ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެތެރޭގެ މަސްރަހުގައި ހިނގަމުންދާ ކޯޅުން މިހާރު އެންމެންނަށް ސާފެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަމާޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުންތައް ތަފާތެވެ. ނަޝީދު ގެންދަވަނީ ކޮންމެ ދުވަހަކު ހެން ބަހުގެ ހަމަލާތައް ސަރުކާރާއި ރައީސްއަށް އަމާޒުކުރައްވަމުންނެވެ.

ކުޑައިރުގެ ގާތް އެކުވެރިޔާ އަދި އާއިލީ ގުޅުން ވެސް އޮންނަ ރައީސް ސޯލިހްއާ އެކު އަބަދުވެސް ޒާތީ ގުޅުންތައް އެ ގޮތުގައި އޮންނާނެ ކަމާއި ދެން ސިޔާސީ ގޮތުން ރައީސްއާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފާޅުގައި ނަޝީދު ވިދާޅުވިއެވެ. ރައީސް އިޚްތިޔާރުކޮށްފައިވާ ކޯލިޝަން ކަމު ނުދިޔަ އިރު، އާ ކޯލިޝަނެއް ބޭނުންވެއްޖެއެވެ. މިއީ ނަޝީދު މިވީހާ ދުވަހު ދައްކަވަމުން ގެންދެވި ވާހަކައެވެ.

މިހާރު ނަޝީދު ބޭނުންފުޅުވާ ކަމަށް ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށެވެ. އެ ޝައުގުވެރިކަން ވެސް އެމަނިކުފާނު ފާޅު ކުރައްވާފައިވެއެވެ. އެ ކޯލިޝަނަކީ "އިންޑިއާ އައުޓް" ގޮވަން ތާއީދު ނުކުރާ ކޯލިޝަނެކެވެ. "ލާދީނީ" ގޮވުން އެއީ ޖިނާއީ ކުށަކަށް ހެދުމުގެ ބިލަށް ތާއީދު ކުރާ ކޯލިޝަނަކަށް ވާން ނަޝީދު އެދިވަޑައިގަތެވެ.

ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދު

އާންމު ގޮތެއްގައި ވެސް ދޫ ފަރިތަ، ނަޝީދުގެ ވާހަކަތައް މިގޮތަށް ހުރި އިރު، ރައީސް ވެސް ފެނުނީ އެމަނިކުފާނުގެ މިޒާޖުފުޅުގައި އޮންނަ ގޮތަށް މާ ބޮޑު ވާހަކައެއް ނުދައްކަވާ ވަރަށް މަޑުމައިތިރިވެގެން ހުންނެވި މަންޒަރެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވެސް ވިދާޅުވަނީ ރައީސްގެ ހުރިހާ ސަމާލުކަމެއް އޮތީ ވައުދުތައް ފުއްދުމަށް ކަމަށެވެ. ނަޝީދުގެ ވާހަކަތަކަށް ޖަވާބެއް ނުލިބެއެވެ.

ރައީސް ހަނު ހުންނަވާ ވަރަކަށް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދެވީ ސަރުކާރާއި ރައީސަށް ހަމަ ބަހުގެ ހަމަލާތައް ފޮނުއްވަމުންނެވެ. ސަރުކާރު "ފަހަތު ފަޔަށް ބުރަވާ" ކަމަށް ވިދާޅުވެއެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުމާއި، ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގުތަކުގެ ފުން މިނަށް ދާން ނޫޅޭ ކަމަށް ވިދާޅުވެއެވެ. ރައީސް އެ ވާހަކަ އަށް ސަމާލު ކަމެއް ނުދެއްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް ނަޝީދު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައި އޮތުމުން ސިއްޚީ މައި އިދާރާ، އެޗްޕީއޭއިން އަޅާފައިވާ ލުއިތަކަށް ލުޔެއް ދީ، ދަތުރުފަތުރުގެ ހުއްދަތަކެއް ދިނުމާއެކު ސަރުކާރުގެ ރަސްމިއްޔާތުތައް ވެސް އަނެއްކާ އިތުރުވިއެވެ. ފޮރިން މިނިސްޓްރީގެ އާ އިމާރާތް ހުޅުވަން ވަޑައިގެން އެ ތަނުގައި ރައީސް ވާހަކަ ދެއްކެވިއެވެ. އެކަމަކު ނަޝީދަށް ދެއްވި ރައްދެއް ނެތެވެ.

