ހއ. ދިއްދޫގައި ފުޓްސަލް ދަނޑެއް އެޅިގެންދާނެ ކަމުގެ އިންތިޒާރުގައި އެރަށު ޒުވާނުން ތިބޭތާ އެތައް އަހަރެއް ވެފައިވާއިރު އެރަށުގައި ޒަމާނީ ޓާފް ފުޓްސަލް ދަނޑެއް އެޅިގެން ދިއުމަކީ އެ ރަށުގެ ޒުވާނުންގެ އެންމެ ބޮޑު އެއް އުންމީދެވެ.

ފުޓްސަލް ކުޅޭ ގިނަ އަދަދެއްގެ ޒުވާނުން އުޅޭ ހއ. ދިއްދޫގައި މިހާތަނަށް ފުޓްސަލް ޓާފް ދަނޑެއް އެޅިފައި ނުވާއިރު، އެރަށުގެ ޒުވާނުން ފުޓްސަލް ކުޅެމުން ދަނީ މީގެ 15 ވަރަކަށް އަހަރު ކުރިން އެރަށުގައި އަޅާފައިވާ މެޓް ދަނޑެއްގައެވެ. އެހެން ނަމަވެސް މިދިޔަ ވެރިކަމުގައި އެރަށުގައި ޓާފް ބޮޑު ދަނޑެއް އަޅާފައިވާއިރު އެރަށުގެ ޒުވާނުންގެ އެންމެ ބޮޑު އެއް އުންމީދަކީ ފުޓްސަލް ކުޅޭނެ ޓާފް ދަނޑެއް އެ ރަށުގައި އެޅިގެން ދިއުމެވެ.

އެ ރަށުގައި މިހާރު ފުޓްސަލް ކުޅުމަށް އަޅާފައިވާ ދަނޑަކީ ފުޓްސަލްގެ އަސްލު ސައިޒައްވުރެ ކުޑަ ދަނޑެކެވެ. އަދި އެ ދަނޑުގައި ޓާފްގެ ބަދަލުގައި މެޓް އަޅާފައިވުމުގެ ސަބަބުން އެ ދަނޑުގައި ކުޅުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ރާއްޖޭގައި ފުޓްސަލް މުބާރާތްތަށް ޓާފް ދަނޑުގައި ކުޅޭއިރު ދިއްދޫގެ ކުޅުންތެރިން ކުޅެންޖެހިފައި މިވަނީ މެޓު ދަނޑުގައެވެ.

ފުޓްސަލް ކުޅޭނެ ރަނގަޅު ދަނޑެއް ނެތްނަމަވެސް ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގައި ފުޓްސަލްގައި ގަދަބާރެކެވެ. އެންމެ ފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ވެސް ދިއްދޫއެވެ. ދިއްދޫގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގެ އެއްވަނަ ޑިވިޝަން ޓީމްތަކަށް މިހާރު ވެސް އަންނަނީ ކުޅެމުންނެވެ.

ރާއްޖޭގައި ފުޓްބޯޅަ އައްވުރެ ފުޓްސަލްގެ ފޯރި ގަދަވަމުން އަންނައިރު ދިއްދޫގެ އިތުރުން ރާއްޖޭގެ ގިނަ ރައްރަށުގެ ޒުވާނުން މިހާރު އެންމެ ބޭނުންވަނީ ފުޓްސަލް ކުޅޭނެ ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ރާއްޖޭގެ ރައްތަކުގައި އެޅިގެން ދިއުމެވެ. ދިވެހިންގެ ތެރޭގައި ފުޓްސަލްގެ ފޯރި ގަދަވަމުން އަންނައިރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުޓްސަލްގެ ގިނަ މުބާރާތްތަކެއް ދަނީ ބާއްވަމުންނެވެ.

