މީގެ ދިހަ ވަރަކަށް މަސް ކުރިއެވެ. އުތުރުގެ އަތޮޅަކަށް ނިސްބަތްވާ މީހެއްގެ ފޯން ކޯލެއް ލިބުނީ އޭނާގެ އާއިލާ މެންބަރެއްގެ ބަނޑަށް ދަރިފުޅު ނިޔާވި އިރު އެކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިހުމާލު އޮތް މިންވަރު ހާމަކޮށްދޭށެވެ. ދެމަފިރިއަކު އެތައް ދުވަހެއް ވަންދެން ދަރިއަކު ހޯދަން ކުރި އުއްމީދު ހާސިލްވުމާއި ދާތި ގާތައް ދެވިފައި ވަނިކޮށް އެންމެ ފަހުވަގުތު ޑޮކްޓަރަކާއި ހަމައަށް ނުދެވުނީ ކޮވިޑާއި ގުޅިގެން އަޅާފައި އޮތް ފިޔަވަޅުތައް އުޒުރަކަށް ދެއްކުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން ނުދީގެންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހައެއްކަ އަންހެނުންގެ ބަނޑަށް ދަރިފުޅު ނިޔާވުމުގެ ހާދިސާތައް ހިނގައިފިއެވެ. ގިނަ ހާދިސާތައް ހިނގީ އެކަށީގެންވާ ސިއްހީ ހިދުމަތެއް ލިބޭނެ ތަނަކަށް ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭގެ އުސޫލުތަކުގެ ސަބަބުން ނުލިބިގެންނެވެ. ހިނގައިގެން ދިޔައީ ކިތައްމެ ހިތާމަވެރި ހާދިސާތަކެއް ނަމަވެސް އެއިން އެންމެ ހާދިސާއެއްގައި ވެސް އެއްވެސް އިދާރާއެއްގެ އެއްވެސް "ބޭފުޅަކު" ޒިންމާވާން ނުޖެހި މައްސަލަތައް އޮބިގެން ދިޔައީއެވެ.

މައިމީހާ ނުވަތަ ބަފައިމީހާ ނުވަތަ ދަރިން ނިޔާވެގެން އެމީހުންގެ މޫނު ދެކިލުމަށް ދަތުރު ކުރުމުގެ ހުއްދަ ވެސް އެޗްޕީއޭ އިން އޮތީ ހިފަހައްޓާފައެވެ. ރޮއެ އާދޭސް ކޮށްގެން ބައެއް މީހުންނަށް ހުއްދަ ލިބުނު ނަމަވެސް ގިނަ މީހުންނަށް އެމީހުން އެންމެ ލޯބިވާ މީހާގެ ޖަނާޒާގައި ބައިވެރިވުމަށް ވެސް އެޗްޕީއޭ އިން އޮތީ ހުރަސް އަޅާފައެވެ. ކޮވިޑާއި ގުޅިގެން އެކުލަވާލާފައި އޮތް ހަރުކަށި ގައިޑްލައިންތަކަށް ތަބާވެ އާއްމު ރައްޔިތު މީހާ ޖެހުނީ ހެއްދެވި ފަރާތައް ވަކީލު ކޮށްލައިގެން ހުންނާށެވެ.

އެޗްޕީއޭ އިން ނުވަތަ ސަރުކާރުން ބޭނުންވުމުން އެބޭނުންވާ މިންވަރަކަށް "ކޮވިޑް ގެއްލެއެވެ." ހާއްސަ ހުއްދަ ނުވަތަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ހާއްސަ ލިޔުން ލިބުމާއިއެކު ކޮވިޑުން ރައްކާތެރިވުމަށް ދެން އަޅަން ޖެހޭ ފިޔަވަޅެއް ނޯވެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅިގެން އެޗްޕީއޭގެ ނިންމުންތަކަށް މިއައި ބަދަލުން މިކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. ކޮވިޑް ޖެހިގެން ކަރަންޓީން ކޮށްފައި ތިބި މީހުން ވެސް ވޯޓް ލާން ދިއުމަށް އެއްވެސް ހުރަހެއް ނެތެވެ. ވޯޓް ލާން ބޭނުން ކޮންމެ ރަށަކަށް ދިއުމުގެ ފުރުސަތު މިއޮތީ އެއްވެސް އިމެއް، އެއްވެސް މިނެއް ނެތި ހުޅުވިފައެވެ. މާނައަކީ މާދަމާ 3000 އާއި ގާތް ކުރާ އަދަދެއްގެ ކޮވިޑްގެ ބަލި މީހުން މާލެތެރެއަށް އަދި ރާއްޖޭގެ އެކި ރަށްރަށުގައި އާއްމުންގެ ތެރެއަށް ނިކުމެ ވޯޓް ލުން އެކަށީގެންވެއެވެ.

