ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފިއެވެ.

މާލޭގެ އެންމެ ހިތްފަސޭހަ އެއް ދިމާ ކަމުގައިވާ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ހާއްސަ ޖަލްސާގައި ރައީސް މުއިއްޒަށް ހުވައިލެއްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ރައީސް މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވައިފައެވެ. ނައިބު ރައީސް ހުސެއިނަށް ހުވައިލައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރެވެ.

މި ޖަލްސާ އަށް ބޭރުގެ ވަރަށް ގިނަ އިއްޒަތްތެރިންނާއި ކުރީގެ ބައެއް ރައީސުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ދައުވަތު ލިބުމުން ވަރަށް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު 4،500 އާ ގާތް ކުރެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ މަރްހޫމް މުހައްމަދު އަމީން ދީދީއެވެ. އޭގެ ފަހުން ރާއްޖޭގެ ރައީސްކަން ދެވަނަ ޖުމްހޫރިއްޔާގައި ކުރެއްވީ މަރްހޫމް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފެހި ގާނޫނުއަސާސީގެ ދަށުން މުއިއްޒަކީ ފަސް ވަނަ އަށް ރާއްޖޭގެ ވެރިކަން ކުރައްވާ ރައީސެވެ.

މުއިއްޒަށް މި ޝަރަފް ލިބުނީ ކިހިނެއް؟

މި އަހަރު ފެށިގެން އައިއިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި މުއިއްޒު، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފާނެ ކަމަކަށް އެކަކު ވެސް ހިތަކަށް ނާރައެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައިގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު 11 އަހަރު ދުވަހަށް ޖަލަށްލުމާ އެކުގައި ވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ގެންދެވީ ވަރަށް ޔަގީންކަމާއެކު ވިދާޅުވަމުންނެވެ. ރައީސް ޔާމީން ފިޔަވައި، ޕީޕީއެމް/ޕީއެންސީގެ ޓިކެޓު އަރުވާނެ އެހެން ބޭފުޅެއް ނުހުންނަވާނެ ކަމަށާއި އެ ޓިކެޓަށް ޝައުގުވެރި ނުވާ ކަން ވެސް ފާޅުގައި އެ ބޭފުޅުން ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރި ކަމުގައި ވިޔަސް، ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ބެލުމަށް "ވަގުތު" އިން އިސް ނަގައިގެން މާލެ ހިމެނޭ ގޮތަށް ބައެއް ސިޓީތަކާއި ރަށްރަށުގައި ސާވޭއެއް ކުރިއަށް ގެންދިޔައެވެ. އެ ސާވޭގައި ބައިވެރިވި ޕީޕީއެމް/ޕީއެންސީ އަށް ތާއީދުކުރާ މީހުންގެ މެޖޯރިޓީ މީހުން ބުނެފައި ވަނީ ޔާމީން ނެތް ހާލަތެއްގައި ރާއްޖޭގެ ރައީސް ކަމަށް ދެން އެންމެ ރަނގަޅު ވާނީ މުއިއްޒު ކަމަށެވެ. އެ ސާވޭ ކުރިއަށް ގެންދާތީ، އެ ސުވާލު އިތުރަށް ރައްޔިތުންނާ ނުކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން "ވަގުތަށް" ޕްރެޝަރު ވެސް ކުރެއްވިއެވެ.

މުއިއްޒު އާންމުންގެ ތެރޭގައި ދަންނަ މޫނަކަށް ވެގެން ދިޔައީ، ހައުސިން މިނިސްޓަރު ކަމުގައި ހޭދަ ކުރެއްވެވި ހަތް އަހަރު ދުވަހުއެވެ. އޭގެ ފަހުން، އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވަޑައިގެން މިވީ ދެ އަހަރު ދުވަސް ތެރޭގައި ވަނީ މާލެ އަށް ގިނަ ބަދަލުތަކެއް ގެންނަވައިފައެވެ. އޭގެ ފަހުގައި، ރާއްޖޭގެ ރައީސް ކަމަށް މުއިއްޒު ގެނައުމުގެ އަޑު އެންމެ ބޮޑަށް ގަދަވެގެން ދިޔަ އެއް ސަބަބަކަށް ހަގީގަތުގައި ވާނީ "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭއެވެ. އެކަމަކު، އޭރު ވެސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ޖަލު ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވި ފަހުން، މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިވާ ކަން ހާމަކުރައްވައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް އަންގަވައިފައެވެ. މުއިއްޒާއެކު، ދެން ރައީސް ކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ޕީޕީއެމް އޮފީހުގައި ބޭއްވި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި ދެ ވޯޓުގެ ތަފާތަކުން މުއިއްޒު ވަނީ އިންތިހާބު ކާމިޔާބު ކުރައްވައި ޓިކެޓު ކަށަވަރު ކުރައްވައިފައެވެ.

