ޣައްޒާގެ ސިއްޚީ ނިޒާމު ފުނޑުފުނޑުވެގެން ދިޔަޔަސް، ސިއްޚީ ސާމާނު ނެތަސް އަލްއަޤްސާ ހޮސްޕިޓަލްގެ ވޮލަންޓިޔަރ ޑޮކްޓަރުން ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ.

ޣައްޒާގެ އަޒްހަރު ޔުނިވާސިޓީގެ މެޑިކަލް ސްކޫލުން ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު އެހާ އަވަހަށް އޭނާގެ ބަލިމީހުންނަށް ދިރިއުޅުން ބަދަލުކޮށްދޭނެ ނިންމުންތަކެއް ނިންމަވާނެ ކަމަށް އަބްދުއްރަހްމާން އަބޫ ޝަވީޝް ހީކޮށްފައެއް ނުވެއެވެ. އާއިލާއާއެކު ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ އުމުރުން 25 އަހަރުގެ އަބޫ ޝަވީޝް އަލް އަގްސާ ޝަހީދު ހޮސްޕިޓަލުގެ ސާޖިކަލް ޑިޕާޓްމަންޓުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރަން ފެށީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަވެސް ޖެހުނީ ޒަޚަމްވެފައިވާ މީހެއްގެ އަތްތިލަ ފުރިހަމައަށް ނުވަތަ ބައެއް ކަނޑާލަން ޖެހޭތޯ ނިންމަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ބުނީ މެއި 2021 ގެ ހަނގުރާމައިގައި ފެނިގެންދިޔަ ފަދަަ އަނިޔާތައް މިފަހަރުވެސް ފެނިފައިވާ ކަމަށާއި ނަމަވެސް މިފަހަރު ތަފާތު މިންވަރަކަށް އަނދާފައިވާ ތަންތަނުން ފެށިގެން އަތްފައި ކަނޑާލުމާއި ހަމައަށް، ފުން ލޭސަރޭޝަންތަކާއި އެކި ވައްތަރުގެ ޝްރެޕްނެލްތައް ކަމަށެވެ.

ޣައްޒާ ސިޓީއާއި ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތައް މުޅިން ވެއްޓިގެން ފަރުވާ ނުދެވޭ ހާލަތަށް ދިޔުމާއި ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ޑެއިރް އެލް ބާލާއިން ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވަނީ ނިންމާފައެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ހޮސްޕިޓަލްތައް ހުއްޓުމަކަށް އައީ ހުއްޓުމެއްނެތި ނިރުބަވެރިން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. އެގޮތުން 35 ހޮސްޕިޓަލުގެ ތެރެއިން 26 ހޮސްޕިޓަލް މިހާރު ވަނީ ފަރުވާ ނުދެވޭ ހާލަތަށް ގޮސްފައެވެ.

މި ހަމަލާތަކުގައި ޣައްޒާގެ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ހަލާކުވެފައިވާއިރު، އޭގެ ތެރޭގައި ދެބައިކުޅަ އެއްބައި ގެދޮރު ވެސް ވަނީ ހަލާކުވެފަ އެވެ. ހޮސްޕިޓަލްތަކުން ތެލާއި ކަރަންޓާއި ސާފު ފެން ހުސްވެފައިވެ.

"އަޅުގަނޑުމެންގެ މެޑިކަލް ސާމާނު ވަރަށް މަދު، އިސްރާއީލުގެ ހަމަލާއެއްގެ ސަބަބުން ޒަޚަމްވެފައިވާ ދިހަވަރަކަށް މީހުން ހޮސްޕިޓަލަށް އަންނައިރު، ގިނަ ފަހަރަށް އެއްފަހަރާ ފަރުވާ ނުދެވޭ ސަބަބަކީ އަޅުގަނޑުމެންގެ އާލާތްތައް އެކަށީގެންވާ ވަރަށް ނެތުމުން ސްޓިރިލައިޒް ކުރަން ޖެހޭތީ" އަބޫ ޝަވީޝް ވިދާޅުވިއެވެ.

ވަސީލަތްތައް ނެތުމުގެ ސަބަބުން ޑޮކްޓަރުންނަށް ބަލިމީހުން ދިރިތިބުމަށް ކުރަންޖެހޭ އެންމެ ކުޑަމިނުން ކުރާ މަސައްކަތަށް ވުރެ މާ ބޮޑު ކަމެއް ނުކުރެވޭ ކަމަށާއި އެކަށީގެންވާ ފަރުވާއަކީ ސުވާލުން ބޭރުގައި އޮތް ކަމެއް ކަމަށް ޑޮކްޓަރުން ދެކެއެވެ.

"އަހަރެމެންނަށް ޒަޚަމްވެފައިވާ މީހެއްގެ ހަށިގަނޑުން ހުރިހާ ޝްރެޕްނެލްއެއް ނަގަން ނުކުޅެދޭ، ހަމައެކަނި އެމީހުންގެ ފުރާނައަށް ނުރައްކާވާ އެތިކޮޅުތައް ނަގަން، އެއީ އަދިވެސް ނުރައްކާތެރި ކަމެއް، ޝްރެޕްނެލް އިން އިންފެކްޝަންތައް އުފެދި ގިނަ ގުނަވަންތަކެއް ފެއިލްވުމަށް މަގުފަހިވާތީ، އެކަމަކު އަހަރެމެން އުންމީދު ކުރަނީ ހަނގުރާމަ ނިމުމުން އެމީހުންނަށް ފޮލޯއަޕް ކުރެވޭނެ ކަމަށް” އަބޫ ޝަވީޝް ވިދާޅުވި އެވެ.

