މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ގާފަރާއި ކާށިދޫން ކ. އަތޮޅުގެ ފައިނަލަށް ދަތުރުކުރިއިރު މ. އަތޮޅު ފައިނަލުން މުލަކާއި ނާލާފުށިން ޖާގަ ހޯދައިފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކ. އަތޮޅުގެ ފުރަތަމަ ސެމީގައި ގާފަރުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގުރައިދޫ ބަލިކޮށްފައެވެ.

މި މެޗުގައި ގާފަރުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޝަނާން ރަޝީދު އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ސާމިން މުޙައްމަދު ނަސީރު، އިބްރާހިމް ރިމާހު (ރިމޭ) އާއި އަލީ މާއިސް (މައްޓު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ މައްޓު އެވެ.

މ. މުލަކުން އެ އަތޮޅު ކޮޅުފުށްޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

ރޭ ކުޅުނު ކ. އަތޮޅުގެ ދެވަނަ ސެމީގައި ކާށިދޫން ވަނީ 1-0 އިން މާފުށި ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކާށިދޫގެ އަހުމަދު މަޖީދު ކާމިޔާބުކޮށްދިންއިރު، މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މ. އަތޮޅުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މުލަކުން 1-0 އިން ކޮޅުފުށި ބަލިކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިމްޖާދު މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކުގެ ގޯލްކީޕަރު، މިފްދާދު އަހުމަދު އެވެ.

މ. އަތޮޅުގެ އަނެއް ސެމީގައި ނާލާފުށިން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-2 އިން މަޑުއްވަރީ ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ނާލާފުށީގެ އިބްރާހިމް ފިރުޝާން އެވެ.