މޯލްޑިވިއަން ސީ ޕްލޭންތަކުގައި ދަތުރު ކުރަމުން އަންނަ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުޑަ ޒިންމާއަކަށް ނުވާނެއެވެ. އެ ކުންފުނީގެ ސީ ޕްލޭންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ މުވައްޒަފުންނަކީ ފަރުދާގެ ފުރަގަހުގައި އެ ބުރަ ޒިންމާ ފުރިހަމަ ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ އެއް ބައެވެ.

ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުން ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 އާ ގުޅުން ހުރި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި މޯލްޑިވިއަން ސީ ޕްލޭންގެ މުވައްޒަފުންގެ ދައުރު ވަރަށް ބޮޑެވެ. ކޮންމެ ދުވަހަކު ފަސް ވަރަކަށް ގަޑިއިރު، އިންޖިނިއަރިން ޑިޕާޓްމަންޓްގެ މުވައްޒަފުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރެއެވެ.

މޯލްޑިވިއަން ސީ ޕްލޭންގެ އިންޖިނިއަރ ގްރޭޑް 2 އަހުމަދު އަފްޒަލް ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މޯލްޑިވިއަން ސީ ޕްލޭންގެ އިންޖިނިއަރ ގްރޭޑް 2 އަހުމަދު އަފްޒަލް ރަޝީދު "ވަގުތަށް" ވިދާޅުވީ، ފަތުރުވެރިންނަށް ދެމުން އައި ޚިދުމަތް ބަދަލުވެ، މި ހައްސާސް ވަގުތުގައި އާންމުން އުފުލުމުގެ މަސައްކަތް ކުރަން ޖެހުމަކީ ރައްޔިތުންނަށް ގައުމީ ޚިދުމަތެއް ދެވޭ ކަމުގެ އިހްސާސްވާ ކަމެއް ކަމަށެވެ.

މަސައްކަތުގެ ވައްޓަފާޅި އާއި ކުރަން ޖެހޭ މަސައްކަތަށް މާ ބޮޑު ބަދަލެއް ނައި ކަމުގައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ސީޒަނާއި އަޅާ ބަލާއިރު މަސައްކަތުގެ ޕްރެޝަރު ދަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދިމިހާރު އުފުލަން ޖެހޭ ޒިންމާ މާ ބޮޑު ކަމުގައި އިހުސާސްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަސްލު ބުނާ ނަމަ ކުރީގައި ސީޒަން އަށް ފޯލްވާތީ އެއާކްރާފްޓްތައް އަބަދުވެސް ބޭނުންވެފަ އޮންނަނީ. އެއާކްރާފްޓް މަދުވެފައި އޮންނަނީ ގޮތަކަށް ބުނާ ނަމަ. އެކަމަކު މިހާރު އަބަދުވެސް ފްލީޓް މި ފެންނަނީ އިށީނދެގެން އިންނަތަން. ދެން ދުވާލަކު 5، 6 ފްލައިޓް މި އަޅަނީ. އެހެންވީމަ ވަރަށް ގިނަ ވަގުތު ލިބޭ މެއިންޓެނަންސްއަށް. އެކަމަކު މާހައުލުގެ ގޮތުން ބިރު އިނދޭ. އެއީ މިއީ ޑައިރެކްޓް ކޮރޯނާ މީހުން. ޑިސްއިންފެކްޓް ކުރިއަސް އެ ބިރު އިނދޭ." އަފްޒަލް ވިދާޅުވިއެވެ.

މޯލްޑިވިއަން ސީ ޕްލޭނެއް މަރާމާތު ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މީގެކުރިއާ މިހާރާ އަޅާ ބަލާނަމަ އެންމެ ބޮޑު ތަފާތަކީ މަސައްކަތުގެ މާހައުލުގައި އުޅެން ޖެހޭ ގޮތް ކަމަށް އަފްޒަލް ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑު ތަފާތަކީ، މަސައްކަތުގެ މާހައުލު. އެއީ ޑިސްޓެންސިން. ވަރަށް ދުރުން ދުރުން މި އުޅެން ޖެހެނީ ކުރިން ވަރަށް ކައިރިން މަޖާ މާހައުލެއް. އެކަމަކު މިހާރު މި ތިބެނީ އެންމެން ވެސް ވަރަށް ސްޕޭސްއައުޓް ވެފައި. އެހެންވީމަ މިއީ އުނދަގޫ، ބެއަކުރަން ދަތި ކަމެއް އަސްލު. އެއީ ބައެއް ފަހަރު ވަރަށް ގާތްކޮށް މަސައްކަތް ކުރާ ޖޫނިއާ ސްޓާފުންނާއި އިންވޯލްވް ވާން ބޭނުން ވިޔަސް ނުވެވޭ." އަފްޒަލް ވިދާޅުވިއެވެ.

