ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 3 ގެ ފައިނަލުގައި ބ. އޭދަފުށި އަދި ކ. ގާފަރު ބައްދަލު ކުރި މެޗު ޕެނަލްޓީން 6-4 ގެ ނަތީޖާ އަކުން ގާފަރު ކާމިޔާބުކޮށް ޒޯން 3 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗުގެ ފުރަތަމަ ގޯލު އޭދަފުށިން ކާމިޔާބުކުރި އިރު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އޭނާ ދަނޑުމައްޗަށް އެރި ގޮތަށް ލިބުނު ފުރަތަމަ ބޯޅައިން ކާމިޔާބު ކުރި ލަނޑެކެވެ. އޭދަފުށީގެ ސޮބީ އަރިމަތީ ހުރެ ޖައްސާލުމުން ސެންޓޭ މެދެއްހާ ހިސާބުގައި ހުރެ ފޮނުވާލި ބޯޅަ ގޮސް ގޯލަށް ވަނީ ގާފަރު ކީޕަރު ފާއްޓެގެ އަތުގައި ޖެހިފައެވެ.

އޭދަފުއްޓާއި ގާފަރު ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މެޗުގެ ނަތީޖާ ގާފަރަށް ހަމަ ހަމަ ކޮށްދިނީ ލިބުނު ރީބައުންސެއްގައި އެ ޓީމުގެ ރިމޭއެވެ. މިއީ މައްޓު ކުރިއަށް ފޮނުވާލި ބޯޅައެއް އޭދަފުށީގެ ސެންޓޭގެ ފައިގައި ޖެހިފައި ނިކުތުމުން އޭރިޔާތެރޭ ހުރި ރިމޭ ކާމިޔާބު ކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް އުފެއްދި އިރު ދެ ޓީމުގެ ފަރާތުން ގިނަ ސޭވްތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ނަތީޖާ 1-1 އިން އެއްވަރުމުން ނަތީޖާ ނެރުމަށް ވަނީ ޕެންލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ގާފަރަށެވެ.

 

އޭދަފުއްޓާއި ގާފަރު ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ގާފަރުގެ ފުރަތަމަ ޕެނަލްޓީ ރިމޭ ކާމިޔާބު ކުރި އިރު އޭދަފުށީގެ ސެންޓޭވެސް ވަނީ ޖެހި ޕެންލަޓީ ކާމިޔާބުކޮށްފައެވެ. ގާފަރުގެ ދެވަނަ ޕެނަލްޓީ ސާމިން ކާމިޔާބުކުރި އިރު އޭދަފުށީގެ ފާއްޓޭ ފޮނުވާލި ޕެންލަޓީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕެނަލްޓީ އަށް ނިކުތް ކީޕަރު ސައްމާނު ހިފަހައްޓާފައެވެ. ގާފަރުގެ 3 ވަނަ ޕެނަލްޓީ ޝަނާނު ވަނީ ކާމިޔާބުކޮށްފައެވެ. އޭދަފުށީގެ ސައްޓުވެސް ޕެންލަޓީ ކާމިޔާބުކުރިއިރު ގާފަރުގެ 4 ވަނަ ޕެނަލްޓީ ވަނީ އެ ޓީމުގެ މައްޓު ކާމިޔާބު ކޮށްފައެވެ. އޭދަފުށިގެ ސޮބީ ވެސް ޕެންލަޓީ ކާމިޔާބުކުރި އިރު މެޗުން މޮޅުވި ޕެނަލްޓީ ގާފަރަށް ކާމިޔާބުކޮށްދިނީ އަޒްޔާނެވެ.

އޭދަފުއްޓާއި ގާފަރު ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 3 ގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގާފަރުގެ އިބްރާހިމް ރިމާހް (ރިމޭ) އެވެ. ޒޯން 3 ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށްވެސް ހޮވުނީ ގާފަރުގެ ރިމޭއެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ހަމަ އޭނާއެވެ.

ޒޯން ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ގާފަރުން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ޒޯން 3 ގެ ޗެމްޕިއަންކަން ގާފަރުން ހޯދި ނަމަވެސް އޭދަފުށި ވެސް ވަނީ މުބާރާތުގެ ގަދަ 16 ނުވަތަ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. އެއީ ޒޯން ބުރުގައި ވާދަ ކުރާ 8 ގުރޫޕުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު ނޮކްއައުޓް ބުރަށް ދަތުރު ކުރާނެތީއެވެ.