނައެއް ބޮޑުކަމުގައި ފާހަގަކޮށްލަމެވެ.

މި ގޮތުން ބަލާއިރު، ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ، އެ ބޭފުޅަކަށް ކަނޑައެޅިފައިވާ ވަކި ދާއިރާއެއް، ތަމްސީލުކުރައްވަން ތިއްބަވާ ބޭފުޅުންނެވެ. ރައްޔިތުންގެ އަޑު އިއްވަވައިދެއްވަން ތިއްބަވާ ބޭފުޅުންނެވެ. ޤައުމު ބިނާކުރައްވަން ތިއްބެވި ބޭފުޅުންނެވެ. ޤައުމަކީ އަމާން، އޮމާންތަނެއްކަމުގައި ހައްދަވަން މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނެވެ. ސީދާވެގެންވާ މިސްރާބަކަށް، ޤައުމު ގެންގޮސްދެއްވަން ތިއްބެވި ބޭފުޅުންނެވެ.

ނަމަވެސް..... އެ ބޭފުޅުންގެ ޙާލަކީތޯއެވެ. އާދޭހެވެ. ރައްޔިތުން މަޖިލީހުގެ ބައެއް ޖަލްސާތައް، މިހާރު ވެސް އަޅުގަނޑު ލޮލަށްފެންނަ ފަދައެވެ. އަދަބެއްސަދަބެއް، ހަމައެއްނަމައެއް، ގޮތެއްފޮތެއް، އުޅުމެއްބުޅުމެއް، ލަދެއްތަދެއް ނެތެވެ. ތަނެދޮރެއް ވަކިކުރައްވަން އެނގިވަޑައިނުގަންނަވައެވެ. އަލިފާނެއް ފެނެއް ވަކިކުރައްވަން، އެނގިވަޑައިނުގަންނަވައެވެ. ހޭޑިފޭޑީގެ ކަންފުޅެއް ވެސް ނެތެވެ. ރައްޔިތުންގެ މަޖިލިސް ތެރޭގައި، ހިތަކަށްބިތަކަށް ތެޅިވަޑައިގަތުން ނޫންކަމެއް ނުވެއެވެ. އަޑުފަށްގަނޑު ގަދަކަމުން، ހީވަނީ ކުޑަފަރީ އޮޑިއެއް ރަށްމަތިވެގެން އުޅޭހެންނެވެ. ބައެއް ފަހަރު، އެ މަޖިލިސް އެންމެ އެއްގޮތީ، ފުޓުބޯޅަ ދަނޑެއްގައި، ކުޅިބަލަން ތިބޭ ސަޕޯޓަރުންނާއެވެ. އަނެއްބައި ފަހަރު، މާރުކޭޓެއް ހެންނެވެ. އަނެއްބައި ފަހަރު، ފިލްމެއްގެ "ޝޫޓިންގް" ކުރިއަށްދާހެން ވެސް ހީވެއެވެ. ވާނީ ވެސް، އެހެންނެވެ. ގިނައީ ރޯނުއެދުރުންނެވެ.