އިންޖިނިއަރިން ޑިޕާޓްމަންޓުން ކުރާ މަސައްކަތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން، އިންޖިނިއަ ގްރޭޑް 3 އަލީ ފުރުގާން ވިދާޅުވީ މޯލްޑިވިއަން ސީ ޕްލޭންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް އަމިއްލަ އަށް ބޭނުން ވެގެން މަސައްކަތަށް ނުކުންނަ މީހުން ކަމަށެވެ.

އިންޖިނިއަރ ގްރޭޑް 3 އަލީ ފުރުގާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން، ހަފްތާއެއްހާ ދުވަސްވަންދެން މޯލްޑިވިއަން ސީ ޕްލޭންގެ އޮޕަރޭޝަންތައް ވެސް ގާތްގަނޑަކަށް މަޑުު ޖެހުމަކަށް އައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު ޑިއުޓީއަށް ނިކުންނަމުން ދިޔައީ ދެތިން މީހުން ކަމަށާއި އެ މުވައްޒަފުން މަސައްކަތަށް ނުކުންނަމުން ދިޔައީ 4 ނޫނީ 5 ވަރަކަށް ގަޑިއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. ފްރޮންޓްލައިން ރިސްކް އަލަށް މި އިހުސާސް ކުރެވެނީ. މިތަނުގައި އުޅޭ ގިނަ މީހުންނަކީ ހަމަ ފެމިލީ ހުރި މީހުން. މިހާރު ކޮވިޑް ކަންތައް އައިސްގެން މެއިންޓެނެންސް އޮންނަނީ ރޭގަނޑަށް ބަދަލުކޮށްފައި. އެއީ ދުވާލު އޮޕަރޭޝަން ނިމެނީ 6؛30 އަށް. ދުވާލު ބޭސް މެއިންޓެނެންސް އޮންނަނީ މިހާރު. " އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން ސީ ޕްލޭންގެ އިންޖިނިއަރިން ޑިޕާޓްމަންޓް މަސައްކަތް ކުރާ ތަން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިހާރު މޯލްޑިވިއަން ސީ ޕްލޭން އުދުހުމުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭކަންކަން ފުރިހަމަކުރުމަށް ކޮންމެ ދުވަހަކުވެސް އަދާކުރާ ޒިންމާއަކީ ބޮޑު ޒިންމާއެއްކަން ފުރުގާން ފާހަގަކުރެއްވިއެވެ.

"ފްލައިކޮށް ނިންމާފައި އައިސް ބަލާނެ. އިންސްޕެކްޝަން ހަދާނެ. އެއީ ކޮންމެ ދުވަހަކު. ކަލަންޑާ ވައިސްކޮށް، ހަވާލީ ކުރާ ކަންކަން ހުންނާނެ. މެއިންޓެނެންސް ސައިޑުން ކުރާ ކަމަކީ އެއާކްރާފްޓް ފިޓު ފްލައި ހެދުން. އިންޖިނިއަރިން ސައިޑުން މި ބަލަނީ ސަޓިފައި ކުރަނީ ސައިންކޮށްފަ ފިޓްޓު ފްލައިކަމަށް. ސައިން ނުކުރަނީސް ޕައިލެޓަކު ބޯޓެއް ނުއެއް ދުއްވާނެ." ފުރުގާން ވިދާޅުވިއެވެ.

