މެލޭޝިއާގައި ކުރިއަށް ދިޔަ 59 ވަނަ މައިލޯ އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖު ގްރޫޕު ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ތިން ފެތުންތެރިއަކު ގައުމީ ރެކޯޑު އާކޮށްފިއެވެ.

މެލޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި ގައުމީ ރެކޯޑު އާކޮށްފައިވަނީ ހަނާން ހުސެއިން ހަލީމާއި މުހައްމަދު ރިހާން ޝިހާމްގެ އިތުރުން ހަމްނާ އަހުމަދު އެވެ.

ފޮޓޯ: ސްވިމިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސް

ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑު ރިހާން މުގުރާލާފައިވާއިރު، ރިހާން އެ ރެކޯޑު މުގުރާލީ 26.98 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ރެކޯޑަކީ މީގެ ކުރިން މުހައްމަދު އާން ހުސައިން އަތުގައި އޮތް ރެކޯޑެވެ. އޭނާ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރެކޯޑު ހަދާފައި އޮތީ 27.23 ސިކުންތުން ފެތުން ނިންމައިގެންނެވެ.

މީގެ އިތުރުން ވެސް ރިހާން ވަނީ އޭނާ އަތުގައި މީގެ ކުރިން އޮތް ފިރިހެނުން ލޯންގް ކޯސް 400 މީޓަރު ފްރީ ސްޓައިލްއެވެ. މީގެ ކުރިން މި އިވެންޓް އޭނާ 04:29.70 އިން ނިންމާފައިވާއިރު، މިފަހަރުގެ މުބާރާތުގައި އޭނާ ވަނީ 04:28.34 އިން ރޭސް ނިންމާލާފައެވެ.

ފޮޓޯ: ސްވިމިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސް

ހަނާން އާކޮށްފައިވަނީ އޭނާ އަތުގައި އޮތް އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މިފަހަރު ރޭސް ނިންމީ 31.68 ސިކުންތުންނެވެ. މީގެ ކުރިން ފެބްރުއަރީ މަހު ތައިލަންޑްގައި ބޭއްވުނު ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ ސްވިމިން އިންވިޓޭޝަނަލް މުބާރާތުގައި ހަނާން ރޭސް ފުރިހަމަ ކޮށް، އޭރު ރެކޯޑު ހަދާފައި އޮތީ 32.00 ސިކުންތުންނެވެ.

ފޮޓޯ: ސްވިމިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސް

އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ހަމްނާ އާކޮށްފައިވާއިރު، ހަމްނާ އިއްޔެގެ ރޭސް ފުރިހަމަ ކުރީ 01:17.69 އިންނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ހަމްނާ ހަދާފައިވާ ރެކޯޑުގެ ޓައިމިންއަކީ 01:18.17 އިންނެވެ. އެހެންކަމުން މިފަހަރު ހަމްނާ ރެކޯޑު އާކުރީ ސިކުންތެއްގެ ފަރަގުންނެވެ.

ރާއްޖޭން ބޭރުގައި ކުރިއަށްދާ ފެތުމުގެ މުބާރާތް ތަކުގައި ރާއްޖޭގެ ފެތުންތެރިން ދަނީ ގައުމީ ގިނަ ރެކޯޑު ތަކެއް މުގުރާލާ އަދި ގިނަ ރެކޯޑު ތަކެއް އާކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ފެތުންތެރިންގެ ތެރެއިން ހަނާން، ރިހާން އަދި ހަމްނާ ވަނީ މީގެ ކުރީގެ މުބާރާތް ތަކުގައި ވެސް ގިނަ ގައުމީ ރިކޯޑު ތަކެއް އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިގުލް

    ދުވުމާ ފެތުމުން މިނޫން ރިކޯޑެއް ހެދޭތަ އަބަދުވެސް ގައުމީ ރިކޯޑް

    2
    4
  2. އަހުމަދުު

    މިގުލް، ކަލޭ ކިތަށް ރިކޯޑް ހެދީ؟ ނެއްދޯ، މާމޮޅަށް ވާހަކަ ނުދައްކާ