ރާއްޖޭގައި ދިރިއުޅޭ ގިނަ ބަޔަކު މާސްކް ނާޅައި ބޭރަށް ނިކުތުމަށް މިހާރު ޖެހިލުންވެއެވެ. ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ކޮވިޑް-19 އަކީ ސީރިއަސް ބައްޔެއް ކަމަށް ދެކި، ގިނަ ބަޔަކު މާސްކް އެޅުމެވެ. އާންމުން ހޭލުންތެރިވުމެވެ. އެކަމަކު، ބަލީގެ ސީރިއަސް ކަން ނުދެކި، މާސްކް ނާޅާ މީހުން ވެސް މަދުން ނަމަވެސް މަގުމަތިން ފެނެއެވެ. އެއީ ނުރައްކާތެރި ކަމަކަށްވުން ގާތެވެ.

ތިން މަހެއްހާ ދުވަހުގެ ފުރަބަންދަކަށް ފަހު، ރާއްޖޭގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔަ ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އިން ފިލައިގެން ނުދެއެވެ. ދިވެހިން ދަސް ކުރަން ޖެހިފައި ވަނީ ކޮވިޑް-19 އާ އެކުގައި ދިރިއުޅެވޭނެ ގޮތެވެ.

އެކަމަކު، މިއަދު އެތައް ބައެއްގެ ކަންބޮޑުވުމަކީ ބައެއް ދިވެހިންނާއި ބިދޭސީންގެ އަމަލުތައް ހުރި ގޮތުންނެވެ. މާސްކް އަދި އަންގި ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު، މަގުމައްޗަށް އެއްލާލާފައި އޮއްވައި ފެނުމުން ބައެއް މީހުން ގަންނަނީ ބިރެވެ. އެއީ ހަގީގަތުގައި ވެސް ނުރައްކާތެރި ކަމެކެވެ.

މާލޭގެ މަގުމަތިންނާއި ހުޅުމާލެ އަދި ވިލިމާލެ އިން ވެސް އެ މަންޒަރު ވަރަށް ގިނަ އިން ފެނެއެވެ. ފޮތި މާސްކާއި ސާޖިކަލް މާސްކް މަގުމައްޗަށް އެއްލާލާފައި އޮއްވައި ފެނުމަކީ ގިނަ މީހުން ބަލަން ބޭނުންވާނެ މަންޒަރެއް ވެސް ނޫނެވެ.

ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ތަންތަނުން ރައްޔިތުންނަށް ލަފާ ދީފައި ވަނީ މާސްކް އަޅައިގެން އުޅުމަށެވެ. އޭރުގައި ބަލި ފެތުރޭ ގޮތާއި މި ބައްޔާ ގުޅޭ މާ ގިނަ މައުލޫމާތެއް ނޭނގެއެވެ.

އެހެންވެ، ސިއްހީ މާހިރުން ލަފާ ދިނީ ބޭރަށް ނުކުންނަ އިރު، އަނގަ އާއި ނޭފަތް ނިވާ ކުރުމަށެވެ. އެއީ ތިމާ އާއި އެހެން މީހުންގެ ވެސް ރައްކާތެރިކަމަށްޓަކައިއެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ވެސް ވައިރަސް ހުރެދާނެ ކަމަށް ބަލައިފައެވެ.