އާދޭހެވެ. މި ދަންނަވަނީ، ހުރިހައި މެންބަރުންގެ ވާހަކައެއްނޫން އިނގޭތޯއެވެ. އަދިކީއްތޯއެވެ. ގިނަ ބޭފުޅުންގެ ޙާލަތެވެ. ޝައްކެއް ވަސްވާހެއްނެތެވެ. އަޅުގަނޑުމެން ބިރުވެތިވާން ޖެހޭނީ، އެންމެ ފަރާތަކަށެވެ. އެއީ، ތިޔަ އެންމެ ބޭފުޅުންނާއި، އަޅުގަނޑު ހެއްދެވި، މަތިވެރި ރައްބެވެ. އެހެންކަމުން، އެ ބޭފުޅަކަށް ކުޅަދާނަވީ މިންވަރަކުން، ކަންތައްތައް ހަމަ މަގަށް އަޅުވައިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އަޅުގަނޑުމެން ފަދަ، އިންސާނެއްދެކެ ބިރުފުޅުން، "ތުނބަށްއަތްދީގެން" އިންނެވިޔަކަސް ކަމަކުނުދާނެއެވެ. "ނުގަންނާން ހުންނަ ދޮނގެއްހެން" އިންނެވިޔަކަސް ފަރަކުނުޖެހޭނެއެވެ. "ނަގާފައި ހުރި ދިދައެއްހެން" ހުންނެވިޔަކަސް، އެއްވެސް ކަމެއް ހައްލެއްނުކުރެއްވޭނެއެވެ. މަޖިލީހުގެ ތެރޭގައި، "ރެވިތެޔޮ ވަށައިގެން" އުޅުއްވިޔަކަސް، ކަންތައްތައް އިޞްލާޙެއް ނުކުރެއްވޭނެއެވެ. ދުވާލަކު، ފަސްދޮޅަސް ފަހަރު "ޢިއްޒަތްތެރި ރައީސް! ޢިއްޒަތްތެރި ރައީސް" އޭ، ވިދާޅުވަމުން ގެންދެވިޔަކަސް، މި ޤައުމު އާރާސްތެއް ނުކުރެއްވޭނޭމެއެވެ.

އާދެ! މިހައި ހިސާބުން، މާޒީގެ ޢިބުރަތްތެރި ދަރުސަކަށް ނަޒަރެއް ދެއްވެވުންކީއްތޯއެވެ. "ތާރީޚު އެ ނުރައްކާތެރި ދަނޑިވަޅު ތިޔަބޭފުޅުން ހިތްޕުޅަށް މިއަދު ނިކަން ގެންނަވަބައްލަވާށެވެ. ރާއްޖޭގެ ވަޒީރުންގެ މަޖްލިސް އެއްވެ އޮތީ އެންމެ މަދުވެގެން ސަތޭކަ އަހަރަށް ދިވެހިރާއްޖެ މުޅިން އަޅުވެތިކޮށްލުމުގެ ކެހިވެރި ލިޔުމެއް ޤަބޫލުކުރުވުމުގެ މަކަރުގައި، ބެއްދޭފަދަ ގޮތެއްގައެވެ. ދިވެހި މިނިވަންކަން އޮތީ މެންދުރުގެ އިރު، ނަސީބު އެ ދައްކަނީ ކޮންފަދަ މުސްތަޤުބަލެއްތޯ ބެލުމުގެ އިންތިޒާރުގައެވެ. ދިވެހި ތަރުޖަމާ މެންބަރުން އައްސަވައިފޫއެވެ. އިސްދަށަށް ޖެއްސެވުމާއި ސުކޫތެއްގެ ކުޑަ ވަގުތުކޮޅެކެވެ. ދެން އިވުނީ އެއްވެސް ޖެހިލުމެއްނެތި ފިސާރި ހަރުދަނާކަމާއި މަތިވެރި ޢަޒުމެއްގައި ވާހަކަދެއްކެވި މެންބަރެއްގެ އަޑުފުޅެވެ. އެ ބޭފުޅަކީ އޭރު މަޖްލިސްގައި އިންނެވި އެންމެ ޒުވާން މެންބަރެވެ. މިއަދު އަޅުގަނޑުމެން އެ ބަޠަލަކަށް ޓަކައި، ފަޚުރުވެރިވާ ދިވެހި ދައުލަތުގެ ވަޒީރުލް އަޢުޒަމް ޞާހިބުއްދައުލާ އަލްފާޟިލް އިބްރާހިމް ނާޞިރެވެ.

