ގދ.ގައްދޫގައި ކުރިއަށް ދިޔަ ދިވެހި ސާރފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން، މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބު ކުރި ނަޖާހް މުހައްމަދު ހޯދައިފިއެވެ.

މިއަދު ކުރިއަށްދިޔަ ދިވެހި ސާރފް ލީގުގެ ފުރަތަ މުބާރާތުގެ ޗެމްޕިއަންކަން އެރަށަށް އުފަން ނަޖާހް މުހައްމަދު ކާމިޔާބު ކުރީ ހަމަ އެރަށަށް އުފަން ހޫދު އަހުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ފައިނަލް ހީޓުގައި ނަޖާހް ވަނީ ހަ ރާޅެއް ދުއްވާލާފައެވެ. އަދި ހޫދު ވަނީ އަށް ރާޅެއް ދުއްވާލާފައެވެ. ނަޖާހުގެ ހަ ރާޅުގެ ތެރެއިން އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ، ނަޖާހް ދުއްވާލި ދެ ވަނަ ރާޅާއި ހަތަރު ވަނަ ރާޅަށެވެ. ހޫދު އަށް އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ، ހޫދު ދުއްވާލި ދެ ވަނަ ރާޅާއި ހަތްވަނަ ރާޅަށެވެ.

ފޮޓޯ: އެމް އެސް އޭ

ނަޖާހްގެ ދެ ވަނަ ރާޅަށް 7.33 ގެ ސްކޯއެއް ލިބުނުއިރު ހަތަރު ވަނަ ރާޅަށް 5.73 ގެ ސްކޯއެއް ލިބިގެން ޖުމްލަ 13.06 ވަނީ ލިބިފައެވެ. ދެވަނަ އަށް ދިޔަ ހޫދުއަށް 11.56 ގެ ޖުމްލަ ސްކޯއެއް ލިބިފައިވަނީ ފައިނަލް ހީޓުގައި ދެ ވަނައަށް ދުއްވާލި ރާޅަށް ލިބުނު 5.58 ގެ ސްކޯއާއި ހަތްވަނަ އަށް ދުއްވާލި ރާޅަށް ލިބުނު 5.73 ގެ ސްކޯއިންނެވެ.

2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ، ދިވެހި ސާރފް ލީގުގެ މިއަހަރުގެ ދެ ވަނަ މުބާރާތް އޮންނާނީ ޖޫން މަހުގެ 12-15 އަށް ކ.ހިންމަފުށީގައެވެ. މި ލީގަކީ ކުޅިވަރާއި ބެހޭ ވުޒާރާ އާއި ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ.