ދީނަށް ފުރައްސާރަކޮށް ދީނާ ޚިލާފު ވިސްނުންތައް ފެތުރުމުގެ ފިކުރާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ތަކްފީރީ ފިކުރަކީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. މި ދެ ފިކުރާ އެކު ގައުމުގެ ދީނީ ވަހްދަތު ފުނޑު ފުނޑުވެގެން ދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މި ދެ ފިކުރުގެ އަނދިރި ވިއުގަތަކާއެކު ރާއްޖޭގައި ޒަމާނުއްސުރެން ފެށިގެން އޮންނަ އިސްލާމީ އެއްބައިވަންތަ ކަމަށް މި ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އޭގެ އަސަރު ރާއްޖޭގެ އަމިއްލަވަންތަކާއި މިނިވަންކަމަށް ވެސް އެބަ ކުރެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި "ހަރުކަށި" ފިކުރުގެ ބަޔަކު އުޅެނީ ރާއްޖެ ހިފާށެވެ. ނޫނީ ދީނާ ދެކޮޅު "ލާދީނިއްޔަތު" ގެ ބަޔަކު ބޭނުންވަނީ ރާއްޖެ އެ މީހުން ބޭނުންވާ ގޮތަށް ބަދަލު ކުރާށެވެ.

ދިވެހިންނަށް ލިބިވާ އެއްމެ އަގުބޮޑު ނިއުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިއުމަތެވެ. ޖަހާލަތުގެ އަނދިރިކަމުގެ ދިގުތާރީހެއް ވޭތުކުރުމަށްފަހު އިސްލާމްދީނުގެ ނޫރުން ދިވެހިންގެ ހިތްތައް އުޖާލާވެގެން ދިޔައީ މީލާދީން 1153 ވަނަ އަހަރުގެ މިދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި ގައުމު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ ދަންމަރުން މި ހުއްބުލް ވަތަން ހުޅުދާންވެފައި އޮތުމުންނެވެ.

ނަމަވެސް އަދުގެ ހާލަތަކީ ކޮބާ؟

ގައުމުގެ މިނިވަންކަން އެކި ގޮތްގޮތަށްވެސް މަސައްކަތް ކޮށްގެން ނަގާނުލެވުމުން އަދުއްވުންގެ ހީލަތްތެރި ރޭވުން މިވަނީ ބަދަލުވެފައެވެ. ކަނޑިބަނޑީގެ ބަދަލުގައި ފިކުރީ ގޮތުން ގައުމުގެ ރައްޔިތުން ބަލިކަށިކޮށްލަން އެ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިސްލާމްދީނުގެ މަތީގައި ތިބި ދިވެހިންގެ ފިކުރާއި އެމީހުން ކުޅެން ފެށިއެވެ. އިސްލާމީ އެއްބައިވަންތަ މުޖްތަމައުގައި ބައިބައިވުން އުފައްދާ، ފިކުރީ ތަފާތުވުންތައް އުފައްދަން ފެށިއެވެ. އެ ދަލުގައި ދިވެހިންތަކެއް ޖެހުމުން ގައުމުގެ ތެރެއިންނާއި ބޭރުން އެމީހުން ކުރަމުން އައި މަސައްކަތަށް މިވަނީ އިތުރު ބާރެއް ލިބިފައެވެ.

ކޮންމެއަކަސް އިސްލާމީ ދަންމަރުގެ ކުލަ މަޑުވަން ފަށައިފިއެވެ. އޭގެ ސަބަބުން ގައުމުގެ ހަމަޖެހުމާއި އަމާންކަންވެސް ގެއްލެން ފަށައިފިއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ހަރުކަށި މީހުން ދެނެގަންނާނީ ކިހިނެއް؟

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނަކީ ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ގޮތްތައް ގެންގުޅެ، އެގޮތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންނެވެ. މި މީހުންނަކީ "ހައްދު ފަހަނައަޅާފައިވާ" މީހުންނެވެ.

ދީނަށް ލޯބިކޮށް، ދީނުގެ ޝިއާރުތައް ފާޅުކޮށް، ދީނަށް ނަސްރުދީ، ދީން ކުރިއެރުވުމަށް މަސައްކަތްކުރާ މީހުން އެ "ކެޓަގަރީން" އިސްތިސްނާވެއެވެ.