ދިން ލުޔާއެކު ރައީސް ދެން ވަޑައިގަތީ ބޮޑުތިލަދުންމަތީ ދެކުނު ބުރިއަށެވެ. އެ ދަތުރުފުޅުގައި ރައީސް ވަޑައިގަތީ އެމްޑީޕީއަށް ތާއީދު ބޮޑުކޮށް އޮންނަ ތިން ރަށަކަށެވެ. ވެރިކަން ކުރާ ރަށް ކަމުގައިވާ ކުޅުދުއްފުށި ސިޓީއާއި، މަކުނުދޫއާއި، ހަނިމާދޫއެވެ. ފުރަތަމަ ވަޑައިގަތީ ވެސް ކުޅުދުއްފުށި ސިޓީއަށެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ކުމުންދޫގައި - ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގެ ތެރެއިން ވެސް ރައީސްގެ ފަރާތްޕުޅުން ނަޝީދުގެ ވާހަކަތަކަށް ހަމަ ހިލާ އެންމެ ބަހެއް ވެސް ރައްދެއް ނުކުރައްވައެވެ. އެކަމަކު ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން އެމްޑީޕީއަށް ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ދިން ހަމައެކަނި ސިޓީ ކަމުގައިވާ ކުޅުދުއްފުށިން ރައީސް ތަފާތު ގޮތަކަށް ނަޝީދަށް މެސެޖެއް ރައްދުކޮށްދެއްވިއެވެ.

ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ލީޑާޝިޕްއާއެކު ރައީސް ބައްދަލު ކުރެއްވިއެވެ. ރައީސްގެ ވަޒީރުން އެ ބައްދަލުވުމުގައި ތިއްބެވިއެވެ. ކުޅުދުއްފުށީގެ މަޖިލިސް މެންބަރެއް އިންނެވިއެވެ. ކުޅުދުއްފުށީގައި އުޅޭ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ތިއްބެވެ. ތަރުޖަމާނު މަބްރޫކް ކުރެއްވި ޓްވީޓެއްގައި ލިޔުއްވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެއް ކަމަކީ އެމްޑީޕީގެ ހަރަކާތްތައް އެ ރަށުގައި ފުޅާ ކުރުމަށް ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ލީޑާޝިޕާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ މެންބަރަކު ނަން ހަމާ ނުކުރަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި އެއީ އެހެން އެންމެނަށް ރައީސް ދެއްވި މެސެޖެކެވެ. އެމްޑީޕީގެ ހަރަކާތްތައް ރަށްރަށުގައި އެމަނިކުފާނު ފުޅާ ކުރައްވާނެ ކަމެވެ. މި ސަރުކާރުގައި ތަރައްގީގެ މުހިއްމު މަސައްކަތްތައް މި ރަށްރަށުގައި ހިނގައިގަންނާނެ ކަން އެ ރަށްރަށުގައި ތިބި އެމްޑީޕީގެ ލީޑާޝިޕްއަށް ބުނެދިނުމަކީ ރައީސްގެ މަގްސަދު ކަން އެ މެމްބަރު ފާހަގަކުރެއްވެވިއެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދު ވެސް ސާފުދޯ، އެއީ އަދި ހަމަ އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ، އެ ތިއްބެވީ އެމްޑީޕީގެ ވަޒީރުން، އެމްޑީޕީގެ ވަޒީރުން ގިނައީ ވެސް، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން އެމްޑީޕީގެ ރަށެއްގެ ލީޑާޝިޕްއަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ކުރަން، އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް އެ ކުރައްވަމުން ގެންދަވަނީ،" އެ މެންބަރު ވިދާޅުވިއެވެ.

އެންމެ ހައިރާން ކުރުވަނިވި އެއް ކަމަކީ ރައީސްގެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަތުމާ އެކު ރައީސްގެ ޓީމު ވަނީ ބޮޑުވެފައެވެ.