ކޮވިޑްގެ ބަލި މަޑުކަމުގައި ވެސް ދުނިޔޭގެ އެތައް ގައުމެއްގައި އިންތިހާބުތައް ބާއްވައިފިއެވެ. ނަމަވެސް ކޮވިޑްގެ ބަލި މީހުންގެ ނިކުމެ ވޯޓް ލާން ދިއުމުގެ ހުއްދައެއް އެގައުމުތަކުން ވެސް ނުދެއެވެ. އެޗްޕީއޭ އިން ވެސް މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތަކީ ގިނަ ބައެއްގެ މަސްލަހަތައްޓަކައި މަދު މީހުންގެ ހައްގު ހިފެހެއްޓުމެވެ.

މާބަނޑު އަންހެން މީހާ އަކީ ކޮވިޑްގެ ބަލި ނެތް ރަށެއްގައި ހުރި މީހެއް ނަމަވެސް އޭނާ ހޮސްޕިޓަލަކަށް ދިއުމަށް އެޗްޕީއޭ އިން ހުރަސް އެޅީ ހޮސްޕިޓަލް ހުރި ރަށުގެ މީހުންގެ މެދުގައި ބަލި ފެތުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށެވެ. އެދުވަހު އެޗްޕީއޭ އަށް މުހިއްމުވީ ހޮސްޕިޓަލް ހުރި ރަށުގައި ތިބި މީހުން ބަލިން ރައްކާތެރިކުރުން ކަމަށް އެޗްޕީއޭގެ ބަހާއި އަމަލުން އޮތީ ފެންނާށެވެ.

ނަމަވެސް މިއަދު ކޮވިޑް ބަލި މީހުންނަށް ވޯޓް ލުމުގެ ހުއްދަ ދޭން ނިންމި ދެކޮޅު ނުޖެހޭ ސިޔާސަތާއިއެކު ދެން އެތައް ބަޔަކު ކޮވިޑަށް ހުށަހެޅިގެން ދިއުން އެޗްޕީއޭއަށް މައްސަަލައަކަށް ނުވިއެވެ. އަދި އެޗްޕީއޭ އިން ކަންބޮޑުވާ ކަމަކަށް ވެސް ނުވިއެވެ.

މިއަދު ވެސް ރާއްޖޭގެ އެތައް ރަށެއްގައި މިވަނީ ކޮވިޑް ފެތުރިފައެވެ. އޭގެތެރެއިން ބައެއް ރަށްރަށަށް ކޮވިޑް ފެތުރިގެން ދިޔައީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ރަށްތަކަށް ދަތުރުކުރި މީހުންގެ ސަބަބުންކަން ވަރަށް ސާފުކޮށް އެއޮތީ ފެންނާށެވެ. ހާއްސަ ހުއްދައިގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅި އަތޮޅުތަކުގެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ދިއުމުގެ ބިރު ބޮޑުވެފައި ވާއިރު އެއީ އެޗްޕީއޭގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވެސް ނުވެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތްތަކަށް ޝުކުރު ހައްގެވެ. ނަމަވެސް މިއަދު އެޗްޕީއޭގެ ކޮންމެ ނިންމުމެއް ޖޯކަކަށް ވެގެން ގޮސްފައި މިވަނީ ވެސް އެޗްޕީއޭގެ ނިންމުންތަކުގެ ސަބަބުންކަން ގަބޫލު ކުރަން ޖެހެއެވެ. މިއަދު ބަލި ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްވުރެ މަގާމުގައި ދެމި ތިބުމަށް ސިޔާސީ ފަރާތްތަކުގެ މަދަދާއި ލޯބި ބޭނުންވެގެން އެޗްޕީއޭގެ ވެރިން އުޅުއްވާ މަންޒަރު ދުރުގައި ތިބޭއިރު އެބަފެނެއެވެ.

