ލޯތްބަކީ ވެސް، މާތް ރައްބު ކޮންފަދަ މަތިވެރި ބާރެއް، އޭގައި ލައްވައިފައިވާ އެއްޗެއްތޯއެވެ. ދުނިޔެ ފެށުނީއްސުރެ، މި ޖާދުވީ ބާރު، އިންސާނުންގެ ތެރޭގައި، އެކި ސިފަސިފައިގައި ހިނގަމުން، ކުރުވަމުން، ވެރިވަމުން އެބަދެއެވެ. އަދި ކީއްތޯއެވެ. މި ބާރުގަދަ ޖަޒުބާތަށް، އިންސާނުން އަންނަނީ، ތަފާތު ނަންތައް ދެމުންނެވެ. އެކި ޒަމާންތަކުގައި، އެކި ނަމެވެ.

މި ގޮތުން ބަލާއިރު، ދިވެހިންނަކީ ވެސް، ލޯބީގެ ދުނިޔޭގައި އެހާމެ ވަރުގަދަ ބައެކެވެ. ރޯމިއޯއާއި ޖޫލިއަޓް، ޝީރީނާއި ފަރުހާދު ފަދަ ލޯބިވެރިން، މި ރާއްޖޭގައި ވެސް އުޅެފައިވެއެވެ. އާދެ!ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ މަތިން، ހަނދުމަނެތިފައިވާ ބޭފުޅަކު، ތިޔައިގެތެރޭގައި ހުންނާނެކަމަކަށް އަޅުގަނޑު ހިތެއް ނުބުނެއެވެ.

އާދޭހެވެ. އަޅުގަނޑު އިސްވެ ދެންނެވި ފަދައިން، ލޯތްބެވެ މި ކިޔާ ޖަޒުބާތަށް، ދިވެހިން ވެސް ތަފާތު ނަންތައް ދީފައި އެބަހުއްޓެވެ. އެވޭލާ ޒަމާނުއްސުރެ، މި ޖަޒުބާތަށް ދިވެހިން ދީފައިވާ ނަންތަކުން ވެސް، ކާބަފައިން މި ކަމަށް ދެއްވައިފައިވާ އަހައްމިއްޔަތުކަން އެނގި ހާމަވެއެވެ. އަޅުގަނޑުގެ މި ލިޔުމުގައި އަލިއަޅުވައިލާނީ މި ފަދަ ލަފުޒުތަކަކަށެވެ. އެވޭލާ ޒަމާނުއްސުރެ، މިއަދާ ހަމައަށް، "ލޯބި" މި މާނައިގައި ބޭނުންކޮށްފައިވާ އަދި ބޭނުންކުރަމުން އަންނަ ލަފުޒުތަކަކަށެވެ.

1. ސަންސާރަ[ބޯދާ]: ހަންހާރަ.ހަންހާރައަކީ މަތިވެރި ލޯތްބެވެ. ނުވަތަ ޖިސްމާނީ ލޯތްބެވެ. ( އެވޭލާ ޒަމާނުގައި "ސ" އާއި "ޝ" މި ދެ އަކުރުން ފެށޭ ބައެއް ލަފުޒުތައް، "ހ" އަކަށް ބަދަލުވެއެވެ. މި ގޮތުން "ސަންސާރަ"، "ހަންހާރަ" އަށް ބަދަލުވެފައި އޮތްކަމަށް ލަފާކުރެވެއެވެ.)

2. ގައުރު[ބޯދާ]: އަހުރަ، ލޯބި.

3. އަހުރަ[ބޯދާ]: ލޯބި.

4. އަލިމި[ބޯދާ]: ލޭފަ، ލޯބި.

5. ލޭފަ[ބޯދާ]: ލޯބި.

6. ސިންދިތާ[ބޯދާ]: ލޯބި.

7. ހަކާ[ބޯދާ]: ލޯބި. (ހަކާގެ އެހެން މާނައެއް ވެސް، އޮވެއެވެ. އެއީ، ބޮޑުވެ ތަޞައްރަފު ފުދުމުގެ މާނައިގައެވެ. ބޮޑުވެ ތަޞައްރަފު ފުދުމަށް، ނުވަތަ ދަރިމައިވާ ޢުމުރަށް ހަކާވުމޭ ކިޔައެވެ.)

8. އަގަލު: ކުލުނު، ލޯބި. ( އަގަލުގެ ވެސް އިތުރު ދެ މާނައެއް އެބައޮތެވެ. އެއް މާނައަކީ، އަޚުލާޤެވެ. ހަމަ އެހެންމެ ކަންތައްތަކަށް ފަރުވާބެހެއްޓުމުގެ މާނައިގައި ވެސް ބޭނުންކުރެއެވެ.

9. ކުލުނު: ލޯބި (ދެ މިންތީގެ ދެމެދުގައި ފާޅުކުރާ، ޝަހުވާނީ އެދުމުގެ މާނައިގައި ވެސް، "ކުލުނު" ބޭނުންކުރެވެއެވެ.)

10. އާހަ: ލޯބި. ( ބައެއް ޖަނަވާރު ގެންނާން ގޮވާ ގޮވުމަށް ވެސް، އާހައޭ ކިޔައެވެ.)

11. ހަހަރު: ލޯބި.

12. އިޝްޤު: ލޯބި.

13. އަނުރާގް: ލޯބި. ( މި ލަފުޒަކީ، ދަނބިދޫ ލޯމާފާނުގައި ބަޔާންވެފައިވާ ލަފުޒެކެވެ. މި ލަފުޒު ނަގައިފައި މިވަނީ "ދަނބިދޫ ލޯމާފާނު" މި ސުރުޚީގެ ދަށުން އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައިފައިވާ ލިޔުއްވުމަކުންނެވެ.)

އާދޭހެވެ. އިސްވެ ބަޔާންކުރެވުނު ލަފުޒުތަކުން ވެސް އަންގައިދެނީ ބަހުގެ މުއްސަނދިކަމެވެ. އަދި ކީއްތޯއެވެ. ތިމާގެ ޝުޢޫރުތައް، ދިވެހި ބަހުން ވެސް، ފާޅުކުރެވޭނޭކަމުގެ އަލިގަދަ ދަލީލެއްކަމެވެ. މި ނޫނަސް މި ފަދަ ކިތަންމެ ލަފުޒެއް ހުރުމަކީ އެކަށީގެންވާކަމެކެވެ. އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ، ހޯދައި ބެލުމެވެ. "ލަވް" އަށްވުރެ، ލޯތްބަށް އިސްކަންދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތެދުވެރިލޯބި

  "ތެދެއްމެޔެ ލޯބި ދިރިހުރެއޭ
  އެއް ދުވަހަކު މަރެއް ނުވެއޭ
  އެތައް ގަރުނެެއް ވެގެން ދިޔައަސް
  އެއެއް ދުވަހަކު ފަނޑެއް ނުވެއޭ"

  14
  1
 2. ހަސަންދީދީ

  'އަލޭ'- ފުވައްމުލަކި ބަހެން ލޯބި

  15
  1
 3. އައިމަން

  އަނުރާގް އޯ... ހިހިހިހި

  14
  1
 4. އަނެއްކޮޅުން

  ''އިޝްގީ ލޯތްބަކީ އެހާ މުހިންމު އެއްޗެއް ނޫނެވެ.''

  8
  14