މިއީ ރައީސްގެ ފަހަތްޕުޅުގައި ތިއްބެވި ވަޒީރުން ކަން ބުނުމުގެ ޖާގަ ވަރަށް ބޮޑެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައެއް ވަޒީރުން. --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގައި އެ ޕާޓީ އޮންނަ އިރު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކީ އެ ޕާޓީގެ މެންބަރެއް ނަމަ، އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަސާސީ ގަވާއިދަށް ރިއާޔަތްކުރާއިރު، ޕާޓީގެ އެންމެ އިސް ލީޑަރަކީ ވެސް ރައީސް ސޯލިހްއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އެ ވަނީ ރާއްޖޭގެ އެންމެ އުތުރުގައިވާ ސިޓީގައި ޕާޓީގެ ހަރަކާތްތައް ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. ރާއްޖޭގައި ހިނގަމުން ދަނީ އެމްޑީޕީގެ ޚިއްސާ އޮތް ސަރުކާރެއް ކަން އަންގައިދީފައެވެ.

ނަޝީދު އަމާޒު ކުރައްވާ ބަސްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައްދުގައި އަމަލަކުން ދައްކުވައިދިނީ އެމްޑީޕީގައި އެމަނިކުފާނުގެ އޮތް ބާރެވެ. "ކުޅި ބައިގައި" ފަހު ވަގުތު ރައީސް އެތުރުން އަތުރާލެއްވީ މާ ތަފާތު ގޮތަކަށެވެ. ނަޝީދަށް "ހަ ކުޅި ކުރިއަށް" ކުޅެވޭނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަހުމަދު

  ލާދީނީ ބިލު ފާސް ކުރަން އެކުރާ މަސައްކަތް ރައްޔިތުން ބަލައި ނުގަނޭ. ރައީސް އެއާއި ދެކޮޅައް ހުންނެވުން ރަނގަޅު

  42
 2. ނުދެވޭނެއޭ

  ނަޝީދުގެ ބަޔާނުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން ކަމަށް އަދާލަތުން ވިދާޅުވާނަމަ އެކަމަށް މަމެން ތާއީދު ކުރަމޭ ރައީސް އިބޫގެ ވެރިކަމުގައި މިރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެގެން ދިޔައީ ސަރުކާރުން ނެރެން ޖެހޭ ބަޔާން ތައް ރައީސް ނަޝީދު ނެރެގެންނޭ އެގޮތުން ޗައިނާ އިން ނަގާފައިވާ ލޯން ތަކާއި ގުޅޭ ގޮތުން ރޯ ބުހުތާނު ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އިންޑިއާ ގެ ވަގު ކޮންޓްރެކްޓަރުން އަތުން ކަޓް ކާން ވެގެން ހަމަ އެކަނި އިންޑިއާ އަތުން ލޯން ނަގަން ނިންމީ ލޯނަކީ އެއީ ދިވެހިރައްޔިތުން އަނބުރާ ދައްކަން ޖެހޭ އެއްޗަކަށް ވާއިރު އިންޑިއާ އަކީ ޗައިނާ އަށް ވުރެން ފަގީރު ކައްޕަޅި ގައުމަކަށް ވާއިރު އިންޑިއާ އަށް ކިހިނެއްތޭ ޗައިނާ އަށް ވުރެން ކުޑަ އިންޓަރެސްޓް ރޭޓް ގައި ލޯން ދެވޭނީ ރާއްޖެ އަށް...

  31
  4
 3. އަހުމަދު

  އަޑުތަށް އިވޭގޮތުގަ ރައީސްގެ ފަރާތުން ތަރުޖަމާނެއް ވަރަށް ބޮޑު އަގުދީފަ ހަޔަ ކޮއްފަޔޯ ހުރީ އެއީ ރީކޯ މޫސަޔޯ އެއީ ތެދެއްބާ؟

  16
  2
 4. އިސްތިއުފާ

  ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ

  19
 5. އަހުމަދު

  ކިތަންމެ ވަރަކަށް ނޫސްތަކަށް ހަރަދު ކުރިޔަސް މިހާރުގެ ރައީސެއް ދެން ރައްޔިތުން ވޯޓް ލާގެން ނުހޮވޭނެ.

