ފާއިތުވި ހަފްތާގެ ތެރޭގައި އިސްރާއީލު-ލުބުނާން ބޯޑަރު ކައިރީގައި އިސްރާއީލުގެ ސިފައިންނާއި ހިޒްބުﷲ ގެ ހަނގުރާމަވެރިންނާއި ދެމެދު ހަމަލާތަކެއް ބަދަލު ކުރެވުމަށްފަހު، ހިޒްބުﷲ އޮތީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އިންޒާރު ދީފައެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށް ފަހު ހިޒްބުﷲ އާއި ޔަހޫދީ ދައުލަތުގެ ސިފައިންނާއި ދެމެދު ބޮމާއި ރޮކެޓް ހަމަލާތައް ދަނީ ބަދަލު ކުރެވެމުންނެވެ.

ހަމަލާތައް އިތުރުވަމުން ދާއިރު، އިސްރާއީލާއި ދެކޮޅަށް ހިޒްބުﷲ އިން ހަނގުރާމަ އަށް ނުކުމެދާނެ ކަމުގެ ކަންބޮޑުވުން އިސްރާއީލަށް އެބަ އޮތެވެ. މުފައްކިރުން ވިދާޅުވާ ގޮތުގައި އެހެން އެކަން ވެއްޖެނަމަ، ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ލުއި ކަމެއް ލިބިގެން ދާނެއެވެ. ނަމަވެސް އެހެން ވެއްޖެނަމަ ލުބުނާނަށް ވަރަށް ބޮޑަށް ގެއްލުންވެ، އިސްރާއީލަށް ވަރަށް ހަރަދު ބޮޑުވެގެން ދާނެކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ހިޒްބުﷲ ގެ ލީޑަރު —- ފޮޓޯ: އޭޕީ ފޮޓޯ

ހިޒްބުﷲ އިން ކުރިން އިސްރާއީލާއި ހަނގުރާމަ ކުރިތަ؟

2006 ވަނަ އަހަރުގެ ޖުލައި މަހު ހިޒްބުﷲ އިން ލުބުނާނުގެ ބޯޑަރު ކައިރިން އިސްރާއީލުގެ ދެ ސިފައިން ހިފައި ހައްޔަރު ކުރުމުން، އިސްރާއީލުން ވަނީ އަސްކަރީ ހަމަލާތައް ދޭން ފަށާފައެވެ. މި ހަނގުރާމަ 34 ދުވަހަށް ދެމިގެން ދިޔައެވެ. އަދި ލުބުނާނުން 1100 މީހުންގެ ފުރާނަ ގޮސްފައި ވާއިރު އިސްރާއީލުން 165 މީހުން ވަނީ މަރުވެފައެވެ.

މި ހަނގުރާމައިގައި ވަކި ބަޔަކަށް ކާމިޔާބީ ލިބިފައި ނުވާއިރު، ހަނގުރާމައިގެ ނާކާމިޔާބީއާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނީ ލުބުނާނުގެ އާންމުންނަށެވެ. އިސްރާއީލުން ވަނީ ލުބުނާނުގެ ގާތްގަނޑަކަށް 30000 ގެދޮރާއި، 109 ބްރިޖާއި، 78 ސިއްހީ ހިދުމަތްދޭ ތަންތަން ސުންނާފައިކޮށްފައި ނުވަތަ ގެއްލުން ދީފައި ކަމަށް ރެޑް ކްރޮސްގެ ބައިނަލް އަގުވާމީ ކޮމިޓީން ބުނެފައިވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޭރު އެ ޖަމާއަތުގައި 3000 އާއި 5000 އާއި ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން ތިބި އިރު، އިސްރާއީލަށް ހަމަލާދިނުމަށް ހުރީ ކުރު ރާސްތާ މިސައިލު ތަކެވެ. ނަމަވެސް ފާއިތުވި 17 އަހަރުގެ ތެރޭގައި ހިޒްބުﷲ އިން ވަނީ އެމީހުންގެ އަސްކަރީ ގާބިލުކަން އެތައް ތަނެއް އިތުރު ކޮށްފައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއަދު ހިޒްބުﷲ އޮތީ 1948 ވަނަ އަހަރު ޔަހޫދީ ދައުލަތް އުފެއްދީއްސުރެ މިއަދާއި ޖެހެންދެން ވެސް އިސްރާއީލަށް އެންމެ ބޮޑަށް ގެއްލުން ދެވޭނެ ހާލަތުގައެވެ.

ހިޒްބުﷲ މިއަދު ކިހާ ވަރުގަދަ؟

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހިޒްބުﷲ ގައި މިވަގުތު 60000 ހަނގުރާމަވެރިން އެބަ ތިއްބެވެ. އަދި 2006 ވަނަ އަހަރު އެމީހުންގެ އަތުގައި 14000 މިސައިލު ހުރި އިރު މިހާރު ގާތްގަނޑަކަށް 150000 މިސައިލު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

އޭގެ ތެރެއިން ގިނަ މިސައިލުތަކަކި ކުރު ރާސްތާ މިސައިލުތަކަށް ވާއިރު، އެ ޖަމާއަތުގައި އިރާނުގެ 300 ކިލޯމީޓަރުގެ ރާސްތާގެ އަމާޒަށް ސީދާ މިސައިލުތައްވެސް އެބަ ހުއްޓެވެ. އަދި އޭގެ އިތުރުން ހިޒްބުﷲ ގެ ހާއްސަ ގޮފި ވަނީ ހަނގުރާމައިގެ ހާލަތުގައި އިސްރާއީލަށް އެރުމަށްވެސް ތަމްރީނުކޮށްފައި ކަމަށް މުފައްކިރުން ވިދާޅުވެއެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި ފާއިތުވި އަހަރު ތަކުގައި އިސްރާއީލުން ހިޒްބުﷲ އަކީ އެމީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ދެކުމަކީ އެއްގޮތަކަށްވެސް ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