އެ މަނިކުފާނު ކެރިހުންނަވައިގެން ހުށައެޅުއްވީ އެކަށީގެންވާ މިންވަރަށް ވިސްނެވުމަށްފަހުގައި ނޫނީ ދިވެހި ދައުލަތް އެ އެގްރީމެންޓުގައި ސޮއިކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. މަޖްލިސްގެ އެއް މެންބަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންމެ މިގޮތަށް ވަރުގަދައަކަށް ތާއީދުކުރެއްވިއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސ.ދ.އަލްފާޟިލް އިބްރާހިމް ނާޞިރުގެ ވާހަކަފުޅަށް އެންމެ ޞަރީޙަކޮށް ހަރުއަޑުފުޅުން ތާއީދުކުރެއްވީ އޭރުގެ ވަޒީރުލް އައުޤާފް ފަޟީލަތުއްޝައިޚް އަލްމަރުޙޫމު އިބްރާހިމް ރުޝްދީ އަލް އަޒްހަރީއެވެ. މާތް ރަސްކަލާނގެ އޭނާއަށް ރަޙުމަތްލައްވާށިއެވެ."[އަލްއުސްތާޛު އިބްރާހިމް ޝިހާބު، ވިޔަފާރި މިއަދު، 30 ޖުލައި 1965] އާދޭހެވެ.

އިސްވެދިޔަ ވާހަކައިގައި، އެ ބުނާ އެގުރީމެންޓަކީ، ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދުގައި ސޮއިކުރައްވަން ގަސްދުކުރެވުނު އެގުރީމެންޓެކެވެ. އާދޭހެވެ. މަޝްހޫރު "ފަހުކޮޕީ" އެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއަށް ގެއްލުންހުރި، މި އެގުރީމެންޓާއި ދެކޮޅަށް، ވާހަކަދެއްކެވި މެންބަރު..... އާދެ! ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ފިސާރި ކެރިހުންނަވައިގެން، ޖަވާބުދާރީވެ ވަޑައިގަތުމުން ހާމަވަނީ، އެ މަނިކުފާނުގެ ހިތްޕުޅުގައި ޤައުމަށް ޓަކައި އޮތް، މަތިވެރި ލޯތްބެވެ. އެހެންބައެއްގެ އަތްމައްޗަށް، ޤައުމު ދޫނުކުރައްވާނެކަމުގެ ވަރުގަދަ ދަލީލެއްކަމުގައެވެ.

އާދެ! މިއަދު ކަންހުރީ ކިހިނެއްތޯއެވެ. ތިމަތިމާމެންގެ އެދުންތައް ހާސިލުކުރުމަށް ޓަކައި، ޤައުމު ވެސް، ވިއްކައިލަނީއެވެ. ތަނެއްދޮރެއް ބެއްލެވުމެއްނެތި، ބިލުތައް ވެސް ފާސްކުރައްވަނީއެވެ. "އަހަންނަށްވުރެ ވަކިން މޮޅު މީހަކީ ނެތް މީހެކޭ ބުނަމުން" (އުސްތާޛުލް ޖީލް) ބޭނުންވެލައްވާހައި ގޮތަކަށް، ޤާނޫނުތައް ވެސް، ވުޖޫދުކުރައްވަނީއެވެ. ޤައުމު އޮޔާ ދާއިރު ވެސް، މަޖިލީހުގެ ޢިއްޒަތްތެރި ރައީސްދެކެ ބިރުފުޅުން، އެއްޗެކޭ ވިދާޅުވާން ކެރިވަޑައިނުގެން ތިއްބަވަނީއެވެ.

އެއްވެސް ޝައްކެއް ވަސްވާހެއްނެތެވެ. އެ ބައެއްގެ ޤައުމުގެ ޙައްޤުގައި، އެ ބައެއްގެ ދީނުގެ ދިފާޢުގައި، އެއްޗެކޭ ވިދާޅުވާން ނުކެރޭނީ، "ފިނޑިން" ނެވެ. ރައީސަކަސް ޒަޢީމަކަސް، އަމީރަކަސް ވަޒީރަކަސް، ލީޑަރަކަސް މެންބަރަކަސް، ފަނޑިޔާރަކަސް ވަކީލަކަސް، މިއިން އެއްބޭފުޅަކު ވެސް، މި ކަމުން އިސްތިސްނާވެގެން ނުވެއެވެ. އާދޭހެވެ. އިސްވެ މި ދެންނެވި ފަދަ، ބޭފުޅުންނަށްވުރެ، ވަކިން "ފިނޑި" ބައެއްވޭތޯއެވެ. އެއަށްވުރެ "ސޭކު" ބައެއްވޭތޯއެވެ. އެއަށްވުރެ "ކޮސް" ބައެއްވޭތޯއެވެ. އެއަށްވުރެ "މޮޔަ" ބައެއްވޭތޯއެވެ. އަދި ކިއެއްތަ، އެއަށްވުރެ "ނުކުޅެދޭ" ބައެއްވޭތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 2023ރޔާމީން

