މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެ ޒުވާނާ މާލެ އަންނަން ޖެހުނީ ބަފައިބެގެ ސިއްހީ ހާލު ކުއްލިކަށް ގޯސްވެ ހއ. އުލިގަމުގައި ފަރުވާދެވޭނެ ގޮތެއް ނެތިގެންނެވެ. އާއިލާގެ ބައެއް މެމްބަރުންނާ އެކީގައި ޒުވާނާ މާލެ އައިއިރު، ރާއްޖެ އިން ކޮވިޑް-19 އޮތީ ފެނިފައެވެ. އެހެންވެ، އެ ބިރުވެރިކަން އޭނާގެ ހިތުގެ ތެރޭގައި އޮތެވެ. ބަފައިބެ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިން އިރު، ޒުވާނާ މާލެ އައީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އެނގި ހުރެއެވެ. ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ ކަމަށް ގަބޫލުކުރިއެވެ.

މާލޭގައި ހޭދަކުރި ދެ ހަފްތާއެއްހާ ދުވަހު، ބޭރަށް ނުކުތީ އެންމެ ފަހަރަކުއެވެ. އައިޖީއެމްއެޗް ތެރޭގައި އަބަދުވެސް އުޅެމުން ދިޔައީ މާސްކް އަޅައިގެންނެވެ. ބޭރަށް ނުކުތް ހަމައެކަނި ފަހަރު ވިސްނުމަކަށްވީ ރޯދަ އަށް ބޭނުންވާ ބައެއް ސާމާނުތައް ގަތުމަށެވެ. ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު، ހެނދުނު ދިޔައީ ބާޒާރުމައްޗަށެވެ. ރޯދަ އަށް ބޭނުންވާ ބައެއް ސާމާނުތައް ގަތުމަށް ފަހު، މެންދުރުވުމުގެ ކުރިން އެނބުރި އަނެއްކާ ވެސް އައިޖީއެމްއެޗަށް ދިޔައީއެވެ.

"ބާޒާރުމަތީގައި ހުރި ފިހާރަތަކަށް ދިޔައީ އާއިލާގެ މީހަކާ އެކީގައި. އެ ތަނުގައި އުޅުނު އިރު މާސްކެއް ނާޅަން،" އުމުރުން 27 އަހަރުގެ ޒުވާނާ ކިޔައި ދިނެވެ.

އެ ޒުވާނާ މާލެ އިން ފުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު "ކާވިޔާ" ބޯޓުގައެވެ. އޭރުގައި ފުރި އިރު ވެސް އެއްވެސް ކަހަލަ އަލާމާތެއް އޭނާގެ ގައިން ނުފެނެއެވެ. ރަށަށް ދިއުމާ ހަމައަށް ވެސް ބަލީގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ބޯޓު ކައިރި ކުރުމަށް ފަހު، އުލިގަމަށް ދެވުނީ ޖެހިގެން އައި ދުވަހެވެ. އޭރުގައި މާލެ އިން ފުރަތަމަ ފަހަރަށް މީހަކު ފައްސިވި ކަން އެ ޒުވާނާ އަށް އޮތީ އެނގިފައެވެ.

އަމިއްލަ އަށް އެކަހެރިވެ ނަމޫނާ ދެއްކި!

މާލެ އިން މީހަކަށް ބަލި ޖެހިފައި ހުރިކަން އިއުލާން ކުރުމާ ގުޅިގެން އޭނާ ބެލީ އެހެން އެއްވެސް މީހަކަށް އޭނާއާ ހެދި ނުރައްކާވިޔަ ނުދޭށެވެ. އެގޮތުން އަންހެނުންނާ ވާހަކަ ދެއްކުމަށް ފަހު، ހޯމް އައިސޮލޭޝަންވުމަށް ވަކިން ކޮޓަރިއެއް ހަމަޖެއްސިއެވެ. ބައްޔަށް ފައްސިވިކަން ނޭނގެނީސް، ފަރުދީ ޒިންމާ އަދާކޮށް މުޅި ރަށަށް ބަލި ފެތުރުނަ ނުދީ އެކަހެރިވިއެވެ. ކާބޯތަކެތި ކޮޓަރިއަށް ވައްދައިފިއެވެ. ގަޑިން ގަޑިން ބޭސް ކެއުމަށްޓަކައި ބޭސް ވެސް ކޮޓަރިއަށް ވެއްދިއެވެ.