ހައްދުފަހަނައަޅައި ދަނީ މައިގަނޑު 3 ގޮތަކުންނެވެ. އެއީ:-

1. ޢަޤީދާގައި ހައްދުފަހަނައަޅައި ދިނުން

2. ޢަމަލުގައި ޙައްދު ފަހަނައަޅައި ދިއުން

3. މީސްތަކުންގެ މައްޗަށް ހުކުމް ކުރުމުގައި ޙައްދު ފަހަނައަޅައި ދިނުން

އަގީދާގައި ހައްދުފަހަނައަޅައިދިއުމަކީ މާތް ﷲ ޝަރުޢު ނުކުރައްވާ ކަމެއް ޢަޤީދާއެއްގެ ގޮތުގައި ޤަބޫލުކުރުމެވެ. މިއީ ހައްދުފަހަނައަޅާ ދިނުމުގެ އެންމެ ނުރައްކާތެރި ގޮތެވެ.

ޢަމަލުގައި ހައްދުފަހަނައަޅައި ދިއުމަކީ އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިނުވާ ޢަމަލެއް ނުވަތަ ޢަމަލު އަދާކުރާގޮތެއް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އަދި އެހެން މީހުންގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމު ކަމެއްކަމުގައި ދުށުމެވެ.

މީސްތަކުންގެ މައްޗަށް ޙުކުމް ކުރުމުގައި ހައްދުފަހަނަ އަޅައިދިއުމަކީ ވަކި ބަޔަކީ ނުވަތަ ވަކި މީހަކީ ކާފަރެއްކަމަށް ނުވަތަ ބިދުޢަވެރިއެއްކަމަށް ނުވަތަ ފާސިޤެއްކަމަށް ނިމުމުގައި ހައްދުފަހަނައަޅައި ދިނުމެވެ.

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުން އުޅޭކަން އެއީ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ.

ހަރުކަށި ފިކުރުގެ މީހުން ހަތިމްތަކުން ދަޢުލަތުގެ ނިޝާން ކަނޑާފައި --- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންގެ ފަރާތުން ފެންނަނީ މައިގަނޑު 6 ކަމެކެވެ. އެއީ:-

1. ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤަބޫލު ނުކުރުން

2. ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުން

3. ކޯޓުން ބޭރުގައި ކައިވެނިކުރުން

4. ބޭރުގެ ގައުމުތަކުގައި ކުރެވޭ ދާހިލީ ހަނގުރާމަތަކަށް މީހުން ފޮނުވުމާއި ބައިވެރިވުން

5. މީހުން ކާފަރުކުރުން

6. ދަރިންނަށް ވެކްސިން ނުދިނުން

ހަރުކަށި ފިކުރާއި އެފިކުރުގެ ނިރުބަވެރިކަމުން އަހަރެމެން ސަލަމާތްވާނީ އެ ފަލްސަފާއަށް ތަބާވާ މީހުން ދެނެގަނެވިގެންނެވެ. އަދި އެމީހުންނަށް ސަމާލުވެގެންނެވެ.

ލާދިނީ މީހުން ދެނެގަންނާނީ ކިހިނެއް؟

ދީނީ ގޮތުން ހަރުކަށި ފިކުރުތަކެކޭ އެއްގޮތަށް ލާދީނީ ކަންކަންވެސް ދިވެހިރާއްޖޭގެ މިނިވަން ޖައްވުން ފާޅުވާން ފަށައިފިއެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް ދީން ގަބޫލު ނުކުރާ ބަޔަކު މި ފަސްގަނޑުގައިވެސް އެބަ ތިބިއެވެ. މި ގައުމު "ސެކިއުލާ ސްޓޭޓް" އަކަށް ހަދަން ބޭނުންވާ ބަޔަކު އެބަތިބިއެވެ. ދީނީ މިނިވަންކަން މި ގައުމުގައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ބަޔަކު އެބަތިބިއެވެ. މި ބައި މީހުންނަކީ ލާދިނީ މީހުންނެވެ. ނުވަތަ އިސްލާމްދީނުގެ އަދުއްވުންނެވެ. މި މީހުން ދަނީ ސިއްރާއި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދުބަސް ރައްދުކުރަމުންނެވެ.

އިސްލާމީ ތަރުބިއްޔަތުގެ ތެރޭގައި ހުރެ، ދީނުން ބޭރުވާ މައިގަނޑު ސަބަބުތައް:

 1. ދީނުގައި އޮންނަ ކަމެއް އެހެން ގޮތަކަށް ބަދަލުކުރަން
 2. ދީނުގެ ތެރެއަށް އެހެން ކަމެއް ވެއްދުމަށް
 3. ހަރާމް ކަމެއް ހަލާލް ކުރުމަށް
 4. ދީނުގައި އަންގަވާފައިވާ ކަމަކަށް ނަފްރަތު އުފައްދަން

ދީނާއި ދެކޮލަށް މަސައްކަތް ކުރަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅާ ދިއުމަށެވެ. އެއީ ދީނުގެ އިމުން ބޭރުވުމަށެވެ. ދީނުގައި ޝަރުއު ކުރައްވާފައިވާ ކަންކަމަށް ބަދަލު ގެނެއުމަށެވެ. ނޫނީ އުނި އިތުރު ގެނެއުމަށެވެ. ނުވަތަ ހަރާމް އެއްޗެއް ހަލާލް ކުރުމަށެވެ.

