ރ. އިނގުރައިދޫ އަށް އުފަން އަހުމަދު އިހުސާންގެ "އަރަކަ އާޓްސް"އާ އެކު އޭނާ އާންމުންނާ ހަމައަށް ގެނެސްދޭ ކުރެހުންތަކާއި، އާ އުފެއްދުންތަކަކީ އަޖާއިބުވާހާ ރީތި ސާދާ އުފެއްދުންތަކެކެވެ. އުމުރުން 25 އަހަރުގެ މި ޒުވާނާގެ ހުނަރުވެރިކަމުގެ ވާހަކަ ފަށާ ހިތް ވަނީ އެންމެ ފަހުން ބޭއްވި އަންވެއިލިން ވިޝަންސް އާޓް އެގްޒިބިޝަންގައި އޭނާ ބައިވެރި ކުރި ދިވެހި ވަންތަ ޖީއެން ސައިކަލާ ހިސާބުންނެވެ. ދިވެހި ވަންތަ ޖީއެން ސައިލެކޭ މި ފާހަގަ ކުރީ ސަބަބެއް ނެތިއެއް ނޫނެވެ.

އަބަދުވެސް އަމިއްލަ ނަފްސަށް ޗެލެންޖުކޮށް، އާ އުފެއްދުންތައް ތަޖުރިބާކޮށްލަން ބޭނުންވާ އިހުސާން ޝައުގުވެރިކަމާއެކު ކުރި މަސައްކަތަށް ފަހު އަންވެއިލިން ވިޝަންސް އާޓް އެގްޒިބިޝަންގައި ބައިވެރި ކުރި ސައިކަލަކީ މުޅި އެގްޒިބިޝަންގައި ވެސް އެންމެ ގިނަ ލޯތައް އެ އުފެއްދުމަކަށް ޝައުގުވެރިކަމާއެކު ބަލަން މަޖުބޫރުކޮށްލި އެއް އުފެއްދުމެވެ.

ބަލާބެލުމަށް އެ ސައިކަލުން ފެންނަނީ އިހު ޒަމާޏުގައި ހިރިގަލުގައި ކަނޑާ ނަގާފައިވާ ކުރެހުންތައް ފަަދަ ކުރެހުމަކާއެވެ. "ޖީއެން ވަން ޓޫ ފައިވް"ގެ މޮޑެލްއެއްގައި ފެންނަން ހުރި އެ މަސައްކަތަކީ، ކެތްތެރިކަމާއި ފަރުވާތެރި ކަމާއި އެކު އެއް މަސް ދުވަސް ވަންދެން އިހުސާން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

މި ސައިކަލުގެ ޓޭންކާއި، މަތިގަނޑު އަދި ސައިކަލުގެ ދެ ފަރާތުގެ ތިރިން ބައެއްގެ މަތިގަނޑު ހަދަން ޕުޓީ ބޭނުންކޮށްފައި ވާއިރު، އެ ޕުޓީގައި ކަނޑާ ނަގައިގެން ހިރިގަލުގެ ޑިޒައިނަށް މުޅި ސައިކަލް ވަނީ ޖަރީކޮށްފައެވެ.

އިހުސާން "ވަގުތަށް" ބުނީ އެ ސައިކަލުގައި ކަނޑާ ނަގާފައިވާ ކުރެހުންތަކަށް އެކަނިވެސް 20 ދުވަސް ހޭދަަވި ކަމަށެވެ.

" މީހުން އެހި ކިހިނެތްހޭ އެ ހެދީ. އެންމެ ފުރަތަމަ ސިކެންސް ޕޮލީކިޓް ޕްރޯ ޕުޓީ ފަށަލައެއް އެޅީ. ދެން އެއްވަރަކަށް ރިތިވާ ވަރަކަށް އޮމާންކޮށްފަ، އޭގައި އަތުން ކުރެހުންތައް ކަނޑާ ނެގީ. އޭތި ވަރުގަަދަކޮށް ހަރުކޮށް ބަހައްޓަން މިހާރު ހުންނާނީ ފައިބަގްލާސް އާއި ރެޒިން ކޯޓެއް ވެސް ލާފައި. މި ޕްރޮސެސްގައި ބައެއް ޑީޓެއިލްސް ގެއްލުނީމަ އަނެއްކާ ކަނޑާ ނަގާފަ އޭގައި ކުލަލީ. ދެން 5 ފަހަރު ކްލިއަ ކޯޓް ކުރީ. އެހެންވީމަ ބޭނުން ކުރެވޭ ވަރަށް ވަރުގަދަކޮށް ހަދާފައި ހުންނާނީ." އިހުސާން ބުންޏެެވެ.

