މިއީ މީސް މީޑިއާ (ސޯޝަލް މީޑިއާ) ގެ ޒަމާނެވެ. ހުރިހާ ކަމެއް މީސް މީޑިއާގައި ހިއްސާ ކުރެވޭ ޒަމާނެވެ. ހުރިހާ ވަގުތެއް މީސް މީޑިއާ އަށް ހުސް ކޮށްލެވޭ ޒަމާނެވެ. އާއިލީ ލޯތްބާއި، އެކުވެރިކަމުގެ ގުޅުމާއި، މަސައްކަތު މާހައުލުގެ ބައިވެރިންގެ ގުޅުން ވެސް އޮތީ މީސް މީޑިއާ އެވެ.

މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މިފަދަ ކޮންމެ މުނާސަބަތެކޭ އެއްގޮތައް މިއަދު ވެސް މީސް މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ރަމަޟާން މަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ވާނީ ލިބިވަޑައިގެންފައެވެ.

ރަމަޟާން މަހުގެ ތަހުނިޔާ އާއިލާ މެންބަރަކަށް، ރަހުމަތްތެރިއަކަށް އަދި އޮފީސް މުވައްޒަފަކަށް ފޮނުވުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ވައިބާގެ ކޮންޓެކްޓްގައި އިންނަން ކޮންމެ މީހަކަށް، ވައިބާ ގައި ތިމާ އިންނަ ކޮންމެ ގްރޫޕަކަށް، ތަހުނިޔާގެ މެސެޖް ފޮނުވަން ޖެހޭ ހެއްޔެވެ؟ ފޭސްބުކްގެ ފްރެންޑް ލިސްޓްގައި ހިމެނޭ އެންމެނަށް މެސެޖް ކުރުމަށް ފަހު އަދި އެއެންމެން ޓެގްކޮށް ތަހުނިޔާ ކިޔަން ޖެހޭ ހެއްޔެވެ؟

އެއިން ކޮންމެ މެސެޖަކާއި އެކު އަންނަ ނޮޓިފިކޭޝަން ޗެކްކޮށް، ކޮންމެ މެސެޖަކަށް ރިޕްލައި ކުރުން އެއީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި އެހައި ގިނައިން ލިބޭ މެސެޖްތަކުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ކުރެވޭ އުނދަގޫ އިހްސާސްތައް މާގިނައެވެ.

މީސް މީޑިއާ އިން ބޭނުން ކޮންމެ މީހަކަށް ތިމާގެ ނަން ޓެގް ނުކުރެވޭ ގޮތް ހެދިދާނެއެވެ. ނުވަތަ ބޭނުން ކޮންމެ މީހަކަށް ތިމާ އަށް މެސެޖެއް ނުކުރެވޭ ގޮތް ހެދިދާނެއެވެ. ވައިބާ ގްރޫޕްތަކުގެ ނޮޓިފިކޭޝަން ވެސް އޮފް ކުރެވިދާނެއެވެ. ނަމަވެސް އެއީ ހައްލެއް ނޫނެވެ.

ކޮންމެ ކަމެއް ކުރުމުގައި ވެސް ރީތި އުސޫލުތަކާއި ހަމަތައް ހުންނަ ފަދައިން މީސް މީޑިއާ ބޭނުން ކުރުމުގައި ވެސް ރީތި އުސޫލުތަކާއި ހަމަތައް ހުރެއެވެ. ފެންނަ ކޮންމެ އެއްޗެއް ޝެއާކޮށް، ފެންނަ ކޮންމެ އެއްޗަކަށް ލައިކް ޖަހާ ފެންނަ ކޮންމެ އެއްޗަކަށް ފެންނަ ކޮންމެ ގޮތަކަށް ކޮމެންޓް ކުރުމުގެ ކުރިން މިއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.

ކޮންމެ އެއްޗެއް ވެސް ބޭނުން ކުރުމުގެ ކުރުން އެއެއްޗެއް ބޭނުން ކުރާނެ ގޮތް ދަސް ކުރަން ޖެހެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް މީސް މީޑިއާ ބޭނުން ކުރަން ފެށިފައި މިވަނީ މީސް މީޑިއާ ބޭނުން ކުރުމުގެ ރީތި އާދަތަކާއި ރީތި ގޮތްތައް ދަސްނުކޮށެވެ.

ބައިނަލްއަޤުވާމީ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މީސް މީޑިއާ ބޭނުން ކުރާ މީހުންގެ ތެރެއިން 68 އިންސައްތަ މީހުން ތިބީ އެހެން މީހުން މީސް މީޑިއާގައި ޕޯސްޓް ކުރާ އެއްޗެހީގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވެފައެވެ.

އެހެންކަމުން ކޮންމެ މީހަކު ވެސް ރޯދައިގެ ތަހުނިޔާ ފޮނުވިޔަސް، އަދި އީދުގެ ތަހުނިޔާ ފޮނުވިޔަސް އެކަމުގައި ވެސް ކޮންމެވެސް ހައްދެއް ގެންގުޅެން ހަނދާން ކޮށްލަން އެބަޖެހެއެވެ.

ހުރިހާ ބޭފުޅުންނަށް ރަމަޟާން މުބާރިކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    68% މީހުންނަށް އުނދަގޫ ވަންޠާ އޭގެ މާނައަކީ އޭގެތެރެއިން ގިނަ މީހުންނަށް އެހެން މީހުްނނަށްވެސް އެބަ އުނދަގޫ ކުރެވެއޭ.