މިއަދުވެސް ތަޖުރިބާކާރުން އެއްބަސްވާ ހަގީގަތަކީ ކޮވިޑްގެ ނުރައްކާތެރިކަން ކުޑައެއް ނުވެއެވެ. ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލުމުން ވެސް ފެންނަނީ ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ރާއްޖެ އިން ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދު ދެލައްކައަށްވުރެ މަތީގައި ހުރި ނަމަވެސް އަތޮޅުތެރެއިން ވެކްސިން ދެވުނު މީހުންގެ ނިސްބަތް އަދިވެސް ވަރަށް މަދެވެ. އެހެންކަމުން އަތޮޅުތެއަށް ކޮވިޑް ފެތުރިގެން ދާނެ ގޮތައް އެޗްޕީއޭގެ ނިންމުންތައް ބަދަލު ކުރުން އެއީ އެތައް ބައެއްގެ ފުރާނަ އެޗްޕީއޭ އިން ގަސްދުގައި ނުރައްކަލަށް ހުށަހެޅުމެވެ.

މިއީ ކުރިއަށް އޮތް އިންތިހާބުގައި ބަޔަކަށް ވޯޓް ލުމުގެ ހައްގު ދިނުމުގެ ނަމުގައި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅައި، އެތައް ބަޔަކަށް ގަސްދުގައި އަނިޔާވެރި ވުމުގެ ގޮތުން ހިންގާ އަމަލެކެވެ. ރައްޔިތުންގެ ހައްގުގެ ނަމުގައި ހާއްސަ ހުއްދައެއްގެ ދަށުން މިއަދު ކޮވިޑް ގެއްލުވާލި ނަމަވެސް މިއަނިޔާވެރި އަމަލު ހިންގާ މީހުން ޖަވާބުދާރީ ކުރެވެން ޖެހޭނެއެވެ. އެމީހުންގެ އަމަލުތަކާއިމެދު އެމީހުން ޒިންމާދާރު ކުރުވަން ޖެހޭނެއެވެ.

މަދު ބައެއްގެ ހައްގަށްވުރެ ގިނަ ބައެއްގެ ހައްގު މުހިއްމެވެ. ކޮންމެ މީހަކަށް ދިރިހުރުމުގެ ހައްގު ކަށަވަރު ކޮށްދީފައި އެބައޮތެވެ. އެހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުން އެއީ މުޅި ދައުލަތުގެ ޒިންމާއެކެވެ. އެޒިންމާއިން ހަމައެންމެ މީހަކަށް ވެސް ރެކެވިގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙހހހ

    މިއަދު ފަތުވާދޭ މީހުންނާއި އިސްލާމިކް މިނިސްޓަރއަށް ސުވާލެއް ! ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން އެންމެންގެ ސަލާމަތަށް މިސްކިތްތައް ބަންދުކޮށް މިސްކިތްތަކުގައި ގައިދުރުކުރުވީމު ނޫންތޯއޭ ، އެއީ ދީނީގޮތުން އެންމެ ރަނގަޅު ނިންމުންކަމަށް ބުނީމުނޫންތޯއެ ، އެކަމަކު މިއަދު ކައުންސިލް އިންތިހާބަށް ވޯޓުލުމަށް އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ތެރެއަށް ސަރުކާރުން ހުށަހެޅީމަ މިކަމުގައި އެންމެންގެ ރައްކާތެރިކަން އިސްކުރަން ނެރޭނެ ފަތުވާއެއް ނެތީތޯއެ، މިއީ އިސްލާމީ އުޞޫލުތޯއެ، ނޫނީ ހިތައް އެރީމަ ކަންކަންކުރުން އެއީ އިސްލާމީ އުޞޫލުތޯއެ