އެކަމަކު، އެހެން މީހުންނާ ދުރުގައި މާ ގިނަ ދުވަހު އެ ކޮޓަރީގައި ހުންނާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ފަހުން އޭނާ އަށް ލިބުނީ މާ ބޮޑު ހިތްދަތި ހަބަރެކެވެ.

މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން ފުރަތަމަ ފަހަރަށް ބަލި ޖެހުނު ޒުވާނާ "ވަގުތަށް" ބުނީ ރަށަށް ދިޔަތާ އެއް ދުވަސް ފަހުން، ހެނދުނު ހޭލި އިރު ހުން ހުރި ކަމަށާއި އެ ދުވަހުގެ ހެނދުނު 9:30 ހާއިރު ހުން ގަދަވާ ކަމަށް ދެއްކުމުން ރަށުގެ ޓާސްކް ފޯސްއާ އެ މައުލޫމާތުތައް ހިއްސާ ކުރި ކަމަށެވެ.

އުލިގަމުން ފައްސިވި ޒުވާނާ އެއާ ޓެކްސީއެއްގައި ފަރުކޮޅުފުއްޓަށް ގެންދަނީ.

"ބޭސް ކައިގެން ދެން ނިދާލީ. ނިދާފައި ތެދުވީ އެ ދުވަހު 12 ޖަހާކަން ހާއިރު. ތެދުވެ ނަމާދުކޮށްލައިގެން އޭގެ އިރުކޮޅެއް ފަހުން ދޭއް ޖަހަނިކޮށް ހުން ވައްތަރުވީ. ބޭސް ކެއީމަ އަނެއްކާ ބަރާބަރު. އެހެން ހުއްޓައި މާލެ އިން އިތުރު ބަޔަކަށް ބަލި ޖެހުނު ކަން އެނގުނީ. އެ ހިސާބުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނިން،" ޒުވާނާ ކިޔައި ދިނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ޒުވާނާގެ ސާމްޕަލް ނެގުމަށް އައީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ސާމްޕަލް ނެގިތާ އެއް ދުވަސް ފަހުން، ފައްސިވެފައިވާ އެޗްޕީއޭ އިން އެންގިއެވެ. އަދި ވީހާވެސް އަވަހަކަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް ބަލާ އަންނާނެ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ވަރަށް ބޮޑަށް ސަމާލުވެގެން އުޅެނިކޮށް ބަލި ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އެއަށް ވުރެން ބޮޑަށް ހާސްވީ، އޭނާއާ ހެދި އިތުރު އެއްވެސް މީހަކަށް ބަލި ޖެހިފައި ހުރެދާނެތީ ކަމަށް ބުންޏެވެ.

"ފައްސިވި ވާހަކަ ބުނީމަ ވަރަށް ދެރަވި. އެކަމަކު އަނެއް ހެން މާ ބޮޑަށް ވީކްވެގެން ނުދޭ. ﷲ ސުބުހާނަހޫ ވަތައާލާއާ އޮންނަ ގުޅުން އޮތީމަ، ﷲ އާ ވަކީލްކޮށްގެން ހުރީ. އެހާ ހިސާބުން ހިތަށް އެރީ ފެން ވެސް ނުވައްދާނަމޭ. ކާ އެއްޗެހި ވެސް ނުވައްދާނަމޭ. ގެންދަން ދެން ހުންނާނީއޭ ފަރުކޮޅުފުށީގައި،" ޒުވާނާ ބުންޏެވެ.

"ކެތްތެރިކަން އިސްކުރުމަށް މަންމަ އިރުޝާދު ދިން"

އެ ޒުވާނާ މިއަދު އެ ހުރީ އަންހެނުންނާއި ދަރިފުޅު އަދި މައިންބަފައިންނާއި އާއިލާގެ އެހެން މީހުންނާ ދުރުގައެވެ.

