މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ވިލިމާލޭ ބަލިކޮށް, އެންމެ ފަހުގެ ޗެމްޕިއަން, ލ.ގަން ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިމެޗް ގަމުން ކާމިޔާބު ކޮށްފައިވަނީ 5-3ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ގަމުން މި މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އއ. މަތިވެރީގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ވިލިނގިލިން މި މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ސ. ހިތަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ހުޅުމާލޭ ރެހެނދި ފުޓްސަލް ގްރައުންޑް އެކެއްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި މެޗުގައި ލީޑު ނަގާ ކުރި ހޯދީ ވިލިމާލެއިންނެވެ. ވިލިމާލޭގެ އިސްމާއީލް ވަޖީހް (ވައްޖެ) ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބު ކުރީ ވިލިމާލޭގެ އަބްދުﷲ ޝައްފާން (ޝާކާ) އެވެ. މިއީ އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ރީބައުންސް ވެފައި އައުމުން ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

މި ލަނޑަށްފަހު، ގަމުން ވަނީ އެޓޭކްތަށް ރަނގަޅުކޮށް ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ވިލިމާލެ ކުޅުންތެރިން ވަނީ ގަމުގެ ގިނަ ހަމަލާ ތަކަށް ހުރަސް އަޅާ ހުއްޓުވާފައެވެ.

ލ. ގަމާއި ވިލިމާލޭ ބައްދަލު ކުރި މެޗުގައި ޝާކާ ގޯލެއް ކާމިޔާބު ކުރުމަށްފަހު އުފާ ފާޅު ކުރަނީ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ލިބުނު ކައުންޓާ އެޓޭކެއްގައި ވިލިމާލެއިން ވަނީ މެޗުގައި 2 ވަނަ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ)އެވެ. މިއީ އެ ޓީމުގެ އަބްދުﷲ ޝިޔާހު (ޝިޔަޅޭ) މެދު ތެރެއިން ބޯޅަ ހިފައިގެން ގަމުގެ ހުރިހާ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ތެރެއަށް ވަދެ ޖައްސާލި ބޯޅައެއް ގޯލު އަރިމަތީހުރެ ޝާކާ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ވިލިމާލެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މަދު ސިކުންތުކޮޅެއްގެ ތެރޭ ގަމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ހުސައިން ނާޝިދު (ނާއްޓޯ) ނެގި ކޯނަރަކުން ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ. އޭގެ މިނެޓެއް ފަހުން ލިބުނު ކޯނަރެއްގައި މެޗުގެ ނަތީޖާ ހަމަކޮށް އަނެއްކާ ވެސް ގަމަށް ލަނޑެއް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ)އެވެ

މެޗުގައި ގަމު ޓީމުން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ހުސައިން ޝަރީފް (އޮންލީ)އެވެ. މި ލަނޑު އޮންލީ ކާމިޔާބު ކޮށްދީފައިވަނީ ގަމުގެ އައްމަޑޭ ފޮނުވާލި ހިލޭ ޖެހުން ގޯލަށް ފޮނުވާލީ ގޯލުގެ އަރިމަތީ ހުރެގެންނެވެ. މި ލަނޑާއި އެކު ހުސައިން ޝަރީފް ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ގަމާއި ވިލިމާލޭ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ގަމުން ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ވެސް ލިބުނު ހިލޭ ޖެހުމަކުން ގަމުން ކާމިޔާބުކުރި ލަނޑެކެވެ. އައްމަޑޭ ޖައްސާލި ބޯޅައެއް ހުސައިން ޝަރީފު، ގޯލު އަރިމަތީ ހުރި ޖުނައިދުއަށް ޖައްސާލުމުން މި ލަނޑު ކާމިޔާބު ކުރީ ޖުނައިދުއެވެ. ފަހަތުން އަރާ ގަމުން ކާމިޔާބުކުރި ހަތަރު ލަނޑު

ވެސް ކާމިޔާބު ކޮށްފައިވަނީ މިފަދަ ގޮތަކަށެވެ. ފުރަތަމަ ދެ ގޯލު ދެ ކޯނަރުން ފެނުނުއިރު، ފަހު ދެ ގޯލު ފެނުނީ ދެ ހިލޭ ޖެހުމުންނެވެ.

ވާދަވެރި މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ނަތީޖާއަކަށްވީ ގަމުން 5 ފައުލް ކުރުމާއި އެކީ ވިލިމާލެއަށް ދުރު ޕެނަލްޓީއެއް ލިބުމެވެ. ދެވަނަ ހާފް ނިމެން ހަތަރު ވަރަކަށް މިނެޓެއް ވެފައިވަނިކޮށް ލިބުނު މި ދުރު ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ. މި ގޯލާއި އެކީ ޝާކާ ވެސް ވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ.

ލ. ގަމާއި ވިލިމާލޭ ބައްދަލު ކުރި މެޗުގައި ހެޓްރިކް ހެދި ހުސެއިން ޝަރީފް (އޮންލީ)-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ދުރު ޕެނަލްޓީ ކާމިޔާބުކޮށް ވިލިމާލޭން މެޗުގެ ނަތީޖާ 4-3 އަށް ކުޑަކޮށްފައިވަނިކޮށް، ގަމު ޓީމުގެ އަލީ ޝާމިސް (ތޮއްޕެ) ނަގައި ދިން ކޯނަރަކުން ގަމުގެ 5 ވަނަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ނާޝިދެވެ. މިއީ ތޮއްޕެ ގޯލު ކުރިމައްޗަށް ފޮނުވާލި ބޯޅައެއް، ގޯލުގެ ތެރެއަށް ވައްދައިގެން ނާޝިދު ކާމިޔާބު ކޮށްދިން ގޯލެކެވެ.

މި ގޯލުގެ ފަހުން ވެސް އިތުރު ދެ ދުރު ޕެނަލްޓީ ވިލިމާލެ ޓީމަށް ވަނީ ލިބިފައެވެ. މެޗު ނިމެން މަދު ވަގުތު ކޮޅަކަށް ވެފައިވަނިކޮށް، ވިލިމާލޭ ޓީމުގެ އަބްދުﷲ ޝައްފާން (ޝާކާ) ފޮނުވާލި އެއް ޕެނަލްޓީ ގޯލުގެ މަތިން ގޮސްފައިވާއިރު، ދެވަނަ ޕެނަލްޓީ ގަމުގެ ކީޕަރު، ޕަފް ވަނީ ހުއްޓުވާފައެވެ.

މި މުބާރާތުގެ ފައިނަލުގައި ލ. ގަމާއި ވާދަކުރަން ޖެހޭނީ މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ގާފަރުގެ މައްޗަށް ޕެނަލްޓީގައި ކުރި ހީދި ބ. އޭދަފުއްޓާއެވެ. މި މުބާރާތުގެ ފައިނަލު އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެ މެޗު ކުޅޭނީ ރެހެންދި ފުޓްސަލް ގުރައުންޑުގައި އެ ރޭ 21:00 ގައެވެ.