    60
  2. ޒިލޭބި

    މިހެދި އެއްޗެއް ނޭނގުނުހެވެ؟ ކަރަންޓީނުގަ ތިބި މީހުނާއި ކޮވިޑު ޖެހިފަ ތިބި މީހުން އެބުނާހެން މާސްކު އަޅައިގެން އެހެން ތާކަށް ނުގޮސް ހިނގާފަ ވޯޓުލާ ތަނަށް ގޮސްފަ ދެން އަންނާނީ ގެޔަށް ހެވެ؟ ދިވެހިންނަކީ އެހާ ބަސްއަހާ ބައެއްހެވެ؟ ނޫނީ ދަތްދޮޅި މާސްކުގައި ރޯދަޔަށް ބާޒާރުކޮށްލާ ހަދަން އެމީހުން ދާނީހެވެ؟ ކަންވާނީ ފަހުން މިބުނިގޮތަށް ކަން އެނގޭތީ ހައިރިސްކު މީހުންނާއި ބަލިބަލީގައި އުޅޭ މީހުން ބިރުން ވޯޓުލާކަށް ނުދާނެއެވެ. މި ބުނި ދެ ގުރޫޕުގައި ގިނަވާނީ ވަކި ކުލަޔަށް ވޯޓުލާ މީހުންނެވެ. އެހެންވީމާ އެމީހުން ގޭގަ ތިބިއްޔާ އަނެއްކުލަޔަށް ދާނެ، ކުލަޔަށް ވިއްޔާ ފުރާނަވެސް ދުއްވާލާ މީހުން ވޯޓުލާން ގޮސްގެން..... ލޮޖިކު ދޯ؟ ދެންވެސް ބުނާނެ އިންސާފުވެރި އިންތިހާބެކޭ!!!!!!! އަދި އަންނާނެ މިމިސާލު ބައިނަލްއަގުވާމީ ކޮންފަރަންސުތަކުގައި ނެގޭނެ ދުވަސް އިނގޭ

    40
    1
  3. އަނަސް

    ވަރަށް ބޮޑަށް ދިރާސަ ކުރައްވާފަ ލިއުއްވި ފުރި ހަމަ ލިއުމެއް..އަސްލު ނޫސްވެރިންނަކީ ތީ...ތީ ރައްޔަތުނަށް ވަފާތެރިވުމަކީ...ވަރަށް ފުރި ހަމަ...މަރުހަބާ....

    61
    4
    • ސާބަހޭ ވަގުތު

      މިހެންވީމައޭ އަހަރެން ވަގުތު ނޫސް ނުކިޔަން ހުއްރެފަވެސް ކިޔަނީ ، ބައެއްފަހަރު ހާލަތާގުޅޭ ލިޔުންތައް ހަޤީޤަތާއިއެކު ވިސްނުމެއްހުރި ކޮންމެ މީހަކަށް ވިސްނޭހެން ހަބަރުތައް ލިޔާތީ

      20
      1
  4. އާދަމުގެދަރި

    މައިމޫނާއްތަގެ ބަސްއަހާ ކޮވިޑް ވަރަށް ބަސްއަހާނެ. ވަރަށް ކިޔަމަންތެރިވާނެ. މައިމޫނާއްތަ ބުނެލީ އެގޮތެއް އެސޮރު ހެދީ.

    22
  5. ކިޔުންތެރިއެއް

    އެއްވެސް ށުކުރެއް ހައްގުވާ ބައެއްނޫން. ވެރިކަން ކުރާ ސަރުކާރު ވެރިކަމުގައި އޮތުމަށް ކުރަމުންއައި ވައްކަންތައް ފޮރުވުމަށް ގައިޑުލައިނުތަށްހަދަނީ. ތިމަންނަ މެއްނަށް ލިބޭއެތިވަރު ގިނަވެފަ ތިމަންނަމެންގެ ދަރިންނަށް ޑޮކްޓަރުކަން ކިޔަވަން ސަރުކާރުން ފުރުސަތު ދިނީމަ ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފަވެސް ސަރުކާރު ރުއްސޭތޯބަލަނީ. އެޗްޕީއޭ އަދި ސަރުކާރުގެ އިސްވެރިންނަށް އެންމެ ހަރުކަށި އަދަބުދޭންޖެހޭ. މުޅިގައުމު ހަލާކުކޮށްފި. ރައްޔިތުންނަށް ވަގުތީގޮތަކަށް ލިބޭ ފައިސާ ކޮޅަކަށް މިފަހަރުވެސް ވޯޓު ވިއްކާލާ.

    15
  6. އެމަންޖެ

    މިގައުމުގަ ކޮވިޑް ފެތުރުމުގަ އެއްމެ ކުރީގަ އުޅެނީ ކެނެރީ ނަޝީދު ، އޭނާ މިގައުމުގަ ހުރިހާ ދުވަހަކު މިގައުމު ދާނީ ހަލާކުގެ ތެރެޔައް.