"އަޅުގަނޑުގެ މަންމަ ބުނީ ބަލި ޖައްސަވަނީ ﷲ އޭ. ބައްޔަށް ޝިފާ ދެއްވަނީ ﷲ އޭ. އެހެންވީމަ ކެތްތެރިކަމާ ސާބިތުކަމާ އެކީގައި ހުންނާށޭ. އެ ހިތްވަރު ލިބުނު މަންމަގެ ފަރާތުން. އެހެންވެ ވަރަށް އުފަލުން އަޅުގަނޑު ހުރީ. އަޅުގަނޑަށް ﷲ އާ ދޭތެރޭގައި ޔަގީންކަން އޮތް،" ޒުވާނާ ބުންޏެވެ.

ފަރުކޮޅުފުށީގެ ވޯޑެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ގޭގައި ކަރަންޓީން ވެގެން ހުރި ދުވަސްތަކުގައި ދެން އެންމެ ބޮޑު ހިތްވަރެއް ލިބުނު އެކަކީ އެ ޒުވާނާ އަށް ކިޔަވައި ދިން މުދައްރިސެކެވެ. އެގޮތުން ނަފްސާނީ ގޮތުން ކޮށްފާނެ އަސަރުތަކާ ގުޅޭ ގިނަ ނަސޭހަތްތަކެއް ދީ، އަމަލު ކުރަންވީ ގޮތް ވަރަށް ތަފްސީލްކޮށް ޓީޗަރު ކިޔައި ދިން ކަމަށް ޒުވާނާ ބުންޏެވެ.

"ޓީޗަރު ނަސޭހަތްތެރިވީ މިކަމުން ސަލާމަތްވުމަށް ތައްޔާރުވެގެން ހުންނާށޭ. އިރުޝާދު ދިން ހޫނު ފެން ގިނަ އިން ބުއިމަށް. ކަރު ދޮށް ލޮނު އަޅައިގެން ދޮވެލުމަށް. ތާފަނާ ފެން ގަޔަށް އެޅުމަށާއި ލުނބޯ ހުތް މަދުވެގެން ތިން އިރު ބޭނުން ކުރަން. އަދި ވިޓަމިން ސީ ގިނަ އިން ލިބޭ އެއްޗެހި ބޭނުން ކުރަން،" ޒުވާނާ ބުންޏެވެ.

މީގެއިތުރުން ބްލީޗް އަޅައިގެން ދުވާލަކު ތިން އިރަކު، ގޭތެރެ ސާފު ކުރަން ވެސް ޓީޗަރު އިރުޝާދު ދިން ކަމަށް އެމީހާ ބުންޏެވެ.

ޒުވާނާ ފައްސިވުމާ ގުޅިގެން ހަމަ އެ ދުވަހު އުލިގަން މޮނިޓަރިން ހާލަތަށް ލައި ސީ ޕްލޭނެއްގައި ޖެހިގެން އައި ދުވަހު އޭނާ ގެންދިޔައީ ކޮވިޑް-19 ގެ ފަރުވާ އަށް ހާއްސަކުރި ފަރުކޮޅުފުއްޓަށެވެ. އޭނާ ބުނީ ފަރުކޮޅަށް ގެންދިޔަ ފަހުން ކޮންމެ ދުވަހަކު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ހުން ބަލައި ހާލު އޮޅުންފިލުވިޔަސް ބޭހެއް ނުދޭ ކަމަށެވެ. އަދި ދުވާލަކު އެއް ފަހަރު ޑޮކްޓަރުން ބަލި މީހުންގެ ގާތަށް އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު އެ ޒުވާނާ ބަހައްޓާފައި ހުރީ މަލަހިނި ކުޑަބަނޑޮހުގައެވެ.

