ނިރުބަވެރި އިސްރާއީލުގެ ބަންދުގައި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންނެއް އެބަތިއްބެވެ. އެ ޖަލުތަކުގެ ތޭރިތަކުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައި އުޅެމުންދާ މީހުން މަދެއް ނޫނެވެ. ބިރުވެރި އެތައް ދުވަހެއް، އެތައް އަހަރެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ހޭދަކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާގައި ހަމާސްއިން ހައްޔަރުކުރި އިސްރާއީލުގެ އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން 50 އަންހެނުން ދޫކޮށްލުމުގެ ބަދަލުގައި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން އެގައުމުގެ ޖަލުތަކުން ދޫކޮށްލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުް ނިރުބަވެރިންގެ ޖަލުތަކުގެ ތޭރިތަކުން އިއްޔެ ސަލާމަތްވެފައި ވަނީ ޣައްޒާގެ 39 މީހެކެވެ.

ނިރުބަވެރިން ޣައްޒާގައިމިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ ގަތުލު އާންމު އިއްޔެ މެދުކަނޑާލައި، ބަންދުން ގިނަބަޔަކު ދޫކޮށްލިއިރު، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް ހައްޔަރު ކޮށްފައިވާ މީހުން ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބީ ފަލަސްތީނުގެ ކިތައް ގައިދީން؟

އިސްރާއީލުގެ ތެރޭގައި 19 ޖަލެއް ހުންނައިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ތެރޭގައި ފަލަސްތީނު ގައިދީން ބައިތިއްބާފައި ހުރި ޖަލެއް ހުރެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އިސްރާއީލުގެ ބެލުމުގެ ދަށުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 5،200 މީހުން ތިއްބެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަށް ފަހު ހައްޔަރުކުރި ފަލަސްތީނުގެ މީހުންގެ އަދަދު ވަަރަށް ބޮޑަށް މައްޗަށް ގޮސް އެ އަދަދު، 3،000 އަށް ވަނީ އަރައިފައެވެ.

އިސްރާއީލް ސިފައިންގެ މީހަކު

އިއްޔެ ދޫކޮށްލި ބައެއް ފަލަސްތީނުގެ ގައިދީން ވަނީ އެ މީހުން ޖަލުތަކުގައި ހޭދަކުރި ދުވަސްތައް މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.

އޮކްޓޯބަރު 7 ގެ ފަހުން "އަނިޔާކޮށް އެކަހެރިކޮށް ބެހެއްޓި"

މިއީ ހައްޔަރު ކުރިއިރު އުމުރުން 16 އަހަރުގެ މީހެކެވެ. ޒީނާ އަބްޑޯ ބުނާގޮތުގައި އޯފަރ ޖަލަށް ބަދަލުކުރުމުގެ ކުރިން ގޭބަންދުގައިވެސް އޭނާ ހުއްޓެވެ.

މިހާރު އޭނާ އުމުރަކީ އުމުރުން 18 އަހަރެވެ. ނިރުބަވެރިންގެ ޖަލުތަކުން ދޫކޮށްލި ފަލަސްޠީނުގެ ގައިދީންގެ ފުރަތަމަ ބެޗާއެކު އޭނާ މިހާރު ހުރީ ޣައްޒާގައެވެ.

އަބްޑޯ ބުނީ މިދިޔަ 49 ދުވަސް ވަންދެން އޭނާ އެކަހެރިކޮށް ބަހައްޓާފައި ހުރީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހިނގި ކަންކަމާ ގުޅިގެން ކަމަށެވެ.

"އެމީހުން [އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން] އަޅުގަނޑުމެން ފަހަތަށް ޖައްސާ، އަނިޔާކޮށް، [ކަރުނަ] ގޭސް ސްޕްރޭކޮށް، އަހަރެމެން އެންމެން އެކަހެރިކުރީ،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. އޭނާ ވަނީ އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށްވެސް ބުނެފައެވެ.

އެކަހެރިކޮށް ބެހެއްޓި ދުވަސްވަރު "އަހަންނަށް އިރު ނުފެނޭ. ކާތަކެތި ދިނުން ހުއްޓާލި. ނިދާލާނެ ގޮދަޑިއެއްވެސް، ނުދޭ". ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެމެންގެ ވަރަށް ގިނަ ފޭރާންތައް ކުނީގެ ތެރެއަށް އެއްލާލި."

މި ފޮޓޯއިން ފެންނަނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގާތް ތިމާގެ މީހުންނާއި ސަޕޯޓަރުން ހުޅަނގު އައްސޭރީގެ ރާމަاللهގެ ރެޑްކްރޮސްގެ ބޭރުގައި އިހުތިޖާޖު ކުރާ މަންޒަރު - ފޮޓޯ: އޭއެފްޕީ

"އާއިލާއާ އަލުން ބައްދަލުވުމަކީ ހުވަފެނެއް ކަހަލަ އިހުސާސެއް"

ނިރުބަވެރިންގެ އަތްދަށުން ސަލާމަތްވި އަމާނީ އަލް ހާޝިމް އަދިވެސް ހުރީ ޝޮކެއްގައެވެ. ހުވަފެނެއްގައި އުޅޭހެން ހީވިއެވެ. އާއިލާ އާއެކު ގޭގައި އުޅޭކަމަށް ގަބޫލެއް ނުކުރެވެއެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން އޭރު ރިޕޯޓްކުރި ގޮތުގައި ދެ ކުދިންގެ މަންމައެއް ކަަމަށްވާ އޭނާ 10 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2018 ވަނަ އަހަރު ކަލަންދިޔާ ޗެކްޕޮއިންޓުގައި އޭނާގެ ކާރު ޖައްސާލަން އުޅުނު ކަމަށް ތުހުމަތުގައެވެ.