މިސާލަކަށް އިސްލާމްދީނުގައި ރަލާއި، މަސްތުވާތަކެތި ހަރާމްކުރައްވާފައިވެއެވެ. އެއީ އެތަކެތި ބޭނުން ކުރުމުން އިންސާނާގެ ހަމަ ބުއްދި ފިލާ ދާތީއެވެ. ހަމައިގައި ނުހުންނަ ވަގުތު ތިމާގެ އަމަލުތަކުގައި އިހްތިޔާރެއް ނުވާތީއެވެ. ޒިނޭ ހަރާމްކުރެއްވީ އިންސާނާގެ އަބުރު ރައްކާތެރި ކުރުމަށެވެ. އަދި ނަސަބު އޮޅުންބޮޅުންވެގެން ދިއުމުން ރައްކާތެރި ކުރުމަށެވެ. ނަމަވެސް ލާދިނީ މީހުން މިކަންކަމަށް އަރައި ގަތުމަކީ "ގަޓު" ކަމެއްގެ ގޮތުގައި ދެކެއެވެ. އެއީ ދުނިޔޭގެ އަރާމައި، އިއްޒަތް ލިބިގަތުމަށެވެ.

އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓްގެ ބޭރުގަނޑު

ލާދިނީ މީހުންގެ ފަރާތުން ފެންނާނެ ބައެއް ސިފަތަކަކީ:

 1. ސުންނަތަށް އުޅޭ މީހުންނަށް މަލާމާތް ކުރުން
 2. ދީނަށް އުޅޭ މީހުންނަށް ނަފްރަތު ކުރުން
 3. ދީނަށް އުޅޭ މީހުން "ހަރުކަށި މީހެއްގެ" ގޮތުގައި ލޭބަލް ކުރުން
 4. ދީނަށް އުޅޭ މީހުންނާއި މެދު އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން
 5. ނަމާދަށް ފަރުވާތެރިވުމާއި، ފަރުޟު ކަންކަން އަދާކުރުމަކީ "ކަޓު" ކަމެއްގެ ގޮތުގައި ދެކުން
 6. މުންކަރާތްތަކަށް އަރައިގަންނަން ހިތްވަރު ދިނުމާއި އެމީހުންނަކީ "ގަޓު" ބައެއްގެ ގޮތުގައި ދެއްކުން

ބަވަނަ ވެފައިވާ ދުނިޔެއެއްގައި މި ފިކުރުގެ ދަލުގައި ޖެހުމަކީ ދާދި ފަސޭހަކަމެކެވެ. އެހެންކަމުން މި ފާސިގް ފިކުރުން އެއްކިބައިވުމަށް މި މީހުންގެ އުކުޅުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ދިނާއި ސިޔާސަތަކީ ވަކި އެއްޗަކަށް ހަދަން އެބަޔަކު އެކުރާ މަސައްކަތް ކާމިޔާބުވެދީގެން ނުވާނެއެވެ. މި ގައުމު ސެކިއުލާ ވެއްޖެ ނަމަ ދީނީ އެއްބައިވަންތަކަން ގެއްލިގެން ދާނެއެވެ. ފާހިޝް އަމަލުތައް އާންމުވެ، މުޖްތަމައުގެ އިޖްތިމާއީ ފޭރާން ވީދިގެން ދާނެއެވެ. އަދި ގައުމުގެ މިނިވަންކަމުގެ ހުޅު ނިވޭނެއެވެ.

އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: ދިޔަރެސް

އަނދިރި ފިކުރުތަކުގެ ބިރު އިންތިހާއަށް!

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަކުރައްވާ ގޮތުގައި އިސްލާމްދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާފައިވާ ފިކުރާއި، އިސްލާމްދީނަށް ފުރައްސާރަކުރާ ލާދިނީ ފިކުރަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތެވެ. އެ ދެފިކުރުން ރާއްޖެ ސަލާމަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ދެފިކުރުގެ ނުފޫޒު ރާއްޖޭގައި ދަނީ ގަދަވަމުން ކަމަށެވެ. އަދި އިސްލާމީ އެއްބައިވަންތަކަން ގެއްލެމުންދާ މަންޒަރުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ވިދާޅުވިއެވެ. މި ދެފިކުރުގެ ވިއުގަތައް ބޮޑެތިވެ ވަރުގަދަވަމުން ދާކަން ފާހަގަކުރައްވަމުން ޝަހީމް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ މި ދެފިކުރާއެކު ކުރިމަތިވެދާނެ ބައެއް ކަންކަމަށް އަލި އަޅުއްވާލައްވައިފައެވެ.

ޝަހީމް ވިދާޅުވީ މި ދެ ފިކުރުގެ މޫތައް މި ފަސްގަނޑުން ބުރި ނުކުރެވިއްޖެ ނަމަ ފިކުރީ ތަފާތުވުންތަކާއެކު ދީނީ ދެބަސްވުންތައް އުފެދިގެން ދާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މި ގައުމުގެ ނާޒުކު އިގްތިސާދު ފުނޑުފުނޑުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެއާއެކު ލޭ އޮހެރުވުމާއި، މާރާމާރީތައް އާންމުވެ، ބިރުވެރި ސަހަރަކަށް މި އަމާން މާހައުލު ބަދަލުވެގެން ހިނގާދާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އޭނާވަނީ ހަރުކަށި ފިކުރާއި ލާދިނީ ފިކުރު "ހަންމަތަކުރަން" ސަރުކާރުން ނުކުތުމަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހަރުކަށި ފިކުރާއި ލާދިނީ ފިކުރު ހަންމަތަ ކުރަން ދައުލަތުން ނުކުންނަން ޖެހޭ" ޝަހީމް ވިދާޅުވިއެވެ.

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ވިދާޅުވީ މިއަދު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑިމޮކްރެސީގެ ނަމުގައި ޢައިރު މުސްލިމް މުޖްތަމައުތަކުގެ ކަންކަން މި މުޖްތަމައުއަށް ގެނައުމަށް ބަޔަކު މަސައްކަތް ކުރުން ކަމަށެވެ. އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މުސްލިމު މުޖްތަމައުއެއްގައި އޮންނަ އާދަކާދަތައް އެހެން މުޖްތަމައުތަކާއި ތަފާތުވާނެ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީގެ ނަމުގައި ޢައިރު މުސްލިމް މުޖްތަމައުގެ ކަންކަން ރާއްޖެ ގެނެސްފިނަމަ ދީނީ އެއްބައިވަންތަކަން ގެއްލިގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން މިނިވަން ކަމަށް ބުރު އަރާނެކަން ފާހަގަކުރެއްވިއެވެ.

ހިޔާލް ފާޅުކުރުމުގެ ނަމުގައި ދީނާއި ފުށު އަރާ ކަންކަމުގެ ވާހަކަ ބައެއް ދިވެހިން ދައްކަމުން ދާތީ މުޖުތަމައުއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދީނާ ދެކޮޅު ވާހަކަ ދައްކާ، ދީނަށް މަލާމާތް ކުރުމުގެ ސަބަބުން، ދީނަށް އުޅޭ މީހުންގެ ހިތްތަކުގައި އެމީހުންނާއި މެދު ނަފްރަތު އުފެދިގެން ދާ ކަމަށް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ޖަޒުބާތުގައި ޖެހި އެފަރާތްތައް މުރުތައްދުވި ކަމަށް ކަނޑައަޅާ، ލޭ ހުއްދަކުރަން ގޮވޭ ފަހަރުތައް ވެސް ދިމާވާ ކަމަށްވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދެ ފިކުރު ނުހުއްޓުވިއްޖެ ނަމަ އަނިޔާވެރިކަމާއި، އަދާވާތްތެރިކަން މި މުޖްތަމައުގައި އާންމުވެގެން ދާނެއެވެ. އަދި އިޖްތިމާއީ ފޭރާން ވީދި، ގައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހިޔާލު ފާޅުކުރުމުގެ ނަމުގައި ދީނާއި ހިލާފު ފާޑުފާޑު ވާހަކަދެއްކުން ހުއްޓުވަން އެބަ ޖެހޭ. ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާ ހަރުކަށި ފިކުރުގެ ކަންކަންވެސް. މި ފިކުރުތައް ނުހުއްޓުވިއްޖެ ނަމަ ގައުމުގެ އަމަން ގެއްލި ނަފްރަތާއި އަނިޔާވެރިކަން އާންމުވެ ހިނގައިދާނެ. މިނިވަންކަން ދެމެހެއްޓޭނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށްގެން." މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިިނިސްޓަރު ޑރ. ޒާހިރު --

ނެޝެނަލް ކައުންޓާ ޓެރެރިޒަމްގެ ސެންޓަރުގެ ޑިރެކްޓަރު، ބްރިގޭޑާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހަރުކަށި ފިކުރާއި ލާދިނީ ފިކުރުގެ ނުރައްކާތެރިކަން ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ. މި ފަސްގަނޑަކީ ކުފުރުގެ ބިމެއްގެ ގޮތުގައި ދެކި ދިވެހިންގެ ލޭ ހުއްދަކުރަން ދިވެހިންގެ ތެރެއިން ބަޔަކު ނިކުތުމަކީ ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިފަދަ ނިރުބަވެރި އަމަލުތަކަކީ 2007 އިން ފެށިގެން ހަރުކަށި ފިކުރުގެ ވިއުގުން ރާއްޖޭގައި ހިންގަމުން ދާ ނުރައްކާތެރި ހަރަކާތްތަކެކެވެ. އެގޮތުން އއ. ހިމަންދޫގައި ހިނގި ހާދިސާ ފާހަގަކުރައްވަމުން މަންސޫރު ވަނީ އެދުވަހު ހަރުކަށި ފިކުރުގެ މީހުން ސުލްހަކުރުމަށް ދިޔަ ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންނާއި ކުރިމަތިލިކަން ފާހަގަ ކުރައްވައިފައެވެ. އަދި ތޫނު އެއްޗެހިން އެ އޮފިސަރުންގެ "މަރަން" އެމީހުން ޖެހިލުމެއް ނެތި ނުކުތް ކަން ވެސް ފާހަގަކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުން ބާރުގެ ބޭނުން ކޮށްގެން، މުޖްތަމައުގެ ހަމަޖެހުން ނަގާލެވޭނެ، 1400 އެއްހާ މީހުން ރާއްޖޭގައި އެބަތިބިއެވެ. ބައެއް މީހުންނަކީ ބޮން ހެދުމަށް ކުޅަދާނެ މީހުން ކަމަށާއި، އެ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިއުގުގެ މޫތައް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުން އެމީހުންގެ ހަރަކާތްތައް ގެންދަނީ ވަރަށް ސިއްރިއްޔާތު ގައެވެ. އަދި ބޭރު އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ދީނަށް އުޅޭ މީހާގެ ސިކުނޑި ދޮވެގެން ކަމަށް ވިދާޅުވިއެވެ. ޒަކަރިއްޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ ނިރުބަވެރިކަމުން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެން މީހުން އެމީހުން ދެކެ ޖެހިލުންވާ ވަރާއި، އެމީހުންގެ ޖެހިލުން ކުޑަކަމަކީ މިއަދު ހާމަވާ ކަންކަން." ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ހާމަކުރައްވައި ޒަކަރިއްޔާ ވިދާޅުވިއެވެ.

ލާދިނީ ފިކުރަކީވެސް ހަރުކަށި ފިކުރުހާ ނުރައްކާތެރި ފިކުރެއް ކަމަށް ޒަކަރިއްޔާ ސިފަކުރެއްވިއެވެ. އިސްލާމީ ދެބަސްވުންތަކެއް ގައުމުގައި ހިނގައިފިނަމަ، ނަފްރަތާއި ރުޅިވެރިކަން އާންމުވެ، ފިތުނަ އާއި އަނިޔާވެރިކަން އާންމުވުމަކީ ގާތް ކަމެއް ކަމުގައި އޭނާ ވެސް ދެކެވަޑައިގަންނަވައެވެ.

އޭނާ ވިދާޅުވާ ގޮތުން މި ގައުމު މިނިވަންކަންމަތީ 56 އަހަރު މި ގުނަނީ އިސްލާމީ އެއްބައިވަންތަކަމުގެ ސަބަބުންނެވެ.

"މިނިވަންކަމަށް އަސަރު ކުރާނެ އެބައެއްގެ ދީނާއި، ސަގާފަތަށް ބުރު އަރާނަމަ، މިކަންކަން ދިމާވަނީ އެހެން މުޖްތަމައުއެގެ އާދަކާދަތަކާއި ސަގާފަތްތައް މި ގައުމަށް ގެންނަން ބަޔަކު މަސައްކަތް ކުރާތީ. މުސްލިމް ގައުމަކަށް ކޮންމެ ގައުމެއްގެ އާދަކާދަތަކެއް ފިޓެއް ނުވާނެ. މިހާރު އެ ފެންނަނީ އެ މަންޒަރުތައް" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ މަންސޫރު – ފޮޓޯ: މިހާރު
ޒަކަރިއްޔާ މަންސޫރު – ފޮޓޯ: މިހާރު

ދީނުގެ އަސާސީ ފިކުރު އަނބުރާ ފަތުރާލަން ޖެހޭ!

މި ތިންބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި މިނިވަންކަން ދެމެހެއްޓުމަށް މި ދެ ފިކުރުން ގައުމު ސަލާމަތް ކުރަން ޖެހެއެވެ. ތައުލީމީ ނިޒާމުގެ ތެރެއިން މިކަންކަމަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހެއެވެ. އަދި މި ފިކުރަށް ތަބާވާ މީހުން ދެނެގަނެ ރިހެބިލިޓޭޓްކޮށް އެމީހުން ހަމަމަގަށް އަޅުވަން ޖެހެއެވެ. އެއީ އެމީހުންނަސް އަނިޔާވެރިވުމުގެ ބަދަލުގައި އޯގާތެރިކަމާއެކު ސީދާ މަގު ދައްކައިދީގެންނެވެ.

ހަރުކަށި ފިކުރާއި ސެކިއުލާ ވިސްނުމަށްވެސް ހަގީގަތުގައި ރާއްޖޭގައި ޖާގަ ދެވެމުން މިގެންދަނީ ސިޔާސީ ދާއިރާގައި އުޅޭ ބައެއްގެ އިހުމާލުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވެރިކަމަށް ކޮންމެ ބަޔަކުވެސް އަންނަނީ ރައްޔިތުންނަށް އެތައް ހުވަފެނެއް ދައްކައިގެންނެވެ. ނަމަވެސް ފެންނަނީ ދިނާއި، ގައުމަށްވުރެ ތިމާމެންގެ އަމިއްލަ އެޖެންޑާތައް ކުރިއަރުވަން މަސައްކަތް ކުރާ ތަނެވެ. އޭގެ ހިތި ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ.

މި ދެ ފިކުރުގެ މީހުންނަށްވުރެން ވެސް ކުރިން ގައުމުގެ ލީޑަރުންގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރާ މީހުން ހަމަ މަގަށް އަޅުވަން އެބަޖެހެއެވެ. ދިނާއި ސިޔާސަތަކީ ވަކި އެއްޗަކަށް ހަދަން އެބަޔަކު އެކުރާ މަސައްކަތަކީ ކާމިޔާބު ނުވާނެ މަސައްކަތެއްކަން އެބަޔަކަށް ވިސްނައިދީ، އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހާމަ ކުރަން ބާރު އަޅަން އެބަ ޖެހެއެވެ.

ސިޔާސީ ވެރިންވެސް އަމިއްލަ އެޖެންޑާތައް އެއްކައިރިކޮށް، މިފަދަ ފިތުނަ ފަސާދައިން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އެބޭފުޅުން ހެޔޮ ހިތަކާއިގެން މަސައްކަތް ކޮށްފިނަމަ ގައުމު އަމާންކޮށް، ހަމަ މަގަށް އެޅުވޭނެއެވެ. އެހެން ނޫންނަމަ ފަހުން އެ އެޖެންޑާތައް އިތުރަށް ކުރިޔަށް ގެންދަން ގައުމުވެސް އަތުނު ޖެހި ހިނގައިދާނެއެވެ. ގައުމުގެ މިނިވަންކަން ބީވެގެން ހިނގައިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ސަހީމް

  ތި 2 ފިކުރުގެ މީހުނައްވެސް ބުނެލަން ބޭނުންވަނީ އެންމެ ވާހަކަ އެއް
  ދީނާ މަގެ ގައުމާ މަގެ އަމުނާ ނުކުޅެއްޗޭ ތާރީހް ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ގުރުބާން
  ދިވެހި ބިން މީ އުފަން މަގޭ ބިން ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން އެ މި ބިމަކައް އެންމެ ފަހުގެ ވިންދާ ދޫކޮއްލަދޭނޭ ނޭވާ މަގޭ ބިން

  25
  10
  • ސަލީމް

   ދިވެހިންގެ ލޭ ހެއްދަ ކޮއްފަ މަރާފަ އެމީހުންވެސް ހަމަ އެމީހުން އާއިލާ ގޮވާގެން އުޅެނީ މިތާ ކައްނޭނގެ އޭރުން ދިވެހިން ތިބޭނެބާ ހިމޭނުން

   8
   5
   • އެއްްބައިވަންތަ އަދި އެއްބައެއްވަންތަކަން

    ނަޝީދުމެން ވެގެން ގެނައި ސިޔަސީ ޕާޓީތައް ހެދި ހިސާބުން މިގައުމު ތެރޭ ބައިބައިވެއްޖެ.

