މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކަކީ ގުޅި ލާމެހިފައިވާ ދެމައްސަލައެވެ. މުޖުތަމައަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް "ބަލިމަޑުކަމަށް" މަސްތުވާތަކެތީގެ މައްސަލަ ވަނީ ވެފައެވެ. މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވާން ފެށުމުން އިތުރު އެތައް މައްސަލައެއް އުފަން ވެގެން އާދެއެވެ.

މަސްތުވާތަކެއްޗާއި ވައްކަމާއި ދެކޮޅަށް މިއަދު އަޑު އުފުލަން ނުކުމެފައި ވަނީ ށ. ފޭދޫ ރައްޔިތުންނެވެ. އެ ރަށުގައި މަސްތުވާތަކެއްޗާއި ވައްކަމުގެ އިތުރުން ހަށިވިއްކުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. ފޭދޫ އަންނަނީ މަސްތުވާތަކެތީގެ "ހަބަކަށް" ވަމުންނެވެ.

މަސްތުވާތަކެތި އެންމެ ބޮޑު ބިރު!

މަސްތުވާތަކެތި ރަށްރަށަށް އެތެރެ ކުރާ މީހުން އާންމު ގޮތެއްގައި އެތަކެތި ގެންދާއިރު، ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު އެނގެއެވެ. އެފަދަ ބައެއް ދަތުރުތައް ހުއްޓުވައި މަސްތުވާތަކެތި އަތުލާ ފަހަރުވެސް އާދެއެވެ. އަދި ބައެއް ފަހަރު "ދޫކޮށްލާ" ފަހަރުވެސް ދެއެވެ.

ށ. ފޭދުއިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ މީހުން އެކަން ކޮށް އުޅެނީ ފާޅުގައި ކަމަށާއި އެކަމާއިމެދު ބަހެއް ބުނެލަން ކެރޭނެ ބަޔަކު ވެސް އަދި ފުލުހުން ވެސް އެރަށުގައި ނުތިބޭ ކަމަށެވެ. އެހެން ކަމުން ކައިރި ރަށްރަށުން ލޯންޗުގައި މަސްތުވާތަކެތި ގެނެސް ފާޅުގައި ވިޔަފާރި ކުރާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު ބޭއްވި އެއްވުން

މަސްތުވާތަކެއްޗަށް ދެވިހިފުމަކީ މަސްތުވާތަކެތި ނައްތާލުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަތުގައި ފައިސާ ނެތްނަމަވެސް އެކަން ކުރުމަށް ބައެއް މީހުން ވައްކަންކޮށްގެން ވެސް ފައިސާ ހޯދައެވެ. އެންމެ ފުރަތަމަ ގޭތެރެއިން ވައްކަން ކޮށްގެން ބޭރުން ވައްކަން ކުރަން ފަށައެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންގެ ހާލަތު ހުންނަ ގޮތެވެ.

ހަށިވިއްކާ އަންހެނެއްގެ މައްސަލަ ބޮޑުވެފައި!

ހަށިވިއްކުމުގެ ވިޔަފާރިއަށް އާންމު ގޮތެއްގައި އަންހެނުން ވަދެ އުޅެނީ މަސްތުވާތަކެތީގެ ސަބަބުންް ކަމަށް އެއްބަޔަކު ބުނެއެވެ. އެފަދަ ތަކެތި ނުލިބިއްޖެނަމަ، މީހާއަށް ރަނގަޅަކަށް ނުނިދޭ ކަމަށްވެއެވެ. އޭގެ ސަބަބުން ފައިސާ ބޭނުންވެގެން އަންހެނުން ކުރާ ކަމަކީ މީހަކަށް ތިމާ "އަމިއްލަ" ހަށިގަނޑު ވިއްކާލުމެވެ.