ހިފާފައިވާ އިރުމަތީ ގުދުސްއިން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި ފަލަސްތީނުގެ ކޮންމެ މީހަކު ވެސް އިސްރާއީލުގެ ސިފައިންގެ މީހަކާ ގާތްވެއްޖެ ނަމަ އެއީ ކުށެއް ކުރި މީހެއް ކަމަށް ބެލެވެެއެވެ.

އަލް ހާޝިމްގެ އާއިލާއިން ބުނީ މިއަދު އޭނާ ދޫކޮށްލުމުގެ ކުރިން އިސްރާއީލުގެ ފުލުހުން އެތައް ފަހަރެއްގެ މަތިން އެމީހުންގެ ގެއަށް ޒިޔާރަތްކޮށް އުފާ ފާޅު ނުކުރުމަށް އިންޒާރު ދީފައިވާ ކަމަށެވެ.

"އެމީހުންނަށް އަހަރެމެންގެ އުފާވެރިކަން ފޭރިނުގަނެވޭނެ". އަލް ހާޝިމް ބުނެފައި ވެއެވެ.

"އެމީހުން މި ވަގުތު ވަގަށް ނަގައިގެން އުފާފާޅުކުރުމުގެ ފުރުސަތު ނުދޭން މަސައްކަތް ކުރަނީ، އެކަމަކު އާއިލާއާ އެކު އަހަރެން މިތަނަށް އައުމަކީ އަމިއްލަ އަށް ލިބޭ އުފަލެއް."

އިއްޔެ ދޫކޮށްލި ބައެއް ގައިދީންގެ ވާހަކަތައް

ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން އިއްޔެ ދޫކޮށްލި ވެސްޓްބޭންކުގެ ނަބްލުސްގައި މިނިވަންކުރި ކުއްޖާ ޖަމާލް އަބޫ ހަމްދާން (16 އަހަރު) އަށް މަރުހަބާ ކިޔުމަޑް ފަލަސްތީނުގެ އެތައް ބަޔަކު ޖަމާވިއެވެ.

އަބޫ ހަމްދާން ހައްޔަރު ކުރީ މި އަހަރު ކުރީކޮޅު ހުއްދަ ނެތި ނަމާދު ކުރަން އަލް އަޤްޞާ މިސްކިތަށް ވަނުމުންނެވެ.

އިސްރާއީލުގެ ޖަލެއްގައި އުނދަގޫ 8 އަހަރު ހޭދަކުރުމަށްފަހު ޕިއްޒާ ފޮއްޗެއް ލިބުމުން މިހާ އުފާނުވާނީ ކާކު ހެއްޔެވެ؟!

މަލާކް ސުލައިމާން ބަންދުން ދޫކޮށްލި ފަހުން އެއްވެސް ބިރުވެރިކަމެއް ނެތި ފުރަތަމަ ފަހަރަށް ކަނީއެވެ.

މީގެ އިތުރުން އިސްރާއީލުގެ ޖަލަކުން މިނިވަންވި ނޫރު އަލް ތާހެރް (18 އަހަރު) އަށް ފަލަސްތީނުން މަރުހަބާ ކިޔާފައި ވަނީ ކަރުނުން ފޯވެފައިވާ ލޯތަކާއި އެކުގައެވެ.

އިއްޔެ އިސްރާއީލުގެ ބަންދުން ދޫކޮށްލި ފަލަސްތީނުގެ ކުއްޖެއް ކަމަށްވާ ކުސައި ހާނީ (17 އަހަރު) ބުނި ގޮތުގައި އިސްރާއީލުން އޭނާ ގާތު ބުނީ އާއިލާގެ މީހުން ފިޔަވައި އެހެން މީހަކު އޭނާ ބަލާ އަތުވެއްޖެ ނަމަ އަނެއްކާ ވެސް އައިސް އޭނާ ހައްޔަރު ކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ބައެއް ގައިދީން އިސްރާއީލުގެ ޖަލުތަކުގައި ތިބޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ 18 އަހަރުން ދަށުގެ ފަލަސްތީނުގެ 700 ކުޑަކުދިން އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށް ސުވާލުކޮށް ބަންދުކުރެއެވެ. އަދި ކޮންމެ އަހަރަކުވެސް އިސްރާއީލުގެ އަސްކަރީ ކޯޓުތައް މެދުވެރިކޮށް ދައުވާ ކުރެއެވެ.

އަދި އިސްރާއީލުގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ގޯނާގެ މައްސަލަތައް ކުރިމަތިވާ އިރު، ބައެއް ކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ނިދުމުން މަހުރޫމްވާ ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ.