މިއީ ކޮވިޑް 19 އާ ގުޅިގެން އެމެރިކާގެ ބްރުކްލިންގެ ހާލަތު ސީއެންއެން ނޫހުގެ ނޫސްވެރިން ސިފަކޮށް ޝާއިއުކޮށްފައިވާ ލިއުމެއްގެ ތަރުޖަމާ އެވެ.

ކޮވިޑް 19 އާ ގުޅިގެން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ސަނީ ޑައުންސްޓޭޓް ހެލްތް ސައިސަސް ޔުނިވާސިޓީ އިން ހިންގާ ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ބްރުކްލިންގެ ހާލަތު ސީއެންއެން ގެ ނޫސްވެރިންނަށް ދައްކާލުމަށް އެ ނޫހަށް ދައުވަތު ލިބިފައިވެއެވެ. އެތަނުގައި މިވަގުތު އެނދުމަތި (އެޑްމިޓް)ކޮށްފައިވާ އެންމެނަކީވެސް ކޮވިޑް19 އަށް ފަރުވާ ދެމުން އަންނަ މީހުންނެވެ. އެއީ ބްރުކްލިންގައި ހުންނަ ތިން ހޮސްޕިޓަލުގެ ތެރެއިން އެންމެ ފުރިހަމަ ޚިދުމަތްދޭ ހޮސްޕިޓަލެވެ. ސީއެންއެންއަށް ފުރުސަތު ލިބުނީ އެ ހޮސްޕިޓަލުގެ އަވަސް ފަރުވާ ދޭ ކޮޓަރި (އެމެޖެންސީ ރޫމް) ގެ ހާލަތު ބަލާލުމަށެވެ.

"އެމީހުންގެ ބަލި ހާލަތު ވަރަށް ގޯސް. ކޮންމެ އިރަކުވެސް މަރުވެދާނެ. ހަމަ ދެން ދެން މަރުވެދާނެ ހެންވެސް ހީވޭ. އެހާ ހާލު ދެރަ. އެމެޖެންސީ ރޫމަށް އައިސް ހަމަ ރީއްޗަށް ވާހަކަ ދައްކާ އުޅޭ މީހުން ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޭވާލާން އުނދަގޫވެގެން އުޅޭ. ދެން ޖެހެނީ ކަރު ތެރެއަށް ހޮޅި ވައްދައިގެން ވެންޓިލޭޓަރު ގުޅަން. އެކަން ކުރާއިރު އުއްމީދަކީ އެމީހުންނަށް އޭގެ ސަބަބުން ފަސޭހަކަމެއް ލިބުން" އެ ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ ތެރަޕިސްޓު ޖޫލީ އީސަން ކިޔައިދިނެވެ.

މިއީ ކޮވިޑް19 ގައި އެމެރިކާގެ ރައްޔިތުން އަޅަމުންދާ ވޭނުގެ ވާހަކަ އެވެ. މި މަންޒަރުތައް މީހުންނަށް ނުފެންނަނީ ހޮސްޕިޓަލްތަކަށް އާންމުންނަށް ނުވަދެވޭހެން ބަންދުކޮށްފައިވާތީ އެވެ. އެންމެންވެސް ގޭގައި މަޑުކުރުމަށް އޮތީ އަންގާފައެވެ. މިތަނުގައި ފެންނަ މަންޒަރުތަކުން ވަރަށް އަސަރު ކުރެއެވެ. ކޮންމެ 40 މިނެޓެއްގައި 6 މީހަކަށް ހާޓް އެޓޭކް ޖެހެއެވެ. އަދި ހަމަ އެ 40 މިނެޓު ތެރޭގައި ހާޓް އެޓޭކް ޖެހޭ 6 މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެ ދެއެވެ. މި މަންޒަރު ލޮލަށްވެސް ފެނިއްޖެ އެވެ.

އެހެން ނަމަވެސް ކޮވިޑް19 ގެ ކުރިން އެމެޖެންސީ ރޫމަށް އަންނަ މީހުންނަށްވުރެ މިހާރު އަންނަ މީހުންގެ އަދަދު މަދެވެ. ނަމަވެސް މިތަނަށް އަންނަ އެންމެނަށްވެސް ބަލި ޖެހިފައިވާތީ އެންމެންގެ ހާލުވެސް ވަރަށް ދެރައެވެ. އެއީ މަރުވާ މީހުންގެ އަދަދު އިތުރުވާ އެއް ސަބަބެވެ. މި ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި (އެޑްމިޓް) ކޮށްފައިވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުން ވަނީ މިހާރު މަރުވެފައެވެ.

