މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމުން ދިފާއުކޮށްފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ 22:00 ގައި ކުޅުނު ލ. އަތޮޅުގެ ފައިނަލްގައި ގަމުން ވަނީ 3-2 ގެ ނަތީޖާއަކުން އެ އަތޮޅު އިސްދޫ ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ގަމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި މެޗުގައި އިސްދޫން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެއިން އަފްޙާން އާއި އަލީ ހުމޭޒް އެވެ.

މެޗަށްފަހު އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ކެޕްޓަން، އޮންލީ އެވެ. ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އިސްދޫގެ ހުމޭޒް ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅާއި، ޅ. އަތޮޅުގެ ފައިނަލްގެ އިތުރުން ވ. އަތޮޅުގެ ދެވަނަ ލެގުގެ މެޗެވެ.