މިކަން މިހެން އޮތްއިރު، ފޭދޫގައި ވެސް މިފަދަ ކަމެއް ކުރާ އަންހެނަކު އުޅޭ މައްސަލަ މި ވަނީ ފެންމަތިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ކ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އެ ރަށުގައި އެކަން ކުރާކަން "ވަގުތު" އަށް ރަށުގެ އެތައް ބަޔަކު ވަނީ ކަށަވަރު ކޮށްދީފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު ބޭއްވި އެއްވުން

"އެއީ މިރަށު މީހަކު ގެނެސްގެން އުޅޭ އަންހެނެއް. އެ ދެމީހުންނަކީ ކައިވެނި ނުކޮށް އުޅޭ ބައެއް. އެ ފިރިހެން ސޮރު މިހާރު މިކޮޅަކު ނެތް. އެ އަންހެން މީހާ އުޅެނީ ފިރިހެން މީހާގެ ބައްޕަމެން ގޭގައެއް ވެސް ނޫން. މަސްތުވާތަކެތީގެ ކަންކަން ކުރާ ބަޔަކު އުޅޭ ތަނެއްގައި އުޅޭ ކަމަށް މައުލޫމާތު ލިބެނީ" ވަގުތު އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އޭނާ ބުނީ އެ އަންހެން މީހާ މީހުން ކައިރިއަށް "200 ރުފިޔާއަށް" ހަށިވިއްކަމުން ރަށުތެރޭގައި އުޅޭކަން ރަށު މީހުންނަށް އެނގެއެވެ. އެމައްސަލަ ރަށުގެ އަންހެނުންތަކެއް ވަނީ މީގެ ކުރިން ކައުންސިލަށް ވެސް ހުށަހަޅާފައެވެ.

ށ. ފޭދޫ-- ވަގުތު އިމޭޖެސް: ހަސަން ރިޝްފާން

އޭނާ ބުނީ، އެ އަންހެން މީހާ އެރަށަށް ގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުގެ ކުރިން ކަމަށެވެ. އޭނާގެ އުމުރު އުޅޭނީ ގާތްގަނޑަކަށް 20 އަހަރާއި 28 އަހަރާއި ދެމެދުގައި ކަމަށް ބެލެވެއެވެ.

ވައްކަން އިންތިހާއަށް ބޮޑު!

"ވައްކަން ކުރާމީހުން ވެސް މިހާރު އެކަން ހައްދުން ނައްޓާލައިގެން އުޅޭނީ. މިދިޔަ 3 ދުވަހު ވައްކަން ކުރަން މިމީހުން ބޭނުން ކޮށްފައި ހުންނަނީ ތޫނު ހަތިޔާރު." ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭނާ ބުނެފައިވަނީ އިއްޔެ ރޭ އެރަށުގައި އެކަނި އުޅޭ އަންހެނެއްގެ ގެއަށް ވައްކަން ކުރަން ކަތިވަޅި ހިފައިގެން ބަޔަކު ވަދެފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް އެއްޗެއް އެމީހުންނަށް ނުލިބުނު ކަމަށެވެ. އަދި ބައެއް ފަހަރު އެއްޗެއް ނުލިބުމުން ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންދޭކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ށ. ފޭދޫ-- ވަގުތު އިމޭޖެސް: ހަސަން ރިޝްފާން

އޭނާ ބުނީ، ވައްކަން ކުރާ ބަޔަކު ނޭނގުނަސް އެ ރަށު ރައްޔިތުންނަށް އަބަދުވެސް އެކަމެއް ކުރަނީ ކޮންބައެއްކަން ލޭބަލްވެފައި ހުންނަ ކަމަށެވެ. އެހެނަސް އެމީހުންނަށް ކުރެވޭނެ ކަމެއް ނެތުމުން މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ. "ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް އެކަމާއި މަޝްވަރާ ކުރި. ރައްޔިތުން ބޭނުންވަނީ މިކަން ހުއްޓުވަން." އޭނާ ބުންޏެވެ.

ރަށު ކައުންސިލްގެ އާދޭސް!

