نحمد الله ونصلي ونسلم على رسوله الكريم أما بعد!

އިންސާނީ ޙައްޤުތަކާއި ޝަރަފުގެ ގޮތުން އިންސާނުންގެ މެދުގައި އެއްވެސް ތަފާތެއްނުވާކަން އަންގަވާފައެވެ. އަންހެނުންނަކީ އިންސާނީ ނަސްލުކަމަށް ވުމާއެކު، އިންސާނީ ޙައްޤުތަކުގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް ހަމަހަމަކަން އިޢުލާން ކުރައްވާފައި ވެއެވެ. ނަމަވެސް ދާދި ފަހުން ރަށުކައުންސިލްގެ ބައެއްގޮޑިތަކަށް އަންހެނުންގެ ނިސްބަތެއް ކަނޑައެޅުމުން ސުވާލު އުފެދެއެވެެ. އެއީ:

  • އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް ހަމަހަމަނުވަނީތޯ؟
  • ޤާނޫނު އަސާސީގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް ހަމަހަމަނުވަނީތޯ؟
  • ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ ޤާނޫނުގެ ހުކުމަކީ ބޮބައިތޯ؟

އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް

އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ހަމަހަމަކަމާމެދު الأستاذ مأمون عبد القيوم ލިޔުއްވާފައިވާ ލިޔުއްވުމެއް ދަންނަވާލާނަމެވެ. "ކޮންމެ މުޖުތަމަޢެއްގައިވެސް ހަމަޖެހުމާއި ކުރިއެރުން ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސަކީ، އެ މުޖުތަމަޢެއްގެ އެންމެންގެ ޙިއްސާ މުޖުތަމަޢުގެ ހުރިހާކަމަކަށް އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިއުމެވެ. މިކަމުގާ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމުގެ އުސޫލު ދެމެހެއްޓުމަށް އިސްލާމްދީނުގައި ވަނީ ބާރު އަޅުއްވާފައެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތުގައި އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ އެއް ނަފްސަކުންނެވެ. އެހެންކަމުން، އުފެދިފައިވާ އަސްލާއި އިންސާނީ ވަންތަކަމުގެ ހައިސިއްޔަތަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަވެގެންވާ ބައެކެވެ. މިކަމުގެ ފާޅުކަންބޮޑު އެއްދަލީލަކީ، އިންސާނުންކުރާ ހެޔޮ ޢަމަލުތަކަށް ހެޔޮޖަޒާދެއްވުމުގައި ޖިންސުގެ ތަފާތު ނުވާކަމެވެ.

މާތްﷲ ވަޙީ ކުރެއްވިއެވެ. مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧النحل﴾ މާނައީ: "މުއުމިނަކު ކަމުގައިވާޙާލު ފިރިހެނުންގެ ތެރެއިންވިއަސް ނުވަތަ އަންހެނުންގެ ތެރެއިން ވިއަސް، ހެޔޮލަފާ ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ ދަރުމަދެއްވާ ހުށީމެވެ." މާތްﷲ ކަނޑައަޅުއްވާފައިވާ އުޞޫލަކީ މިއީކަމުގައިވާއިރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުންނަށް ޙައްޤު މަޤާމު ލިބިދިނުމާއި، އިސްލާމީ އުޞޫލްތަކުގެ ގިއުގަނޑުގެ ތެރޭގައި އަންހެނުންނަށް ހަމަހަމަކަމާއި ތަރައްޤީގެ ފުރުސަތު ހޯދާދިނުމަށް ކުރެވޭ މަސައްކަތުގެ މުހިއްމުކަން ބޮޑެވެ." (ދީނުގެ މަގު، އަހަރު11،ޢަދަދު 4 ސ 1 ހުކުރު 08 މާރޗް 1996މ)

އާދެ! الأستاذ مأمون عبد القيوم ލިޔުއްވާފައިވާލިޔުއްވާފައިވާ އިސްވެދިޔަ ލިޔުމުން އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް ހަމަހަމަކަން އެގިއްޖެއެވެ. ވީމާ ޤާނޫނު އަސާސީގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތަކުގެ ހަމަހަމަކަން ހުރީ ކިހާމިންވަރަކަށްތޯ ބަލަމާ ހިނގާށެވެ.