އަގު ބޮޑެތި އެކިއެކި މުބާރާތް ތަކުގެ ސަބަބުން ފުޓްސަލްގެ ތެރެއަށް ވަންނަ ޒުވާނުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުޅެވޭ ފުޓްސަލް މުބާރާތްތަކުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ފެނިގެން ދާއިރު ފުޓްސަލް އަކީ މިހާރު ރާއްޖޭގައި އެންމެ ވާދަވެރި މުބާރާތް ތަކެއް ބާއްވާ އެއް ކުޅިވަރަށް މިވަނީ ވެފައެވެ.

ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮތް ދިއްދޫގެ ޒުވާނުން ބޭނުންވަނީ ދިއްދޫގައި ޒަމާނީ ފުޓްސަލް ދަނޑެއް އަވަސް މުސްތަގުބަލެއްގައި އެޅިގެންދިޔުމެވެ. އަދި އެ ދަނޑުގައި ތަފާތު މުބާރާތްތައް ކުރިއަށް ގެންދެވި ދިއްދޫއަކީ ފުޓްސަލްގައި ރާއްޖޭގެ ގަދަ ބާރަކަށް ވާތަން ފެނިގެން ދިޔުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިއްދޫ ދަރިއެއް

    މިހާރު ދިއްދޫގައޮތް އެކުޑަކުޑަ މެޓް ދަނޑަށް ފުޓްސަލް ދަނޑޭކިޔާނީ ފުޓްސަލް ނޭގޭމީހުން، އާބާދީ ބޮޑެތިރަށްތަކުގެ ތެރެއިން އަދި ވެރިކަންކުރާރަށްތަކުގެ ތެރެއިންވެސް ކުޅިވަރާ ދުޅަހެޔޮ ހަށިހެޔޮ މިކަންކަމުން ދިއްދޫވަނީ މަހުރޫމްކޮށްފަ، ދިއްދޫގަ އައުޓް ޑޯރ ޖިމެއް އެޅީފަކަނެތް، އެންމެ ދަނޑެއްގަ ޓާފްއެކަނި އަޅާލެވުނީ ނިމިދިޔަ ފަސްްއަހަރުން، ދިއްދޫގެ ހިއްކިތަނުގަ ފުލެޓްތަކުގަ ދިރިއުޅެމުުން އެބަދޭ ކުޑަރަށެއްގެ އާބާދީއަކަށްވުރެގިނަ ރައްޔިތުން އެތަނުގަ ބޮޑުބިމެއް ދަނޑެއްހަޑާށޭކިޔާފަނަގާފައޮތީ ނިމިދިޔަ ފަސްއަގަރުގެ ރިޔާސސީވައުދެއްއެއީ އެދަނޑު ހަދައިދިނުން އެކަމަކު އެއްވެސްކަމެއް ނުކުރޭ، 500އެއްހާ 18އަހަރުންދަށުގެ ކުދިން އެސަރަހައްދުގަ ދިރިއުޅެމުންދޭ، މި5އަހަރު ދިއްދޫ ރައްޔިތުންމިތިބީ ހިއްކިސަރަހައްދުގެ ދަނޑާ ރަނގަޅުފެންވަރުގެ ފުޓްސަލް ދަނޑެއްވެސް އަޅާދޭނެކަމުުގެ ފޮނި އުންމީދުގަ

  2. ސަވީން

    ކޮންމެ ދެ ރަށެއްގެ ދޭތެރޭގައި ޑޮމެސްޓިކް އެއަރޕޯރޓް އަޅައި ހުރިހާރަށަކަށް ބޭނުންވާ ތިޔަފަދަ ހުރިހާ ކަމެއް ހުރީ ނިންމާފައޭ ބުނި އެމް.ޑީ.ޕީ ސަރުކާރު ނިމުނުއިރު ތިޔަ ބުނާވަރުގެ ދަނޑެއް ދިއްދޫގައި ނޭޅެޢޭ ބުނީމާ ދެކުނުގެ ރަށްތަކުގެ މީހުންނަށް ޤަބޫލު ކުރަން ދަތިވޭ.