އަދި ސީރިއާގައި ދިގު ދެމިގެން ގޮސްފައިވާ ހަނގުރާމައިގައި، ރައީސް ބައްޝާރުލް އަސަދުގެ ފަޅިން ހިޒްބުﷲ އިން ބައިވެރިވެފައި ވުމުން، އެ ޖަމާއަތުގެ ހަނގުރާމައިގެ އުކުޅުތަކާއި ގާބިލުކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

ހިޒްބުﷲ ގެ ލީޑަރުގެ ޕޯސްޓަރެއް އަދި ހިޒްބުﷲ ގެ ދިދަ —- ފޮޓޯ: ރޮއިޓާސް

ހިޒްބުﷲ-އިސްރާއީލުގެ ހަނގުރާމައެއް ފެށިދާނެތަ؟

ބޯޑަރު ކައިރީގައި ހިޒްބުﷲ އާއި އިސްރާއީލާއި ދެމެދު މަދު މަދުން ހަމަލާތައް ބަދަލު ކުރެވުމަކީ އާދައިގެ ކަމަކަށް ވާއިރު، ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި މިއަދު އެކަން ފުޅާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިރާނުންނާއި ހިޒްބުﷲ އިން އިސްރާއީލާއި ހަނގުރާމައެއް ފަށަން ނިންމާފާނެއެވެ. އަދި ހަމާސް ނައްތާލަން މަސައްކަތް ކުރާނަމަ އޭގެ ތެރެއަށް ހިޒްބުﷲ އިން ވަނުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ނަމަވެސް އިރާނުންނާއި ހިޒްބުﷲ އިން ވެސް މި ހަނގުރާމައިގެ ތެރެއަށް ވަނުމުގައި ސަމާލުވާނެއެވެ. އެއީ މިހާރު އިރާނަށް ހަމަލާދިނުމަށް އިސްރާއީލުން އަދި އެމެރިކާއިން އެންމެ ޖެހިލުންވާ މައިގަނޑު އެއް ސަބަބަކީ ހިޒްބުﷲ ކަމަށް ވާތީއެވެ. ނަމަވެސް ލުބުނާނުގައި ހަނގުރާމައެއް ފެށިއްޖެނަމަ ހިޒްބުﷲ އަށްވެސް ބޮޑެތި ގެއްލުންތަކެއް ވެ، އެކަމުގެ އަސަރު އިރާނަށް ކުރާނެއެވެ.

ނަމަވެސް އަދިވެސް ހަނގުރާމައެއް ފެށުމުގެ ފުރުސަތު ނެތްކަމަށް ނުބެލެވޭނެ ކަމަށް މުފައްކިރުން ވިދާޅުވެއެވެ. އެމެރިކާއަށްވެސް އެ ބިރު އޮތުމުގެ ސަބަބުން، އިސްރާއީލަށް ހަމަލާދިނުމަށް އިރާނުން ވާގިވެރިވާ ޖަމާއަތްތައް ޖެހިލުން ކުރުވުމަށްޓަކައި މިހާރު ވަނީ މަތިންދާ ބޯޓު އުފުލާ ބޮޑު ދެ މަނަވަރު އިސްރާއީލު ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް އެމެރިކާއިން ކުރާ މަސައްކަތް ބޭކާރު ކޮށްލައި އިސްރާއީލުން ފުރަތަމަ ހިޒްބުﷲ އަށް ހަމަލާދިނުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ހިޒްބުﷲ ގެ މެމްބަރުންތަކެއް —-ފޮޓޯ: ގެޓީ އިމޭޖަސް

ހިޒްބުﷲ އަށް އިސްރާއީލު ބަލި ކުރެވިދާނެތަ؟

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ގާބިލުކަން ހިޒްބުﷲ ގެ އެބަ ހުރި ނަމަވެސް އާހިރުގައި މިހާރުވެސް އިގުތިސާދީ އަދި ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ލުބުނާނު ސުންނާފަތި ކޮށްލާނެ އަސްކަރީ ގާބިލުކަން އިސްރާއީލުގެ އަސްކަރިއްޔާގެ އެބަ ހުއްޓެވެ.

އަދި ހަނގުރާމަ ފުޅާވެގެން ދާ ހިނދު، އިސްރާއީލުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އާންމުންނަށާއި، އާންމު ތަންތަނަށް ހަމަލާދޭން ފަށާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އިސްރާއީލަކީ ހަމައެކަނި ލުބުނާނުގެ މައްސަލއެއްނޫން. އެއީ އިސްލާމީ އުއްމަތުގެ މައްސަލއެއް! ވީމާ ހަނގުރާމަކުރަންޖެހޭނީވެސް ލުބުނާނުން އެކަންޏެއްނޫން. އިސްރާއީލާ ދެކޮޅަށް ތެދުވަންޖެހޭނީ އިސްލާމީ އުއްމަތް އޮތްގޮތަށް. އެގތަށް ތެދުވިއްޔާ ހަނގުރާމައަކާ ނުލައިވެސް އިސްރާއީލް ބަލިކުރެވޭނެ!

    44
    0