ހުސްނުއް ސުއޫދު – ފޮޓޯ: މިހާރު
ހުސްނުއް ސުއޫދު – ފޮޓޯ: މިހާރު

ގާނޫނު އަސާސީގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާފައި އޮތްގޮތުން  10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ މެޖޯރިޓީ މެންބަރުންނަކީ ސިޔާސީ ގޮތުން އައްޔަން ކުރެވޭ މެންބަރުންނަށް ވެފައިވުމަކީ ކޮމިޝަނާ މެދުގައި ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ މައިގަނޑު ސަބަބެވެ.

ޤާނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ފާޑުވިދާޅުވެފައިވާ ޖޭއެސްސީ އިސްލާހް ކުރާނެ އައު ފޯމިއުލާއެއް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިވަނީ އާއްމު ކުރައްވާފައެވެ. ސުޢޫދުގެ ހިޔާލުގައި އެންމެ ފުރަތަމަ ކަމަކަށް ކުރަންޖެހެނީ 10 މެންބަރުންގެ ކޮމިޝަނުގެ މެންބަރުންގެ އަދަދު ތިނަކަށް މަދުކޮށް މެންބަރުން އައްޔަންކުރާ ގޮތް ބަދަލު ކުރުމެވެ. އެގޮތުން މި ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ކަމަށް ސުޢޫދު ލިޔުއްވާފައިވެއެވެ.

މަޖިލީހުން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރާ މެންބަރުންގެ ފަސް ޝަރުތު ހަމަވުން ލާޒިމުކަމަށް ސުޢޫދު ދެކިލައްވާއިރު، އޭގެ ތެރޭގައި ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 60 އަހަރުން މަތީގެ މީހަކު ކަމުގައި ވުމާއި، މަކަރާހީލަތް ނުވަތަ ޚިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން މެންބަރު ކަމަށް އައްޔަންކުރާ މީހަކީ އަމާނާތްތެރި، އަބުރުވެރިއެއް ކަމުގައި ރައްޔިތުންގެ ތެރެއިން  ގިނަ ބަޔަކު ގަބޫލުކުރާ މީހަކު ކަމުގައި ވާންޖެހުން ހިމެނެއެވެ.

ހަމަ އެއާއެކު ޖޭއެސްސީގެ މެންބަރު ކަމަށް އާދެވޭނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަން ނުވަތަ ޔުނިވަރސިޓީއެއްގެ ޗާންސެލަރުކަން ނުވަތަ ވައިސް ޗާންސެލަރުކަން ނުވަތަ ރެކްޓަރުކަން ކޮށްފައިވާ މީހަކު ކަމުގައި ނުވަތަ މެދުކެނޑުމެއްނެތި ޔުނިވާސިޓީއެއްގެ ދާއިމީ ވަޒީފާގައި 20 އަހަރު ދުވަހު ކިޔަވައިދެއްވާފައިވާ މީހަކު ކަމުގައި ވެގެން ކަމުގައި ހުސްއްސުއޫދު ދެކިލައްވައެވެ.

މިހާރުގެ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ދައުރަކީ ފަސް އަހަރު ނަމަވެސް ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ކަމުގައި ހަމަޖައްސައި، މެންބަރަކަށް އެއް ދައުރަށްވުރެ ގިނަ ދައުރަށް މެންބަރުކަން ނުކުރެވޭގޮތް ހެދުމަށްވެސް ސުޢޫދު ހުށަހަޅުއްވާފައިވެއެވެ.