ޤާނޫނު އަސާސީގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތައް

ޤާނޫނު އަސާސީ ގެ އެއްވެސް މާއްދާއެއްގައި އަންހެނުންނާއި ފިރިހެނުންގެ އަސާސީ ހައްޤުތައް ތަފާތު ކުރާ ވާހަކައެއް ނެތެވެ. ހައްތަހާވެސް އޮތީ ހަމަހަމަކަމުގެ ވާހަކައެވެ. މުޅި ޤާނޫނު އަސާސީގެ ރޫހަކީވެސް ހަމަހަމަކަމާއި އިޖްތިމާއީ އަދާލަތު ޤާއިމުކުރުމެވެ. މިމޭރުން އިންތިޚާބަށް ކުރިމަތިލުމާއި މެމްބަރަކަށްވުމުގެ ޙައްޤުގައި އަންހެނުންނާއި ފިރިހެނުން ޤާނޫނު އަސާސީގެ ނަޒަރުގައި ހަމަހަމައެވެ. އިންތިޚާބަކީ އެބައެއްގެ މަދުގައި ވަކާލާތުކޮށް، ހައްޤުތަކާއިމެދު ވާހަކަ ދައްކާނެ ބަޔަކު އިންތިޚާބު ކުރުމެވެ. ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މައިގަނޑު މަސައްކަތް ބެހިފައިވަނީ ދެބަޔަކަށެވެ.

އެއީ، ޤާނޫނު ހެދުމާއި ދަވްލަތުގެ ކަންތައް ހިންގާނުހިނގާގޮތް ބެލުމެވެ. ޤާނޫނު ހެދުމަކީ ކޮންމެހެން ހަމަ އެކަނި ފިރިހެނުންނަށް ޚާއްޞަވެފައިވާ ކަމެއް ނޫނެވެ. އަންހެނުންނަށްވެސް ޤާނޫނުތައް ހެދިދާނެއެވެ. ސަބަބަކީ ޤާނޫނު ހެދުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ތައުލީމާއެކު މުޖުތަމަޢުގެ ހާލަތު ރަނގަޅަށް އޮޅުންފިލާފައިވުމެވެ. އިސްލާމް ދީންވަނީ ޢިލްމުގެ ޙައްޤާއިމެދު އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރައްވާފައެވެ.

މެމްބަރުންގެ އަނެއް މަސްޢޫލިއްޔަތަކީ، ދަވްލަތުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތާއިމެދު ވާހަކަ ދެއްކުމެވެ. އެގޮތަށް މެމްބަރުންގެ މަދުގައި ދެކެވޭ ވާހަކައަކީ، ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް މަނާކުރުމުގެ މާނައިގައި ހިމެނޭ މަސްޢޫލިއްޔަތެކެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައި ކަންތަކުން މަނާކުރުމަކީ އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވެގެންވާ ޙައްޤެކެވެ. މެމްބަރުކަމަށް އަންހެނުން އެކަށީގެން ނުވާކަމަށް ބެލެވޭނެ އެއްވެސް ދަލީލެއް އިސްލާމްދީނުގައި ނެތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ވެސް ވަނީ މިހަމަހަކަން އަންހެނުންނަށް ކަށަވަރު ކޮށްދެއްވާފައެވެ.

ދެންއޮތީ ކައުންސިލް މެމްބަރުންގެ މަސްއޫލިއްޔަތުގެ ވާހަކައެވެ. ކައުންސިލް މެމްބަރުންގެ ހުރިހާ ޤާނޫނީ ވާޖިބުތައް އެއްކޮށްލުމުން ލިބޭނަތީޖާ އަކީ އަތޮޅު ނުވަތަ ރަށް ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔެތެވެ. އެމަސްއޫލިއްޔަތު އަދާކުމުގައި ބޭނުންވަނީ ވެސް ޢިލްމާއި ތަޖުރިބާއެވެ. މިއީ ވެސް އަންހެނުންނާއި ފިރިހެނުން ހަމަހަމަ ޙައްޤަކެވެ. ޤާނޫނު އަސާސީގެ ހޮވާލެވޭ ލަފުޒުތަކުގައި "ތަފާތުނުކުރުން"، "ހަމަހަމަކަން" "މިނިވަންކަން" "އަޅުވެތުނުކުރުން" "ޚިޔާލުފާޅުކުރުމުގެ މިނިވަންކަން" ފަދަ ލަފުޒުތައް ހިމެނުމުން އަންހެނުންނާއި ފިރިހެނުންގެ އަސާސީ ޙައްޤުތަކުގެ ހަމަހަމަކަން ޔަގީންވެއެވެ. އަދި ޚާއްސަކޮށް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހަމަހަމަކަމުގެ ހައްޤުވަނީ ވަކި މާއްދާއަކުން ކަށަވަރުކޮށްދެއްވާފައެވެ.(ޤާނޫނުއަސާސީ26) މިހެންކަމުން ކައުންސިލްގެ ގޮޑިތަކަށް އަންހެނުންގެ އަދަދުގެ ނިސްބަތް ހަނިކުރެވޭނެ ޖާގައަކަށް ޤާނޫނު އަސާސީތަންނުދެއެވެ.

ޤާނޫނު އަސާސީ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު

ޤާނޫނު އަސާސީ ނެގެހެއްޓުމުގެ މަސްއޫލިޔަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްއޫލިޔެތެކެވެ. މަސްއޫލިއްޔަތޭ ބުނެވިއްޖެނަމަ އޭގެ ހަޤީޤީ މާނައަކީ އެކަމެއް ނުކޮށްދޫކޮށްލުމުން ތިމާ ޖަވާބުޖާރީވާންޖެހޭނެ ޒިއްމާއެކެވެ. މިދުނިޔެއިން ޖަވަބުދާރީ ނުކުރެވުނަސް އޭގެ ޒިއްމާ ކެނޑިގެން ނުދާނެއެވެ. އެމީހެއްގެ މިނުން އެމީހަކު ޒިއްމާ ނުއުފުލިނަމަ ޖަވާބު ދަރީވާންޖެހޭނެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ( إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْؤُولاً) الإسراء : 36 މާނައީ: ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާއިމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ.

رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. (« كُلُّكُم راعٍ ، وكُلُّكُمْ مسؤولٌ عنْ رعِيتِهِ : الإمامُ راعٍ ومَسْؤُولٌ عَنْ رعِيَّتِهِ ، والرَّجُلُ رَاعٍ في أهلِهِ وَمسؤولٌ عنْ رَعِيَّتِهِ ، وَالمَرأَةُ راعيةٌ في بيتِ زَوجها وَمسؤولةًّ عَنْ رعِيَّتِها ، والخَادِمُ رَاعٍ في مال سَيِّدِهِ وَمَسؤُولٌ عَنْ رَعِيتِهِ ، وكُلُّكُم راع ومسؤُولٌ عَنْ رعِيَّتِهِ » متفقٌ عليه

މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކީ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެމީހާ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހުންނާއިމެދު ސުވާލުކުރެވޭނެއެވެ. މިގޮތުން ވެރިޔާއަކީ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އެމީހާ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހުންނާއިމެދު އެމީހާއާއި ސުވާލު ކުރެވޭނެ އެވެ. އަދި ފިރިހެނަކީ އޭނާގެ އާއިލާ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އޭނާ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހުންނާއިމެދު އެމީހާއާއި ސުވާލުކުރެވޭނެއެވެ. އަދިއަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެކަނބުލޭގެ ބަލާ ބަލަހައްޓަން ޖެހިފައިވާ އެއްޗަކާއިމެދު އެކަނބުލޭގެއާއި ސުވާލުކުރެވޭނެއެވެ. އަދި خادم މީހާއަކީ އޭނާގެ ވެރި މީހާގެ މުދާ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އެމީހާ ބަލާބަލަހައްޓަން ޖެހިފައިވާ ތަކެއްޗާއިމެދު އެމީހާއާއި ސުވާލުކުރެވޭނެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ވެރިއެކެވެ. އަދި އެމީހަކު ބަލާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާމެދު އެމީހަކާ ސުވާލު ކުރެވޭނެއެވެ.

އާދެ! ދިވެހި ރާއްޖޭގައި ފުއްނާބު އުސް ދީނީ އިލްމުވެރީންވެސް އެބަތިއްބެވެ. ޤާނޫނީ މުއައްސަސާތައް ވެސް އެބަހުއްޓެވެ. ދީނީކަންކަން ހިމާޔަތްކުރުމުގެ ނަމުގައި އުފައްދާފައިވާ ސިޔާސީ ޕާޓީ، ޖަމުއިއްޔާތައް މަދުންނަމަވެސް އެބަތިއްބެވެ. ނަމަވެސް ދިނީ އިލްމުވެރީންގެ ފަރާތުން އަދި ޤާނޫނީ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔައީ މިކަމުގައި ހަމަހިމޭނުން ތިބުމެވެ. ސަބަބެއް ނޭގެއެވެ. ހިތާމަކުރަންޖެހޭކަމެކެވެ.

އާދެ! ޖުމުހޫރީ ޕަޓީގެ ފަރާތުން ނުވަތަ އެޕާޓީގެ ލީޑަރު އޮނަރަބުލް ޤާސމު އިބްރާހީމުގެ ފަރާތުން މިކަމުގައި ފާޅުގައި އަޑުއުފުލި އެވެ. "ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންނުކުރެވޭނެ" ކަމަށް ފާޅުގައި ވިދާޅުވިއެވެ. (ވަގުތު:3 ޑިސެމްބަރ 2019) އަދި އެކަމުން އޭނާގެ އިޚްލާސްތެރިކަމާއި ދިވެހި ޤައުމާމެދު ހުރި ކުލުނު ފާހަގަވެއެވެ. ނުވަތަ އެޕަޓީގެ ހުރި ޤާނޫނީ ހެޔޮވިސްނުން ފާހަގަ ވެއެވެ. ޕާޓީއެއްގެ މޮޅުކަމަކީ، އިޚްލާސްތެރިކަމަކީ، އަމާނާތްތެރިކަމަކީ ވެސް ޤާނޫނީ ގިއުގަޑުން ބޭރުނުވުމެވެ. ޖުމުހުރީ ޕާޓީން މިކަމުގައި އަޑުއުފުލި ހިނދު ދެންތިބި ޕާޓީތަކުން މިކަމުގައި ހަމަހިމޭނުންތިބުމުގެ ސިއްރާމެދު ސުވާލުއުފެދެއެވެ. ކޮންމެވެސް އަމިއްލަ ފަރުދަކު މިކަމުގައި ކޯޓަށް ދިޔަ ޚަބަރެއްވެސް އަޑުއެހީމެމެވެ. އެބޭފުޅަކަށް ވެސް ޝުކުރުދަންނަވަމެވެ. ޤާނޫނު އަސާސީއާ ތަޢާރުޟުވާ ޤާނޫނުތައް ބާޠިލު ކުރުވުމަށް ކޯޓަށް ދިއުގެ މަސްއޫލިއްޔަތު އާއްމު ފަރުދަކަށް ވުރެބޮޑަށް އެޅެނީ ސިޔާސީ ޕާޓތަކުގެ ކޮނޑުގައެވެ.

ދަންނައެވެ. ނުބައިކަންތަކަށް ހަމަހިމެނޫން ތިބުމަކީ އެންމެންގެ ހަލާކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرائيلَ عَلَى لِسَانِ دَاوُدَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ كَانُوا لا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ) އަލްމާއިދާ: 78-79، މާނައީ: إسرائيل ގެ ދަރީންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުރެ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ.

ހަޤީޤީ އިޚްލާސްތެރި ސިޔާސީ ޕަޓީއެއްނަމަ ޖެހެނީ ނިފާޤުގެ ސިފަތައް ދޫކޮށް ހައްޤުބަސް ބުނުމުގައި ދެމިތިބޭށެވެ. މިހެނީ ނިފާޤުގެ އަމަލަކީ އިލާހި ކޯފާގެ ސަބަބެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (أَنْجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ) އަލް އައުރާފު 165، މާނައީ: ނުބައިކަންތައް ނަހީކޮށް އުޅޭމީހުން ތިމަންރަސްކަލާގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذابއަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسقވެ އުޅުނު ކަމަށްޓަކައެވެ.

ދިވެހި ރާއްޖެއަކީ ޤާނޫނީ ހަމަތަކުގެ މައްޗަށް ބިނަވެފައިވާ ދައުލަތެކެވެ. އަހަރުމެން ދަތުރު މިކުރާ މިޤާނޫނީ އޮޑީގައި މޮޔަބަޔަކު ތިބެގެން ޤާނޫނުންބޭރުން އޮޑީގައި އަމަލު ހިންގަންފަށާފިނަމަ ނަތީޖާ ހިތިވެދާނެއެވެ. އެހެންކަމުން މޮޔަބަޔަކު އެންމެނަށް ގެއްލުމެއްހުރި ކަމެއް ހިންގާންއުޅެފިނަމަ އެންމެންވެގެން އެމީހުންނަށް އެކަން ވިޔަނުދީ މަނާކުރަންޖެހެއެވެ.

މާތްالله އެދެބަފައިކަލުންނަށް ރުއްސުންލެއްވި النعْمان بن بَشير، نبي صَلّى اللهُ عَلَيْهِ وسَلَّم ގެ ކިބައިން ރިވާކުރެއްވެވިއެވެ. އެކަލޭގެފާނު حديثކުރެއްވެވިއެވެ. الله ގެ أمر ފުޅުތަކަށް ކިޔަމަން ގަންނަ މީހާއާއި ކިޔަމަން ނުގަންނަ މީހާގެ މިސާލަކީ އޮޑިޔަކުން ދަތުރަކު ނިކުތް ބައެއްގެ މިސާލެވެ. އެމީހުން ތިބޭނެ ތަނަކާއި މެދު ގުރުއަތުލުމުން ބައެއްމީހުންނަށް މަތީ ފަންގިފިލާއިން، އަނެއްބައިމީހުންނަށް ތިރީބައިން ޖާގަލިބުނެވެ. އެހެންކަމުން ތިރީބައިގައި އުޅޭ މީހުންނަށް ޖެހުނީ ފެނަށް ބޭނުންވާ ކޮންމެފަހަރަކު މައްޗަށް އަރައިގެންދާށެވެ. މިކަން މިގޮތަށް ކުރަން ޖެހޭތީވެ އަޑީގައި ތިބިމީހުން (ސައްލާކޮށް) ބުނެފިއެވެ. ތިމަންމެން މީގެ އަޑީގައި ލޯވަޅެއް އަޅައިފިނަމަ ތިމަންމެން މައްޗަށް އަރަން ނުޖެހި އަދި އެމީހުންނަށް އުނދަގުލެއް ނުކޮށްމިތިބިތާ ތިބެގެން ފެން ލިބިދާނެއެވެ. ފަހެ ދަންނާށެވެ. އެމީހުން އެގޮތަށް ކަންތައް ކުރުމަށް ދޫކޮށްލައިގެން ތިބެއްޖެނަމަ (އޮޑީގައި ފެން ބޮޑުވެ) އެންމެން އެކުގައި ހަލާކުވެގެން ހިނގައިދާނެއެވެ. (ނަމަވެސް) އެމީހުންނަށް އެކަން ވިޔަނުދީ މަނާކޮށްފިނަމަ އެމީހުންވެސް ސަލާމަތް ކުރެވުނީއެވެ. އަދި އަމިއްލައިންވެސް ސަލާމަތް ވީއެވެ. (ބުޚާރީ، ރިޔާޟުއް ސާލިހީން، ޙަދީސް187)

ޤާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ވާގޮތުން އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާނަމަ، އެޤާނޫނެއް ނުވަތަ އެތަޢާރުޟުވާ މިންވަރެއް ވާނީ ބާޠިލު އެއްޗަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބްރޯ

    ލޯކަލް ކައުނސިލް ގެ ގާނޫނަށް އިސްލަހުގެނެސް އަންހެނުންނަށް ދައިރާތަކުގެ ވަކި ގޮނޑިއެއް ހާއްސަކުރުމަކީ ގާނޫނުއަސސީގެ 17 ވަނަ މާއްދާއާއި 20 ވަނަމާއްދާ އާއި ހިލަފު ވުމެއް އޮތް ކަމެއްކަމަށްދެކެން އަދި ގާނޫނުއަސާސީގެ 17 ގެ ށ ގެ މާނަ އޮޅުވާލެވިފައިވާކަމަށް ދެކެން 17 ވަނަ މާއްދާގެ ށ ގެދަށުން މުޖްތަމައުގާ އެހިތެރިވެދޭންޖެހޭފަރާތްތަކަށްވަނި ގާނޫނުގެތެރެއިން 65 އަހަރުންމަތީ މީހުންނަށާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާ އެކަނިވެރި މައިންނަށާ މިފަދަ ފަރާތްތަކަށް ދަނީ އެހިތެރިކަން ފޯރު ކޮށްދެމުން . ގާނޫނުއަސަސީ ހެދިފަ މިވަނީ ހުރިހާރައްޔިތުން ހަމަހަމަ ވާގޮތަށް އަންހެނެއް ފިރިހެނެއްގެ ކިބައިން އެއްވެސް ހައްގެއް މަހްރޫމް ނުކުރެވޭގޮތަށް. ލޯކަލް ކައުންސިލްގެ ގަނޫނުގައި ވަނި ފިރިހެނުންގެ ކިބައިން ހައްގުތަކަކުން މަހުރޫމްކުރުވާފަ. ގާނޫނުއަސސީގެ ބުނަނީ ވަކި ޖިންސަކަށްވެގެން ތަފާތު ނުކުރެވޭނެ ކަމަށް 20 ގަބުނަނީ ގާނޫނުން ލިބެންވަމަންފާ އެންމެނަށް ހަމަހަމ ގޮތުގަ ލިބެންވާނެކަމަށް

    10
  2. ޢަލިބެ

    ހެދެނީ ކޯންޗެއްކަން، ޤާނޫނު އަސާސީގައިއޮތީ ކީކޭކަން ނޭނގޭ ގަމާރުން މެންބަރުކަމަށް ހޮވީމަ ވާނެއެތި މިވަނީ.

    10
  3. މަސްވެރިޔާ

    ޢަންހެނުން މަހައް ނުދާތީ އެކަންވެސް އެބަޖެހޭ ގާނޫނަކުން ފާސްކުރަން. ރޭނުމާއި މަގުކޮނުމާއި މި ހުރިހާކަމެއްގައިވެސް އެމީހުންގެ ބައިވެރިވުން އޮންނަން ޖެހޭ..