ރަށުގެ ހާލަތު ގޯސްވަމުންދާ މަންޒަރު އެންމެ ގާތުން ފެންނަނީ ކައުންސިލަށެވެ. ރައްޔިތުންގެ ޝަކުވާތަކެއް މެދުކެނޑުމެއް ނެތި ކައުންސިލަށް ލިބެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތުމުން ކައުންސިލް ވެސް އޮތީ ގޮތްހުސްވެފައެވެ.

ފޭދޫގެ ކަންކަން ބަލަހައްޓާ ޕޮލިސް ސްޓޭޝާން ހުންނަނީ ފޯކައިދޫގައެވެ. ކޮންމެ މައްސަލައެއް ކައުންސިލަށް ހުށަހެޅުނަސް ކައުންސިލުން އަންނަނީ ފޯކައިދޫގައި ހުންނަ ސްޓޭޝަނާއި ހިއްސާ ކުރަމުންނެވެ. އެގޮތަށް މައުލޫމާތު ހިއްސާކުރި ނަމަވެސް، ފުލުހުންނަށް އެ މައްސަލައަކާއި ހަމައަށް އާދެވޭއިރު، ހުރިހާ ކަމެއް ވެނިމި، ހެކި ނެތިގެންދެއެވެ. އެކަމާއި ގުޅިގެން ކައުންސިލުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކަށް އާދޭސް ކުރަމުންނެވެ. ކައުންސިލްގެ އާދޭހަކީ ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމު ކޮށްދިނުމެވެ.

ށ. ފޭދޫ-- ވަގުތު އިމޭޖެސް: ހަސަން ރިޝްފާން

"އަޅުގަނޑުގެ އަދި ރަށުގެ ހުރިހާ އެންމެންގެ ވެސް އާދޭހަކީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެ ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމު ކޮށްދެއްވުން. މިއީ ރަށަށް ވަރަށް ބޭނުންތެރިވެފައިވާ ހިދުމަތެއް" ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު ވިދާޅުވިއެވެ.

ފޭދޫގެ ހާލަތު ގޯސްވުމުން މިރޭ ފުލުހުން ވަނީ 14 މީހަކަށް "ހިމާޔަތް ދީފައެވެ." ފުލުހުން "ވަގުތު" އަށް މައުލޫމާތު ދެމުން މިރޭ ވިދާޅުވީ ފޭދޫގައި ކުށްކުރުން އިތުރު ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ރައްޔިތުންގެ ބަޔަކު މިއަދު އެއްވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ސުލްހަވެރިކަމާއި އެކު މިމައްސަލަ ހައްލުކުރުމަށްޓަކައި އެރަށު ކައުންސިލާއި ފުލުހުން ދަނީ ރައްޔިތުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ފޭދޫން ރައްކާތެރިކަމަށް އެދުނު 14 މީހަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައި. އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި 13 ފިރިހެނުން." ފުލުހުން ވިދާޅުވިއެވެ.

މިއަދު ފުލުހުން ހިމާޔަތް ދިން މީހުންނަކީ ރަށުގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ. އެމީހުން އަނެއްކާވެސް ފުލުހުންގެ ބަންދުން ދޫވުމާއި އެކު ރަށުގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމުގެ ބިރު ރައްޔިތުންގެ ތެރޭގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރައްޔިތުން1234

    ހުވަދު އަތޮޅުގެ ރަށްތަކުގައި ފާޅުކޮށް މަސްތުވާތަކެތި ވިއްކާނެ..ރަށު ތެރޭ އުޅޭ ޕޮލިހުން މާކަ އަޅާލާ ކަންތަކެއްނޫން އެއީ...

    59
  2. އ . ޖ . އ

    ހާދަ އަގު ހެވޭ...

    35
  3. އައްޑާ

    ތި ނޫން ރަށެއް މަދުވާނެ މިހާރު ޤައުމު ހަލާކުވެއްޖެ.. ވަކި ރަށެއްގެ ނަންޖަހާ ޚަބަރު ހަދާނެކަމެއް ނެތް.. އެންމެ ބޮޑު އައްޑާއަކީ ވެރިރަށް މާލެ

    83
    3
  4. ޢަލި

    ފޯކައިދޫ ތިބޭ މަދު ފުލުހުންނަށް ތިކަމެއްނުވާނެ. ފުނަދޫ ހު ރިހާ ފުލުހުންކަމަކީ މުބާ ރާތް ކުލުން

    53
    2
  5. ތުނިޔޭ

    ހަށިގަންނަ މީހުންވެސް ގިނައީތާ!

    74
    • ހަކުރު

      ބިރެއްވެސް ނުގަނޭ ހަކުރުބޯ މީހަކު އެއިޑްސްވެސް ޖެހިފައި ހުރެދާނެ.

      57
      1
    • ާއަސޭލަރ

      ޥިއްކަން ހުންނަ ކޮންމެ އެއްޗެއް ގަންނާނެ. ޥިއްކަނީ ވިކޭތީ

      19
      5
      • ހޯސް

        ވިއްކަނީ ގަންނާނެ މީހުންވާތި

        26
        1
        • އޖއ

          ތީ އޮޅުމެއް.. ވިއްކާ ހުރިހާ އެއްޗެއް ގަންނަ ނަމަ ފިހާރަ ތަކުގައި އެއްޗެހި ގިނަވެގެން ދުވަސްވެގެން އުކާލާކަށް ނުޖެހޭނެ..

          13
          3
  6. Anonymous

    ފޭދޫގަ ތިޔަކަންތައް އެއީ މިސަރުކާރަކަށް އެހާ މުހިންމު ކަމެއްހެން ހީވޭތަ؟ މިއަދު ފުލުހުން ،ސިފައިންނައް އޮތީ ސަރުކާރުގެ ނުފޫޒުވަދެ ސިޔާސީ އެޖެންޑާ ތައް ޕްރޮޓެކްޓް ކުރުން. މަތިފަޑީގަ ތިބިބޭޅުން އަދިއެބޭޅުންގެ ބޭޅުން ހިމާޔަތްކުރުން. ވެރިކަމައް 2 އަހަރުވެގެންދާއިރު މިހާރު އައްޑޫގަ ބިލިއަންޑޮލަރުގެ ބޮޑުމާސިންގާ ޕްރޮޖެޓެއް އެވަނީފަށާފަ. އެއީ ކާޅުމެރުމުގެ ޕްރޮޖެކްޓެއް. ... އަދި އެމެރިކާ ބޭޅަކު މިއަދުވަޑައިގަތީމަ ފެށިގެންދާ ބޮޑެތި ބިޔަ މަޝްރޫއު ތަކުގަ ހިމެނޭ އެއކަމަކީ ފޮރިންމިނިސްޓްރީ ހަނދައްބަދަލުކުރުން. މިކަހަލަ ބޮޑެތިކާމިޔާބީތައް ރައްޔިތުންނައް ލިބިގެންދާއިރު ރައްޔިތުން ގެކިބާގަވެސް ކޮންމެވެސް ކެތްތެރިކަމެއް ހުންނަންޖެހޭނެ. ފަޚްރުވެރި ކަމާ ޝަރަފްވެރިކަމާއެކު ބައެއްދުވަހު ބަނޑައްކުޅުޖަހާލައިގެންވެސް
    ހިފަހައްޓަލަންޖެހޭނެ. މިފަހަރުއެއްކަލަ ބޫމްވެސް އެބައާދޭ.... ކެކެކެކެ.. "ފަހުން" ރަންގަޅުވާނެ

    33
    2
  7. ފާތުމަ.

    ޢަދިވެސް ކުއްވެރިންނަށް ހިމާޔަތްތިދިނީ.މީ ކުއްވެރިންގެ ސަރުކާރެއް.