"ފަރުކޮޅުފުއްޓާއި ކުޑަބަނޑޮހުން ވެސް ވަރަށް ރަނގަޅު ހިދުމަތެއް ލިބެނީ،" މިވަގުތު ކުޑަބަނޑޮސް ކަރަންޓީން ފެސިލިޓީގައި ހުރި ޒުވާނާ ބުންޏެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ބައްޔާ ގުޅިގެން ރާއްޖޭގައި ތިބި މީހުންނަށް އެ ޒުވާނާ ދިން ނަސޭހަތް ކިތަންމެހާ ވެސް ރަނގަޅެވެ. އޭނާ ފުރަތަމަ ވެސް ގޮވާލީ ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަށެވެ. މިއީ އެއްވެސް މީހަކު، ދެރަ ކުރަންވީ ވަގުތު ނޫން ކަމަށާއި މިކަމުގައި އޮތީ ކެތްތެރިވުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުމާއި ސިއްހަތު ރަނގަޅު ކާނާ ބޭނުން ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޒުވާނާ ބުންޏެވެ.

"އަޅުކަމުގައި ވަގުތު ގިނަ ކުރަންވީ. މިއީ އިސްލާހު ވާންވީ ވަގުތު. އޭރުން އެކަހެރިވެގެން ހުންނަން ޖެހުނަސް، ﷲ އާ ދެމެދު އޮތް ގުޅުން ރަނގަޅުވެއްޖެ ނަމަ، އޭނާއަށް ދެރަ ގޮތެއް ނުވާނެ،" ޒުވާނާ ބުންޏެވެ.

"ދުއާއަކީ ﷲ ގެ ރަހްމަތުން އަޅުގަނޑުމެންގެ ތެރެއިން މި ބަލި ފިއްލަވައި ކުރީ ސަފުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށާއި އަޅުގަނޑުމެން އެންމެންނަށް ﷲ ރައްކާތެރިކަން މިންވަރުކޮށް ދެއްވައި މި ބަލި ޖެހިފައިވާ އެންމެހާ އަހުންނާއި އުހްތުންނަށް ﷲ ހަޟްރަތުން އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި މި ބަލީގައި ނިޔާވެފައިވާ މީހުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން،"

އުލިގަމަށް އުފަން އެ ޒުވާނާ ކުރި މަސައްކަތަށް ތައުރީފް ހައްގެވެ. ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތް ކުރީ އޭނާގެ ގައިން އެހެން މީހަކަށް ވައިރަސް ދިޔަ ނުދިނުމަށެވެ. ކަމާބެހޭ ފަރާތްތަކުން އައިސް އެކަހެރިކުރަން ދެން އޭނާ މަޑެއް ނުކުރިއެވެ. އެ އަމަލުގެ ސަބަބުން މުޅި އާއިލާ ސަލާމަތް ކުރިއެވެ. ރަށުގެ ރައްޔިތުން ނުރައްކަލުން ސަލާމަތް ކުރިއެވެ. އޭގެ ނަތީޖާ މިއަދު އޮތީ ފެންނާށެވެ. މިއަދާ ހަމައަށް އައިއިރު، އެ ރަށުން އިތުރު މީހެއްގެ ގައިން ބަލި ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    މުސީބާތެއް ޖެހުނީމަކާ ނޫން ﷲގެމަތިން ހަނދުމަކޮށް ހެޔޮކަންތައް ކުރަންވީ. އަބަދުވެސް 5ވަގުތު ނަމާދުކޮށް ގިނަގިނައިން ﷲ ހަނދުމަކުރަންވީ ދުޢާ ކުރަންވީ.

    37
    • ޒަމީރު

      މޮޔަ ނުގޮވަބަ، މުސީބާތް ތަކުގެ ސަބަބުން ﷲ އާ އާޚިރަތް މަތިން ހަނދުމަކޮށް ދޭނެ މުއުމިމުންނަށް

      27
      1
  2. ދީމް

    މާޝާ ﷲ ތަޢުރީފު ހަ އްޤު ވާވަރުގެ ނަމޫނާ އެއ އް ތި ޒުވާނާ ތި ދެ އްކީ، ބުނެލަން އޮތީ ހަމަ ހުރިހާ ބޭފުޅުންވެސް މިފަދަ އިން ފަރުދީ ޒިންމާ އަދާކޮށްފިނަމަ މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާ އި އިކު މި ކުޑަ ދިވެހި ރާ އްޖެ ވެސް މި ނުރަ އްކާތެރި ބަލިން ސަލާމަތްވާނެ☺️ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    37