ރެޒިޑެންސީއަށް ޖަރުމަނަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނު ބަހުން ކިޔަވައިގެން އުޅުނު ޒުވާން ޑޮކްޓަރު ބުނީ ކެރިއަރަށް ކުރާ އުންމީދުތައް ދަށްކުރަން ޖެހިފައިވާ ކަމަށެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލް ޒަހުރާ އަވަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އޭނާގެ އާއިލީ ގެ ހަލާކުވުމުން، މުހައްމަދު އަބޫ ސަލީމް އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގައި ވޮލަންޓިއަރ ކުރަން ފެށީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އާއިލާއާ ބައްދަލުވީ އެންމެ ދެ ފަހަރެވެ. އަދި އުމުރުން 25 އަހަރުގައި ޣައްޒާ ސިޓީގެ އިސްލާމިކް ޔުނިވާސިޓީގައި ފިޒިއޮތެރަޕީއަށް ޚާއްސަ އަބޫ ސަލީމް ވިދާޅުވީ އިސްރާއީލުން ފަލަސްތީނު މީހުން ގަތުލުކުރުން މިހާރު ވަނީ ޣައްޒާގައި ކޮންމެ ދުވަހެއްގެ ހަގީގަތަކަށް ވެފައި ކަމަށެވެ.

"އާންމުކޮށް ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަކީ ބުރަ މަސައްކަތެއްކަން އެނގޭ ނަމަވެސް ހަނގުރާމައެއްގެ ތެރޭގައި ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަކީ މުޅިން އާ ތަފާތު ފެންވަރެއްގައި ކަމެއް، މާދަމާ ވާނެ ގޮތެއް ނޭނގެ، ދިރިހުންނާނެ ކަމެއް ނުވަތަ މަރުވާނެ ކަމެއް. އެކަމަކު ދޫކޮށްލުމަކީ އޮޕްޝަނެއް ނޫން." އޭނާ ބުންޏެވެ.

ފިޒިއޮތެރަޕީ ޑިޕާޓްމަންޓުން ހުރިހާ ބަލިމީހުންނަށް ފުރަތަމަ ފަރުވާ ދިނުމަށްފަހު އެމަޖެންސީ ރޫމްގައި ބަލާ، އޭގެ ފަހުން ސާޖިކަލް ޔުނިޓް ނުވަތަ ކުޑަކުދިންގެ ވިންގް ފަދަ އެހެން ޑިޕާޓްމަންޓްތަކަށް ދާ ކަމަށް ވެސް ވިދާޅުވިއެވެ. އަބޫ ސަލީމް ބަލިމީހުންނާ ވާހަކަ ދައްކަވަނީ އެމީހުންގެ ޒަޚަމްތަކުގެ ބާވަތާއި، ކުރިމަތިވެދާނެ އުދަނގޫތަކާއި، އެފަދަ ނުރައްކާތަކުން ސަލާމަތްވެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އަހަރެންގެ އަމިއްލަ ބޭބެ އަނިޔާވެގެން ވަދެގެން އައީ، ޝުކުރުވެރިވަން އެއީ ސީރިއަސް ކަމެއް ނޫން، އެކަމަކު އެނގޭ މީހުންނަށް ފަރުވާ ދިނުމުގެ ސްޓްރެސް، ވަރަށް ނާޒުކު ވެދާނެ" އޭނާ ބުންޏެވެ.

އެމަޖެންސީ ރޫމްގައި އާލާ ކައްސާބު ފާހަގަކުރައްވަނީ އަތްފައިގެ ގުނަވަންތައް ކަޅުވެފައިވާ ބަލިމީހުންނަށް ކަމަށާއި، ޝްރެޕްނެލް އިން ގުނަވަނަށް އޮކްސިޖަން ނުލިބޭ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި އޮތުމުން ބުރިކޮށްލަން ޖެހިދާނެ ކަމަށް ވިދާޅުވެއެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ހާއްސަކޮށް ގިނަ އަދަދެއްގެ ކުދިންގެ ގުނަވަންތައް ބުރިކޮށްލުމުގެ ސަބަބުން އޭނާގެ އަތްފައި ގެއްލިގެންދާތަން ފެނުމުން ބައެއް ފަހަރު ވާހަކަ ދައްކަން ނުކެރޭ ހިސާބަށް އަސަރުކޮށްފައިވެއެވެ.

ގޭގައި އާއިލާއާ ވާހަކަ ދެއްކުމުގެ ބަދަލުގައި ގިނަ ދުވަސްތަކުގައި ޖެހޭނީ ހިމޭންކަމާއެކު އިށީނދެގެން އިންނާށެވެ. ޤާހިރާގެ އައިން ޝަމްސް ޔުނިވާސިޓީން މެޑިކަލް ކިޔެވުން ނިންމާ ކައްސާބު ވަނީ މިދިޔަ ފެބްރުއަރީ މަހު އެނބުރި އޭނާގެ އުފަން ރަށް ޑެއިރް އެލް ބާލާއަށް ގޮސްފައެވެ.