ބިދޭސީއަކު މާސްކް އަޅައިގެން ބައިސްކަލެއްގައި ދަނީ. --- ވަގުތު އިމޭޖަސް

އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ "ވަގުތަށް" ވިދާޅުވީ މާސްކްގެ ބޭރު ފަށަލައިގައި ޖަރާސީމްތައް ވަރަށް ބޮޑަށް ތަތްލަވާފައި ހުންނަ އިރު، އެންމެ ގިނަ ޖަރާސީމް ހުންނަ އެއްޗަކަށް މާސްކް ވާނެ ކަމަށެވެ. އަދި މާސްކްތައް ހިކިގެން ކުޑިތައް މައްޗަށް އަރައިފި ނަމަ، އެއީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބަލިތައް ފެތުރުން މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މަގުމައްޗަށް އެއްލާލާފައި ހުންނަ މާސްކް، ފެން ބޮޑުވެގެން ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ، ޖަރާސީމް ފެތުރިގެން ހިނގައިދާނެ. ކޮވިޑް-19 އެކަންޏެއް ނޫން. ބެކްޓްރީއަލް ޖަރާސީމްތައް، އިންފްލުއެންޒާ ކަހަލަ ވައިރަސްތައް ފެތުރޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މާސްކް ބޭނުންކޮށްފައި ކޮތަޅު ލައްވާފައި ހުންނަ ޑަސްބިނަކަށްލުމެވެ. އަދި މާސްކް ނަގާ އިރު، ހަމައެކަނި ވާ ކޮޅުގައި ހިފުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާސްކް ނެގުމަށް ފަހު، އަތް ދޮވުމަކީ ވެސް ވަރަށް މުހިންމު ކަމެއް،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު "ވަގުތަށް" ވިދާޅުވީ މާސްކް ބޭނުންކޮށްފައި މަގުމައްޗަށް އެއްލާލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"މާސްކްގައި ވަރަށް ގިނަ ޖަރާސީމް ހުންނާނެ. އެ ބޭނުންކޮށްފައި އެއްލާލުމަކީ އެހެން މީހުންނަށް ބަލިތައް ޖެހުމަށް މެދުވެރިވާ ކަމެއް. ހާއްސަކޮށް ކޮވިޑް-19 އަކީ ފަސޭހަ އިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާތީ މިއީ ވައިރަސް ފެތުރެން މެދުވެރިވާ ކަމެއް،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ބައެއް ދިވެހިންނާއި ބިދޭސީން މާ ބޮޑަށް ފަރުވާ ކުޑަކޮށްލަނީއެވެ. މިކަމުގައި ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުއްޖަކު މާސްކް އަޅައިގެން ސްކޭޓް ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ހަމައެކަނި ކޮވިޑް-19 އެއް ނޫން. އެހެން ބަލިތަކަށް ވެސް މަގުފަހިވާ ކަމެއް މިއީ،" ޑޮކްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މާސްކް ބޭނުން ކުރުމަށް ފަހު، ކޮތަޅަކަށް ލާފައި ރަނގަޅަށް ގޮށް ޖެހުމެވެ. އެގޮތަށް އެކަން ކުރާ ނަމަ، މުޖުތަމައުގެ ތެރޭގައި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަމަކު، ދިވެހިންނާއި ބިދޭސީންގެ ވެސް ވަރަށް ނޭދެވޭ އާދަތައް ދަނީ ފެންނަމުން. ހަގީގަތުގައި އާ އާންމު ހާލަތަކަށް ދާއިރުގައި ކުރިން ގެންގުޅުނު އާދަތައް ބަދަލު ކުރަން ޖެހޭ. ސާފު ތާހިރު ކަމަށް އިސްކަން ދޭން ޖެހޭ،" ޑޮކްޓަރު ވިދާޅުވިއެވެ.

ރަސްފަންނުގައި ބަޔަކު އިށީނދެލައިގެން. --- ވަގުތު އިމޭޖަސް

ކޮވިޑް-19 އިން ސަލާމަތްވުމަށް ގިނަގިނަ އިން ސައިބޯނި ލައިގެން އަތް ދޮވުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ކެއްސާއި ކިނބިހި އަޅާ ނަމަ، ޓިޝޫއެއް ނުވަތަ އުޅަނބޮށިން ނިވާ ކުރުމަށް ވެސް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ގައިދުރުކަމަށް ސަމާލުކަން ދިނުމަށާއި ލޮލާއި ނޭފަތާއި އަނގަ ފަދަ ތަންތަނުގައި އަތް ނުލުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 12 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބަލި ޖެހިގެން ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮރޯނާ

    ޒިންމާ ވާން ޖެހޭނީ އަބަދުވެސް ކުރީ ސަރުކާރެއްނު. ލޮލް. ދައްކާވަހަކަ. ބުއްޅަބެމެން ޒިންމާ އެއް ނުވާނެ. މިވެސް ހަމަ ޔާމީނު ކަންތައް ތޯއްޗެ.

