އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބު ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ކިއަރަން ޓްރިޕިއާ އަނިޔާ އަށް ފަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ފަހަތަށް ވެސް ކުޅެމުން އަންނަ ޓްރިޕިއާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. އެކަމަކު، ލީގުގައި މާދަމާ ބްރައިޓަންއާ ދެކޮޅަށް ނިއުކާސަލް ކުޅޭ މެޗުގައި އޭނާ ފެނިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޓްރިޕިއާ ކުޅުމުގެ ތެރެއަށް އާދެވުމަކީ ނިއުކާސަލްގެ އެހެން ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެއީ މި ސީޒަންގައި ނިއުކާސަލްއަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ޓްރިޕިއާއެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ މިދިޔަ ހަފްތާގައި ޓްރިޕިއާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ. މިއީ އަނިޔާ އިން ރަނގަޅުވެގެން ޓްރިޕިއާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ފުރަތަމަ ފަހަރު ކަމުގައި އޭނާ ބުންޏެވެ.

"އޭނާ (ޓްރިޕިއާ) ވަރަށް ރަނގަޅަށް ތަމްރީންތަކުގައި ބައިވެރިވީ. އެއީ އޭނާ އަށް ވަރަށް ރަނގަޅު ހަފްތާއެއް. މެޗުގައި މާދަމާ ކުޅެވޭނެތޯ ނުވަތަ ނޫންތޯ އަހަރެން ނިންމާނީ މިއަދު." ނިއުކާސަލްގެ ކޯޗު ބުންޏެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފަބިއަން ޝާ އަށް ވެސް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައިވެއެވެ. އެހެންވެ، ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ޝާ ނުފެންނާނެ ކަމަށް ނިއުކާސަލް ކޯޗު ބުންޏެވެ. އެކަމަކު، ލީގުގެ ފަހު މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.

ނިއުކާސަލްގެ އެއް ނަންބަރު ކީޕަރު ނިކް ޕޯޕް އަނިޔާ އިން ސަލާމަތްވި ނަމަވެސް %100 ފިޓެއް ނޫނެވެ. ނިއުކާސަލް އަށް ދެން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖޮއެލިންޓަން އާއި މިގެލް އަލްމިރޮން އަނިޔާ އިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވުމެވެ.

ކިޔުންތެރިންގެ ހިޔާލު