"މިއީ ހޮސްޕިޓަލުގެ މައްސަލައެއް ނޫން. މިއީ މި ބަލީގެ ނުބައިކަމާއި ބިރުވެރިކަމުގެ ސަބަބުން ވަމުންދާ ގޮތް،" އެވަގުތު އެމެޖެންސީ ރޫމުގައި ފަރުވާ ދިނުމުގައި ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރަކު ކިޔައިދިނެވެ،

ހޮސްޕިޓަލުން މައުލުމާތު ދިން ގޮތުގައި ދުވަހުން ދުވަހަށް އެތަނަށް ގެންނަ ބަލި މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ވަރުބަލި ފިލުވާލާނެ ވަގުތުކޮޅެއްވެސް ނުލިބެއެވެ. ސީއެންއެންގެ ރިޕޯޓަރުންނަށް ދެން ފެނުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކޮތަޅަކަށްލައި، ކޮތަޅު ބަންދުކުރާ މަންޒަރެވެ. އެއަށްފަހު 30 މިނިޓުގެ ތެރޭ އެމީހާ އޮތް ތަން ރަނގަޅަށް ސެނިޓައިޒްކުރުމަށްފަހު އެހެން މީހަކު އެތަނުގައި ބޭއްވި އެވެ. އެއީވެސް ބަލިހާލު ވަރަށް ދެރަ މީހެކެވެ. ނޭވާ ލާން އުނދަގޫވުމާއި ކެއްސުމުގެ އާލަމާތްތަކެއް އެމީހާގެ ކިބައިން ފެނެއެވެ. އެހެން ކަމުން އެމީހާ އޮތީ އޮކްސިޖެން މާސްކު އަޅުވާފައެވެ.

ކޮވިޑް19 ޖެހިގެން އެ ހޮސްޕިޓަލުގައި މިހާތަނަށް 400 އެއްހާ މީހުން އެނދުމަތިކޮށްފައިވާއިރު 90 އިންސައްތަ މީހުންނަކީ އުމުރުން 45 އަހަރުން މަތީގެ މީހުންނެވެ. 60 ޕަސެންޓު މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް މި ބައްޔަކީ ވަކި އުމުރެއްގެ ބަޔަކަށް ޖެހޭ، ނުވަތަ ވަކި އުމުރެއްގެ މީހަކަށް ވުމުން ބިރުވެރިކަން ބޮޑުވާ ބައްޔެއްވެސް ނޫނެވެ. އެ ހޮސްޕިޓަލުގައި ކޮރޯނާ ވައިރަސް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖަކުވެސް މަރުވެފައި ވެއެވެ. އެހެން ކަމުން އުމުރާ ގުޅިގެން ބަލީގެ ކުޑަބޮޑުމިން ވަޒަން ކުރެވޭކަން ނެތެވެ.

އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ ޒުވާން ކުދިންވެސް މިތަނުގައި އެނދުމަތިކުރެވިފައި އެބަ ތިއްބެވެ. އެމީހުންގެ އެނދުތަންމަތީގައި ތިބެ ރޮއެ ގިސްލަމުން ޑޮކްޓަރުންނާ ދިމާލަށް ބަލާ ހަދައެވެ. ފަރުވާ ދިނުމަށް އެދި އާދޭސް ކުރަނީކަން ވަރަށް ރަނގަޅަށް ސާފު ވެއެވެ.

މިހާތަނަށް އެބަލީގައި ފަރުވާ ދެމުންދަނިކޮށް ޖުމްލަ 94 މީހަކު އެހޮސްޕިޓަލުގައި ވަނީ މަރުވެފައެވެ. އެ ހޮސްޕިޓަލުގެ ނަރުހުން ބުނާ ގޮތުގައި މަރުވާ މީހުންގެ އަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް ބެލެވެއެވެ.