މުއިއްޒު ޓިކެޓު ކަށަވަރު ކުރެއްވި ނަމަވެސް އެމަނިކުފާނަށް އޮތް ޕްރެޝަރު ނިކަން ބޮޑުވިއެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައި ގޮތުގެ ސަބަބުން ރައީސް ޔާމީން އަންގަވާފައި ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ. އެހެންވެ، މުއިއްޒު ފޯމް ހުށަހަޅުއްވަން ދަރުބާރުގެ އަށް ވަޑައިގަތީ ޔާމީންގެ ނުރުހުމުގައެވެ. ޔާމީންގެ ރުހުން އެންމެ ފަހުން ލިބިވަޑައިގަތީ އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވި ފަހުންނެވެ. މުއިއްޒުގެ ކެންޑިޑެސީ އެންމެ ފަހުން ކޮމިޝަނުން ބަލައިގަތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ކެމްޕެއިން ކުރައްވަން ލިބިވަޑައިގަތީ ވެސް މަހެއްހާ ދުވަހެވެ. ދެވަނަ ބުރާ އެކުގައި، މުއިއްޒު ވަނީ 153 ރަށާއި ފަސް ސިޓީ އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ. ކޮންމެ ރަށެއްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވައި ސިޔާސަތުތައް ހާމަކުރެއްވިއެވެ. މި ދަތުރުފުޅުތަކުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ކެމްޕެއިންގައި ބައެއް ރަށްރަށަށް ދެ ފަހަރަށް ވެސް އަރައިވަޑައިގަތެވެ.

މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 129،159 ވޯޓު (%54) ހޯއްދަވައިފައެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައީސް ސޯލިހް 109،868 ވޯޓު(%45) ހޯއްދެވިއެވެ. މުއިއްޒު ހޯއްދެވީ ފުރަތަމަ ބުރާ ބަލާއިރު، 27،524 ވޯޓުގެ ކުރިއެރުމެކެވެ. ރައީސް ސޯލިހަށް އިތުރަށް ލިބިވަޑައިގަތީ 23،707 ވޯޓެވެ.

ވެލާނާ އެއާޕޯޓު ނިންމުން - އެންމެ އިސްކަން ދޭނެ މަޝްރޫއު

މުއިއްޒު މިއަދު ވެރިކަމަށް ވަޑައިގެންފައި މިވަނީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށް ފަހުގައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްޕުޅު ކުރައްވާނީ އިހްލާސްތެރިކަމާ އެކުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ހާސިލް ކުރައްވަން ބޭނުންފުޅުވާ 161 ވައުދު ހިމެނޭ މަގު ޗާޓެއް "14 ހަފްތާ" ނަމުގައި ނެރުއްވައިފައެވެ.

މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއެވެ. އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށެވެ. ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ފަރާތުން ހިންގާ މަޝްރޫއު އަވަސްކޮށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ 8 މަސް ދުވަސް ކުރިން ނިންމައި، ހިދުމަތްތައް ފެއްޓެވުމަކީ މުއިއްޒުގެ އަމާޒެވެ. މުއިއްޒު ވިދާޅުވި އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށެވެ. އެއީ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ލާދިން ގްރޫޕްގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑިއުޓީ ފްރީ އޭރިއާއެއް ހެދުމާއި މަގުތައް ހެދުން ހިމެނޭ ކަމަށާއި އެކަންކަން ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ވެލާނާ އެއާޕޯޓު ރަނގަޅަށް ބޭނުން ކުރާ ކަމަށްވާ ނަމަ، އެޕްރޮން ވެސް ބޮޑު ކުރަން ޖެހެއެވެ. އަދި ޖެޓްތަކަށް ހާއްސަކޮށް ޖެޓް ޓާމިނަލެއް ހަދަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.

އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ ރައީސް މުއިއްޒު ދާދި ފަހުން އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާ ސިފައިން ބޭލުމަކީ މުއިއްޒުގެ ބޮޑު އަމާޒެއް!

ކެމްޕެއިން ދަތުރުފުޅުތަކުގައި މުއިއްޒު އެންމެ ގިނަ އިން ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތްޕުޅު ފެއްޓެވުމަށް ހަމަޖެހިފައިވެ އެވެ. އަދި އުންމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަށް ފަހު، ރާއްޖެ އަށް ޗައިނާ ނޫނީ އެހެން ގައުމެއްގެ ސިފައިން ވެސް ގެނެސް ބޭތިއްބުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޗައިނާއާ އެކުގައި ގާތް ގުޅުމެއް އޮތް ވާހަކަ ދޮގު ކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ގެ ސިޔާސަތު ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ގައުމަކާ އެކީގައި މަސައްކަތް ކުރާނަން. އިންޑިއާ، ޗައިނާ އަދި ހުރިހާ ގައުމުތަކާ އެކުގައި ވެސް،" އުމުރުފުޅުން 45 އަހަރުގެ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް މަސައްކަތް ކުރާނީ ރަސްމީކޮށް މަޝްވަރާތައް ކޮށްގެންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 50-75 އާ ދޭތެރޭގައި ހުރި ކަމަށް ލަފާ ކުރާ އިރު، ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ބޭތިއްބުމަށް ރައްޔިތުން، އެމަނިކުފާނަށް ވޯޓު ދެއްވާފައި ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން އަޅުގަނޑަށް ވޯޓެއް ނުދޭ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ހަރަކާތްތެރިވަން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ، އިންޑިއާ ސަރުކާރާ މި ދަނީ ވާހަކަ ދައްކަމުން އެމީހުން ފޮނުވާލަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް އޮމާންކަމާއެކީގައި އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެކަން ކުރެވޭނެ ކަމަށް،"

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުން، ބޮޑު ޒިންމާއެއް!

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ސަރުކާރުން ހިންގާނެ އެންމެ ބޮޑު މަޝްރޫއުއަކީ ފުށިދިއްގަރު ފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދިނުމެވެ.

ފުށިދިއްގަރާއި، ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. ފުށިދިއްގަރު ފަޅުން ހިއްކުމަށް ނިންމާފައި ވަނީ 1280 ހެކްޓަރުގެ ބިމެވެ.

އަދި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ލަފާގެ މަތިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހައްލު ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ މި މަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އެންމެ ފުރަތަމަ މަސައްކަތް ފަށައިގަންނަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާނައަކީ އެ ތަން ހިއްކާނެ ބަޔަކު ހޯދުމާއި އީއައިއޭ އާ މިހެން ގޮސް ހުރިހާ މަސައްކަތްތަކެއް ފަށައިގަނެ، މަދުވެގެން 30 ދުވަސްތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށާނަން. އެއީ ޓާގެޓަކީ. ހިއްކަން ފަށައި ދެން އެ ދާ ގޮތަށް ގާތްގަނޑަކަށް އަށެއްކަ މަސް ތެރޭގައި، ދިހަ ވަރަކަށް މަސް ތެރޭގައި އެ ތަން އެއްކޮށް ހިއްކާ ނިންމޭނެ ކަމަށް މި ބަލަނީ އެންމެ ލަސްވެގެން،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒާ އެކުގައި، ރާއްޖެ މި ދަނީ އާ މިސްރާބަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދިވެހި ނަކަތްތެރިކަމުގެ ނަޒަރުން ބަލާއިރު، ތިޔަ ތަނުގައި ތިޔަ އިޙްތިފާލު ބޭއްވުން ވެގެންދާނީ، ރާއްޖެއިން އިންޑިއާގެ ބާރުތައް މުލުން ލުހި، ދިވެހިންނަށް ފުރިހަމަ މިނިވަންކަމާއި އިސްތިޤުލާލު ލިބުމުގެ ބިންގާ ކަމުގައެވެ. ޑރ. މުޢިއްޒު އަށް ނަޞްރާއި ނަޞީބާއި ކާމިޔާބަށް އެދެމެވެ. މަނިކުފާނުގެ ވެރިކަމަކީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތު ނަގަހައްޓައި ދިވެހިންނަށް އުފާވެރިކަމާއި ފާގަތިކަމާއި ބޯހިޔާވަހިކަން ލިބިގެންދާނެ ދީލަތި ވެރިކަމެއް ކަމުގައި މާތްﷲ ލައްވާށިއެވެ. އާމީން.

    38
    1
  2. Anonymous

    މަރްޙަބާ ލޮބުވެތި ރައީސުލް ޖުމުހޫރިއްޔާ އަދި ލޮބުވެތި ނައިބް ރައީސަށް. ސާބަހޭ ލޮބުވެތި ރައީސް. ދިވެހިންގެ ދިދަ މިއަދު ޝަރަފް ޙާޞިލްކޮށްފި. އަވަށްޓެރިން ސައިޒްގައި ތިބެންޖެހޭނީ. އެކުވެރި ވެގެން ޤައުމުގެ ކަންކަމަށް ބަސްބުނާ ހިސާބަށް ގެންނާކަށް ނުޖެހޭނެ. ވަރަށް އަސަރުގަދަ ވާހަކަކޮޅެއް. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތްފުޅާއި އެކު ރާއްޖެއަށް ފަހި ތަނަވަސް ތިޔާގި ދުވަސް ތަކެއް ތިޔަ ލޮބުވެތި ރައީސް ޒަޢާމަތުގައި.