  • Anonymous

   ބުނެލާ ބަހަކައް ތިކަންތަް ވެގެންތިދަނީ

   3
   1
 2. ޙަދިސައިބު

  މިހުރިހާ ބަލާ ވެރިކަމެއް މި ދިމާވީ އަންނިއާއި އަންނިއަށް ތަބާވާ އަބުދުﷲސާހިދުގެ ސަބުން މިގައުމު އިންޑިޔާގެ ޕަޕެޓަކަށް ހެދީސާހިދު އަންނި ބޭނުންވީ ލާދީނީ ކަންކަން ފަތުރަން ހަރުކަށި ފިކުރުއައީއަދާލަތުގެ ވެރިންގެ ފަރާތުން އެއީ އިލްޔާސާއި ހުސައިން ރަސީދާއި އިޔަޒުއައި އިމްރާނުގެސަބަބުން

  16
  8
 3. ފަރުހަދު

  ﷲ ތި މީހުނައްވުރެން ގަދަވާނޭ

  22
  7
 4. ޢަދިރި

  އަދިރި ފިކުރޭ ކިޔާފަ ޢިން ފޮޓޯގެ ޝަހާދަތު ރިމޫވް ކުރޭ. ތިބުނެވޭނީ އިސްލާމް ދީނަކީ ހަރުކަށި ފިކުރޭ

  27
  10
  • 🤔

   މާތް އެމީހުން މަރަމުން ދުވަނީވެސް އެ ހަމަ އެ ހިފާގެންދޯ

   13
   4
   • ޢެއީ

    ޢެއީ އެކަލިމަޔާ ތޭތެރޭ ނަފުރަތު އުފައްދައް ހުޅަނގުގެ މީހުންްކުރާ ކަމެއް

    9
    5
 5. ފޯބެ

  ތިޔަ ހަވަރުގެ ކަވަ ފޮޓޯގައި އެމްޑީޕީ ދިދަ ކޮބާ

  16
  5
 6. މަގޭ ޚިޔާލު

  ދިވެހި ހަރުބަހެއްގައިވެސް އޮވޭ ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާތަން ދަމައިގަންނާނެއޭ. މިއަދު މިމުޖުތަމައުން މިފެންނަނީ އެމަންޒަރު. ލާދީނީ މީހުންނާ ދެކޮޅަށް ސަރުކާރުތަކުން ހަރުދަނާ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ވާނެއެއްޗެއް ވާން ދޫކޮށްލީމާ ވާނެ ހައެތި މިވަނީ. ކާފަރު ދޮންމީހުން ބޭނުން ވާނީ މުސްލިމުންގެ ބަޔަކު އަމަން އަމާން ކަމުގައި ދިރިއުޅެންޏާ އެތަނެއް ހަލާކުކޮށް ފަސާދަކުރަން. ލާދީނީމީހުން އިސްލާމްދީނަށް ފުރައްސާރަކޮށްފައި ފަރަންޖީންގެ އުނގަށް ވެއްޓިގަންނަނީ އެމީހުންގެ ނުފޫޒު ސަރުކާރުތަކަށް ފޯރުވުމުގެ ބޭނުމުގައި. މިހާރުވެސް ލާދީނީ މީހުން ދައުލަތުގެ މަތީ މަގާމުތަކުން ދުރުކުރާއިރަށް މުޖުތަމައު އަމާންވާނެ.

  7
  4
 7. ދިރާސާ

  ތި 2 ފިކުރަކީ ވެސް ސީ ދާ ހުޅަނގުގެ ދެ ފިކުރު، އައި. ޢެސް ގްރޫޕަކީވެސް އިރާގާއި ސީރިޔާ ގެ ގޮތް ހުސްވެފައި ތިބި ޒުވާނުން ވާވައް ދައިގެން އެމެރިކާ އިނގިރޭސި ވިލާތް، ޖަރުމަން އަޑީގައި އޮވެ އުފެއް ދި ބަޔެއް އެމީހުންނަށް ހަތިޔާރާއި ބާރު ވެރިކަން ފޯރުކޮށް ދެނީވެސް އެމެރިކާއިން. އިސްލާމުންނަކީ ޓެރަރިސްޓުންކަން ދައްކަން އެމީހުން ފަތުރައިގެން އުޅޭ ފިކުރެއް.. ރެއިންބޯ ފިކުރު ޖަރުމަން.، ބެލްޖިއަމް، ފަ ދަ ގައުމުތަކުން ވަރަށް އާންމުވަމުންގޮސް މިކުޑަ ދިވެހިރާއްޖެއަށް އޭގެ އަސަރު ކޮއްފި،

  11
  6
  • ވިސްނާ

   ތިވަރު މީހުންނައް ނުވިސްނޭތީ ދެރަވަނީ

   7
   3
 8. ެވަގުތު

  އޭތް ވަގުތު މީހުންނޭ 😤 ހަމަ މިހާރު އެ ފޮޓޯ ނަގާ
  އެ 2 ބައިމީހުން ކުރެ އެއްބަޔަކައްވެސް ﷲ އިރާދަފުޅުން ދިވެހި ދިދަ މައްޗައް ނޭރޭނެ

  10
  6
  • Anonymous

   ދިވެހި ދިދަ އަކީ އެއްވެސް އެއްޗެއް ނޫން.