    47
    2
  8. ނަސީމް

    ގަންޖާ ރަސްގެފާނަށް ފުރުޞަތުލިބުމުން މުޅި ރާއްޖޭގައި މަސްތުވާތަކެތި ޢާއްމުވާނެކަން އަހަރެމެންނަށްވެސް އެނގެއެވެ. ނަމަވެސް ރާއްޖޭގެ ރައްޔުތުންނަކީ ޖެހޭއަތަކަށް ދޯނިދއްވަން އާދަވެފައިތިބި ބައެއްކަން ގަންޖާރާޖާއަށް ވަރަށް ރަނގަޅަށް އެނެގއެވެ. ދީނަށް ފުރައްސާރަ ކުރާމީހުންނާއެކު ނޫޅޭށޭ ކިޔާ މީހާ އަނެއްދުވަހު ހުންނަނީ އެމީހާ ތަޚުތައް ގެންނަށް ފައިކުރި އޮޅާލާފައެވެ. ކީރިތި ރަސޫލާއަށް ހަޖޫކިޔާ ކިތަންމެވަރަކަށް ފުރައްސާރަ ކުރިޔަސް ދީނީފޮތެއްވެސް ނެރެދެވޭވަރުގެ މީހަކަށް މިރާއްޖޭގައި ހުރިކަމަށް މިވަނީ ގަންޖާރާޖާއަށެވެ. ބައެއް ޝައިޚުން "އެންމެ ލޯބިވާންޖެހޭނީ ކީރިތި މާތްނަބިއްޔާއަށޭ" ކިޔާފައި މާދަމާ އެންމެ ބޮޑަށް ތާއީދު ކުރާނީ ފުރައްސާރަ ކުރާމީހުންނަށްކަން އެންމެންވެސް ދަނެއެވެ. ޔާﷲ އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުން ކާފިރުކަމާ ޖަހާތާއި ޝައިޠާނީ ޢަމަލުތައް ފިއްލަވައި ހިދާޔަތު ޢަލިދަންމަރުން އަލިކުރައްވާންދޭވެ.!

    40
    2
  9. ހަލާކު

    ހިލެޔެންނޫނޭ ބުނި މީހަކުވެސް މިގައުމުގައި ވެރިކަންކުރި! ވެރިންގެ ސަބަބުން ލިބޭ ގެއްލުން ބޮޑު! ބަލާބަލަ މިހާރު އަރާތިބި ދީނެއްމިއްލަތެއް ނެތް ބަޔަކުވެސް! މުޅި ގައުމު ހަލާކުކޯށްފި!

    28
    2
  10. އާދޭސް

    ކުއްވެރިންގެ ހިމާޔަތްބޮޑުކޮށް ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މަންފާ ބޮޑުގޮތަށް އާއްމު ރައްޔިތުމީހާއަށް ބިރުވެރިކަމާއި، ކަންބޮޑުވުމާއި ހާސްކަން އިތުރުވާގޮތަށް ހަދާފައިވާ ޤާނޫންއަސާސީގެ ސަބަބުން... އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ބައެއް ޕޮލިހުންވެސް މިހާރުދަނީ ފަރުވާކުޑަކުރެވި، އަޅާނުލެވެމުން....ބުރަމަސައްކަތުން ކުށުގެ މާހައުލުން ރެއިޑްކޮށް އަތުލާގަނެ މަސައްލަތައްވެސް އެ ދަނީ ސައިބޯނި ބޮތްކަކަށްވެގެން.....ގަނޫން އަސާސީގެ މާއްދާއެއްގެ ސަބަބުން..... ވަރަށް ދެރަ ޤައުމުގެ ހާލަތު ޒުވާން ޖީލް ހަލާކުވެ ދަނީ..... ރައްޔިޔުންގެ ހަޢްޤުގައި މަސައްކަތްކުރާނެ އިޚްލާސްތެރި ބޮޑުން މަދުވީމަ....

    16
    1
  11. ކޮރަލް

    ރައްޔިތުން ނިކުމެ ތިޔަ މީހުން ރަށުން ބޭރުކޮށްލެވޭނެ އެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާ އެކު ތިޔައީ ފަސޭހަ ކަމެކެވެ.

    34
    1
  12. ޖަމަލު ފޮޑި

    ސަރުކާރުން ކުރުވާ ކަމެއް ބަލަގަ ތިޔަ ބުނާ މަސްތުވާ ތަކެތި ބެހުމަކީ.....