  19
  10
 6. ބަކަރ

  ނުމޮށޭ ގުރާ ބާރައް ދައިގަންނާނެ. މާ އަޑި ނުބައިވާނެ. އެބަފެނޭ އެތަން އެއްޗެއް ނުބުނެހުރެ ދިވެހިންގެ ހައްގައް އަރައިގަންނަ އިރު.

  15
  2
 7. ބާދަލްޔޫނގަރަޖުތާހޭ

  ނުފޫޒު ގަދަ އަޑުގަދަ މީހުން ބަލިކޮށްލުމުގައި ޙިކުމަތު ޢަމަލީ ވަރަށް މުހިންމު. ފެންނަ ތަނުގައި ރައީސް ޞޯލިޙު އެރޯލު އެބަކުޅުއްވާ. ޢަމަލީގޮތުން އެބަ ދައްކަވާ. އިބޫ ވާހަކަފުޅު ދައްކަވަނީ ގިނަފަހަރު ޢަމަލުން. އަނގައިންނެއް ނޫން. މިހެން ހެދުމުން ނުފޫޒުގަދަ މީހާ ފުރަތަމަ ބަލިވަނީ ނަފުސާނީ ގޮތުން. އޭނަ އިތުރަށް ރުޅިގަދަވެ ފުފޭތީ ފެންނާނެ. ވާހަކަ ގިނަވެ ދެއްކޭ ވާހަކަ ދެކޮޅުޖައްސަން އުނދަގޫވެ މީހުންގެ މެދުގައި ފަޟީޙަތްވަމުން ދާނެ. އެއީ ބަލިވުމުގެ އަލާމާތް.

 8. އަޙްމަދު

  ރައީސް ޞާލިޙް، ނަޝީދު ކިޔާ އެއްވެސް އެއްޗެކަށް އެއްވެސް ރައްދެއް ނުދީ ދައުރު ނިމި ވޯޓާ ހައަށް ހިނގައްޖިއްޔާ މަގޭ ވޯޓު އިރާދަކުރެއްވިއްޔާ ލިބޭނެ. ރައީސް މައުމޫން ގާތްގަނޑަކަށް ފަސް އަހަރު ހޭދަކުރި ނަޝީދު ކީ އެއްވެސް އެޗަކަށް ޖަވާބެއް ނުދީ. އެ ދުވަސް އެންމެންވެސް ދެއްކި ވާހަކައެއް އެއީ. ނަޝީދު މައުމޫނާ ދިމާލައް ހަޑިހުތުރު އެއްޗެހި މެދުކަނޑުމެއް ނެތި ކިޔަމުން ދިޔައިރު މައުމޫނު އެއިން އެއްވެސް އެއްޗަކަށް ޖަވާބެއް ނުދިން ކަމީ ވަރަށް ގިނަ މީހުންގެ ހިތުގައި އޭނާއަށް ވަރަށް ގަދަރު އުފުލުނު ކަމެއް، އެހެން ނަމަވެސް އިންތިހަބައް އެއްމެ ހަފްތާއަކަށްވެފައި ހުއްޓާ ކޮންމެވެސް ސަބަބަކާ ހުރެ މައުމޫން ނަޝީދައް މަލާމާތިގެ ބަސްތަކެއް ބައެއް ހަފްލާތަކުގައި ރައްދު ކުރި، މަލާމާތްކުރި. މަގޭ ނަޒަރުގައި އެއީ މައުމޫނު ވެއްޓެން ދިމާވި އެއް ސަބަބު. މީހުން ކުރިމަތީގައި ސަޙްސިއްޔަތު ބަދަލު ވުމަކީ ވެއްޓުމެއް. ރައީސް ޞާލިޙުގެވެސް ޝަހްސިއްޔަތަކީވެސް މީހުން ކުރިމަތީގައި ގަދަރު އުފުލިގެންވާ ސަހްސިއްޔަތެއް. ހިފެހެއްޓިއްޖިއްޔާ ބަލިކުރަން ދަތިވާނެ.

  ނޯޓު: މަށަކީ މައުމޫނައް ތާއީދު ކުރާ މީހެއްނޫން.