    މިއަދުހުރީ ތިދެންނެވި ކަންތައްތަ ހަމަޔަކަށް އަޅުވަން އެއްމެ ލީޑަރެއް.. އެއީ ރ ޔާމީން... އެމަނިކުފާނު ގުރުބާން ކުރެވެމުންދަނީ ގާނޫނު އެއްމެންނަ އެއްހަމަކުރުމުން.. ގައުމަށް ގެއްލުމެވެދާނެ ހުރިހާކަމަކަށް ނޫނެކޭބުނުން.. ދީނައްޓަކާ ދުނިޔެ ވިއްކާނުލުން.. ދެންތިބި ހުރިހާ ލީޑަރުން ހަނުތިބީ.. ގައުމަށް ލިބެމުންދާ ގެއްލުން އެގުނުކަމުގަވިޔަސް ހަނުތިބީ.. ގައުމަށް ގެއްލުންދިނީވެސް ހަނުތިބި ލީޑަރުން.. 2023ގަ ވޯޓުހޯދަންޖެހެންދެން ހަނުއެތިބީ ދައްކަންޖެހޭ ވާހަކަތަ އެއްކޮއްގެން.. ރައްޔިތުން ހޭލަންވެއްޖެ އަދި ހޭލުންތެރި ކުރުވާނެ ނޫސްވެރިންވެސް ނުކުންނަންވެއްޖެ.. ވަގުތުނޫހުގެ ނޫސްވެރިންނަ ކާމިޔާބާ ހިއްވަރު ދެއްވާށި ސާބިތުވެތިބުމަށް..

    75
    9
  2. އިބްރާހީމު

    ވާހަކަ ރަނގަޅު. އެކަމަކު އެއީ ދިވެހިންގެ ބަޔަކު ފުރުސަތު ދިނީމަ އެތަނަށް ވަދެތިބި މީހުން. ކުށްވެރީންނަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެމީހުންނަށް ވޯޓުދިން މީން.

    23
  3. ކިނބޫ

    ގައުމުގެ މިއަދުގެ ދަރިންގެ ހާލަތު.

    21
  4. ޢަބްދުﷲ

    މިހާރު މަޖިލީހުގައި ކުރެވޭ ކަންކަމަކީ، އެއްވެސް ނަތީޖާއެއް ފެންނާނޭ ކަންކަމެއްނޫނެވެ. ވެރިކަން ހިންގުމުގެ ބާރުތައް ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެވެ.

    19
  5. ޖިންނި

    ދިވެހި ސިޔާސީ މަސްރަހުން ފެންނަ މަދު ފަހުލަވާނުން ތެރެއިން އަރާ ހުންނެވި ހިތްވަރު ގަދަ ފަހުލަވާނަކީ ރައީސް ޔާމީން

    20
    2
  6. ސޯލިހުބޭ

    ބައެއްފަހަރު ތިޔަ މަޖިލިސް ބަލާއިރު ހަނދާނަށް އަންނަނީ ރޯނުގޭ ގެރިކޮށި. ތަފާތަކީ ހަތަރު މޮއްގަނޑު ޖަހާގެން ނުތިބޭކަން.

    24
  7. ކެރީ

    މިލިޔުން ހުރިހާ މަޖިލިސް މެންބަރުންނަށް ފޮނުވާލާ. އިއްޒަތްތެރި މެންބަރުންގެ ފެންވަރު ހުރި ގޮތޭމީ އަދު، ޤާނޫނު މުގުރަމުން ރައްޔތުންގެ ރުފިޔާ ނަގަމުން، ރައްޔިތުންނަށްވެަް އެބޯތޭ އެއްދުވަސް މުޖުރިމުން ހައްޔަރު ކުރާ ދުވަސް