އޭނާ ބުނީ މި މަސައްކަތަކީ ކެންވަސްއެއްގައި ކުރަހާ ކުރެހުމަކަށް ނުވެފައި، މަސައްކަތް ކުރަން ޖެހުނީ ފްލެޓް ސަފޭސްއެއްގައި ކަމަށް ނުވުމުން ވަރަށް އުނދަގޫވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މި މަސައްކަތަށް އިތުރަށް ވަގުތު ހޭދަވީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިހުސާންގެ އެހެން މަސައްކަތްތަކަށް ބަލާނަމަ އެކަނި ކުރާ އިހުސާސްގެ ނަމުގައި އަންވެއިލިން ވިޝަންސް އޮފް 2018ގައި އޭނާ ބައިވެރި ކުރި ފަންނީ އުފެއްދުން ފާހަގަކޮށްލެވެއެވެ. އެ ކުރެހުމަކީ ރޮދި ބޭނުންކޮށްގެން އޭނާ އެކުލަވާލި މި މަސައްކަތުގެ ފަހަތުގައި ވަނީ ޖަޒުބާތުން ފުރިގެންވާ މެސެޖެކެވެ.

މި އުފެއްދުމުން ރަމްޒުކޮށްދެނީ ކޮންމެ މީހެއްގެ ގައިގައި ވެސް ނުބައި ސިފައެއް ފޮރުވިފައި ހުންނަނެކަމެވެ. މި ކުރެހުން ބާރު އަޅަނީ އެ މީހެއްގެ ނުރަނގަޅު ފަޅި ފޮރުވާ، ރަނގަޅު ފަޅި ފާޅުކުރުމަށެވެ. މި އުފެއްދުމުން ފެންނަ ރޮދިތަކުން ދައްކުވާދެނީ ކުރެހުމުގައިވާ އަންހެން މީހާގެ ޚިޔާލާއި ފިކުރު ދާ ދިމާތަކެވެ. ނަމަވެސް އާއްމުންނަށް ފެންނަނީ އޭނާ ދައްކާ ސިފަތަކެއްކަން ވެސް އެ ކުރެހުމުން ބުނެދެއެވެ.

މީގެ އިތުރުން އިހުސާން ހުރަވީ ބަތަލުގެ ނަމުގައި ހެދި އާޓް ވޯކް އަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. މިވެސް ރޮދިން ހަދާފައިވާ ކުރެހުމެކެވެ. މި ކުރެހުން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއު ކުރުމުގެ މައި މޭސްތިރީ ޝަހީދު ހުސެއިން އާދަމްގެ ކެރުމާއި، ފަންވަރާއި ހިތްވަރެވެ.

ކުރެހުމާއި ކްރާފްޓްގެ ދުނިޔޭގައި ކުރިއަރަމުން އަންނަ އިހުސާންގެ އުންމީދަކީ ދުނިޔެ ބަަލައިގަންނަ ފަދަ ފަންނާނަކަށް ވުމެވެ. އަދި މީހުންގެ ޚިޔާލުތަކުން އޭނާ އަށް ހިތްވަރު ލިބޭ އިރު އަބަދުވެސް އާ ޚިޔާލުތައް ދެނެގަންނަން މަސައްކަތްކޮށް، ކުރިއަރަން މަސައްކަތް ކުރާކަން ވެސް އިހުސާން ފާހަގަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން ޙުސައިން / އިނގުރައިދޫ

    އިޙްސާނުގެ މަސައްކަތަށް ތަޢުރީފުކުރަން. ރަށުގެ ތިފަދަ ހުނަރުވެރި ދަރިންގެ ސަބަބުން ރަށަށް ވެސް ރީތި ނަމެއް ލިބިއްޖެ. އުއްމީދަކީ އަދި އެދުމަކީ އިޙުސާނު އެދޭ ފަދައިން ދުނިޔެ ބަަލައިގަންނަ ހުނަރުވެރި ފަންނާނަކަށް ވެގެން ދިއުން. އަދި މަސައްކަތުގައި ކުރިޔަށް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން.