ގދ.ގައްދޫގައި ކުރިއަށް ދިޔަ ދިވެހި ސާރފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގެ ޖޫނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދައިފިއެވެ.

ކަޔާން މި މުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، ޖޫނިއަރ ޑިވިޝަންގެ ފައިނަލްގައި މުހައްމަދު އިނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ކަޔާން ވަނީ ޖުމްލަ 15.50 ގެ ނަތީޖާއެއް ހޯދާފައެވެ. އިނާން އަށް ހޯދުނީ ޖުމްލަ 10.73 ގެ ނަތީޖާއެކެވެ.

ފޮޓޯ: އެމްއެސްއޭ ފޭސްބުކް

ފައިނަލް ހީޓުގައި ފަސް ރާޅެއް ކަޔާން ދުއްވާލި އިރު، އެންމެ ރަނގަޅު ދެ ރާޅަކީ ތިން ވަނަ އަށް ދުއްވާލި ރާޅާއި 4 ވަނައަށް ދުއްވާލި ރާޅެވެ. ކަޔާން ހީޓުގައި ދުއްވާލި ތިންވަނަ ރާޅަށް 7.00 ގެ ސްކޯއެއް ލިބުނުއިރު، ހަތަރު ވަނަ ރާޅަށް 8.50 ގެ ސްކޯއެއް ލިބިފައިވެއެވެ. އަދި އިނާން ވަނީ ފައިނަލް ހީޓުގައި ނުވަ ރާޅެއް ދުއްވާލާފައެވެ. އިނާން ދުއްވާލި ނުވަ ރާޅުގެ ތެރެއިން އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ އިނާން ހަތަރު ވަަނައަށް ދުއްވާލި ރާޅާއި ހަތް ވަނަ އަށް ދުއްވާލި ރާޅެވެ. އިނާންގެ ހަތަރު ވަނަ ރާޅަށް ޖަޖުން 5.00 ގެ ސްކޯއެއް ދިންއިރު ހަތް ވަނަ ރާޅަށް 5.73 ގެ ސްކޯއެއް ޖަޖުން ދީފައިވެއެވެ.

ކަޔާން އަކީ ނިމިދިޔަ އަހަރު އަލަށް ފެށި ޖޫނިއަރ ލީގުގެެ ވެސް ފަހުރުވެރި އެއްވަަނަ ހޯދާފައިވާ، އަދި މިހާރު ރާއްޖޭގެ އަރަމުން އަންނަ ޖޫނިއަރ ރާޅާ އެޅުންތެރިންގެ ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ރާޅާ އެޅުން ތެރިއެކެވެ. އަދި ގައުމީ ޖޫނިއަރ ސާފިން ޓީމުގައިވެސް ހިމެނޭ އެތްލީޓެކެވެ.