    12
    3
  2. ސުޒޭން

    ބިދޭސީއަކު މާސްކް އަޅައިގެން ބައިސްކަލެއްގައި ދަނީ. ސުޒޭނު ނާޅާދޯ ދަނީ

    13
  3. Anonymous

    މަގުމަތީގައި ޑަސްބިން ބަހައްޓާފައި ހުރި ނަމަ ތިހެން ނުވީސް

    1
    5
  4. މޫސަ

    މާސްކް އެކަންޏެއްނޫން، ހުޅުމާލެ ބޮކަރުމާ ހިނގުމުގަ ހުންނަ ޖޫސީ ޕޮއިންޓާ އަދި ފެނުޕަރީއެއްތޯ ނަމެއް ކިޔާ ތަނަކުން ފާޑުފާޑުގެ ދަޅާ ފުޅިޔާ އެއްޗެހި ގަނެގެން އެތާ ކައިރީ ޕާކް ކޮށްފައި ހުންނަ ސައިކަލްތައްމަތީ ތިބެ ބްއިފަ ހުސް ފުޅިތަކާއި ފެކެޓްތައް މުޅި ކާނުތެރެއަށާއި މަގުމައްޗަށް އުކާފަ އަދި ސައިކަލްތަކުގެ ވަށިގަނޑަށްވެސް އަޅާފަ އެއްވެސް އެއްޗެއް ހިތަށް ނާރާ އެދަނީ ! މީ ތުއްތު ކުދިންނެއް ނޫނިއްޔަ މިވަރު ބޮޑެއްނު!

    • ރަންނަ

      ތުއްތު އުމުރުން ދަސްކޮށްދިންނަމަ ވަރަށް ރަނގަޅުވީސް. އެންމެންވެސް އަޒުމް ކަނޑައަޅަންވީ ތުއްތުކުދިން ރަނގަޅު އަޚުލާގެއްގަ ބޮޑުކުރެވޭތޯ

  5. އަރީ

    ޒިނަމާ ވާންޖެހޭ ފަރާރަކީ މާލެ ސިޓީ ކައުންސިލް

    1
    1
  6. ޞަކީލް

    މި އޮތީ ލުއި ދީފަނު. ދެން މާސްކު އުކުމާ މާސްކު ނާޅާ ދިއުމާ މިކަންކަން އޮންނަން ޖެހޭނު. ފަރުދީ ޒިންމާއިންވެސް ލުއިދީފަނު މިއޮތީ

  7. ސޫޒަ

    ސިގިރެޓް ބަޓް ، ކޮފީބޯތަށި ، އެޕޯލޯ ކަރުދާސް ، ޗޮލްލެޓް މިހުރިހާ ތަކެތި އަޅަނީ މަގުމައްޗށް ކާކުބާ ޒިންމާވަނީ،

  8. މަބޭ

    މިހާހރު ކަންހިންގާގޮތައްބަލާނަމަ ތިޔަކަމުގައި ޒިންމާ ނަގަންޖެހޭނީ މާސްކް

  9. ހުސައިން

    ޒިންމާ ވާނީ ކައުންސިލަރުން

  10. ޑރ.

    މާސްކް އެކަންޏެއް ނޫން ... މަގުމައްޗަށް އުކާފަ އެއޮތްހާ ބަންގާޅިންގެ ޒިންމާ ނަގަނީ ކާކު...

  11. ަިއައިސާ

    އޮޅިގެން ވެއްޓިފަ ??

  12. ޢ

    ރައީސް ޔާމީނު

  13. ާއަހުމަދު

    ބަންގާޅީން މީހުންގެނެސް އުޅޭނެގޮތަކަށް އުޅެން މަގުމައްޗަށް ދޫކޮއްލާފަ
    ޒިންމާވާނީ ކާކު؟

  14. ފޮތި

    ފޮތި މާސްކެއް ނޭއްލާލާނެ މަގުމަށްޗަކަށް. ބޮޑަށް ވައްތަރީ ވެއްޓިފަ އޮތް އެެއްޗަކާ.

  15. ބީނޫ

    ވަގު ކިނބުލާ ކަނދުރު ފާތުމަ ތީގެ ޒިންމާ ނަގަންޖެހޭނެ!

  16. ޒިންމާގައުމީލޯބި

    ޒިންމާވާނީ ކާކު މުޅި މަގުތަކާ ކާނު ފުރިފަ ސިގިރޭޓް ބުރިތަކުން ސިގިރޭޓް ދަމާ މީހުންނަކީ ވ ވ މުޑުދާރު ކުރާ ބަޔެއް.