ދިވެހި ފުޓުބޯޅަ ސީޒަން ކުރިއަށް އޮތް ޖޫން މަހުގެ 15 ވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މިދިޔަ ސީޒަނުގެ ޑިސެމްބަރު މަހު ވަނީ ފުރަތަމަ ޑިވިޝަނުގެ ދެވަނަ ބުރު ނިންމާލުމަށް ފަހު ތިން ވަނަ ބުރު ނުކުޅެ، ލީގު މެދު ކަނޑާލާފައެވެ. އެއާއެކު އެފްއޭ ކަޕްވެސް ވަނީ ނުކުޅެ ދޫކޮށްލާފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަންވެސް ކުޅެފައެއް ނުވެއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑެ މެޗު ކުޅުމަށް އެފްއޭއެމް އިން ރާވާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 15 ވަނަ ދުވަހަށެވެ. އެފްއޭއެމް އިން މިހާރު ވަނީ ކުލަބު ތަކަށް ކަލަންޑަރުވެސް ފޮނުވާފައެވެ.

ޖޫން މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗަށް ފަހު ދެން ކުޅެން ތާވަލު ކޮށްފައިވަނީ ޕްރެޒިޑެންޓްސް ކަޕެވެ. އޭގެ ފަހުން އޮގަސްޓު މަހުގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު ނުވަތަ ފުރަތަމަ ޑިވިޝަން ފެށުމަށް ނިންމާފައިވާ އިރު އެފްއޭ ކަޕް ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 28 ގައެވެ. އަދި މީގެ ތެރެއަށް އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިންވެސް ވަދެއެވެ. މި މެޗުތައް ކުޅޭނީ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައެވެ.

ޓީސީ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

މީގެ އިތުރުން، މި ފެށޭ ސީޒަނުގައި ދިވެހި ގައުމީ ޓީމުގެވެސް ގިނަ މެޗުތަކެއް ރާވާފައި އެބައޮތެވެ. އެގޮތުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު އޮގަސްޓު މަހުގެ ތެރެއަށް ތާވަލުކޮށްފައި ވާއިރު 20 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގެ މެޗުތައް ސެޕްޓެމްބަރު މަހަށް ރާވާފައިވެއެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހުގެ ތެރޭގައި 17 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕުވެސް ކުޅޭނެއެވެ. އަދި ގައުމީ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތައްވެސް ސެޕްޓެމްބަރު މަހު ކުޅޭނެއެވެ.

މީގެ އިތުރުން، ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އަންނަ އޮކްޓޯބަރު މަހަށް ތާވަލު ކޮށްފައިވާއިރު ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެހެންކަމުން، ކުރިއަށް އޮތް ސީޒަނަކީ ފުޓުބޯޅައިގައި ވަރަށް ބިޒީ ވާނެ ސީޒަނަކަށެވެ. ދިވެހި ގައުމީ ޓީމުގެ މުހިއްމު މެޗުތަކާއި ގިނަ މުބާރާތްތަކެއް ކުރިއަށް އޮތް ސީޒަނަށް އެފްއޭއެމް އިން ވަނީ ރާވާފައެވެ.