"ކުރީ ދުވަހަކު އަހަރެން ފަރުވާ ދެމުންދިޔަ ބަލި މީހެއްގެ ފިރިހެން ދަރިފުޅު އަހަންނަށް ގުޅާފަ ބުނީ، އޭނާގެ ބައްޕައަކީ 80ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް. އަދި ބައްޕަ މަރުވާނެ ކަން އެނގޭ ކަމާއި ބައްޕަ މަރުވާނީ އެކަނި އޮވެ، އެކަނިވެރިކަމާއެކު ކަން އިހުސާސް ކުރެވޭތީ އެކަމާ ހިތާމަ ކުރާކަމަށް ބުނި. މިތަނުގައި އުޅޭ ހުރިހާ ނަރުހުންވެސް އެންމެ ދެރަވެ މާޔޫސް ވަނީ މަރު ތަންމަތީގައިވެސް އާއިލާ މީހުންނާ ބައްދަލުވުމުގެ ފުރުސަތު ބަލި މީހުންނަށް ދެވެން ނެތުމުން،" ހޮސްޕިޓަލުގެ އެމެޖެންސީ ޑިޕާޓްމަންޓުގެ ޑައިރެކްޓަރ އަދި ރަޖިސްޓާޑް ނާސް، ޗެރިލް ރޮލްސްޓޮން ކިޔައިދިނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔޫސުއްބެ

    ހަމަ ކޮންމެ ހިނދަކުވެސް މަރުއައިސް ކުރިމަތިވެދާނެ ! މިއީ ވަރަށް ނާމާން ނުރައްކާތެރި ބައްޔެއް، މިބަލިން މި ކުޑަކުޑަ ޤައުމު ، އިސްލާމީ މުޖްތަމަޢު ސަލާމަތްކޮށްދެއްވުމަށް އެދި ކެނޑި ނޭޅި ދުޢާ ކުރައްވާ! އާދޭހާއި އެކު ދަންނަވާ ﷲ ހަޒްރަތުން ...

    ފެންނަ ގޮތުގައި އިންސާނީ ނަސްލު ކީއްކުރަންތޯ އެނިމާލިޔާ ކިންގްޑަމް ( ޖަނަވާރާއި އިންސާނުން) މިބަލިން ސަލާމަތް ނުވެއްޖެ ނަމަ ގިނަ ޢަދަދެއްގެ ޖަނަވާރާއި އިންސާނުން ނެތިގެން ހިނގައިދާނެ،،... މިބަލީގައި މަރުވެދާ ޖަނަވާރުންގެ ޢަދަދު ބެލުމަށ

  2. ޔޫސުއްބެ

    ހަމަ ކޮންމެ ހިނދަކުވެސް މަރުއައިސް ކުރިމަތިވެދާނެ ! މިއީ ވަރަށް ނާމާން ނުރައްކާތެރި ބައްޔެއް، މިބަލިން މި ކުޑަކުޑަ ޤައުމު ، އިސްލާމީ މުޖްތަމަޢު ސަލާމަތްކޮށްދެއްވުމަށް އެދި ކެނޑި ނޭޅި ދުޢާ ކުރައްވާ! އާދޭހާއި އެކު ދަންނަވާ ﷲ ހަޒްރަތުން ...

    ފެންނަ ގޮތުގައި އިންސާނީ ނަސްލު ކީއްކުރަންތޯ އެނިމާލިޔާ ކިންގްޑަމް ( ޖަނަވާރާއި އިންސާނުން) މިބަލިން ސަލާމަތް ނުވެއްޖެ ނަމަ ގިނަ ޢަދަދެއްގެ ޖަނަވާރާއި އިންސާނުން ނެތިގެން ހިނގައިދާނެ،،... މިބަލީގައި މަރުވެދާ ޖަނަވާރުންގެ ޢަދަދު އަދި ބެލިފައި ނެތްކަމަށް ޤަބޫލު ކުރެވެނީ

  3. ފަސްދާނު

    މާނައަކީ ހާޓް އެޓޭކް ޖެހިގެން 10 މިނިޓުން މީހަކު އެބަ މަރުވެޔޭ. މީކޮވިޑްޖެހޭ މީހުންގެ އިތުރުން މަރުވާ މީހުންބާ؟

    3
    1
  4. މޮގޮަމްބޯ

    ތިބަލީގެ ފަރުވާ އަކީ ކަޅު ދިރި އާއި މާމުއި.