   2
   3
 9. .......

  މުސްލިމުންގެ ދިދަ ފޮޓޯގައި ޖެހުމާ ދެކޮޅު....އެއީ ހަރުކަށި މީހުންގެ ދިދަ އެއް ނޫން...އަދި ހަރުކަށި މީހުން އެ ހިފައިގެން އުޅުމަކީ އެ ދިދައިގެ މައްސަލަ އެއްވެސް ނޫން...އެ ދިދަ ރިމޫވްކުރަން ގޮވާލަން...އެއީ މުސްލިމުންގެ ދިދަ...އަހަރެމެންނަށް ދިވެހި ދިދަ އަށްވުރެ ބޮޑަށް އެ ދިދަޔަށް އިހްތިރާމް ކުރަން ޖެހޭނެ...ވާނުވާ ނޭނގެންޏާ ހަބަރާ ރިޕޯޓާ އެއްޗެހި ނުލިޔުނީމަ އެނިމުނީދޯ....ނޭނގި ހުރެ ތިލިޔާ ލިޔުމަކުން ދީނަށް ކުޑާމީސްބަހެއް ރައްދުވެދާނެ ކަމަށް ރައްކާތެރިވާންވާނެ...

  10
  8
 10. އަހުމަދު

  މާޝާ ﷲ. ވަރައް ރަނގަޅު ލިޔުމެއް. ދީނަކީ ނަސޭހަތް. ދީނީ ތައުލީމު ވަރައް މުހިންމު. ތައުހީދާއި، ނަމާދާއަ، ގުރުއާނާއަ، ސުންނަތުގެ އިލްމު ފަތުރާ ދީނައް އަމަލު ކުރާ ބަޔަކައް ވާން ޖެހޭ.

  5
  6
 11. ޖުއްބާ

  ލާދިނީ މީހުންގެ ފަރާތުން ފެންނާނެ ބައެއް ސިފަތަކޭ ކިޔައިގެން ޖަހާފަ އެހެރީ ހުސްތާކުންތާކު ނުޖެހޭ ވާހަކަ. ތީ ކަލޭމެން ކޮންތާކުން ކިހިނެތް ހޯދި ހޯދުންތަކެއް.. އައްދޮއްޔޯއި.....!!!

  9
  3
 12. އަލި ދީދީ

  ވަގުތުގެ ލިޔުންތެރިން ވަރަށް ފުރިހަމަ ލިޔުންތައް ލިޔާކަން ފާހަގަކުރެވޭ..

  3
  6
 13. ރިމޫވް

  ރަސޫލާގެ ސިއްކަ ކައިރީގައި ގޭ ދިދަ ނުޖެހުން އެދެން.

  11
  4
 14. لا إله إلا الله

  لا إله إلا الله

  3
  3
 15. އަސް

  އަހަރެން އަބަދުވެސް ދެކޮޅުވާނީ އަނިޔާވެރިންގެ ފިކުރާ.

 16. ހަސަނޭ

  އަސްލު ހުރިހާވެސް މައްސަލަ އަކީ މާތްﷲ ގެ ޝަރީއަތް ތަންފީޒު ނުކޮށް އަމިއްލަ އަށް ގާނޫނު ތަކެއް ހަދައިގެން އުޅުނީމަ...ޑިމޮކްރަސީ އޭ މިކިޔާ އެތި އައީމަ....

  2
  2
 17. ބިންގޯ

  މީ ހުސް އަންނިގެ ރޭވުން. ތިކިޔާ ހުރިހާ ފިކުރަކީވެސް އަންނި. އަންނި ބޭނުންވަނީ ހުރިހާ ސަމާލު ކަމެއް އޭނަޔަށް.
  ތިކިޔާ ހުރިހާ ފިކުރަކީ އޭނަގެ ރޭވުން. އޭނަ ތަޅާ އަނގަޔަށް އެއްޗެކޭ ނުބުނެ ތިބެބަލަ.

  2
  1
 18. ނަޒަރު

  ވަރަށް މޮޅު ލިޔުމެއް..ސާބަސް

  1
  1
 19. ސސ

  އިސްލާމް ދީން ފިޔަވާ ދެންހުރީ މުޅިންވެސް އަދިރި ފިކުރު !