ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ ފަހު ވަގުތު ދެ ލަނޑު ޖަހައިގެން 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން މިއުނިކުންނެވެ. ބަޔާނަށް މި ލަނޑު މެޗުގެ ދެވަނަ ހާފުގައި 68 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަލްޕޮންސޯ ޑޭވިއަސްއެވެ. މި ލަނޑަށް ފަހު ރެއާލުން ވަނީ މުޅި ގޭމު އެޓޭކިންގް ގޭޭމަކަށް ބަދަލުކޮށްލާ މުހިއްމު ބަދަލު ތަކެއްވެސް ގެނެސްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވީއިރުވެސް މެޗުގެ ނަތީޖާ އޮތީ 1-0 އިން ބަޔާން ކުރީގައެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރެއާލަށް ކުޅެން ނިކުތް ހޮސެލޫ ވަނީ މެޗު ނިމުމުގެ ކުރިން ރެއާލަށް ދެ ލަނޑު ޖަހައިދީފައެވެ.

މެޗުގެ އިތުރު ވަގުތު ހަމަވާން ދަނިކޮށް ބަޔާނުންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ރެފްރީ ވަނީ އެ ލަނޑު ޖެހުމުގެ ކުރިން ބަޔާން ކުޅުންތެރިޔާ އޮފްސައިޑު ކަމަށް ނިންމާ ހިލޭ ޖެހުމަކަށް ދީފައެވެ. މެޗު ނިމުނީ މި ނަތީޖާގައި ރެއާލް ކުރީގައި އޮވެގެންނެވެ.

ސާދަ އަހަރު މި މުބާރާތުގެ ތަށި ހޯދާފައިވާ ރެއާލުން މި ފަހަރުގެ ފައިނަލަށް ދަތުރު ކުރުމާއި އެކު މިއީ އެ ޓީމު މި މުބާރާތުގެ ފައިނަލުގައި ކުޅޭ 18 ވަނަ ފަހަރެވެ. އަދި ފައިނަލުގައި ރެއާލާއި ވާދަކުރާ ބޮރޫޝިއާ ޑޯޓުމަންޑުގެ ތާރީހުގައި މިއީ އެ ޓީމު ކުޅޭ ތިން ވަނަ ފައިނަލެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލު އޮންނާނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 މިނެޓުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ތާރީހީ ދަނޑެއް ކަމަށްވާ ވެމްބްލޭ ސްޓޭޑިއަމުގައެވެ.