ޖޭއެސްސީ އެކުލަވާލެވޭ ގޮތް ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބަކީ މިހާރު ކޮމިޝަން އެކުލަވާލެވިފައިވާ ގޮތުން، ސިޔާސީ ގޮތުން އައްޔަންކުރެވޭ މެންބަރުންގެ ސަބަބުން އެ ކޮމިޝަނުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅި، ސިޔާސީ ފަރާތްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް ހޮވުމަށާއި، ވަކިކުރުމަށް ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރުމު މަސައްކަތް ހުއްޓުވުމަށާއި، އެކަމުގެ ސަބަބުން ފެންވަރު ނެތް އެކަށީގެންނުވާ ފަނޑިޔާރުން އައްޔަން ކުރެވޭ ކުރުން ހުއްޓުވުމަށް ކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

ސަރުކާރުން ފަނޑިޔާރުންނަށް އާއްމުކޮށް ސީދާ ބިރު ދައްކަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑއަޅާ މެންބަރާއި، ރައްޔިތުންގެ މަޖިލީހުން ހޮވާ މެންބަރުންނާއި، އެޓާރނީޖެނެރަލާއި މަޖިލީހުގެ ރައީސް މެދުވެރިކޮށް ކަމަށާއި، މީގެ ތެރެއިންވެސް އެންމެ އިސް ދައުރެއް އަދާކުރަނީ ރައިސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު މެދުވެރިކޮށް ކަމަށްވާތީ އެފަދަ މެންބަރުން ޖޭއެސްސީގައި ހިމެނިގެން ނުވާނެކަމަށް ސުޢޫދު ދެކިލައްވައެވެ.

ސުއޫދު އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރުން ފަނޑިޔާރުން ކުރާ ގޮތަށް ހެދުމަށް ނަމަވެސް ރާއްޖޭގެ ކަންކަން އޮތްގޮތުން ފަނޑިޔާރުން ރެގިއުލޭޓް ކުރުމަށްޓަކައި ޖޭއެސްސީގައި ފަނޑިޔާރުން ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާވެސް ދެކިވަޑައިނުގަންނަވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ސުޢޫދު ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ފަނޑިޔާރުންގެ އަދަދު މަދުވުމުން އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްޖެހޭ ކަމަށް ތަޖްރިބާއިން ފެނިވަޑައިގެންފައިވާ ކަމަށެވެ. ހަމައެއާއެކު ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުންނާއި އެ ކޮމިޝަންގައި ތިބޭ ފަނޑިޔާރުންނާއި ގުޅުން ބަދަހިވެ، އެހީތެރިވެ ދީފައި އެބަހުރި ކަމަށާއި، އެހެންކަމުން ޖޭއެސްސީގައި ފަނޑިޔާރުން ހިމެނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އުމުރުން ހަގު މީހުން ޖޭއެސްސީގައި ހިމެނުމަށް ތާއީދު ނުކުރައްވާ ސަބަބެއްގެ ގޮތުގައި ސުޢޫދު ވިދާޅުވީ، އުމުރުން ހަގު މެންބަރުން  މަސައްކަތް ކުރައްވަނީ، ކެރިއަރަށް މަގު އަލިކޮށް ރާސްތާ ފުޅާކުރުމަށް ސަރުކާރު ނުވަތަ ސިޔާސީ މީހުން ރުއްސުމަށާއި އެފަރާތްތަކުން ބޭނުންވާ ގޮތްތަކަށް ކަމަށެވެ.

މީގެ އިތުރުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ ބައެއް މެމްބަރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުރި ކަމަށާއި، އެހެންކަމުން އެ ކޮމިޝަންގައި ވަކީލުންގެ ތެރެއިން މެމްބަރަކު ހުރުމަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ހުސްނުއްސުއޫދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދި އިތުރުކޮށްލަން ފެންނަ ޝަރުތަކީ...
    ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރާ މެންބަރަކަށް ކިޔަންވާނީ.."އަލް ހުސްނު ވަލް ވަޅޯ ސޫދު" އެވެ.

  2. އޯކޭ... މަގޭ ޚިޔާލު... ޖޭއެސްސީގައި މަސްވެރިޔަކު އަދި ފަޔަރ ފައީޓަރ އެއް ހުންނަންވާނެ... ތިޔައީ ކަލާގެ ބާވާލެއްވި އެއްޗެއްނޫން.. ބޭނުން މީހަކަށް ބޭނުން ކިޔާލެއް ދެވޭނެ.. މީޑިމޮކްރަސި.. ހާހޙާޙާޙާ