    25
    1
  7. އަހުމަދު

    ވަރައް ފުރިހަމަ ލިޔުމެއް.

    17
    1
  8. ގަރަންޓީން ޤައިދީ

    ޢަޅުގަޑުގެ ސާމްޕަލް ނެގީ 01 އެޕްރީލް ގަ. ޢަދިވެސް ނަތީޖާ ނުލިބޭ. މިޖެހެނީ އުމުރަށް ގަރަންޓީންގަ ހުންނަން.

    11
  9. ބޯހަލާކު ތަކުރު

    ވަރަށް ފުރިހަމަ އާޓިކަލް އެއް، އެތަށް ބިޒްނަސްއެއް ބަނގުރޫޓް ވެގެން ދިޔަ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅު ތަކާގުޅިގެން އެކަމަކު އެމީހުން އެކަމާ ޝަކުވާއެއް ނުކުރޭ އެއީ އެންމެންގެ ސަލާމަތަށްޓަކާ ކުރިކަމެއް ކަމަށްވާތީ. އެކަމަކު މިއަދު އެވީ ގުރުބާނީ އަކީ ބޭކާރު އެއްޗަކަށް މިވީ

    17
  10. މަޜީ

    މިލިޔުމުންވެސް އިނގެނީ ވަގުތު ވަކި ކޮޅަކަށް ބުރަވެފަ އޮތްވަރު. ވަގުތަކީ ސީދާ ސަރުކާރާ ރައްޔިތުންނާ ޖައްސަން އުޅޭބައެއް.

    2
    33
  11. ޢަލިބެ

    ޙަޤީޤަތް ހާމަކޮށް މިފަދަ ލިޔުމެއް ލިޔުނު ނޫސްވެރިޔާއަށް ޝުކުރިއްޔާ.

  12. ޢާދަނު

    ކޮބާ ޕީޕީއެމުން ކޮވިޑް ފެތުރުން ހުއްޓުނަ ނުދޭންވެގެން މާލެތެރެ ކުޑަކޮށްގެން ކުރި މުޒާހަރާތަކުގެ ވާހަކަވެސް ލިޔެލިނަމަ..

    1
    5
  13. ޖަމީލުބޭ

    މައިމޫނާއްތަ ބުނާގޮތް ކޮވިޑްހަދާނެ! މައިމުނާއްތަ ކޮވިޑް ތަރުބިއްޔަތުކޮށްފައި ވަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް. އެހެންވީމާ އެހެންވީމާ މައިމޫނާއްތަ ކޮވިޑް ތަރުބިއްޔަތުކޮށްފައިވާ ގޮތުން ކޮވިޑްގެ ނުރައްކާ ނޯންނާނެ! ދޯ މައިމޫނާއްތާ! މައިމޫނާއަކީ ސަރުކާރުގެ ވެރިން ކުޅެން ގެނެގުޅޭ ބުދެއްކަން މިހާރު އެންމެންނަށްވެސް އެނގޭ!

  14. ކާރިސް

    ތިހާ އެމޯސަނަލް ނުވެބަލަ ކޮވިޑަކީ ތިބުނާވަރު ނުރައްކާ ބައްޔެއްނޫން ބަލިޖެހޭ މީހުންގެ ކިތައް ޕަސެންޓްތޯ މަރުވަނީ އެހެރީ ހިސާބުތައް ފެންނަން ދެން އަދިވެސް ކޮވިޑޭ ކިޔައިގެން މީހުން ބިރުން އުޅެންޖެހޭ ސަބަބެއް ނެތް އަނެއްކޮޅުން އާބާދީގެ ބޮޑު ޕަސެންޓޭޖެއް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ

  15. ދިވެހިސޮރު

    ހަގީގަތަކީ މިއަދު އެޗްޕީއޭގެ ވެރިން ޚާއްޞަކޮށް މައިމޫނާ ތިއީ އިޚްލާޞްތެރި މީހެއްނަމަ މިހާރު ތިޔަ މަޤާމުން ހުރީހީ އިސްތިއުފާ ދީފަ.

  16. ޢަހަންމާ

    މާމަ މޫނާ އަށް 100 އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށް އުންމީދު ކުރަން.

  17. ކެތި

    ކޮވިޑުގެވަގުތީނަތީޖާ މާދަ މާއިއުލާންކުރާނެ!!