    23
    3
  13. Anonymous

    އެޖެންޑާ 19 ތަފާތު ވާނެ!

    16
    3
  14. ރާކަނި

    ކެނެރީގޭ ކަލޭގެ ވަރަށް އުފާވާނެ.

    23
    3
  15. ބޭކާރު

    އާބާދީ އަށް ބަލާފައި ނިކުތީ ވަރަށް މަދު ބައެއް.
    ގިނަމީހުން ބޭނުންވާގޮތަށް ދެން ތިރަށުގައި ކަންކަން ހިގާނީ.
    ވީމާ ރައްކާތެރެި ގޮތަކީ ތިމީހުންކޮޅުވެސް ހަލާކުނުވަނީސް އެހެން ރަށަކަށް ހިޖްރަކުރުން.

    14
    1
  16. ކުޑަކާށި

    ބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާ
    ބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާ..ބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާބިރުނެތިއްޖެ ، ޤައުމު ލާދީނީ ކުރުމާއި އަޅުވެތި ކުރުމުގެ %90 ނިމިއްޖެ ، ބާރަށް އަތްޖަހާ

    6
    8
  17. ާއަސޭލަރ

    ޥިއްކަން ހުންނަ ކޮންމެ އެއްޗެއް ގަންނާނެ. ޥިއްކަނީ ވިކޭތީ

    9
    5
  18. ތިންބެއިން

    ފުނަދޫގަ ތިކަންކުރަނީ ފުލުހުނާ ގުޅިގެން ބޭބެ ހުންންނަނި ކޮއްކޮމެންލައްވާ އެކަން ކުރުވަނި ބޭބެ އަކީ ފުލުސް ކިހިނެތް ކޮއްކޮމެން ބަންދުކުރާނި އެއްމެ ފުޅާ ކޮށް މިކަން ކުރަނި މިތިންބެއިން ހިފަހައްޓާ އަތުލާ އެތިކޮޅު ދެވަނަ ފަހަރަށް މަރކެޓުގަ ދައުރުވަނީ ބޮޑު ސިއްރެއް

    7
    1
  19. ބޯހަލާކު

    އަހަރެމެންރަށަކީ ފުލުހުންގެ މަރުކަޒެއް ހުންނަރެއް އެކަމު ވަރަށް ފާޅިކަން ބޮޑުކޮށް މަސްތުވާތަކެތި ވިއްކާމީހުން ވިއްކަނީ ބޯމީހުން ބޮނީ ވައްކަން ހަބޭސް މީހުންގެ މުދަލަށް ގެއްލުންދިނުން ހަބޭސް މިކަން ހިންގާތާ އެތަށްދުވަހެއް އަދި ހުކުމަކާހަމަޔަށް ދިޔަމީހަކުނުހުންނާނެ ކޯޓުންޖަހާ ވާނުވާ 7 ދުވަހުން ނިމިފަ އޮންނަނީ

    3
    1
    • ބޮލުރޮދި

      ކޮން ރަށެއްބާ؟

  20. ފޮނަދޫކަތީބުގޭ ސޮރު

    ޕޮލިހުން ތިބެގެން ކުއްކުރުން ހުއްޓުވޭނަމަ ނުވަތަ މަދުކުރެވޭނަމަ ޕޮލިހުން ތިބޭ ރަށްރަށް ވަރަށް އަމާންވާނެތާ. ޚާއްސަކޮށް މާލެ. އެވެސް ވިކިފައި ތިބޭ ބައެއް.

  21. ފޮނަދޫކަތީބުގޭ ކުޑަސޮރު

    ޕޮލިހުން ތިބެގެން ކުއްކުރުން ހުއްޓުވޭނަމަ ނުވަތަ މަދުކުރެވޭނަމަ ޕޮލިހުން ތިބޭ ރަށްރަށް ވަރަށް އަމާންވާނެތާ. ޚާއްސަކޮށް މާލެ. އެވެސް ވިކިފައި ތިބޭ ބައެއް.