ރާއްޖޭގެ ކުޅިވަރާއި އެތްލީޓުން ތަމްރީނު ކުރުުމާއި ގުޅޭގޮތުން ފްރާންސްގެ ސަފީރާއި އެކު މިއަދު ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު މަޝްވަރާކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ފްރާންސް އިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖީން ފްރެންކޯޒް ޕެކްޓެޓް އާއި ބައްދަލު ކުރައްވާ ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި އެތްލީޓުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި އެތްލީޓުން ތަމްރީން ކުރުމުގައި ރާއްޖެއިން ގެންގުޅޭ ދުރުރާސްތާ ޕްލޭން ވަޒީރު ރާފިއު ވަނީ ފްރާންސްގެ ސަފީރާއި ހިއްސާ ކުރައްވާފައެވެ.

ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ

ވަޒީރު ރާފިއު އާއި ފްރާންސްގެ ސަފީރު އާއި ދެބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ފްރާންސްއިން ތަމްރީނުތައް ކުރިއަށް ގެންދެވޭނެގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ފްރާންސްގެ ފަރާތުން ކޮށްދެވިދާނެ ކަންކަން ފްރާންސްގެ ސަފީރު ވަނީ ވަޒީރު ރާފިއު އާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމާލުމުގެ ކުރިން ފްރާންސްގެ ސަފީރު ވަނީ ކުޅިވަރުގެ ސިޔާސަތުތަކާއި މުހިންމު މައްސަލަތާކާއި ބެހޭގޮތުން ކޮމަންްވެލްތުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް، ފްރާންސްގައި އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އާއި 11 ވަނަ ކޮމަންވެލްތް މިނިސްޓަރސް ބައްދަލު ވުމަށް ވަޒީރު ރާފިއު އަށް ދައުވަތު ދެއްވާފައެވެ.

ކޮމަންވެލްތް މިނިސްޓަރސްގެ ބައްދަލުވުން ކުރިއަށް ދާނީ ޖުލައި މަހުގެ 25-24 ގެ ނިޔަލަށެވެ.