އެފްއޭއެމް އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޔޫތް ޗެމްޕިއަންޝިޕުގެ މިއަހަރުގެ މުބާރާތް ކްލަބު ގްރީން ސްޓްރީޓްސް އިން ކާމިޔާބު ކޮށްފިއެވެ.

ފައިނަލް މެޗުގައި މިދިޔަ 3 އަހަރުގެ ޗެމްޕިއަން، ކްލަބު އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އިން ތަށި އުފުލާލީ ޕެނަލްޓީ ޖަހައި 3-4 ގެ ނަތީޖާ އަކުންނެވެ.

ޔޫތް ޗެމްޕިއަންޝިޕް ފައިނަލް: ގްރީން ސްޓްރީޓްސް އަދި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން – ވަގުތު އިމޭޖެސް :އަހްމަދް އަލީ

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމު ފަރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު ގްރީން ސްޓްރީޓްސް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. މީގެ އިތުރުން އީގަލްސް އިން ވެސް ވަނީ ގްރީން ސްޓްރީޓްސް ގެ ގޯލާއި ދިމާލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި ފުރުސަތު ތައް ވަނީ ބޭކާރު ވެގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ވަނީ ބޯޅަ ހިފަހައްޓަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އީގަލްސް އިން ވަނީ ކައުންޓާ އެޓޭކުގައި ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން އައި އިރު 0-0 ގެ ނަތީޖާ އަކުން ދެ ޓީމު ވެސް އެއްވަރު ވެފައި ވާއިރު އީގަލްސް އަށް ވަނީ ހުސް ފުރުސަތު ތަކެއް ދެވަނަ ހާފުގައި ލިބިފައެވެ. ނަމަވެސް މި ފުރުސަތު ތަކުގެ ބޭނުން ވަނީ ނުހިފިފައެވެ. ގްރީން ސްޓްރީޓްސްގެ ފަރާތުން ވެސް އީގަލްސްގެ ގޯލަށް ހަމަލާތަކެއް ފޮނުވާފައި ވީނަމަވެސް އެ ހަމަލާތައް ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރަށް ގޮސްފައެވެ. ގްރީން ސްޓްރީޓްސް އަށް އޭރިއާ ކައިރިން ގިނަ ހިލޭ ޖެހުން ވެސް ވަނީ ލިބިފައެވެ.

ޔޫތް ޗެމްޕިއަންޝިޕް ފައިނަލް: ގްރީން ސްޓްރީޓްސް އަދި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން – ވަގުތު އިމޭޖެސް :އަހްމަދް އަލީ

މެޗުގެ ފުރިހަމަ ވަގުތު ހަމަ ވުމަށް ފަހު ރެފްރީ ވަނީ އިތުރު ވަގުތު ކުޅުމުގެ ބަދަލުގައި ސީދާ ޕެނަލްޓީ އަށް ދާން ނިންމާފައެވެ. އެހެން ކަމުން 0-0 ގެ ނަތީޖާ އަކުން މެޗު އެއްވަރު ވުމުގެ ސަބަބުން ނަތީޖާ ނިންމަން ކަނޑަ އެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ގްރީން ސްޓްރީޓްސް އިން ޖެހި ފުރަތަމަ 4 ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލާފައި ވާއިރު އީގަލްސްގެ ކެޕްޓަން އަލީ ޝަމާލް ޖެހި ޕެނަލްޓީ ދިމާވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ، އަދި އީގަލްސްގެ އެންމެ ފަހު ޕެނަލްޓީ ވެސް އަމާޒު ވެފައި ވަނީ ގޯލުގެ ދަނޑި އަށެވެ.

ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުންގެ އަޑު މުޅި މެޗު ތެރޭ އޮތް އިރު އެޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން މެދު ކެނޑުމެއް ނެތި ކުރި ސަޕޯޓު ކަން އެޓީމުގެ ކުޅުންތެރިން ވަނީ ފާހަގަ ކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގްރީން ސްޓްރީޓްސްގެ ޖާޒީ ނަމްބަރު 17، އަބްދުﷲ ޔާމީން އެވެ. ޔާމީން އަކީ ސާފް ޗެމްޕިއަންޝިޕް އަށް ރާއްޖެ އިން ގަތަރަށް ގެންދިޔަ ސްކޮޑުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިއެކެވެ.

ޔޫތް ޗެމްޕިއަންޝިޕް ފައިނަލް: ގްރީން ސްޓްރީޓްސް އަދި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން – ވަގުތު އިމޭޖެސް :އަހްމަދް އަލީ

މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވަނަ ވަނަ އަށް އައި ބައިވެރިންނަށް ވަނީ ޓްރޮފީ ހަވާލު ކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިން، ފެއާ ޕްލޭ ޓީމް، އެންމެ މޮޅު ކޯޗު ވަނީ ހޮވާފައެވެ. މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ކްލަބު އީގަލްސްގެ ޖާޒީ ނަމްބަރު 15، ހައިޝަމް ހަސަން، ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ޖާޒީ ނަމްބަރު 22، މޫސާ އަޒީމް ހަސަން، ނިއު ޜޭޑިއަންޓް ސްޕޯޓްސްގެ ޖާޒީ ނަމްބަރު 7، ޖައިޝަމް ނާފިޒް އަދި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ ގްރީން ސްޓްރީޓްސްގެ ގޯލް ކީޕަރު، މުހައްމަދު ޒަޔާން އެވެ. މީގެ އިތުރުން މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހޮވިފައި ވާއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު، އަލީ ހަސަން އެވެ.

ޔޫތް ޗެމްޕިއަންޝިޕް ފައިނަލް: ގްރީން ސްޓްރީޓްސް އަދި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން – ވަގުތު އިމޭޖެސް :އަހްމަދް އަލީ

އެފް އޭ އެމް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ މި މުބާރާތް މިއަންނަ އަހަރު ބާއްވަން ނިންމާފައި ވަނީ އަހަރުގެ ކުރީ ކޮޅުގައެވެ.