މޯލްޑިވިއަން ސީ ޕްލޭންގެ މެކޭނިކް ގްރޭޑް 3، މުހައްމަދު މުއިއްޒް ވަނީ މެކޭނިކެއްގެ ހައިސިއްޔަތުން މިވަގުތު ކުރަން ޖެހޭ މަސައްކަތާއި، ކުރެވެ އިހުސާސްތައް ވިދާޅުވެފައެވެ.

"އެންމެ ފުރަތަމަ މީހުން ނުކުތީ 4 އިންޖިނިއަރުންނާއި 4 މެކޭނިކުން. މިހާރު ބިޒީވީމަ އެންމެން ކުރޭ ޝިފްޓަށް. އުނދަގޫ އެކަމަކު އޮފީހުން ކޮށްދޭ ކަންތަކާއި އެކު ވަރަށް ހިތްހަމަޖެހިގެން މަސައްކަތް ކުރަނީ. ޕްރެޝާ އެންމެ ބޮޑު ފަހަރު މިއީ. އެކަމަކު ބިޒީވޭ މިއަށް ވުރެ." މުއިޒް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން ހިންގާ އޮޕަރޭޝަނާއި ގުޅިގެން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.

އެގޮތުން ފައްސިވާ މީހުން އުފުލާ އުޅަނދުތައް އޮޕަރޭޓްކުރާ މުވައްޒަފުން ގެއަށް ނުގޮސް، ސީ ޕްލޭން ޓާމިނަލްގައި ގާއިމްވެ ތިބި އިރު، ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުންދާކަން މޯލްޑިވިއަންއިން ބުނެއެވެ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    ހުރިހާ ވިޔަފާރިތަކެއްގައިވެސް ބިއްދަށުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ތިބޭ. ސްޓެލްކޯ، ފެންކުންފުނި، ހޮސްޕިޓަލް ފަދަ ކިތަންމެ ތަނެއްގައި މިފަދަ މީހުން މަސައްކަތް ކުރޭ.

    11
  2. Anonymous

    މީ ޕެއިޑް ކޮންޓެންޓް ތަ؟....މުސާރަ ކަނޑާނެ ހަމަ..

    7
    3
  3. ވަޒީފާ ފުރަބަންދު

    ތި އިންޖިނިއަރުންނަށް މަސައްކަތް އެ ކުރެވެނީ އެމީހުން އެމަސައްކަތް ކުރަން ބޭނުންވާ ސާމާނު ބަޔަކު މީހުން ވަގުތުން ވަގުތައް ޑިލޭ އެއްނެތި ހޯދައިދޭތީ. ތީގަ ޕްރޮކިއުމަންޓް އާއި ފައިނޭންސް ސްޓާފުން ގެ ވެސް ދައުރު ވަރަށް ބޮޑު. އެތަނެއްގެ ޕްރޮކިޔާމަންޓޤ ޕޮލިސީ އާއި އެއް ގޮތަކަށް އެއްޗއް ޕްރޮކިޔާ ކުރުމަކީ ވެސް ވަގުތު ނަގާ އުނދަގޫ ޕްރެޝާ ބޮޑު މަސައްކަތެއް.

    14
    1
  4. ޓޮން

    ވަޒީފާތަކުގަ އުޅެންޏާ މަސަތްކަތް ކުރަން ޖެހޭނީ....

    3
    11
  5. އޯނަރު ޒުއްބަ

    ޑޭޝް އެއިޓް އޮޕަރޭޝަންގެ އިންޖިނިއަރިން ޓީމުންވެސް ދަނީ ވަރައް ބުރަކޮށް މަސައްކަތް ކުރަމުން ނަމަވެސް ކޯވިޑް ޕޭޝިއަންޓުންނާއި އަދި ސަސްޕެކްޓެޑް ކޭސްތަށް ކަރަންޓީނު ފެސިލިޓީ ތަކަށް ގެންދިއުމާއި ގެނައުމުގެ އޮޕަރޭޝަން ހިންގަނީ ސީޕްލޭންގަ އެއީ ޑޭޝް އެއިޓް މޫދައް ޖައްސައިފިއްޔާ ޓޭކް އޮފް ކުރަން އުނދަގޫ ވާނެތީ، ނޫސްވެރިން މާ ބޮޑަށް ސީޕުލޭންއަށް ފޭވާ ކޮއްފަ އޮތް ކަމަށް ވަރައް ބޮޑައްފާހަގަ ކުރެވޭ. މީއީ ތޯ މިނިވަން ނޫސް ވެރިކަމަކީ؟

    3
    5
    • ކުޑަ އިޝާންޓެ

      މީ އަފޫ މައިތިރިކުރަން ކުރި ކަމެއް. ޑޯންޓް ވޮރީ ޒުއްބަ.

      1
      1
  6. Anonymous

    އަހަރެމެންގެ އުސޫލަކީ، ކުލި ކުޑަ ކޮށްފިއްޔާ، އެއްކޮށް ކަނޑަާދޭންވީ، ބިލް ކުޑަކޮށްފިއްޔާ އެއްގޮތަކަށްވެސް ނުދައްކަންވީ...
    މީ ހުސް ލާރި ޚަރަދުކޮށްގެން ކުރާ ކަންތައް، އެހެންވީމަ ހިލޭ ކޮށްދީގެން ދެން އެޚިދުމަތް ނުލިބުން ނޫނީ ބޭރު ކުންފުނިތަކަށް ވިއްކާލީމަ ނޫނީ ބަނރޫޓުވީމަ ދެން ވާނީ މާގޯސް...
    މި އިންޖިނިއަރުންނާ ޕައިލެޓުންނާ އަދި ހުރިހާ އެންމެންވެސް ކިތަންމެ ބޮޑުވިއަސް ކުޑަވިއަސް މުސާރަ ލިބެނީ އެމީހުންވެސް އެތަށް ކަމެއް ކޮށް ކިޔަވާ ލޯނާ ބޮންޑުގައި އެޅިގެން، އެކަމާ ހަސަދަވެރި ވާކަށް ނުޖެހޭ، މީހަކަށް ރަނގަޅު ކަމެއް ވުމަކީ މައްސަލައެއް، އެމީހުންގެވެސް އާއިލާ ރިސްކު ކުރުމަށްފަހު އެތިބީ ނިކުމެ މުޅި ގައުމުގެ ހައްގުގަ، ޕާޓީ އަކަށް ނިސްބަތްވާތީކީ ނޫން، ނަރުހުންވެސް ޓީޗަރުންވެސް ހުރިހާ ވަޒީފާ ޔަކީވެސް ބުރަ ކަންތައް މުހިންމު ކަންތައް، ހުރިހާ މަސައްކަތްތެރިންނަކީވެސް ކާންބޯން ހަލާލުގޮތުގަ ލާރި ހޯދަން މަސައްކަތް ކުރާ ބައެއް، ރަނގަޅު މީހުނާ ގޯސް މީހުނާ އުޅޭނީ އެއީ ދުނިޔޭގެއާދަ ރަނގަޅަށް މަސައްކަތް ކުރާމީހުންގް މައްސަލައެއްނޫން

  7. ޙުވާތަ

    ހަމަ ހުވާ ދޮގުހެދިޔަސް ތީ ތަންކޮޅެއް ބޮޑުވަރު. ތަމެން ލާރިދީގެން ނޫސްތަކުގަ އެއްޗިހި ލިޔުނަސް މަމެންނަށް ނޯޅޭނެ. ތިވާހަކަ ދެއްކި މީހުންނަށް ނޭނގެނީތަ ތަމެންގެ އިންޖިނޭރުންގެ ތެރެއިން ބަޔަކު ބައްޔަށް ނައްސިވެގެން ތިބެ އޮފީހަށް ގޮސްގެން އެކަމާހެދި އެތައްބަޔަކު ގޭގަތިބިކަން.. ތަމެން ނޫސްވެސް އަޅެ ނުކިޔަނީތަ. ތަމެން މާރަނގަޅެއްނު މިހާލަުގަވެސް ތެދުހެދިއްޔާ.. ތަމެންކަހަލަ މީހުނާހެދި އެއްވެސްކަމެއް ހަމަޔަކަށް ނޭޅޭނެ... ތަމެންނަކީ ހަމަ ފައްކާ ދެބޯގެރިން.. ދެންތިބޭ ހެދިފަ.. މާދަމާ ތަމެންނަށް އެހާލުޖެހޭކަށް މަމެން ނޭދެން.. ވަރަށް ސަލާން...

    2
    2